އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ތަފާތު ވައްތަރުގެ ސެންޓަށް ލޯބިކުރާ މީހުންނެވެ. އެކި މީހުންނަށް ކަމުދާނީ އެކިކަހަލަ ވަހެވެ. ބައެއް މީހުންނަކީ ވަރަށް ވަރުގަދަ ވަސްތަކަށް ލޯބި ކުރާ ބައެކެވެ. އަނެއްބައި މީހުންނަކީ މަޑު ވަސްވަހަށް ލޯބި ކުރާ މީހުންނެވެ. ގުދުރަތީ ވަހަށް ލޯބި ކުރާ މީހުން ބޭނުންވާނެ ސެންޓްވެސް ވަރަށް ތަފާތެވެ. ސެންޓުގެ ވަސްޖެހުމުން އެކަމާ ގަޔާވެ އެއީ ކޮން ސެންޓެއްތޯ ބަލައި އެސެންޓް ގަންނަން ބޭނުންވާ މީހުންވެސް އުޅެއެވެ. ތިމާ ގަޔާވާ ކަހަލަ ވަސްތަކަކީ ކޮބައިތޯ އާއި ތިމާ އާއި ގުޅޭ ސެންޓްތައްވެސް ދެނެގަންނާށެވެ. ސެންޓު ބޭނުންކުރުމުން ލިބެނީ ކޮން ފައިދާތަކެއްކަން އެނގުން މުހިއްމެވެ.
އެހެންމީހުން ގަޔާވުން
ތިމާ ޖަހައިގެން ހުންނަ ސެންޓުން ހިތްދަމައިގަންނަ މީހުންވެސް އަހަރުމެންގެ ތެރޭގައި އުޅެއެވެ. ރީތިވެގެން ތިބޭ މީހުންނަކީ އަބަދުވެސް މީހުން ގަޔާވާ ބައެކެވެ. ތިމާ ގައިން ނުބައިވަސް ދުވާނަމަ އެމީހަކު ބަލައިގަންނަ މީހުން މަދުވާނެއެވެ. އަދި އެމީހަކާމެދު ދެކޭގޮތްވެސް ބަދަލުވެ އެމީހަކީ ނުތާހިރު މީހެއް ކަމުގައި ބަލައެވެ. ކިރިޔާވެސް މީރުވަސް ދުވާ ރީތިވެގެން ހުންނަ މީހެއްނަމަ އެމީހަކާމެދު ހިތްހަމަޖެހި ގަޔާވެއެވެ. އެއީ މަސައްކަތުގެ މާހައުލުގައި ނުަވަތަ ރައްޓެހިންގެ ތެރޭގައި އުޅޭ މީހުންގެ ތެރެއިންވިޔަސް ހެވެވެ. އަދި ޚާއްސަކޮށް ތިމާ ހިތްއެދޭކަހަލަ ބައިވެރިއަކު ނުވަތަ ބިޓެއް ސެޓުކުރަން ބޭނުންވާނަމަ އެމީހަކު އެންމެ ގަޔާވާނެހެން ހީވާ ސެންޓެއް ބޭނުންކޮށްލާށެވެ. އެއީ ކާމިޔާބުވުމުގެ ކޮޅުމަތި ކަމުގައި ބަލައި އެކަމަށް ނިކުންނާށެވެ.
މީހާގެ މޫޑު ރަނގަޅުވުން
ބައެއްދުވަސްދުވަހު މީހާގެ މޫޑަށް ބަދަލުއާދެއެވެ. މީހާ އެއްކޮށް މޯޅިވެފައި ހުރެވެއެވެ. އަމިއްލަ ހަށިގަނޑާމެދު ފަރުވާލެއް ނެތި މާޔޫސްވެފައި ހުރެވެއެވެ. މިކަހަލަ ކަންކަން ދިމާވުމުން މީހާ ރީތިވެލައި މޭކަޕްކޮށް ފްރެޝްވެލުމުން މޫޑަށް ބަދަލުއާދެއެވެ. ރީތި ހެދުމެއް ލައިގެން ރީތިކޮށް މޭކަޕްކޮށްލައިގެން މީރުވަސްދުވާ ސެންޓެއް ޖަހާލައިގެން އެންމެ ކަމުދާ ތަނަކަށް ދިއުމުން އެލިބިގެންދާ ހިތްހަމަޖެހުން ތަފާތެވެ. އެހެން މީހުންގެ ތެރެއަށް ނިކުމެލައި ހިތްހަމަ ޖައްސާލައިގެން އުޅުމުން ވެފައި ހުންނަ މާޔޫސްކަންވެސް ފިލާދެއެވެ. އެންޒައިޓީއާއި ޑިޕްރެޝަން ކަހަލަ ބަލިތައް ހުންނަ މީހުންގެ މޫޑު ރަނގަޅުކޮށްލުމަށްވެސް ސެންޓް ކުޅެދޭ ރޯލު މަދެއް ނޫނެވެ. ތިމާއާއި ގުޅޭ އެންމެ ސަޅި ވަހެއް ހުންނަ ސެންޓެއް ޚިޔާރުކުރުމުން އޭގައި ހުންނަ ޖާޒުބީ ވަހުން ހިތަށް ފިނިކަމާއި ތާޒާކަން ގެނުވައެވެ. މީހާ ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ.
ސްޓައިލަކާ ގުޅުވައިލުން
ތިމާ ހެދުން އަޅާ ސްޓައިލާއި ގުޅުވާލައިގެން ހެދުން އަޅާލައިގެން ނިކުމެއްޖެނަމަ ލައިގެން ހުންނަ އައުޓްފިޓަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ޕާރޓީއަކަށްދާން ނަލަހެދިލައިގެން ނިކުމެއްޖެނަމަ އެޕާރޓީއަކާއި ގުޅޭ ގޮތުން ސެންޓް ބޭނުންކޮށްލުމުން އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
ސިއްހީ ފައިދާ
ސެންޓް ޖެހުމުން ލިބޭ ސިއްހީ ފައިދާގެ ތެރޭގައި އާއްމުކޮށް ގަވާއިދުން ސެންޓް ބޭނުންކުރާ މީހެއްނަމަ ނިދަން ފަސޭހަވެއެވެ. މިވާހަކައަކީ ހައިރާން ކުރުވަނިވި ވާހަކައަކަށްވެގެން ހިގައިދާނެއެވެ. އެހެންނަމަވެސް ސެންޓުގައި ހުންނަ ބައެއް ވަސްވަހަކީ ސިކުނޑިއަށް ތާޒާކަން ގެނުވައި ރިލެކްސްކޮށްލާ ކަހަލަ ވަސްވަހެވެ. ސެންޓުގައި ހުންނަ ބައެއް ވަހުން ކަންބޮޑުވުން ދަށްކޮށްދެއެވެ. އަދި ބޮލުގައި ރިހުން ފަދަ ކަންކަމަށްވެސް އެހީތެރިވެދެއެވެ.
ކަންކަމާއި ގުޅުވައިގެން ބައެއް ހަދާންތައް އާކުރުމަށް
ބައެއް ކަހަލަ ވަސްޖެހުމުން މާޒީގެ ބައެއް ކަންކަން ހަދާންކޮށްދެއެވެ. މިސާލަކަށް މާމަ ހަދައިދޭ ހުވަނދުމާ ސައި ކަހަލަ އެއްޗެހިން މާޒީ ހަދާންކޮށްދޭ ކަހަލަ ސެންޓުވެސް ހުރެއެވެ.. ހުވަނދުމަލުގެ ވަސް އެކުލެވިގެންވާ ސެންޓެއް ޖަހާލުމުން އެކަން ހަދާންކޮށްދެއެވެ. އެނޫން އެހެން މިސާލަކަށް ބަލާލާއިރު ކުޑައިރު ވަރަށް މީރު މެޓައެއް އެހެންނަމަވެސް މިހާރު ލިބެން ނުހުންނަ އެމެޓާގެ ވަސް ހުންނަ ކަހަލަ ސެންޓުން ކުޑައިރުގެ ހަދާން އާކޮށްލަދެއެވެ.
މައުލޫމާތޫ؛ ސްޓައިލް ކްރޭޒް. ކޮމް