July 2, 2024 08:53
Advertisement

-Advertisement-

ސާރިދޯޅެއްގެ ގަނޑުފެން ތަންމަތި: ދިވެހި ރާއްޖެއާއި އޮތީ ކޮންގުޅުމެއް؟

މަތީގައި އެވާ ސާރިދޯޅުގެ (ޕޯލާބެއަރ) ފޮޓޯނެގި ނީމާ ސަރިކާނީ ހާމަކުރާގޮތުގައި މިމަންޒަރު އަތުޖެހުނީ  ތިންދުވަސްވަންދެން ގަދަފިނީގެ ތެރޭގައި ސާރިދޯޅެއް ފެނޭތޯ މަސައްކަތްކޮށް އެންމެ ފަހުން އެކަން ނުވާނެކަމަށް ބަލާ އެނބުރި ދިއުމަށް ވިސްނަމުންދަނިކޮށެވެ. އެންމެފަހުން ކޮންމެވެސް ވަރަކަށް ގަނޑުފެން ހުރި ދިމާޔަކަށް އޭނާ ދަތުރުކުރަމުންދިޔަ ސަވާރީ އަނބުރާލައިގެން ދިއުމުގެ މަގުމަތީގައެވެ. އޭރު މެންދަންވާން ވަޤުތު ވަނީ ކުޑަތަންވެފައެވެ. ނަޞީބު ރަނގަޅުކަމުން އިރުކޮޅެއްގެތެރޭގައި އޭނާއާއި ދިމާވަނީ އިންތިޒާރު ކުރަމުންދިޔަ ފަދަ ދެސާރިދޯޅެވެ. އެތަނުން އުމުރުން ހަގު، ފިރިހެން ސާރިދޯޅު އިޙުތިޔާރުކުރީ ވިރެމުންދިޔަ އައިސްގަނޑެއްގެ އެންމެ މައްޗަށް އަރާށެވެ. އިރުކޮޅެއް ފަހުން އެސޮރުގެ ނިދާ ތަންމައްޗަކަށް އެތަން ބަދަލުވާން އުޅޭކަމުގެ އަލާމަތްތައް ފެންނަން ފަށައިފިއެވެ. އެހާހިސާބަށް ދިޔައިރު، ނީމާގެ ކެމެރާވަނީ ތައްޔާރީ ހާލަތަށް ގެނެވިފައެވެ. އެހެންނަމަވެސް ހިތްއެދޭފަދަ ގޮތަކަށް ފޮޓޯއެއް ނެގުނީ ސާރިދޯޅު ބޭނުންވާގޮތަށް އޮށޯވެވި ރަނގަޅަށް ނިދިޖެހުމުންނެވެ.

މިއީ 2023 ވަނަ އަހަރު، ދިރުންހުރި ތަކެތީގެ ފޮޓޯ މުބާާރާތުގައި އާއްމުންގެ ހޮވުމުގެ ބައިން، 50000 ފޮޓޯއާއި ވާދަކޮށް އެއްވަނަ ހޯދި މަޤުބޫލު ފޮޓޯއެވެ. މިފޮޓޯއަކީ، އާކްޓިކް އެވެ ކިޔުނު، ޔޫރަޕުގެ އެންމެ އުތުރު ތަނޑީގެ މާހައުލުން ނަގާފައިވާ ފޮޓޯއެކެވެ. މިފޮޓޯ އެހާ މަޤުބޫލުވެ މީހުންގެ ޝައުޤުވެރިކަން ދަމައިގަތީ ގަނޑުފެންގަނޑެއްގެ މަތީގައި ސާރިދޯޅެއް ނިދާފައިވާ އޮތީމައެއްނޫނެވެ. ނޫނީ ޖާދުވީ ރީތި މަންޒަރެއް ފޮޓޯއިން ފެންނާތީއެއްވެސްނޫނެވެ. މިއާއި ޚިލާފަށް ފޮޓޯ އެހާ މަޤުބޫލުވީ، ދުނިޔޭގެ ތިމާވެށީގެ ހާލަތު ގޯސްވަމުންދާ އެންމެ ބޮޑު މައްސަލަކަމުގައިވާ ދުނިޔެ ހޫނުވަމުންދިއުމުގެ ނުރައްކާތެރި ޙާލަތު ފޮޓޯއިން ބުނެދޭތީއެވެ.

ދުނިޔޭގެ ފިނިހޫނުމިނަށް ބަދަލުތައް އަންނަ ވާހަކައިގެ އަޑު ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ގަދަވެފައިވެއެވެ. ސައިންސްވެރިން ވަނީ އެކަމުގެ ސަބަބުތައް މާކުރިން އޮޅުންފިލުވާދީ ނުރައްކަލުގެ އިންޒާރުދީފައެވެ. މިއަދު މިވަނީ ފާޅުކަން ބޮޑުގޮތެއްގައި މިޙަޤީޤަތް އިތުރަށް ސާފުވަމުންނެވެ. މިސާލަކަށް އުތުރާއި ދެކުނު ތަނޑީގެ ދިރުންތަކުގެ ބޯހިޔާވަހިކަން ގެއްލެމުންދާނެ ގޮތުގެ ތަޞައްވުރެއް މިފަދަ ފޮޓޯތަކުން އެބަ ސިފަވެއެވެ. މީގެ އިތުރަށް ވިރެމުންދާ ގަނޑުފެންތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވެ ބިންތިރި ސަރަޙައްދުތައް ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ އަލާމަތްމާތްތައް ކޮންމެ ދުވަހަކު ދަނީ ފެންނަމުންނެވެ.ދުނިޔޭގެ ދިގު މާޒީން ތިމާވެށީގެ ގޮތުން މިފަދަ ޙާލަތެއް މީގެ ކުރިން ތަޖުރިބާކުރިކަމުގެ ހެއްކެއްނެތެވެ.  

Advertisement

ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުން:

ސާރިދޯޅު ފޮޓޯއާއި ދިވެހިރާއްޖެއާއި ގުޅުވާލެވެނީ ރާއްޖޭގެ ރަށްތައް ދުނިޔެއިން ނެތިގެން ހިނގައިދާނެ ހާލަތު ސިފަވާތީއެވެ. ދުނިޔެ ހޫނުވެ ގަނޑުފެންތައްވިރުމަކީ މީގެ އެތައްއަހަރެއް ކުރިން ސައިންޓިސްޓުން ބުނެފައިވާ ވާހަކައެކެވެ. މިކަން މިހާރު ޙަޤީޤަތަކަށް ބަދަލުވަމުންދާ ބިރުވެރި މަންޒަރު މިފަދަ ފޮޓޯތަކާއި ވީޑިއޯތަކުން އެދަނީ ފެންނަމުންނެވެ.

ކޮންމެއަކަސް ދިވެހި ރާއްޖެއަކީ ދުނިޔެ ހޫނުވުމާއި ގުޅިގެން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ އެއް ޤައުމެވެ.ރާއްޖޭގެ ރަށްތަަކަކީ ދުނިޔޭގެ އެންމެ ބިންތިރި ޖަޒީރާ ރަށްތަކެވެ. ތިމާވެށީގެ މިހާލަތަށް ހެޔޮބަދަލެއްނައިސް،  ސައިންސްވެރިން އެބުނާވަރަށް ގަނޑުފެންގަނޑުތައްވިރުމަކީ ކަނޑުގެ ލޮނުގަނޑު އުފުލި ފެންމަތިން ދިވެހިރާއްޖެ ގެއްލިގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑުކަމެކެވެ.

މިކަމަށް ބާރުލިބޭ އެތައް ހެކިތަކަކާއި ވާހަކަތަކެއް ކަމުގެ މާހިރުން ދައްކާފައިވެއެވެ. މީގެ އެއްވާހަކައަކީ 2050 ވަނައަހަރު، ދިވެހިރާއްޖޭގެ 80 އިންސައްތައިގެ ސަރަޙައްދެއްގައި މީހުން ނޫޅޭނެކަމަށް ވޯލްޑު ބޭންކާއި ޙަވާލާދީ ބުނެފައިވާ ބުނުމެވެ. ދުނިޔޭގެ ފިނިހޫނުމިން ތިރިނުވެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ 2100 ވަނައަހަރު، ދިވެހިރާއްޖެ މުޅިން ނެތިގެން ހިނގައިދާނެކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއްނޫނެވެ. އަދި ދުނިޔެ ބޭނުންވާގޮތެއްވެސް ނޫނެވެ.

ސާރިދޯޅުގެ ފޮޓޯގުރާފަރު ނީމާ ދިން މެސެޖަކީ، އޭނާގެ މިފޮޓޯގެ ސަބަބުން ޝައުޤާއި އުއްމީދު  އާވެ، އަހަރެމެން އިންސާނުން ހަދާފައިވާ ގޯސްތައް ރަނގަޅުކުރުމަށް އަދިވެސް މުޅިން ވަޤުތު ނުގެއްލޭވާހަކައެވެ.

އެއީ އުއްމީދެއްލިބޭ ވާހަކައެކެވެ. އެހެންނަމަވެސް އެކަމަށް ދުނިޔެ ތައްޔާރުވެފައިވާކަމާއިމެދު ސުވާލުއުފެދި ޤަބޫލުކުރަން ދަތިވެއެވެ. ސަބަބަކީ ދުނިޔޭގެ ތަރައްޤީގެ ބައިވެރިން ދައްކާ ވާހަކައާއި ޢަމަލާއި ދިމާނުވުމެވެ. މީގެ އިތުރަށް އިޤުތިޞާދީގޮތުންނާއި ޓެކްނޮލޮޖީގެ ރޮނގުންނާއި އުމުރާނީ ތަރައްޤީގެ އެންމެ މަތީފަޑީގައި ތިބުމަށްޓަކައި ދޫދިނުމުގެ ސިޔާސަތެއް އެމީހުންގެ ނެތީމައެވެ.

މީގެ އިތުރު ހެއްކަކީ ތަރައްޤީގެ ރޭހުގައި އެފަދަ ޤައުމުތަކުގެ ވާދައިގެ ފޯރި ހައްތަހާ ގަދަކުރާ މަންޒަރު ފެނުމެވެ. މީގެ އިތުރަށް ތަރައްޤީވުމަށް މަސައްކަތްކުރާ މެދުފަންތީގެ ޤައުުމުތަކަށް ދަތިކުރުމުގެ އުކުޅުތައް ރާވާ ހިންގުމެވެ. "ދެމެހެއްޓެނިވި ތަރައްޤީގެ" ނަންބޯޑު ޖަހައިގެން އެމީހުން ކުރާ ގިނަ ކަންތައްތަކަކީ އެހެންމީހުންނަށް ގެއްލުންބޮޑު، އެމީހުންނަށް ނަފާބޮޑު ކަންތައްތަކެކެވެ. އެހެންކަމުން އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ދެފުއްދެގޮތް ސިޔާސަތުގެ ހިޔަނިއެޅެނީ ތަރައްޤީވާން މަސައްކަތްކުރާ ދިވެހިރާއްޖެފަދަ ޤައުމުތަކަށާއި އެންމެ ފަޤީރު ޤައުމުތަކަށެވެ.

އަދި އުއްމީދު ކަނޑާލާކަށްނުވޭ!

ދުނިޔޭގެ އުތުރުތަނޑީގެ ގަނޑުފެންތައް ވިރުމަކީ މުޅިދުނިޔެއަށް ނުބައި ސިގުނަލެއްދޭ ކަމެކެވެ. އެހެންނަމަވެސް މިކަމަކީ ދިވެހިން އަދި އުއްމީދު ކަނޑާލަންޖެހޭ ކަމެއްނޫނެވެ. މިއަދުގެ ދުނިޔެއަކީ ވިސްނުމާއި ޙިކުމަތާއި ޢަމަލުން ތަފާތު ދެއްކޭ އަދި ތަފާތު ގެނުވިދާނެ ދުނިޔެއެކެވެ.

ކުޑަކުޑަ ބޫޓާނުން މިކަމުގައި ނަމޫނާ އެބަދައްކައެވެ. ފަރުބަދަމަތީގައި އެހެން ޤައުމުތަކުގެ މެދުގައި ތާށިވެފައި އޮތްނަމަވެސް ބޫޓާނުގެ މީހުންނަކީ، ދިވެހިރާއްޖެވެސް އެސަރަޙައްދުގައި އޮތް ސާކް ޤައުމުތަކުގެ ތެރެއިން އެންމެ އުފާވެރި އާބާދީއެއް އޮތް ޤައުމެވެ. ފައިސާވެރިކަމާއި ޒަމާނީ ތަރައްޤީގެ ސަބަބަކުންނެއްނޫނެވެ. ރައްޔިތުންގެ "ހިތުގެ" މުއްސަނދިކަމުންނެވެ. އެމީހުންގެ ފަލްސަފާވެރި ޚިޔާލާއި ވިސްނުމުގައި ތަރައްޤީ މާނަކުރާގޮތް ތަފާތުކޮށްގެންނެވެ.

ނަތީޖާއަކީ އެޤައުމުގެ  ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެހެން ޤައުމުތަކުގެ އުޞޫލުތަކަށް ދީލާނުލުމެވެ. އަމިއްލަވަންތަ މާހައުލާއި ޘަޤާފަތަށް ޤަދަރުކޮށް ޒަމާނީ އޮއިވަރުގައި ނުޖެހި އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ނަތީޖާ ހޯދީ ޖަންގަލިތައް ހަލާކުނުކޮށް، ޤައުމާއި ނުބައްދަލު ތަރައްޤީއަށް ނޫނެކޭ ބުނެ، ޤުދުރަތީ މާހައުލުން އުފާވެރިކަން ހޯދައިގެންނެވެ.

ދިވެހިންނަށްވެސް އޮތީ ވިސްނުން ބަދަލުކުރުން!

ދިވެހިރާއްޖޭގެ ކުރިމަގަށްވެސް އޮތީ، އަމިއްލަ ޤައުމު ދަސްކޮށްގެން ކުރިއަށްދިއުމެވެ. ދިވެހިންގެ ރަށްރަށުގެ ޖަޒީރާވަންތަ ސިފަތަކަށް ކަމޭ ހިތައިގެން ދިރިއުޅުން ނެގެހެއްޓުމެވެ.

ބޫޓާނާއި ޚިލާފަށް ދިވެހިރާއްޖެއަކީ ވަށައިގެން ކަނޑުއޮތް، މުޅިން ހުޅުވިފައިވާ ޤައުމެކެވެ. އިރުގެ އަލިކަމާއި ނޫ އުޑާއި ކަނޑުގެ ހިތްގައިމު ވައިން ޖައްވުސާފު ތާޒާ ޤައުމެކެވެ. ދަނޑުވެރިކަމަށް ޖާގައޮތް ދެމެހެއްޓެނިވި މަސްވެރިކަމަށް ވަރަށް ފައްކާ ޤައުމެކެވެ. އެހެންކަމުން  ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ މި ނަޞީބާއިމެދު ފުންކޮށް ވިސްނާލުމުން ދޭހަވަނީ، ތަރައްޤީގައި ދިވެހިންގެ ކުރިމަގު އަލިކޮށް ބޭއްވުމަށް ތިމާވެށި ރައްކާތެރިކުރަން ޖެހޭކަމެވެ. މިއީ ދެވަނަ ވިސްނުމަކަށް އެހެންގޮތެއް އޮތްކަމެއްނޫނެވެ.

އެހެންނަމަވެސް ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ލިބުނު ތަރައްޤީއާއިއެކު ތިމާވެށްޓަށް ވަނީ ޢިއާދަނުކުރެވޭނެ ގެއްލުންލިބިފައެވެ. މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށުން މިމަންޒަރު ފެންނަމުންދެއެވެ. ފަރުތަކާއި ގޮނޑުދޮށްތަކާއި ރަށުތެރޭގެ ގަސްކަރައިންނެވެ. ގޯތިގެދޮރާއި މަގުތަކުންނެވެ. މީގެ އިތުރަށް ކުނިބުނީގެ މައްސަލަފަދަ އެތައްކަމަކުންނެވެ. މިކަން މިހެންވުމުގެ  މައިގަނޑު އަޞްލަކީ ދިވެހިމާހައުލާއި އެންމެ އެކަށީގެންވާ ގޮތަށް ކަންކަން ކުރެވިފައިނެތުމެވެ.

ވެރިރަށް މާލެއަށް ބަލާއިރު ފެންނަނީ، މާހައުލުގެ ފެހިކަންގެއްލި، ހަލަބޮލިކަން ވެރިވެ، ހަމަހިމޭންކަން މުޅިން ގެއްލިފައިވާ ތަނެކެވެ. މިހާލަތުން އަރައިގަތުމަށް ވިލިމާލެއާއި ހުޅުމާލެ އުފަންކުރުމަކީ، މާލެ ސަރަޙައްދަށް ގެނެވުނު ގޯސްބަދަލެއްނޫނެވެ. އެކަމަކު މިހާރު މިބަދަލުވެސް ގޯސްވެއްޖެއެވެ. ހުރިހާވެސް މައްސަލައަކީ ދިވެހިރާއްޖެއަށް އެންމެ ކަމުދާނެ ގޮތަށް ދިރާސާތަަކެއްނުކުރެވި ކަންކަން ކުރެވެމުންދިއުމެވެ.

ގޯސްވި ޙާލަތަށް ތަސައްލީއެއްގެނައުމަށް އޮތް ޙައްލެއްގެ ގޮތުގައި ފެނުނީ  އަނެއްކާ މިސަރަޙައްދުން އައު މާލެތަކެއް ފެންމަތިން އުފުލާލުމެވެ. މިތަންތަނާއިމެދު ތިމާވެށީގެ ނައްސި ވިސްނުމަކަށް އަދިއެއް ޖާގައެއްނެތެވެ. އެހެންނަމަވެސް އެއްކަމެއް ޔަޤީނެވެ. މާލެ ސަރަޙައްދުގެ ކާރޫބާރު އަނެއްކާވެސް ބޮޑުވާނެކަމެވެ.

ނިންމާލުން:

އެހެންކަމުން ދިވެހިރާއްޖޭގެ ކުރިމަގަށްއޮތް ފަރުވާއަކީ، ރާއްޖޭގެ ތިމާވެށީގެ ވިންދާއިއެއްގޮތަށް ތަރައްޤީ މާނަކޮށް އެގޮތުގައި ކުރިއަށްދިއުމެެވެ. މިކަން ކުރެވޭނީ ދިވެހިންގެ ވިސްނުން، އެބަދަލަށް އާނބަސްބުނެ ދީލާލައިގެންނެވެ. މައުސޫމު ސާރިދޯޅުގެ ފޮޓޯއާއިމެދު އަދިވެސް ވިސްނާލާ ތިމާވެށީގެ ގޮތުން ސަލާމަތުގެ އައްސޭރިއަކަށް ދިވެހިރާއްޖެ ގެންދިއުމަށް ހުރިހާދިވެހިން ތެދުވަމާހެއްޔެވެ؟؟؟؟

މަޢުލޫމާތު: އެޑިއުކީ. ކޮމް، ސީ.އެންޓީ.ކޮމް، ވޯލްޑްއެޓްލަސް.ކޮމް، ޑެއިލީސަބާ.ކޮމް,

ފޮޓޯ: ޑެއިލީސަބާ.ކޮމް, އަންސްޕްލޭޝް.ކޮމް، ގޫގުލް.ކޮމް

ނޯޓް: މިއީ ޓްރީ މޯލްޑިވްސް (ޓީ.އެމް)ގެ ލިޔުމެކެވެ. ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޓީ.އެމް އާއި 'ޒީޓައިމްސް' ގުޅިގެން ޚާއްސަ ލިޔުންތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީ.އެމް އަކީ 1993 ވަނަ އަހަރު އީޕީއެސް ސްކޫލުގައި އުފެއްދި ތިމާވެށި ޖަމްއިއްޔާ 'ފީޑް' ގައި ހަރަކާތްތެރިވި ބައެއް ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް