ޖުލައިމަހުގެ 11 ވަނަ ދުވަހުގެ އިރުއަރައިގެން އައިއިރު އުމުރުން 30 އަހަރުގެ އަފްރާހް ފަރުހާދު (ގއ. ނިލަންދޫ) އޮތީ އެންދަމަން މޫދު އަޑީގައެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެއީ މަހަށް ދިޔަ ފުރަތަމަ ދުވަހެވެ.
އަފްރާހުގެ ފަރުވާއާއި ގުޅޭގޮތުން އޭޑީކޭއިން ދީފައިވާ ލިޔުން
އެންދަމަން އަޑިއަށްދިޔައީ އެދުވަހުގެ ފަތިހު 05:40 ހާއިރުގައެވެ. 41 މީޓަރު އަޑިއަށް ދިޔައިރު، ޑައިވް އަށް ހޭދަވީ 39 ވަރަކަށް މިނިޓެވެ. ޑައިވިންއަށްފަހު މައްޗަށް އެރިއިރު މައްސަލައެއް ދިމާވެ 'ޑީކޮމްޕްރެޝަން ސްޓޮޕްތައް' ދެމެހެއްޓުމަށް މަސައްކަތް ކުރިނަމަވެސް ކޮންޓްރޯލު ނުކުރެވި ހަލުވިކަމާއެކު މައްޗަށް އަރައިގަނެވުނެވެ. އެކަމަކު ފަހުން ދޯނީގެ އެހެން މީހަކާއެކު ޑީކޯ ހެދުމަށް އަފްރާހު ގެންދިޔައެވެ.
ޒީޓައިމްސް އަށް މައުލޫމާތުދެމުން އަފްރާހު އަދި އޭނާގެ މަންމަ ސަލްމާ ސާލިހު ވަނީ ވަރަށް ތަފްސީލުކޮށް މި ހިތާމަވެރި ހާދިސާ ހިނގިގޮތް ކިޔައިދީފައެވެ.
" އެހެންނޫނަސް އަމަލުކުރާގޮތަށް ޑީކޯ ޖައްސަމުން މައްޗަށް އެރީ. ފުދޭވަރަކަށް މަތީގައި އޮއްވާ ކުއްލިއަކަށް ވައިއެޅުނީ ކަމަށް ބެލެވެނީ. މައްޗަށް އަރައި އިރުކޮޅެއްފަހުން އައްސިވާން ފެށީ. ކަނާއަތްފަޅީގެ ފައި ފުރަތަމަ އައްސިވީ. ދެން މަޑުމަޑުން ދަމުން ދަމުންގޮސް އެފަޅި އެއްކޮށް ވާގިދިޔައީ. އެއަށްފަހު ކަރުން ތިރި މުޅި މީހާގެ ގައިން ވާގިދިޔައީ" އަފްރާހް މައުލޫމާތު ދިނެވެ.
މ. އަތޮޅު މުލީ ކައިރިއަށް ޑައިވްކުރަން ފޭބި އަފްރާހް އަށް އެންމެ ފުރަތަމަ ފަރުވާދިނީ މުލީ ހޮސްޕިޓަލުގައެވެ.
" މުލީ ހޮސްޕިޓަލުގައި ފަރުވާދިންއިރު ކަނާއަތްފަޅި ފައި އެކަނި ވާގިދޫވެފައި ހުރީ. މާލެއަށް ސީއެންބިއުލާންސްގައި ގެނައި މަގުމަތީގައި ދެއަތާއި ވައަތުފައިގެ ވާގި ދޫވާން ފެށީ. މާލެ ގެނެސް އެމްބިއުލާންސަށް މަޑުކޮށްގެން ޖެޓީގައި ވެސް 48 ވަރަކަށް މިނިޓް ހޭދަވި. އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފެށިފަހުން އެނގޭ ގައިގައި އަތްޖެއްސީމަ އަތްޖައްސާކަން. ޗެމްބަރަށް ލާފަ ދިން ފަރުވާއާއި މެދު ވަރަށް ހިތްހަމަޖެހޭ" އަފްރާހުގެ މަންމަ މައުލޫމާތު ދިނެވެ.
އޭޑީކޭ ހޮސްޕިޓަލަށް އަފްރާހު ގެނައިއިރު ވާހަކަދެއްކޭކަން އެކަނި ކަމަށާއި ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުން އެއީ އާއިލާއަށް ލިބުނު ބޮޑު ޝޮކަކަށްވިއެވެ.
" ކަރުން ތިރީގައި މީހާގެ އެއްވެސްވަރަކަށް ބާރެއް ނެތް. ޗެމްބަރަށް ލާފަ ފުރަތަމަ 3 ސެޝަނުން ވެސް ކުރިއެރުމެއް ނުލިބި ހުއްޓާ 4 އަދި 5 ސެޝަން ނެގީމަ ގައިގައި ކޮންމެ ތަނެއްގައި އަތްޖެއްސިއްޔަސް އިހުސާސްވޭ. ޖުމްލަ 10 ސެޝަން ވަނީ ނަގާފައި. ޑޮކްޓަރު ބުނަނީ ފިޒިއޮތެރަޕީ އާއި އިންޖެކްޝަން ފަރުވާދީގެން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތްކަމަށް. އެކަމަކު ފަރުވާއަށް ހޭދަވާނެ މުއްދަތެއް އަދި ނޭނގޭ" އަފްރާހުގެ މަންމަ ކިޔައިދިނެވެ.
ޖުލައިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އަފްރާހު އަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
" އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތުގައި ދަރިފުޅު އޮތީ. މިމަހު 19 ވަނަ ދުވަހާއި ހަމައަށް އާސަންދައިން ލިބޭވަރު އުނިކުރުމަށްފަހު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ބިލަށް އަރާފައި. އަދި އިތުރަށް ބިލަށް އަރާނެ ވަރެއްވެސް ނޭނގޭ".
ދެލައްކަ އެކާވީސް ހާސް ރުފިޔާ ދައްކަންޖެހޭކަމުގެ ބިލު
އިންޓަވިއު ނިންމާލަމުން ސަލްމާ ވަނީ ޚާއްސަ މެސެޖެއްވެސް ދީފައެވެ. "ދަރިފުޅު ހުންނަނީ ޑައިވިންގ ކޯސްވެސް ހަދާފައި. ޑައިވިން އަށް ކިތަންމެ ފަރިތަ މީހަކަސް ގެންދާ އިކުއިޕްމެންޓްގެ ސަބަބުންވެސް ކަމެއް ދިމާވެދާނެ. އެހެންވުމުން ވީހާވެސް ރަނގަޅަށް ފަރުވާތެރިވުމަށް އެދެނީ".
އަފްރާހު އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!
ނޯޓް: މިއީ އާންމުންގެ އެހީތެރިކަމާއެކު 'ޒީޓައިމްސް' އިން ބޭސްފަރުވާއަށް އެހީވެދޭ 68 ވަނަ އާއިލާއެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ. މި ޢާއިލާ އަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ، ކުރިން ހިމަނަައިފައިވާ ފޯންނަންބަރާއި އެކައުންޓުު ނަންބަރު ވާނީ އުނިކޮށްފައެވެ. ޝުކުރިއްޔާ!









