މަގުމަތީގައި ވެހިކަލް ދުއްވާއިރު ސަމާލުކަންދޭންވީ ކަންކަން އެނގުނު ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދިނުމަކީ މަދުން ނަމަވެސް މުޖުތަމައު ތެރެއިން ފެންނަ ކަމެކެވެ. ކޮންމެ ކަމެއްގައިވެސް އަޚްލާގީ ފެންވަރު ދެމެހެއްޓުމަކީ އަބަދުވެސް އެންމެ ރީތި އާދަ ކަމުގައި ހަދަންވާނެއެވެ. އަވަހަށް ތަނަކަށް ދާން އޮތްނަމަ ވަގުތު އޮއްވާ ތައްޔާރުވެގެން ވެހިކަލްއަށް އަރައިގެން ދަތުރު ފެށުމުން ރައްކާތެރިވާނެއެވެ. ގިނަ އެކްސިޑެންޓުތައްވެސް ހިނގަނީ ވެހިކަލް ދުއްވުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ތަބާނުވެވުމުގެ ސަބަބުންނެވެ. އެކްސިޑެންޓުގެ ސަބަބުން މީހުން މަރުވާ އަދަދު މަދެއް ނޫނެވެ. ވެހިކަލަށް އެރުމަށްފަހު ނުވަތަ މަގުމަތީގައި ހިނގާފައިދާއިރު އަމަލުކުރަންޖެހޭ ގަވާއިދުތަކަށް ބޯލަބައިގެން އުޅެން އާދަކޮށްފިނަމަ މިކަހަލަ ހިތާމަތަކުން ސަލާމަތްވާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. މަގުމަތީގައި ދުއްވާފައިދާއިރު މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުނަށް އަޒުމު ކަނޑައަޅާށެވެ. އެހެންނޫންނަމަ އެކަމާމެދު ފަހުން ހިތާމަކުރަންޖެހިދާނެއެވެ. ޚާއްސަކޮށް ވެހިކަލް ދުއްވާއިރު ގެންގުޅެންޖެހޭ ގަވާއިދުތަކަށް ސަމާލުކަން ދިނުން އެއީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މަގުމަތީގައި ދުއްވާފައިދާއިރު ގެންގުޅެންޖެހޭ ރީތި އާދަތަކާއި އުސޫލުތައް ބަޔާންކޮށްލަދޭނަމެވެ.
ދުއްވާފައިދާއިރު ކުރިއަށް އޮންނަ ވެހިކަލާއި ދެމެދު ދުރުމިނެއް ބެހެއްޓުން
މަގުމަތީގައި ދުއްވާފައިދާއިރު ކުރިއަށް އޮންނަ ވެހިކަލާއި ދެމެދު ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓަންވާނެއެވެ. އެހެންނޫންނަމަ ކުރިއަށް އޮންނަ ވެހިކަލް ކުއްލިއަކަށް ބުރަކި ޖެއްސުން ނުވަތަ ކުއްލިއަކަށް ގޯޅިއަޅަން ސިގްނަލް ދިނުމުން ތިމާއަށް ލިބިދާނެ ނުރައްކަލަކަށް ވިސްނަންވާނެއެވެ. މީގެ އިތުރުން މާކައިރިން ދުއްވާފައިދާނަމަ އަނެކާއަށް އުދަގޫވެދާނެ ކަމަށްވެސް ވިސްނަންވާނެއެވެ. އެފަދަ ކަމެއް އެހެން މީހަކު ތިމާއަށް ކޮށްފިނަމަ ހަމަ އެގޮތަށް ދިމާވުން އެކަށީގެންވެއެވެ. މިކަހަލަ ސަބަބުތަކަށްޓަކައި ތިމާގައިގައި މިރީތި ސިފަ ހަރުލައްވައިގެން މަގުމައްޗަށް ނިކުތުން ރަނގަޅުވެފައި ރައްކާތެރިވާނެއެވެ.
މަގުހުރަސް އާއި ދިމާލުން ދުއްވާއިރު ދުވެލި މަޑުކުރުން
ޒިބްރާ ކުރޮސިން ނުވަތަ މަގު ހުރަސް އާއި އަރާހަމަވާއިރު ދުވެލި މަޑުކުރުމަކީ އެންމެ ރައްކާތެރިގޮތެވެ. އެވަގުތު ޓްރެފިކް ލައިޓުގައި މީހަކު ހުއްޓިގެން ނެތްކަމުގައި ވިޔަސް ކުއްލިއަކަށްވެސް މީހަކު ހުރަސްކޮށްފާނެ ކަމަށް ވިސްނަންވާނެއެވެ. މިކަހަލަ ކަންކަމުން ރައްކާތެރިވުމަށް ދުވެލި މަޑުކުރުން މުހިންމެވެ.
ވެހިކަލްގައި ތިބޭ ފަސިންޖަރުންގެ ރައްކާތެރިކަމާމެދު ވިސްނާލުން
ދުއްވަން އިންނަ މީހާގެ ޒިންމާއެއްގެ ގޮތުން ކާރުގައި ތިބޭ ފަސިންޖަރުންގެ ރައްކާތެރިކަމަށް ވިސްނައި އެމީހުން ޝީޓްބެލްޓު އަޅަން ނަސޭހަތްތެރިވާންވާނެއެވެ. ސައިކަލެއްނަމަ އަނެއްމީހާ އިނީ ހެލްމެޓް އަޅައިގެންތޯ ބަލައި ފޯނާ ކުޅެން އިންނަމަ އެކަން ނުކުރުމަށް ނަސޭހަތްތެރިވާންވާނެއެވެ.
ކާރުގައި ތިބޭ ފަސިންޖަރުންގެ ހިތްހަމަޖެހުމަށް ވިސްނާލުން
ކާރުގައި ތިބޭ ފަސިންޖަރުންގެ ހިތްހަމަޖެއްސުމަށް ވިސްނުމަކީ ރީތި އާދައެކެވެ. މާބޮޑަށް ފިނިގަދަ ނުކުރުމާއި ނުވަތަ ހޫނުވާވަރަށް ފިނި މަޑު ނުކުރުން ކަހަލަ ކަންކަމަށް ވިސްނަންވާނެއެވެ. އަދި ފަސިންޖަރަކީ ބާރަށް ދުއްވުމުން އުދަގޫވާ މީހެއްނަމަ އެކަންކަމަށްވެސް ވިސްނައި ސަމާލުކަން ދޭންވާނެއެވެ. މާބާރަށް ލަވަޖެހުމާއި ނުވަތަ އަޑުބާރުކޮށް ފޯނުން ވާހަކަ ދެއްކުން ކަހަލަ ކަންކަން ނުކުރުމަކީ އެންމެ ރީތި ގޮތްކަމުގައި ދެކެންވާނެއެވެ.
ލޭން ބަދަލުކުރާއިރު ރަނގަޅު ލޭނުން ދިއުން
ބައެއް ފަހަރު 'ރައިޓް' ލޭން ބަދަލުކުރަން ސިގްނަލް ދިނުމަށްފަހު 'ލެފްޓް' ލޭން ބަދަލުކުރާ މީހުންވެސް އުޅެއެވެ. މިގޮތަށް ކަންކުރާއިރު ވިސްނައިގެން ކަންކުރުން މުހިއްމެވެ.
ދުއްވަން އިންނައިރު އެހެން ކަންކަން ނުކުރުން
ކާރެއް ނުވަތަ ސައިކަލެއް ދުއްވަން އިންނައިރު ކެއުމާއި ބުއިން ފަދަ ކަންކަން ކުރުމަކީ ނޭދެވޭ ކަމެކެވެ. ނުވަތަ ފޯނުން ވާހަކަ ދެއްކުން ފިލްމު ބެލުން ކަހަލަ ކަންކަން އެއްގޮތަކަށްވެސް ކުރުން ރަނގަޅެއް ނޫނެވެ. މިހުރިހާ ކަމަކަށް ސަމާލުވެގެން މަގުމަތީގައި ދުއްވާނަމަ އެކްސިޑެންޓުވާ މިންވަރުވެސް މަދުކުރެވޭނެކަން ގައިމެވެ. ތިމާގެ ރައްކާތެރިކަމާއި އަނެކާގެ ރައްކާތެރިކަމާމެދު ވިސްނާލުން ވަރަށް މުހިންމެވެ.
މައުލޫމާތު: ރޯޑް ސޭފްޓީ.ކޮމް