ބަދިގޭގައި ހުންނަ އައިސްއަލަމާރީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަނީ ކިތައް މީހުންބާވައޭ ހިތަށް އަރައެވެ. އަތުޖެހުނު އެއްޗެއް އައިސްއަލަމާރިއަށް ލަމުންދާއިރު އޭގެތެރޭގައި އައިސްއަލަމާރިއަށް ލުމަށްފަހު ނަގައިގެން ބޭނުންކުރުން އެެންމެ ރަނގަޅު ނޫން އެއްޗެހިވެސް ހުރެއެވެ. މިފަދަ ކަންކަމަށް ސަމާލުކަންނުދޭނަމަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. އައިސްއަލަމާރިއަކީ ފަސޭހައަކަށް ގެންގުޅޭ އެއްޗެއްކަމުގައި ހެދިއަސް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަން އާދަކުރަންވާނެއެވެ. އެހެންނޫންނަމަ ދެން ނިކުމެދާނެ ނަތީޖާއަކަށްވެސް ވިސްނަންވާނެއެވެ. ކާއެއްޗެހި ރައްކާތެރިކޮށް ގެންގުޅެން ދަސްކުރުމަކީ މުހިއްމު ކަމެއްކަމަށް ދެނެގަނެ އެކަންކަމަށް ވިސްނާލުން މުހިއްމެވެ. ޚާއްސަކޮށް އައިސްއަލަމާރިއަކީ ސާފުތާހިރުކޮށް ބަހައްޓަންޖެހޭ އެއްޗެއްކަމާއި ކާއެއްޗެހި ގިނަދުވަހު ބެހެއްޓުމުން ޖަރާސީމު އުފެދިގެންދެއެވެ. ވިސްނާލަންވީ ކަމަކީ ކާއެއްޗެހި ގަނެގެން ގެއަށް އައިސް އެއްޗެހި ތަރުތީބުކޮށްލުމުގެ ކުރިން އައިސްއަލަމާރިއަށް ލާން ނުޖެހޭ އެއްޗެހި ދެނެގަތުމެވެ. މިގޮތުން އައިސްއަލަމާރީގައި ބެހެއްޓުން އެންމެ ރަނގަޅު ނޫން އެއްޗެހި ލިސްޓްކޮށްލަދޭނަމެވެ
ޕާން
ޕާނަކީ އައިސްއަލަމާރީގައި ބަހައްޓައިގެން ކެއުމުން އޭގެ އެންމެ ތާޒާގޮތުގައި ކެވޭނެއެއްޗެއް ނޫނެވެ. ޕާން ނުވަތަ ބަނަހަކީ މަޑުކޮށް ހުއްޓާ ކާން މީރު އެއްޗެކެވެ. އައިސްއަލަމާރިއަށް ލުމުން ހިކިފައި އަދި މުރަނަވެފައިވެސް ހުރެއެވެ. އަދި މީގެ އިތުރުން ރަހައަށްވެސް ވަރަށްބޮޑު ބަދަލެއް އާދެއެވެ. މީގެ ބަދަލުގައި މަތިޖެހި އެއްޗަކަށްލުމަށްފަހު ރީއްޗަށް މަތިޖަހާލާފައި ރޫމް ޓެމްޕަރޭޗަރގައި ބަހައްޓައިގެން ކެއުމުން ރަނގަޅުވާނެއެވެ.
ހާބްސް
ކޮރެއަންޑާ، އޮރިގާނޯ ކަހަލަ ހާބްސްފަތް ކަހަލަ އެއްޗެހި އައިސްއަލަމާރީގައި ބެހެއްޓުމުން މޯޅިވާލެއް އަވަސްވެއެވެ. ބައެއްފަހަރު ހިކިގެންގޮސް ބޭނުން ނުކުރެވޭވަރަށްވެސް ހަލާކުވެއެވެ. މީގެ ބަދަލުގައި ރީތި ފުޅިއެއް ކަހަލަ އެއްޗަކަށް ފެންއެޅުމަށްފަހު ބަދިގެތެރޭގައި ބަހައްޓާލުމުން އޭގެ ތާޒާކަން ގިނަދުވަހަށް ދެމިގެންދެއެވެ.
އަލުވި
އައިސްއަލަމާރީގައި އަލުވި ބެހެއްޓުމުން އޭގެ ކުލައާއި ރަހައަށްވެސް ބަދަލު އައުން އެކަށީގެންވެއެވެ. މީގެ ބަދަލުގައި ކަރުދާސް ކޮތަޅަކަށް ނުވަތަ އެއްވެސް އެއްޗަކަށް ނުލައި ރީއްޗައް ފެންނަގޮތަށް ބަހައްޓާލުމުންވެސް ގިނަދުވަހު ހުރެއެވެ. ޕްލާސްޓިކް ކޮތަޅަށް ލުމުން އޭގައި މޮއިސްޗަރ އުފެދި ހަލާކުވުން އަވަސްވާނެއެވެ.
ބައެއްކަހަލަ މޭވާ
އެވަކާޑޯ، ބަނާނާ އާފަލު އަދި ސިޓްރެސް ހުންނަ އެއްވެސް ކަހަލަ މޭވާއެއް އައިސްއަލަމާރީގައި ބެހެއްޓުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. ބައެއް ފަހަރު އައިސްއަލަމާރީގައި ބެހެއްޓުމުން މޭވާގެ ކުލައާއި ރަހައަށްވެސް ބަދަލު އާދެއެވެ. މީގެ ބަދަލުގައި ފްރީޒްކޮށްގެން ކާން ބޭނުންނަމަ ފްރީޒަރުގައި ގަޑުކޮށްފަ ބަހައްޓައިގެން ޖޫސްހެދުމަށްވެސް ބޭނުންކުރެވިދާނެއެވެ.
ފިޔާ
ފިޔާ ކަހަލަ އެއްޗެހި އައިސް އަލަމާރިއަށް ލުމުން އައިސްއަލަމާރީގައި ވަސް ހިފައެވެ. މީގެ ސަބަބުން އައިސްއަލަމާރީގައި ހުންނަ އެހެން އެއްޗިއްސަށްވެސް އޭގެ ރަހައިގެ އަސަރުކުރެއެވެ. ފިޔާ ބަހައްޓަން އެންމެ ރައްކާތެރި ގޮތަކީ ކަރުދާސްކޮތަޅުގައެވެ.