ފައިތިލައިގެ ހަންގަނޑު ހިކިފައި ހުންނަނަމަ އުދަގޫވާ ފަހަރު އާދެއެވެ. ބައެއްފަހަރު ބައެއް މީހުން މިކަމަށްޓަކައި ޑޮކްޓަރަށް ދައްކައިގެންވެސް ހައްލު ނުލިބި އެތައް ދުވަހަކު އުޅެންޖެހެއެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން އެތައް މަސައްކަތެއް ކުރިނަމަވެސް އެދެވޭ ނަތީޖާ ނުލިބުމުގެ ސަބަބުން މާޔޫސްވެއެވެ. މިކަމުގައި ގޭގައި ދެވިދާނެ ފަރުވާއެއް އޮތްތޯ ބަލާލަން ކުޑަކުޑަ ހިތްވަރެއްކޮށްލުން ރަނގަޅުވާނެއެވެ. ޝުގަރ ސްކްރަބެއް ގޭގައި ތައްޔާރުކޮށްލައިގެން ބޭނުންކޮށްލުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.
ބޭނުންވާ ތަކެތި:
2/3 ޖޯޑުގެ އާދައިގެ ހަކުރު
1/3 ޖޯޑުގެ ބްރައުން ޝުގަރ
½ ޖޯޑުގެ އޮލިވް އޮއިލް
މޭޒުމަތީ ސަމުސަލުގެ ވެނީލާ އެސެންސް
މިހުރިހާ ބާވަތެއް އެއްކޮށްލުމަށްފަހު ފައިތިލަ ރަނގަޅަށް 'ސްކްރަބްކޮށްލުމަށްފަހު' ތާފަނާ ފެނަށް ލައިގެން 15 ވަރަކަށް މިނިޓް ބަހައްޓާށެވެ. މިގޮތަށް ފައިތިލަ ދޮންނައިރު ކުޑަ ލޮނުކޮޅެއް އަޅާލައިގެން ދޮންނާށެވެ. ފައި އުނގުޅާ އެއްޗަކުން ރަނގަޅަށް ފައި ސާފުކޮށްލުމަށްފަހު ހިއްކާލާށެވެ. އެއަށްފަހު ކާށިތެޔޮލައިގެން ފައި މަސާޖު ކުރުމަށްފަހު އިސްޓާކީނު ލައްވާލުމަށްފަހު ނިދަން އާދަކުރާށެވެ. މިގޮތަށް ދުވަސްކޮޅަކު ހެދުމުން ފައިތިލަ ރީތިވެފައި ހަންގަނޑު ހަލާކުވުމުން ދުރުވާނެއެވެ. އަދި ފައިތިލަ ކުރަކިވެފައި ހުންނަ ހުރުމަށްވެސް ހައްލު ލިބިގެންދާނެއެވެ. އާންމުކޮށް މިމައްސަލަ ދިމާވާނަމަ ބޫޓަށް އަރައިގެން އުޅެން އާދަކުރާށެވެ. ބޫޓަށް އަރާއިރު ކޮންމެދުވަހަކު އިސްޓާކީނު ބަދަލުކުރަންވެސް އާދަކުރަންވާނެއެވެ.