މުވާޞަލާތީ ނިޒާމުގެ ތެރޭގައި ގިނަ ޤައުމުތަކުން ބަރޯސާވެފައި އޮންނަނީ ވަޓްސްއެޕާ ވައިބާ އަދި މިނޫންވެސް މިފަދަ މޮބައިލް އެޕްލިކޭޝަންތަކަށެވެ. އޮފީސްތަކާއި ވިޔަފާރިތަކާއި ސުކޫލު ތަކުންވެސް ބޭނުންވާ މުހިއްމު މަޢުލޫމާތާއި އެންގުންތައް އެންގުމަށް މިހާރު ބޭނުންކުރަނީ މިފަދަ އެޕްލިކޭޝަންތަކުގައި ހަދާފައިވާ ގުރޫޕުތަކެވެ. ޚާއްސަކޮށް ކޯވިޑް-19 ޕެންޑަމިކާއި ގުޅިގެން ގިނަ ޤައުމުތައް ލޮކްޑައުންޑަނަކަށް ދާން މަޖުބޫރުވުމާއި، ގެއިން ބޭރަށް ނުދެވި ގޭގައި ތާށިވެފައި ތިބެން ޖެހުމުން ޒަރޫރީ ބޭނުންތައް ފުއްދުމުގެ އެހީތެރިއަކަށްވެސްވީ މި ފަދަ އެޕްލިކޭޝަންތަކެވެ.
އެހެންނަމަވެސް މިފަދަ އެޕްލިކޭޝަންތަކުގެ ރައްކާތެރިކަމާމެދު އަބަދުވެސް ސުވާލު އުފެދޭ ކަންކަން ކުރިމަތިވެއެވެ. މިހާރު ފެންމަތިވެގެން އުޅޭ ކަންކަމަށް ބަލާއިރު ވަޓްސްއެޕުން ޕްރައިވެސީ ޕޮލިސީ އަޕްޑޭޓް ކުރިއިރު ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މަޢުލޫމާތު ފޭސްބުކާއި ޙިއްސާ ކުރަން މަޖުބޫރުވާ މައްސަލައެއް ކުރިމަތިވެފައިވެއެވެ. މިމައްސަލައާއި ގުޅިގެން މިހާރު ވަޓްސްއެޕް ބޭނުންކުރާ އެތައް މިލިއަން މީހުން ވަޓްސްއެޕް ދޫކޮށް ޓެލެގްރާމަށް ބަދަލުވާން ފަށައިފިއެވެ.
ވަޓްސްއެޕުން ޕްރައިވެސީ ޕޮލިސީއަށް ގެންނަ މިބަދަލަށް ޢަމަލުކުރަން ފަށާނީ އަންނަ ފެބުރުއަރީ 8 ގައެވެ. މި ބަދަލާއިއެކު ހަރުކަށި ޑާޓާ ޕްރޮޓެކްޝަން ގާނޫނުތައް އޮންނަ ޔޫރަޕާއި ޔޫކޭއިން، ބޭރުގައި ދިރިއުޅޭ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އޭގެ އަސަރުކުރާނެއެވެ.
މި ބަދަލާއެކު ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އެމީހުންގެ ފޯނުނަމްބަރާއި ފޯނުގައި ހުންނަ މަޢުލޫމާތާއި އެހެންމީހުންނާއިއެކު މުޢާމަލާތްތައް ކުރެވޭގޮތާއި މިކަންކަމަށް ފޭސްބުކަށް އެކްސެސް ދިނުމަށް އަންގާނެއެވެ. ވަޓްސްއެޕް އިތުރަށް ބޭނުންކުރަން ބޭނުންނަމަ ފޭސްބުކަށް ހުއްދަދިނުމަށް އެއްބަސްވާން މިޕްރައިވެސީ އަޕްޑޭޓްގައި ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް މަޖުބޫރު ކުރުވައެވެ.
މިއީ ހަމައެކަނި ފޭސްބުކް އެކައުންޓެއް ގެންގުޅޭ މީހުންނަށް އަންނަ މަޖުބޫރުކަމެއް ނޫނެވެ. ފޭސްބުކު އެކައުންޓެއް ނުގެންގުޅޭ މީހެއްނަމަވެސް ވަޓްސްއެޕް ބޭނުންކުރަން ބޭނުންނަމަ ފޭސްބުކަށް މިއިޚްތިޔާރު ދޫކޮށްލަން ޖެހެއެވެ. މިޚަބަރާއިއެކު މޯބައިލް އެޕްލިކޭޝަންތަކާއިގުޅޭ ތަފާސްހިސާބުތައް ޢާންމުކުރާ 'ސެންސާ ޓަވާ' އިން އެއްކޮށްފައިވާ މަޢުލޫމާތަކަށް ބަލާއިރު މިހާރު ގިނަބަޔަކު އަންނަނީ ވަޓްސްއެޕް ދޫކޮށް ވާދަވެރި އެހެން އެޕްލިކޭޝަންތަކަށް ބަދަލުވަމުންނެވެ.
ވަޓްސްއެޕްއިން މި ޕްރައިވެސީ ޕޮލިސީއަށް ބަދަލު ގެންނަންއުޅޭކަން ޢިއުލާނުކުރީ މިއަހަރު ޖެނުއަރީ 7 ގައެވެ. އެދުވަހު އެކަނިވެސް ވަނީ 1.7 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ޓެލެގްރާމް އެޕް ޑައުންލޯޑް ކޮށްފައެވެ. މާކެޓްގައި އެންމެ ނުފޫޒު އޮންނަ ވަޓްސްއެޕްގެ 1.3 މިލިއަން ޑައުންލޯޑްސް އެދުވަހު ފާހަގަ ކުރެވުނެވެ.
ޖެނުއަރީ 7ގެ ކުރިން، އޭގެ ކުރީ ހަފްތާއާއި އަޅާކިޔާއިރު ޖެނުއަރީ 7 އާއި ހަމައަށް ވަޓްސްއެޕް އިންސްޓޯލްކުރި މީހުންގެ ޢަދަދުވަނީ 10.3 މިލިއަން ޑައުންލޯޑްސްގެ ތެރެއިން 13 ޕަސެންޓް ދަށަށް ގޮސްފައެވެ.
ވަޓްސްއެޕްއިން އާ ޕްރައިވެސީ ޕޮލިސީއެއްގެ އެލާޓް ފުރަތަމަ ފޮނުވީ މިދިޔަ ހަފްތާގައެވެ. މިގެންނަ ބަދަލާއި ގުޅޭގޮތުން ވަޓްސްއެޕުން ބުނެފައިވަނީ ފޭސްބުކްގެ އެހެން ކުންފުނިތަކުން ވަޓްސްއެޕަށް މަޢުލޫމާތުލިބޭ ފަދައިން ވަޓްސްއެޕްގެ މަޢުލޫމާތު ފޭސްބުކްގެ އެހެން ކުންފުނިތަކާ ޙިއްސާކުރާނެ ކަމަށެވެ.
ވަޓްސްއެޕްއިން ބުނެފައިވަނީ މި މަޢުލޫމާތު ޙިއްސާކުރާނީ ވަޓްސްއެޕާއި ފޭސްބުކް ކުންފުނީގެ އެހެން ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތްތައް މާކެޓްކުރުމަށް ކަމަށެވެ. އެހެންކަމުން މީގެ މާނައަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރާއި ވަޓްސްއެޕް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކާއި ވަޓްސްއެޕަށް ލޮގިންވާ މިންވަރާއި ވަޓްސްއެޕްގައި ހޭދަކުރާ މިންވަރުވެސް ފޭސްބުކަށް ހޯދައިގަނެވޭނެއެވެ.
ފޭސްބުކުން ވަނީ 2014ގައި ވަޓްސްއެޕް ގަނެފައެވެ. އަދި 2016 އިން ފެށިގެން ވަޓްސްއެޕުން އަންނަނީ އޭގެ ބެލެނިވެރި ކުންފުނި ފޭސްބުކާއި ޑާޓާ ޙިއްސާކުރަމުންނެވެ. އެހެންނަމަވެސް ކުރިން އޮންނަނީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުން ބޭނުން ނުވާނަމަ އެމީހުންގެ އަމިއްލަ މަޢުލޫމާތު ފޭސްބުކާއި ޙިއްސާ ނުކުރާގޮތަށް ހެދުމަށް ވަޓްސްއެޕް ބޭނުން ކުރާ މީހުންނަށް އިޚްތިޔާރު ކުރެވޭ ގޮތަށެވެ. އަދި މިހާރު އިޢުލާނުކޮށްފައިވާ ޕްރައިވެސީ ޕޮލިސީ އަޕްޑޭޓުގައި މިއޮންނަނީ މިއިޚްތިޔާރީބައި މަޖުބޫރު ބަޔަކަށް ހަދާފައެވެ. މި މަޖުބޫރީ އަންނަނީ ހަމައެކަނި ޔޫރަޕުން ބޭރުގައި ވަޓްސްއެޕް ބޭނުންކުރާ މީހުންނަށެވެ.
މިކަމާއި ގުޅިގެން ވަޓްސްއެޕް ބޭނުންކުރާ ގިނަބަޔަކު އަންނަނީ ޓްވިޓާގައި ނުރުހުން ފާޅުކޮށް، އާ ޕްރައިވެސީ ޕޮލިސީއާއި ގުޅިގެން ވަޓްސްއެޕް ދޫކޮށްލައިފިކަމަށް ބުނަމުންނެވެ.
މި ޚަބަރާއި ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް ވަނީ ވަޓްސްއެޕްގެ ރޭންކް ވެއްޓިފައެވެ. އެމެރިކާގައި މިހާރު ވަޓްސްއެޕް ރޭންކް ކުރެވިފައިވަނީ ޑައުންލޯޑް ޗާޓްގެ 30 ވަނައިގައެވެ. ޔޫކޭގައި ރޭންކް ކުރެވިފައިވަނީ 10 ވަނައިގައެވެ. މިއީ ޢާންމުކޮށް ވަޓްސްއެޕް ރޭންކް ކުރެވޭ ދަރަޖައާއި އަޅާބަލާއިރު ފާހަގަކޮށްލެވޭވަރުގެ ވެއްޓުމެކެވެ.
މިއާއެކު މިހާރު ޑައުންލޯޑް ޗާޓްގެ ކުރީގައި އުޅެނީ ޓެލެގްރާމާއި ސިގްނަލް ކިޔާ އެޕްލިކޭޝަނެކެވެ. ސައިބާ ސެކިއުރިޓީ ސްޕެޝަލިސްޓުން ސިފަކުރާ ގޮތުގައި ވަޓްސްއެޕުން މިގެންނަ ޕްރައިވެސީ ޕޮލިސީ އަޕްޑޭޓްގެ ސަބަބުން ގިނަ ބަޔަކު ވަޓްސްއެޕް ޑިލީޓް ކުރަމުން ދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އަދި މީހުންގެ އަމިއްލަ މަޢުލޫމާތު ޙިއްސާ ކުރުމަށް ބަޔަކަށް މަޖުބޫރުކޮށްގެން އެނޫން ގޮތަކަށް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެކަމަށް އެންގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.