ކުޑަކުދިން ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ބައެއް ފަހަރު އެކުދިންގެ އުމުރާއި އެކުދިން ބޮޑެތިވާ މާހައުލުގެ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަން އުދަގޫވާ ހާލަތްތައް ހުރެއެވެ. އާއްމުގޮތެއްގައި ކުޑަކުދިންނަކީ ހަމަނިދި ނުލިބި ނުވަތަ ނިދާ ގަޑި ބަދަލުވުމުންވެސް ބަދަލުތައް އަންނަ ކުދިންނެވެ. ނިދާތަން ބަދަލުވުމާއި މާހައުލު ބަދަލުވުމުންވެސް ކުދިންގެ އުޅުމަށް ބަދަލުތައް އާދެއެވެ. ކުޑަކުދިންނަކީ އެހާ ފަސޭހައިން ކަންކަމަށް ހޭނޭ ކުދިންނެއް ނޫނެވެ. މާބޮޑަށް ބަނޑުހައިވެގެން ނޫނީ ކާންދޭ ގަޑީގައި ކާން ނުދީފިނަމަވެސް ކާން ދިނުމުގައި އުދަގޫތައް ދިމާވާ ބައެެކެވެ. ކުޑަކުދިން ގޮވައިގެން އުޅުމަކީ ޒިންމާބޮޑު ކަމެކެވެ. ކުދިންގެ ތެރޭގައި ވަރަށް ތަފާތު ކުދިން ތިބެއެވެ. ބައެއް ކުދިންނަކީ ވަރަށް ހަލަނިކޮށް އުޅޭ އަނެއްބައި ކުދިންނަކީ ވަރަށް މަޑުމަޑުން ތިބޭޭ ކުދިންނެވެ. "ހައިޕަރ އެކްޓިވް" ކުދިން ގެންގުޅޭ މައިންބަފައިން ބުނާ ގޮތުގައި އެމީހުންގެ ހަޔާތުގެ ގިނަވަގުތު ތިބެންޖެހެނީ އެކުދިންނަށް ހުސްވެއެވެ.
ކުދިންގެ ދިރިއުޅުމަށް ބަދަލު އަންނަ ކަންތައްތަކުގެ ތެރޭގައި އެތައްކަމެއް ހިމެނެއެވެ. ލޯބިން ދިރިއުޅެމުން އައި އާއިލާއެއް ކުއްލިއަކަށް ވަކިވާން ޖެހުމުން އޭގެ އެންމެ ބޮޑު އަސަރެއް ކުރަނީ ކުދިންނަށެވެ. ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކުން ކުދިންގެ މުސްތަގުބަލަށްވެސް އަސަރުކުރެއެވެ. އެކަހަލަ ކުދިން ބޮޑުވެގެން އެދަނީ ފުރިހަމަ ލޯބި ނުލިބޭ މާހައުލެއްގައި ކަމަށް ބުނެ އަނެކާއަށް ދޭންޖެހޭ ލޯތްބާއި އިހްތިރާމް ދަސްނުވެ ހުރެއެވެ. މަންމަ އާއި ބައްޕަ ވަކިވެ މައިންބަފައިންނާއެކު ވަގުތު ހޭދަކުރަން ނުލިބުމުގެ ސަބަބުން ނަފްސާނީ މައްސަލަތައްވެސް ދިމާވާ ކުދިން އުޅެއެވެ.
އާއިލާއެއް ރޫޅުމަކީ އެންމެ ހިތްދަތިވާ އެއްކަމަށްވާއިރު އޭގެ އެންމެ ބޮޑު ހިތްދަތިކަމެއްވެސް ލިބެނީ ދަރިންނަށެވެ. އެހެން ކުދިންގެ ދިރިއުޅުމާއި އަޅާކިޔައި އެހެންކުދިންގެ އާއިލާއާއިއެކު ހޭދަކުރާ ވަގުތު ފެނުމުން އެކުދިން ދެރަވެ ރޮއި ހަދައެވެ. އެހެން ކުދިންގެ ބައްޕަ ސްކޫލަށް ބަލާދާއިރު އެކުއްޖާގެ ބައްޕަ ސްކޫލަށް ބަލާ ނުދަނީ ކީއްވެތޯ ސުވާލު އުފެދި އެކަމުގެ ހިތްހަމަނުޖެހުމާއި ރުޅި ފެނިގެންދެއެވެ. މިހުރިހާ ކަމެއް އެކުވުމުން ކުއްޖާ ރުޅިގަދަވެ ރޯންފަށައެވެ. ނުވަތަ ރުޅިގަދަ ކުރެއެވެ. ކުއްޖާގެ ދިރިއުޅުމަށް އަސަރުކުރާ ކަންތަކުގެ ތެރޭގައި މާހައުލު ބަދަލުކުރުން އެއީ އެއްކަމަށްވާއިރު ކުއްޖާ ކިޔަވާ ސްކޫލުވެސް ކުއްލިއަކަށް ބަދަލުކޮށްފިނަމަ ކިޔެވުން މަތިންވެސް ފޫހިވެ ކިޔެވުމަށް އޮންނަ ޝައުގުވެރިކަންވެސް ގެއްލެއެވެ.
ދެން ވިސްނަންވީ ގަދަކަމުން ކަންކަން މަނާކުރުމުން ދިމާވާ ގޮންޖެހުމެވެ. ކުއްޖާ ގޯސްކަމެއް ކުރާހެން ހީވާނަމަ އެކުއްޖާއާއި މެދު ކަންކުރަންވީގޮތް ނޭނގިހުރެއެވެ. މިސާލަކަށް ކިޔަވާ ގަޑީގައި ކިޔެވުމުގެ ބަދަލުގައި ކާޓޫނު ބަލަން ބޭނުންވެ ކާޓޫނު ބަލައެވެ. މިކަން މިގޮތަށް ކުރުން ހުއްޓުވުމަށް ރުޅިގަދަވެގެން ކުއްޖާއާއި ދިމާލަށް އެއްޗެހި ގޮވައި އެކަން ނުކުރެވޭނެގޮތް ހަދައި އެކަން ކުުރުން މަނާ ކުރެއެވެ. މިހެން ހެދުމުން ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ގެއްލި ކިޔެވުމަކީ މަޖުބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއެވެ. އޭގެ ބަދަލުގައި ކުއްޖާއަށް ވިސްނައިދީ ކިޔެވުމަށް އޮންނަ ވަގުތުގައި ކިޔެވުމަކީ ކިހާ މުހިއްމު ކަމެއްކަން ވިސްނައިދީ ކާޓޫނުވެސް ބަލަން ވަގުތުދީ އެކަމަށްވެސް ސަޕޯޓް ދޭށެވެ. ކަންކަން މަނާކޮށް ހުއްޓުވަން ބާރުނާޅާށެވެ. އޭރުން އެކުރެވެނީ ވަރަށް ގޯސްކަމެކެވެ. އޭރުން ކުއްޖާއަށް ކުރާނެ އަސަރު އިންތިހާއަށް ބޮޑެވެ.
ކުއްޖާ ބޮޑުވެ މުޖުތަމައުއަށް ނުކުންނައިރުވެސް އެކަންކަމުގެ އަސަރު ހުރެއެވެ. ކުއްޖާ ކުޑައިރު ކުރެވޭ އެންމެ ކަމަކުން އެކަންކަމުގެ ގޯސް އަސަރު އަށަގަނެއެވެ. ކުޑަކުދިންނާއި ބާރަށް ވާހަަކަ ނުދައްކާށެވެ. ކަންކަމުގައި އަމުރު ނުކުރާށެވެ. އޭރުން އެހެން މީހުންނަށް އިހްތިރާމް ކުރުމުގެ ބަދަލުގައި ޒުވާބުކުރަން ނުވަތަ މީހުންނާއި ދެކޮޅަށް އެއްޗެހި ބުނަން ދަސްވެއެވެ. މިކަމުގެ ސަބަބުންވެސް މުޖުތަމައުއަށް ނިކުންނައިރު އެކުއްޖާ އޮންނަނީ މީހުންނަށް އިހްތިރާމް ކުރަން ނޭނގޭ ކުއްޖެއްގެ ގޮތުގައި ލޭބަލްވެފައެވެ. މިކަމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއްތޯއެވެ. މުޖުތަމައުގައި އެހެން މީހުން އެކުއްޖާދެކެ ރުޅިއައިސް ބާކީކޮށް ހެދުމުން އެކުއްޖާއަކީ ބޭކާރު މީހެއްގެ ގޮތުގައި ގަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ޑިޕްރެޝަން އަށް މަގުފަހިވެއެވެ.
މައުލޫމާތު: ޑްރޭސް ޕޭރެންޓް.ކޮމް