ބުލީ ކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކަމެކެވެ. ސްކޫލުތަކުގަ އާއި މަސައްކަތުގެ މާހައުލުގައިވެސް ބުލީކުރުން ގިނަ ކަމަށް ފާހަގަކުރެވެއެވެ. ބުލީ ކުރުމުގެ ސަބަބުން ބައެއް ކުދިން ކިޔެވުމާއި ދުރުވެ ކިޔެވުން މަތިން ފޫހިވާން ފަށައެވެ. ބުލީގެ ޝިކާރައަކަށްވެ ނަފްސާނީގޮތުން އެތައް މައްސަލަތަކެއްވެސް ކުރިމަތިވެއެވެ. ބައެއް ކުދިން އެކަކު އަނެކަކަށް ބުލީކުރަނީ ކޮންމެވެސްކަަހަލަ ރުޅިވެރިކަމެއް އަނެކާއަށް ބޭލުމުގެ ނިޔަތުގައެވެ. ނުވަތަ ތިމާއަށްވުރެ އެކިރޮގުތަކުގައި ކުރިއަރައިގެންދާނަމަވެސް ބުލީކޮށް ހަދައެވެ. ބުލީގެ ސަބަބުން ބައެއް ކުދިން ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ގެއްލި ތިމާއަކީ މުޖުތަމައުގައި ބޭކާރު މީހެއްގެ ގޮތުގައިވެސް ދެކެއެވެ. މީހަކު ތިމާއަށް ބުލީ ކުރާނަމަ އެކަމުން ދުރުވުމަށްޓަކައި ކުރެވެން އޮތީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.
ބުލީ ކުރާނަމަ އެހުރިތަނަކުން ދުރަށް ދިއުން
މީހަކު ތިމާއަށް ބުލީކުރާނަމަ އެފުރުސަތު ނުދީ އެކަމަށް އެއްވެސް ރައްދެއް ނުދީ އެހުރިތަނަކުން ހިނގައިގަންނާށެވެ. އެގޮތަށް ބުލީ ކުރާނަމަ ތިމާގެ ހިތްވަރު އެމީހުންގެ ކުރިމަތީގައި ގަދަކޮށް އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ ހުރުމަށްފަހު އެއީ ނީވޭ އަޑެއްކަމުގައި ހަދާލާ އެހުރި ދިމާއަކުން ދިއުމަކީ އެންމެ ބުއްދިވެރިގޮތެެވެ.
ބުލީ ކުރާނަމަ އަންގަންޖެހޭ ފަރާތަށް އެންގުން
ސްކޫލެއްގައި ބުލީ ކުރާނަމަ ސްކޫލުގެ ޕްރިންސިޕަލަށް ރިޕޯރޓް ކުރަންވާނެއެވެ. އެއްފަހަރު ރިޕޯރޓްކޮށްގެން ފިޔަވަޅެއް ނޭޅިނަމަވެސް އެކަން ހުއްޓާނުލާށެވެ. މިކަމުގައި ކުރިއަށްގެންދަންޖެހޭ އެންމެ ފުރިހަމަގޮތުގައި ކުރިއަށްދާންވާނެއެވެ. މިވަރުން ނުވެއްޖެނަމަ ޕޮލިހަށްވެސް އަންގައިގެން މިކަންތައް ބަލާށެވެ. އިންސާފު ހޯދަން ކުރެވުނު ކޮންމެ ކަމެއްގައި ފަސްނުޖެހި ކުރިއަށް ދެވިއްޖެނަމަ ބުލީގެ ޝިކާރައަކަށް ނުވުން ވަރަށް ގާތެވެ. މިކަހަލަ ކޮންމެ ކަމެއްގައި ހިތްވަރުނެރެގެން މަސައްކަތް ކުރަންވާނެއެވެ. އަމިއްލަ ދިފާއުގައި ކޮންމެ ކަމަކަށްވެސް ފަސްނުޖެހި މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެއެވެ.
ބުލީ ކުރާ ކުއްޖާގެ ކުރިމަތީގައި ހިތްވަރު ދެއްކުން
ބުލީ ކުރާނަމަ އެކަމާ ދެރަވާކަން ބުލީ ކުރާ މީހަކަށް ނުދައްކައި އެކަމާމެދު އެއްވެސް އެއްޗެއް ނުބުނާށެވެ. އެކަމުގައި ކެތްތެރިކަން ހޯދައި ކޮންމެވެސް އުފާވާ ކަަހަލަ ހާދިސާއަކާމެދު ވިސްނާލައި ތިމާއަކީ އުފާވެރި މީހެއް ކަމުގައި ދެކޭށެވެ. މީހަކު ބުނެލާއެއްޗަކުން ތިމާގެ ހިތްވަރަކީ އެހާފަސޭހައިން ދާނެ އެއްޗެއް ކަމުގައި ނުވިސްނާށެވެ. މީހަކު ބުނެލާ ބަހަކުން ތިމާގެ އީމާންތެރި ކަމަށް ބުރޫ ނާރާނެކަން ދައްކާށެވެ.
ބުލީކުރާ މީހާއާއި ވާހަކަދެއްކުން
ބުލީ ކުރާ މީހާއާއި ރީއްޗަށް ވާހަކަދައްކައި އޭނަގެ މައްސަލައަކީ ކޮބައިތޯ ބަލައި ވާހަކަ ދައްކާށެވެ. މިކަހަލަ ކަމެއް އެމީހަކު ތަހައްމަލު ކުރަން ޖެހިއްޖެނަމަ ދެން އެމީހަކު ކަންތައް ކުރާނީ ކިހިނެއްތޯއާއި މިކަމުގެ ސަބަބުން ލިބޭނެ ގެއްލުމަކީ ކޮބައިކަން ކިޔައިދީ ރީއްޗަށް ވާހަކަ ދައްކާށެވެ.