ޔާރާ ޢާއިލާއިން ފިލްމީ ދާއިރާއަށް ނުކުތް މަރްޔަމް އައްޒައަކީ މިހާރު މި ދާއިރާގައި ހުރި އެންމެ މަޝްހޫރު ބަތަލާއޭ ބުނެވިދާނެ އެވެ. އައްޒަ ފާހަގަކުރެވެނީ އެކީގައި މަސައްކަތްކުރާ މީހުންނާއި ރަހުމަތްތެރިންނާއި އަދި އައްޒައަށް ސަޕޯޓުކުރާ ފަރާތްތަކާ ޚާއްސަ ގުޅުމެއް ބާއްވާ ފަންނާނެއްގެ ގޮތުގައެވެ. އަދި ސޯޝަލް މީޑިއާއަށް ބަލާލުމުން މައިންބަފައިންނާއި އައްޒައާއި އޮންނަގުޅުން ވަރަށް ފާހަގަކުރެވެއެވެ.
ލަވައާއި ފިލްމު ކުޅެން ފެށުނުގޮތް
އައްޒަ އެންމެ ފުރަތަމަ ފިލްމަކުން ފެނުނީ އުމުރުން 10ވަރަކަށް އަހަރުގަ އެވެ. ސްކޫލު ނިމުނުގޮތަށް ލަވަ ކުޅެންފެށީ އަމިއްލައަށް ބޭނުންވެގެނެއް ނޫނެވެ. ކުޑައިރު ފިލްމަކުން ފެނިގެންދިޔަގޮތް ކިޔައިދެމުން އައްޒަ ބުނީ ސްކޫލް ބަންދު ދުވަސްވަރު ޝޫޓިންތަކަށް މަންމައާއި އެކު އަބަދުވެސް ދާ ކަމަށާއި، ފިލްމު 'މާޒީ'ގެ ރޯލެއް ކުޅުނީ މަންމަ ބޭނުންވެގެން ކަމަށެވެ. އެއަށްފަހު ގިނަދުވަސްތަކެއްގެ މެދުކެޑުމަށްފަހު އައްޒަ ފެނުނީ ޔާރާގެ ޚާއްސަ ފެނިލުމަކުންނެވެ.
" ލަވަކުޅެން ފެށީ އެހާ ބޭނުންވެގެން ކުރާ ހިތަކުންނެއް ނޫން. ޢާއިލާ އެއްކޮށް މިކަމުގަ އުޅޭތީ މަންމަމެން ބޭނުންވާނެތާ އައްޒަގެ ހިއްސާ ހިމަނަން. އެއްލަވަ ކުޅެފަ ހުއްޓާލަންވިއަސް ކުޅެލާށޭ، އެކަހަލަގޮތަކަށް ވާހަކަދެކެވިގެން ކުޅުނީ. އެލަވަ ކުޅެގެން ވަރަށްގިނަ މީހުންގެ ލޯބި ލިބުނު. އެހިސާބުން ލޯބި އުފެދެންފެށި މިދާއިރާއަށް. އެއިރު ލިބުނު ބައެއް ލަވަތަކާއި ފިލްމުތައް ނުކުޅެ ދޫކޮށްލިން" އައްޒަގެ ފިލްމީ ކެރިއަރު ފެށިގެން އައިގޮތް ކިޔައިދެމުން ބުންޏެވެ.
އައްޒަ ފާހަގަކުރި ގޮތުގައި، ފިލްމީ ދާއިރާއަށް އައްޒަ ތަޢާރަފްކުރުމުގެ ބޭނުމުގައި އެއިރު އައްޒަކުޅުނު ލަވަހިމެނޭ ޔާރާ އަލްބަމް ރިލީޒް ކުރުމުގެ ގޮތުން އޮލިމްޕަހުގައި ބޮޑު ޝޯއެއް ބާއްވަދިނީ އައްޒަގެ ބައްޕައެވެ. ޢާއިލާއިން އައްޒަ ފިލްމީދާއިރާގައި އުޅެން އެހާވެސް ބޭނުންވެއެވެ.
ލަވައަށްފަހު ފެނުނު 'ވަކިވުމުގެ ކުރިން' ޑުރާމާއިން ފުރުސަތު ލިބުނީ އެޑުރާމާގަ އެރޯލު ކުޅޭނެ އެހެން މީހަކު ނެތިގެން ކަމަށް ބުންޏެވެ. " ނަހުލާގެ ޑުރާމާ ސީރީޒް އެއް. ވަރަށްގިނަ މީހުންނަށް ގުޅައިގެން ވަގުތު ދެވެން ނެތިގެން އައްޒައަށް އެރޯލު ކުޅެން ލިބުނީ ކުޑަދައްތަގެ އެހީތެރިކަމާއިއެކު" އެހާހިސާބުން އައްޒަގެ ހުނަރު ނަހުލާ އަށާއި ބެލުންތެރިންނަށް ފާހަގަވިއެވެ. ދެން އައްޒަ އަށް ލިބުނީ ފިލްމީ ދާއިރާގައި އައްޒަގެ ނަން ކުރީ ސަފުގައި ލިޔެވޭވަރުގެ ފުރުސަތެކެވެ.
"ނަހުލާ އަށް ކަމުދިޔަވަރުން 4426ގެ ލީޑުރޯލު ކުޅެން ފުރުސަތު ދިނީ. އައްޒަ ބުނިން އެއްވެސް ޔަޤީންކަމެއް ނެތޭ ރަނގަޅަށް އެރޯލު ކުޅެވޭނެ ކަމަކަށް. ނަހުލާ ބުނީ ހަމައެކަނި އާއެކޭ ބުނަން. އާއެކޭ ބުނީ އެހިސާބުން. އައްޒައަކީ އައްޒަކަން މީހުންނަށް އެގުނީ އެފިލްމުން" ހަމައެކަނި ރޭގަނޑު ޝޫޓު ކޮށްގެން 6 މަހެއްހާ ދުވަހުން ކުޅުނު ފިލްމާއި ގުޅޭގޮތުން އައްޒަ ފާހަގަކުރިއެވެ.
4426 ފިލްމަށްފަހު އައްޒައަށް ތަފާތު ފުރުސަތުތައް ލިބެންފެށިއެވެ. މީގެތެރޭގައި އައްޒައަކީ ތަފާތު 4 ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރެވެ. އަދި މަޝްހޫރު ޓީވީ ޝޯ އަޒޯނާ އެއީ އައްޒަގެ ކާމިޔާބީއަށް އިތުރުވި ބޮޅެކެވެ. އެހުށަހެޅުން އައްޒަ ޤަބޫލުކުރީ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ އިޤްބާލުގެ އާދޭހުގެ މަތިންނެވެ. އަޒޯނާގެ 3ވަނަ ސީޒަން އަށް ތައްޔާރުވަމުން އަންނަ އައްޒަ ބުނީ އެޝޯގެ ކާމިޔާބީގެ ފަހަތުގައި އިޤުބާލުއާ ސެންނުގެ ވަރަށްބޮޑު އެހީތެރިކަމެއް ވާކަމަށެވެ.
ޢާއިލާ އަދި ރަހުމަތްތެރިންނާއި ފޭނުންނާއި އޮންނަ ގުޅުން
ދާދިފަހުން ސޯޝަލް މީޑިއާގައި އައްޒަވަނީ ނިދާ ކޮޓަރިއާއި ގޭގެ ބައެއް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކެއް ހިއްސާކޮށްފައެވެ. އެފޮޓޯތަކަށް ވަރަށް ގިނަމީހުން ކުރި ކޮމެންޓްތަކުގައި އެހާ ގިނަ ފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލު އުފައްދާފައިވެއެވެ. ވަރަށް ތަފްސީލުކޮށް ޖަވާބުދެމުން އައްޒަ ބުނީ " އުޅެނީ އަމިއްލަ ގޭގަ. މިގެއަކީ އެންމެފުރަތަމަ ގޯތި ލިބުނުއިރު ބައްޕައަށް ލިބުނު ގޯއްޗެއް. ބައްޕަ އަމިއްލަ މަސައްކަތުން ހަދާފަހުރި ގެއެއް. މިގެ ކުރިންވެސް ހަދާފަ ހުންނަނީ ވަރަށް ރަނގަޅަށް. ވަރަށްފަހުން މީހުންނަށް އެފެނުނީ މިގޭގެ ރެނޮވޭޝަން އެއް. ލޮކްޑައުންގަ އެހާރީތި ކުރީ. މުއާ އާ ބައްޕަ އާއި އަދި ގޭގަހުންނަ އެހެންކުއްޖަކު ބައިވެރިވެގެން "
މީގެ އިތުރުން ދެކާރެއްގެ ފޮޓޯ ހިއްސާކުރިއިރު، އެ ދެކާރު އައްޒައަށް ހަދިޔާ ކުރީ ބައްޕަ ކަމަށް ވަނީ ބުނެފައެވެ. "އައްޒަގެ އެންމެ ގާތް މީހުންނަށް ނޫނީ ކިޔައިނުދެން. ވަރަށްގިނަ މީހުން ކުރާ ސުވާލެއް އެހާގިނަ ކާރުތަކާއި އެއްޗެހި ހޯދަނީ ކިހިނެއްހޭ. އައްޒައަކީ ވަރަށް ކާރުދެކެ ލޯބިވާ މީހެއް. ބައްޕަ ދިން ހަދިޔާއެއް 2 ކާރުވެސް އެއީ. އައްޒަ ކާރު މޮޔަވެފަ ހުންނަވަރުންނާއި އެކު ބައްޕަވެސް ވަރަށް ލޯބިވާނެ ކާރު ދެކެ. ވަރަށް ކާރު މުހިއްމު އާއިލާއެއް މިއީ. ވިލިގިލީގަ މިހެން އުޅެފަ ބުރުޖަހަން ދާންވެސް ކާރު މުހިއްމު. އެހެންވެ ކާރު ގަންނަނީ" އުފަލުން ހުރެ އައްޒަ ބުންޏެވެ.
މަޝްހޫރު ފިލްމީތަރި އައިމިނަތު ރަޝީދާ (އައިންތު) އާއި ވިޔަފާރިވެރިއެއް ކަމުގައިވާ އަޙްމަދު ޝިޔާމްގެ ހުންނަނީ އައްޒަ އެކަންޏެވެ. އައްޒަގެ އެއްބަޑު ދައްތައެއް (ރިޝްމީ) ހުންނައިރު އައްޒަގެ ބައްޕަގެ އިތުރު 2 ކުއްޖަކު ހުރެއެވެ. މައިންބަފައިންނާއި އެއްގެއެއްގައި މިވަގުތު ދިރިއުޅެނީ ހަމައެކަނި އައްޒައެވެ.
ހުޅުމާލޭގައި އަޅަމުންދާ ފުލެޓުތަކުގެ ތެރެއިން ލަގްޒަރީ 1+3 އެޕާޓްމެންޓެއްވެސް އައްޒަގެ ބައްޕަވަނީ އައްޒައަށް ގަނެދީފައެވެ. އައްޒައާއި މެދު މައިންބަފައިން ދެކޭގޮތް ބަލާލާހިތްވިއެވެ. އައިންތު ބުނީ އައްޒައާއި މެދު ވަރަށް ފަޚުރުވެރިވާކަމަށެވެ. " އައްޒައަކީ ވަރަށް ބަސްއަހާ މަންމަ އާއި ބައްޕަދެކެ ވަރަށް ލޯބިވާ ކުއްޖެއް. މަންމަ ހިތްހަމަނުޖެހޭ ކަންކަމާއި ދުރުވެވޭތޯ އަބަދުވެސް ބަލާނެ. މައިންބަފައިން އުފާވާ ކަންތައް ކުރެވޭތޯ މަސައްކަތްކުރާނެ. އަސްލު ވަރަށް ފަޚުރުވެރިވޭ، މީހުންނަށް ވަރަށް ރަނގަޅު ކުއްޖެއް އައްޒަ އެއީ. ވަރަށް ބޭނުންވާކަހަލަ އުފާވާކަހަލަ ކުއްޖެއް އައްޒަ އަކީ" އައިންތު ފާހަގަކުރިއެވެ.
އައިންތު ފާހަގަކުރިފަދައިން އައްޒަބުނީ ފިލްމީ ދާއިރާގައި އުޅޭއިރު އިސްކަންދެނީ މައިންބަފައިން ދޭ ނަސޭހަތާއި އެއްގޮތަށް ގަޑިނުޖެހި މީހުންގެ އިތުބާރު އޮންނަ މީހެއްގެ ގޮތުގައި ދެމިހުންނާށެވެ.
އައްޒައާއި ރިޝްމީއާއި އޮންނަ ގުޅުން ފަހަކަށް އައިސް ހީނަރުވެފައިވާ ވާހަކައަކީ ވަރަށްގިނައިން އިވޭ ވާހަކައެކެވެ. ހަފްތާއެއްހާ ދުވަސްކުރިން ރިޝްމީ އަދި ޢާއިލާ އެކީގައި ނަގާފައިވާ ފޮޓޯއެއް އައްޒަވަނީ ހިއްސާކޮށްފައެވެ. " އައްޒަ އުޅެނީ ވިލިގިލީގަ. ރިޝްމީ އުޅެނީ ހުޅުމާލޭގަ. ދެމީހުންވެސް އަމިއްލަ ލައިފެއް ފަށައިގެން އުޅޭތީއާއި ކުރާ މަސައްކަތުގެ ގޮތުން ވަރަށް ބިޒީ. އެހެންވެ ކުރިން ލާވަރަށް ފޮޓޯ ނުލެވޭތީ މީހުންނަށް އެގޮތަށް ހީވަނީ. މީހުން ޖަޖުކުރާވަރުން އެފޮޓޯ ސޯޝަލްމީޑިއާގަ ހިއްސާކުރީ. މީހުން ދެކޭގޮތް ބަދަލުވާނެ ކަމަށް.
އައްޒައަކީ ސޯޝަލް މީޑިއާގައި ވަރަށް ތަފްސީލްކޮށް ހުރިހާ މަޢުލޫމާތެއް ހިއްސާކުރާ މީހަކަށްވާއިރު އައްޒައަށް ސަޕޯޓްކުރާ މީހުން ފޮނުވާ މެސެޖުތަކަށް ޖަވާބު ދިނުމަށް އިސްކަންދޭ ކަމަށް ބުނެފައިވެއެވެ. "އައްޒައާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު މީހުންނަށް ފޯރުކޮށްދެން" އިންސްޓަގްރާމް އެކައުންޓްގައި 93000 ފޮލޯވަރުން ތިބި އައްޒަ ބުންޏެވެ.
މީގެއިތުރުން ބެސްޓް ފްރެންޑް ލިއު އާއެކީގަ ރާއްޖެއާއި ރާއްޖެއިން ބޭރުގަ ނަގާފަހުރި ރީތި ފޮޓޯތަކެއް ވަނީ އައްޒަގެ އެކައުންޓްތަކުން ފެނިފައެވެ. ލިއު ދެކޭގޮތުގައި އައްޒައަކީ އެހާ ބުރަކޮށް މަސައްކަތް ކުރިކަމުގައިވިއަސް ގާތްމީހުންނާއި އެކީ ވަގުތު ހޭދަކުރަން ބޭނުންވާ މީހެކެވެ. "ކޮންމެ ކަމެއް ދިމާވިއަސް އެންމެ ކައިރީގަ ހުންނާނެ. ލިއު އަށް އެކަންޏެއް ނޫން ލިއުގެ ޢާއިލާ އަށް ވެސް އެހާ އަޅާލާނެ، އަމިއްލަ ޢާއިލާގެ ގޮތުގަ ދެކިގެން. އެއީ މީހުންނަށް ވަރަށް ރަނގަޅު މީހެއް. ބެސްޓް ފްރެންޑެއްގެ ގޮތުގައި 100 ދޭނަން"
8 އަހަރުގެ ފިރިހެން ދަރިފުޅު މުޙައްމަދު އީތަން ޖުމައިހް އަކީ ފިލްމީތަރީ އިސްމާޢީލް ޖުމައިހް(ޖުމާ) އާއި ކައިވެނިކޮށްގެން އައްޒައަށް ލިބުނު ކުއްޖެކެވެ. ކައިވެނި ރޫޅުނުތާ ގިނަދުވަސްތަކަކަށްފަހު އައްޒައާއި ފިލްމީތަރި ޢަބްދުﷲ މުޢާޒުގެ ކައިވެނި ކުރެވުނީ 2020 ވަނަ އަހަރު ފެބުރުއަރީ މަހުގައެވެ. އައްޒަ ފާހަގަކުރިގޮތުގައި މުޢާ އަކީ ވަރަށް އެހީތެރިވެދޭ ފިރިއެކެވެ. "އިތުރަށް މިދާއިރާގައި ކުރިއަށް ދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބޭ. ހީކުރި ވަރަށްވުރެ ލޯބި ފިރިއެއް މުއާއެއީ. ދެމަފިރިން އެކީގަ ފިލްމީ ދާއިރާގެ މަސައްކަތެއް ކުރުމަށް ރާވަމުން މިދަނީ"
ކުޅެނިމި ބެލުންތެރިންނާއި ހަމައަށް ނައިއްސަހުރި އައްޒަގެ ފިލްމުތަކުގެ ތެރޭގައި ލޯބިވެވިއްޖެގެ އިތުރުން ކޮސްގިނަ މިސްޓޭކް ހިމެނެއެވެ. އިންޓަވިއު ނިންމާލަމުން އައްޒަވަނީ ސަޕޯޓަރުންގެ އިތުރުން ހެޔޮއެދޭ ހުރިހާފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.