September 18, 2024 00:35
Advertisement

-Advertisement-

ޑރ. ޝިފާންގެ ލިޔުއްވުމެއް: ފެތުރިފައިވާ ކެންސަރ އާއެކު ދިރިއުޅުން

ތައާރަފް:

ކެންސަރއެއް އުފެދޭ ގުނަވަން ނޫން އެހެން ދުރުހިސާބަކަށް (ގުނަނަވަނަކަށް ނޫނީ ގުނަވަންތަކަކަށް) ފެތުރުމުން އެއީ ދުރަށް ފެތުރިފާވާ "މެޓާސްޓޭޓިކް" ކެންސަރ އޭކިޔެއެވެ. ބައެއް ފަހަރު ކައިރިހިސާބާ ވަށައިގެންވާ ގޮއްތަކަށް ކެންސަރ ފެތުރެއެވެ. މިފަދަ ވަށްތަރަށް "ލޯކަލީ އެޑްވާންސް ކެންސަރ" އޭ ކިޔެއެވެ.

ބައްޔަށް ނަން ދެވޭގޮތް:

Advertisement

މިފަދަ ބައްޔަކަށް ނަންދެވޭ ގޮތް ފަހަރުގައި ތަފާތުވެދާނެއެވެ. މިސާލެއް ނަގާނަމަ, އުރަމަތީގެ ކެންސަރ ކައްޓައް ފެތުރުނީމަ އެއަށް ކަށީގެނަން ދިނުމުގެ ބަދަލުގައި ކިޔާނީ ފެތުރިފައިވާ އުރަމަތީގެ ކެންސަރ ނޫނީ "މެޓާސްޓެޓިކް ބްރެސްޓް ކެންސަރ" އެވެ.

ފަރުވާކުރުމުގައި އަމަލު ކުރެވޭ ގޮތް ތަފާތުތަ؟

މީގެ އަހަރުތަކެއް ކުރިން މިފަދައިން ދުރަށް ފެތުރިފައިވާ ކެންސަރ ތަހައްމަލު ކުރަމުންދާ މީހުންނަށް ފަރުވާކުރުމުގައި ދެވެނީ މަދު ފަރުވާއެކެވެ. އަދި ދުނިޔޭގައި ދެމި ތިބޭ މުއްދަތުވެސް ކުރުމެއެވެ. ނަމަވެސް ފަރުވާއަށް އައި ހެޔޮބަދަލުތަކާއެކު މިފަހަކަށް އައިސް ދެވޭ ފަރުވާގެ އަދަދު އިތުރުވެ ދުނިޔޭގައި ދެމިހުންނަ ދުވަސްތައް މަހުން އަދި އެތައް އަހަރުތަކަށް ބަދަލުވެއްޖެއެވެ.

އެއްކޮށް ބަލި ނައްތާނުލެވުނުކަމުގައި ވިޔަސް, ބަލި ފެތުރުނަ ނުދީ އެއް ވަރެއްގައި އެތައް އަހަރެއް ހިފަހައްޓައި ދެއެވެ. އެހެން ގޮތަކަށް ބުނަނީނަމަ ލޭ މެއްޗައް ދިޔުން ފަދަ ދާއިމީ ބައްޔަކަށް ފަރުވާކުރާ ބީދައިން ފެތުރިފައިވާ ކެންސަރ އަށް ފަރުވާކުރާ މަގު މިހާރުވަނީ ހުޅުވިފައެވެ. އެހެންކަމުން މިފަދަ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ހަޔާތައް އުފެއްދުންތެރި "ރަނގަޅު" އެތައް އަހަރުތަކެއް އިތުރުވެގެން ދެއެވެ.

އެހެންކަމުން, ފަރުވާއެއް ފެށުމުގެ ކުރިން, ފަރުވާދޭ ޓީމްއާއެކު މަޝްވަރާކުރުމުގައި ހޭދަ ކޮށްލާށެވެ. އެއީ އެމީހެއްގެ ސިއްހަތާ އުމުރު އަދި ފަރުވާ ލިބިގަންނަ ފަރާތް ބޭނުންވާ ޚާއްސަ ކަމެއް ވާނަމަ އެކަންކަން މަޝްވަރާގެ ތެރޭގައި ހިމަނަންވާނެއެވެ.

ފެތުރިފައިވާ ކެންސަރގެ ފަރުވާގެ ތެރޭގައި އޮޕަރޭޝަން, ކީމޯގެ ފަރުވާ, ހޯރމޯން ތެރަޕީ, އިމިއުނޯތަރަޕީ.. އަދި ރޭޑިއޭޝަން ފަރުވާ ހިމެނެއެވެ.

ފަރުވާގެ އަމާޒް! (ލަނޑުދަނޑިތައް)

ކެންސަރ އަށް ޑައިގްނޯސް ކުރެވޭހިސާބުން, ގިނަމީހުންނަށް ފަރުވާކުރާނީ އެއްކޮށް ޝިފާއެއް ހޯދުމުގެ ގަސްދުގައެވެ. މީގެ މާނައަކީ ބަލި އެއްކޮށް ނައްތާލާ އަދި އިތުރުފަރުވާދީ ބަލި އަނބުރާ އަޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ.

ނަމަވެސް ފެތުރިފައިވާ ކެންސަރ އަށް ފަރުވާ ކުރުމުގައި އެއްކޮށް ޝިފާއެއް ހޯދުމަށް ފަރުވާކުރުމުގެ ބަދަލުގައި ފުރަތަމަ ބަލާނީ ބަލި ކޮޓްރޯލް ކުރެވޭތޯއެވެ. އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް އަމާޒު ހިފުމަށެވެ. އަބަދުވެސް ފަރުވާކުރާޓީމުގެ ލަފަޔާ މަޝްވަރާ ހޯދުން މުހިއްމުވާނެއެވެ. އަދިފަރުވާ ކުރާ "ނިޔަތް" ސާފުކޮށް ދެފަރާތައްވެސް އެނގުން މުހިއްމުވާނެއެވެ.

އެހެންކަމުން ފަރުވާގެ ގަސްދު ރަނގަޅަށް ދެފަރާތައް އެނގުމަކީ ފަރުވާ ފެށުމުގެ ކުރިން އަދި ފަރުވާ ކުރިއަށް ގެންދިޔުމުގެ މުހިއްމު އަސާސެކެވެ. އެއްކޮށް ޝިފާއެއް ނުދެވޭ ހާލަތެއްނަމަ ފަރުވާގެ އަމާޒަކަށް ދެންވާނީ, ބަލީގެ ތަކުލީފުތައް ލުއިކޮށް, ބަލިފެތުރޭމިންވަރު ދައްކޮށް, ވީހާވެސް ގިނަދުވަހެއް ދުނިޔޭގައި ބެހެއްޓުމެވެ.

މިފަދަ އަމާޒެއް ބެހިގެން ވާނީ މައިގަނޑު 4 ބަޔަކަށެވެ.

  • ބަލީގެ ސަބަބުން މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ވީހާވެސް މަދުކުރުން
  • ދެވޭފަރުވާގެ ސަބަބުން މެދުވެރިވެދާނެ ނޭދެވޭ އަލާމާތް "ސައިޑްއިފެކްޓް" ތައް ވީހާވެސް މަދުކުރުން
  • ދުނިޔޭގައި ހޭދަ ކުރާ ދުވަސްތައް އެންމެ ބާއްޖަވެރި ގޮތުގައި ހޭދަކުރުމަށް މަގުފަހިކޮށް ދިނުން
  • ކެންސަރ އާއެކު ވީހާވެސް ގިނަ ދުވަހަކު ހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މަސައްކަތް ކުރުން

ނޯޓް:

ކޮންމެ ދޭދޭ މީހެއްގެ މެދުގައިވެސް މަތީގައިބަޔާން ކުރެވުނު މައިގަނޑުބައިތަކަށް އަހަމިއްޔަތުކަން ދޭމިންވަރު ތަފާތުވެދާނެއެވެ. އެހެން ކަމުން ފަރުވާދޭ ޓީމާއެކު ވަގުތު ހޭދަކޮށް ތިބާއަށް އެންމެ މުހިއްމު ބައިތަކާބެހޭ ގޮތުން މަޝްވަރާ ކުރުން މުހިއްމުވާނެ އެވެ.

ފެތުރިފައިވާ ކެންސަރ އަށް ފަރުވާ ކުރުމަކީ މިހާރު, އެހެނިހެން, ދާއިމީ ބަލިތަކަށް ބޭސްކުރާފަދައިން ކުރެވޭ ފަރުވާއެކެވެ. މިސާލެއްގެ ގޮތުން ހަކުރުބަލި, ލޭމައްޗަށް ދިޔުން ހިތުގެ ބަލި ފަދަ ދާއިމީ ބައްޔަކީ ވެސް ބޭސް ފަރުވާޔާއެކު "ކޮންޓޮރޯލް" ކުރެވޭ ބަލި ތަކެކެވެ. ނަމަވެސް އެއްކޮށް ޝިފާލިބި ބޭސް ހުޓާލެވޭ ބަލިތަކެއްނޫނެވެ. އެހެންކަމުން މުޅިއުމުރައްވެސް ބޭސްފަރުވާކޮށް ބަލި ކޮންޓޮރޯލް ގައި ބެހެއްޓެއެވެ. ބައެއްފަހަރު, ބޭސް ބަދަލު ކުރަންޖެހިދެއެވެ. މިއީ, ފެތުރިފާވާ ކެންސަރ އަށް ވެސް ފަރުވާ ކުރުމުގައި ބޭނުން ކުރާ އަސްލެވެ.

ފަރުވާ ކުރަމުންދާއިރު ދިމާވެދާނެ ހުރަސްތައް!

ފެތުރިފައިވާ ކެންސަރ އާއެކު ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ކޮންމެ ދޭދޭ މީހެއް ތަހައްމަލު ކުރާނެކަންކަން ތަފާތު ވެދާނެއެވެ. ނަމަވެސް ގިނަ މީހުންނަށް އާންމު ކަންކަން ތިރީގައި ފާހަގަ ކޮށްލާނަމެވެ.

  • ބަލި އަނބުރާ އައުމާދޭތެރޭ ވިސްނި, ދެރަވުން, ފިކުރުބޮޑުވުން, މާޔޫސްވެ އަދި އުންމީދުކަނޑާ ލެވޭގޮތްވުން. އަދި އެންމެގާތް މީހުންނަށްވެސް ތިބާ ތަހައްމަލު ކުރަމުންދާ ކަންކަން ނޭނގޭނެކަމަށް ގަބޫލު ކުރެވުން.
  • ފަރުވާ މަސައްކަތް ނުކޮށްފާނެކަމުގެ ބިރު ހިތުތެރޭގައި އަބަދުވެސް ވުން
  • އަބަދު ޑޮކްޓަރަށް ދެއްކުން ޓެސްޓް ހެދުން ބުރަކަމަކަށް ވުން
  • ބައްޔާބެހޭގޮތުން އެންމެގާތް މީހުންނާވެސް ވާހަކަ ދެއްކުމަށް ޖެހިލިން ވުން
  • އާންމުކޮށް ކޮށް އުޅުން ކަންކަމުގައި މީހުންގެ އެހީއަށް އެދުން ޖެހިލުންވުން 
  • ނަފްސާނީ ގޮތުން އަންނަ ބަދަލުތައް އަމިއްލައަށް ގަބޫލް ނުކުރެވުން. އެހީ ހޯދުމުގައި ފަސްޖެހެވުން

ހުރަސްތަކާ ކުރިމަތިލުމުގައި އަމަލުކުރާނީ ކިހިނެއް؟

އަމިއްލަ ހާލަތު ބޮޑަށް ދެނެގަތުމަށް ބައެއްފަހަރު އެހެން ޑޮކްޓަރެއްގެ މަޝްވަރާހޯދުމަކީ މުހިއްމުކަމެކެވެ. (ސެކަންޑް އޮޕީނިއަންއެއް ހޯދުން). އަދި މިއީ ގިނަ ޑޮކްޓަރުން ލަފާދޭކަމެކެވެ.

ފަރުވާނަގަމުން ދާއިރު ދިމާވެދާނެ ކަންކަމަށް ޑޮކްޓަރަށް އެހީތެރިވެދޭނެއެވެ. މިސާލަކަށް ބަލަނީނަމަ ފަރުވާގެތެރެއިން ތަދު އިހްސާސް ކުރެވެނީނަމަ އޮޕަރޭޝަނެއްކޮށް ޓިއުމަރުގެ ބައެއް ނެގުން ފަދަ (ތަދުން ލުޔެއް ހޯދުމަށް) ކަންކަން ކުރުމަށް އިރުޝާދު ދޭނެއެވެ. ތަދަށް ބޭސް ދިނުމުގެ އިތުރުން މޭނުބައިކޮށް ހޮޑުލެވޭނަމަ އެކަމަށްވެސް އެކަށޭނަ ބޭސް ލިޔެދޭނެއެވެ.

ހުރަސްތަކާ ކުރިމަތިލުމުގައި އަމަލުކުރުމުގައި މުހިއްމު 3 ބަޔަކަށް އަލި އަޅުވާލަން ގަސްތުކުރަމެވެ.

  1. ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކާއި ދިރިއުޅުމަށް އަންނަ ބަދަލުތައް ބައްޓަންކުރުން
  2. އަމިއްލަ އިހްސާސްތަކާއި ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބެއް ހޯދުން
  3. މި ދަތުރުގައި އެހީތެރިވެދޭން ތިބި މީހުންނަށް ދިމާވެދާނެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން

ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކާއި ދިރިއުޅުމަށް އަންނަ ބަދަލުތައް ބައްޓަން ކުރުން

ދިރިއުޅުމަށް އަންނަ ބަދަލުތަކާ ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދެނެގަނެ, އެބަދަލުތަކަށް ސަމާލު ވުމަކީ މިފަދަ ދަތުރެއްގައި އެންމެ މުހިއްމުކަމެއް ދޭންޖެހޭ އެއްނުކުތާއެވެ.

މިގޮތުން:

ބައްޔާމެދު އަމިއްލައަށް ދެނެގަތުން (މައުލޫމާތު ހޯދުމުގައި އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކުރެން) ގިނަފަހަރު މިފަދަ މައުލޫމާތުތައް ތަފްސީލާއެކު, ސައްހަ ވެބްސައިޓަކުން ނުވަތަ ފޮތްތަކުގެ ސިފައިގާ ލިބޭނެއެވެ.

ސާފުނުވާ ކަންކަން ވަނީނަމަ ސިއްހީ ފަރުވާދޭ އެކަށޭނެ ފަރާތެއްގެ ލަފާ ހޯދުން (މިސާލަކަށް ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކާ, ކައުންސިލަރ, ފަދަ ފަރާތަކުން ލަފާ ހޯދުން).

ނަފްސާނީ އެހީތެރިކަމަކީ ތިބާއަށާއި ތިބާގެ އާއިލާއަށް މުހިއްމު ހަތިޔާރެކެވެ. ތިބާފަދަ އެހެންމީހުންނާ (ފަރުވާލިބެމުންދާ) ވާހަކަދެއްކުމަކީ މުހިއްމުކަމެކެވެ. މިފަދަ މުއާމަލާތްތަކުން ތިބާގެ އެކަނިވެރިކަން ފިލާ އަނެކާއަށް ތިބާގެފަރާތުން ހިތްވަރުލިބި ދެއެވެ. އަދި ތިބާއަށް ހިތްވަރު ލިބި އަމިއްލަނަފްސަށް ކުރާ އިތުބާރު އިތުރުވެދެއެވެ.

ގިނަ ދިރާސާތަކުން ދައްކައި ދޭގޮތުގައި، މިފަދައިން އެހީހޯދާ މީހުން، (ގުރޫޕްއެއްގެ ގޮތުގައި ތެރަޕީ، ނޫނީ އެކަނިވަކިން ކައުންސެލިން ސެޝަން ނެގުން)، މިފަދަ ކޮންމެ މޭރުމަކުން ނަފްސާނީ އެހީ ހޯދިކަމުގައި ވީކަމުގައިވިޔަސް އެންމެ ރަނގަޅުވާނެއެވެ. ދިރާސާތަކުން ދައްކައި ދޭގޮތުގައި މިފަދައިން އެހީހޯދައި މީހުންގެ އާންމު ސިއްޙަތު ރަނގަޅުވެ، އަމިއްލަ ނަފްސަށް ކުރާއިތުބާރު އެތައްގުނައެއް އިތުރުވެއެވެ.

އަޅުކަމާއި ދީނީކަންކަމަށް ސަމާލުކަންދިނުން

ގިނަފަހަރަށް މިފަދަ ބައްޔެއް ތަހައްމަލު ކުރަންޖެހުމަކީ، ދުނިޔޭގެ މާއްދީޔަތާއި ދުރުވެ، އުހްރަވީ ހަޔާތާ ގާތްވާކަމެކެވެ. ހަޔާތުގެ އަސްލުމާނަޔާ ދޭތެރޭ ވިސްނަން ލިބޭ ފުރުސަތެކެވެ. ކުރިމަތިވާމިފަދަ ބޮޑެތި އިމްތިހާން ތަކަކީ ކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންނަށް ކެތްތެރިކަމާ އީމާންތެރިކަން، އަދި ތަޤްވާ އިތުރުވުމުގެ އަސްލުކަމުގައި ވެދެއެވެ. ވީއިރު މިފަދަ ކަންކަން ތަޙައްމަލުކުރަން ޖެހުމަކީ ތިމާއަށް ކަލާނގެޔާއި ގާތްވުމަށް ލިބޭ އިތުރު، ރަނގަޅު ފުރުސަތެކެވެ.

ޑރ. ޝިފާން ފާހަގަކުރެވެނީ ކެންސަރ އަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޑޮކްޓަރެއްގެ ގޮތުގައި

ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް