އއ. އުކުޅަހަށް އުފަން ސުނީތާ އަލީ (ސުނީ) އަކީ، ބަލިވެގެން ފަރުވާ ހޯދުމަށް އުމުރުން 15 އަހަރުގައި މާލެއައި ގޮތަށް މާލޭގައި ދިރިއުޅެން ފެށި މީހެކެވެ. ކުޑައިރު ރަށު ސްކޫލުގައި އުޅުމަށްފަހު ދެން އިތުރު ސްކޫލަކަށް ނުދެވެއެވެ. ކިޔެވުމަށް ވުރެ ބޮޑަށް މާލެއައިސް އުޅެވުނީ ގޭތެރޭގެ ކަންކަމުގައި ކަމަށް ސުނީ ބުންޏެވެ. "މާލެ އައިސް ދައްތައެއް ގޭގައި ހުރީ. ފަތިހު ފަތިހާ ތެދުވެ، ގޭތެރެ ކުނިކަހާ، ސައި ހަދާ، އެހެން ކުދިން ސްކޫލަށް ގެންގޮސް އެކަހަލަ ކަންކަމުގައި އުޅެވުނީ."
ސުނީތާ ނަށަން ފެށީ އަމީނިއްޔާ ސްކޫލުގެ ގޯލްޑަން ޖުބްލީ ފާހަގަ ކުރުމަށް ޝޯތައް ބާއްވަމުން އައި ދުވަސްވަރެއްގައެވެ. އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 1995ވަނަ އަހަރު މާލޭގައި ބޭއްވި ގެލެކްސީ ޝޯ އަކުންނެވެ. "މިދާއިރާއަށް ވަދެވުނީ 16 އަހަރުގަ. ނަށަން ފެށީ ރުފިޔާ ހޯދަން. އޭރު ރީތި ހެދުމާއި އެއްޗެހި ފެނިގެން ގަންނަހިތްވޭ. އެކަމަކު ރުފިޔާއެއް ނުހުރޭ. ގެލެކްސީ ޝޯއަށް އެރުނު ގޮތަކީ އޭރު ވަލީދާމެން ނަށަނީ. އެމީހުން ނެތީމަކަންނޭންގެ އޭރު ނަށާ އަފްރާހް މަޖަލަކަށް ކަންނޭނގެ ބުނީ ޝޯ އަށް އަރަންވީނުންހޭ. ދެން އެޝޯ އަށް އެރީ" އޭރުން ފެށިގެން މެދުކެނޑުމެއްނެތި މި ދާއިރާގައި ދެމިހުރި ސުނީ ކިޔައިދިނެވެ.
އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ، ދިވެހިރާއްޖޭގެ އަޑުން ބާއްވާ 'ހަފްތާ ނިންމުން' ޝޯ އަށް އަރަން ފުރުސަތު ލިބުނެވެ. ކޮންމެ ހަފްތާ ބަންދެއްގައި ދެ ރެއަކު އެޝޯއަށް އަރަން ޖެހެއެވެ. 5 އަހަރު ވަންދެން ހުއްޓާނުލާ އެ ޝޯ ކުރިއަށް ގެންދިޔައިރު ކޮންމެ ޝޯ އަކަށްވެސް އާ ލަވައެއް ހަދަން ސުނީއަށް ފުރުސަތު ލިބުނެވެ. އޭރު ނެށުމުގެ ބަނޑިތައް ލައްވަން ދަސްކުރަމުން ދިޔައީ ޓީވީ ބަލައިގެންނެވެ.
25 އަހަރަށް ވުރެ ގިނަދުވަސް ވެގެންދިޔައިރުވެސް ފަނޑުކަމެއް ނައިސް މިދާއިރާގައި ދެމި ހުރުމުގެ ސިއްރަކީ ސުނީ ޤަބޫލުކުރާ ގޮތުގައި އޭނާގެ ކެތްތެރިކަމާއި އަޚްލާގެވެ. "ފެށި ގޮތަށް އެންމެ އަހަރެއްވެސް ނުދާނެ ނުނަށާ. ގިނަ ދުވަހު މި ހުރެވެނީ ވަރަށް ކެތްތެރިވެގެން ވަރަށް ގިނަ ކަންތައްތަކާއި އަޅާނުލާ ދޫކޮށްލައިގެން. އަމިއްލަ މީހާއަކީ މާ މޮޅުމީހެއް ކަމަށް ނުދެކި އާންމު މީހެކޭ ހީކޮށްގެން އުޅުން. އަހަންނަކީ ކުރަންޖެހޭ ކަންކަން ބަރާބަރަށް ކޮށްގެން، މީހަކާ އިނދެގެން ކުދިން ނެތަކަސް ޢާއިލާ އާއި އެކީގައި ރަނގަޅު ދިރިއުޅުމެއްގައި އުޅޭމީހެއް. މުސްލިމަކަށް ވީތީ ކުރަންޖެހޭ ކަންކަން ބަރާބަރަށް ކޮށްފަ. ދެން މީހުންގެ ލޯތްބާއި އެކީގައި މިހިސާބަށް މިއާދެވުނީ" ޢާއިލާގެ އިސް މެންބަރެއްގެ ހައިސިއްޔަތުން ކޮއްކޮމެންނާއި މައިންބަފައިން ކޮންމެ ކަމަކަށް އެދުނަސް އެކަމެއް ކޮށްދިނުމުގައި ފަސްނުޖެހޭކަމަށް ސުނީ ބުންޏެވެ.
ޒިންމާ ނަގާ މުރާލި އަންހެނެއް
ސުނީ އަކީ އޭނާގެ މައިންބަފައިންގެ 12 ކުދިން ހިމެނޭ ބޮޑު ޢާއިލާގައި ހުރި އެންމެ ދޮށީ ދަރިފުޅެވެ. ދިރިއުޅުން ބިނާ ކުރެވިފައި އޮތީ މާލޭގައި ކަމުގައިވިއަސް އުފަން ރަށަށް މައިންބަފައިންނާއި ޢާއިލާގެ އެހެން މީހުންނަށް ޒިޔާރަތް ކުރެއެވެ. ވަޒީފާގެ ގޮތުން ކިތަންމެ ގިނަ ޝޯތަކަށް ދާންޖެހި ކިތަންމެ އަވަދިނެތި އުޅެން ޖެހުނަސް ޢާއިލާއަށް ވަގުތު ދެއެވެ. މަންމަ އާއި ކޮއްކޮމެންނަށް ހިދުމަތް ކުރުމަށް އަބަދުވެސް އިސްކަންދެއެވެ. މަންމަ އާއި ކޮއްކޮންމެންގެ ކޮންމެ އުފަލެއް ނުވަތަ ހިތާމައަކާއި ކާމިޔާބީއެއްގައިވެސް ބައިވެރިވެވޭތޯ ބަލައެވެ. ސޯޝަލް މީޑިއާގެ ސުނީގެ އެކައުންޓްތަކަށް ބަލާލުމުން މިކަން ފާހަގަވެއެވެ.
"މީހުން ޖޯކްވެސް ޖަހާ" މަލާމާތާއި ފުރައްސާރަ އަކީ ސުނީއަށް ހިތްވަރެއް
ސުނީތާ ސުނީތާއަކަށް ހަދައިދީ އަދި މިހާ ހިސާބަށް ގެނެސްދިން ބަޔަކީ ލޯބިވާ ޢާއިލާއާއި ސުނީގެ ހުށަހެޅުންތެރިކަމަށް ލޯބިކުރާ ސަޕޯޓަރުންނާއި އެކުގައި މަސައްކަތް ކުރި ބައެއް ފަންނާނުން އަދި އެކި ފުރުސަތުތައް ފަހިކޮށްދީ އެކި އެކި ގޮތްގޮތުން ހިތްވަރުދޭ އޭނާގެ ސަޕޯޓަރުންނެވެ.
ޤައުމީ ފެންވަރުގައި ސުނީތާގެ އަގު ވަޒަން ނުކުރިނަމަވެސް އޭނާ ޤަބޫލުކުރާ ގޮތުގައި މިދާއިރާގައި ހިތްވަރު އެލުވާނުލާ ހިތްބަރު ކަމެއް، ފޫހިކަމެއް ނެތި މިހާ ހިސާބަށް އާދެވުނީ އޭނާ އަމިއްލަ ނަފްސަށް އެ އޮންނަ "ކޮންފިޑެންސް އަދި ގަޓްސް އާއި ޑިސިޕްލިން" ގެ ސަބަބުންނެވެ.
"މި ކަމަކީ ރާއްޖޭގައި އެހާ ބަލައިގަންނަ ކަމެއް ނޫން. (ފިލްމީ ދާއިރާ އަކީ ނުވަތަ އެންޓަޓެއިންމެންޓް އިންޑަސްޓްރީ) އެކަމަކު ބޭރު ޤައުމުތަކުގައި ފިލްމްސްޓާރެކޭ ބުނެފިއްޔާ ވަރަށް ރެސްޕެކްޓް ލިބޭނެ. މިތާނގަ ގިނަފަހަރަށް ޖޯކު ޖަހަނީ. މިހާ ދުވަސްވީއިރު އެވޯޑެއް އެއްޗެއް ރާއްޖެއިން ދީފަނެތަސް އަސްލު އިންޑިއާ އަދި ޔޫއެސްގައިވެސް ވަރަށް ގިނަ މީހުންގެ ސަޕޯޓާއި ލޯބި ލިބޭ" ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ފަންނާނު އަދި އިންޑިއާގެ ކުރީގެ ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާގެ 'ޓޮޕް ފޭން' ސުނީ ބުންޏެވެ.
ޕްރިޔަންކާގެ ފޭން ޕޭޖުތައް ޝޯޝަލް މީޑީއާގައި ހިންގާ އިސް މީހުންގެ ތެރޭގައި ހިމެނޭ ސުނީއަށް ޕްރިޔަންކާ ވަނީ އެކި ފަހަރު މަތިން ތަޢުރީފުކޮށްފައެވެ. ޕްރިޔަންކާއަށް މާ ޚާއްސަ ލޯތްބެއް އޮންނަ ސުނީ އަކީ ޕްރިޔަންކާގެ ނެށުމާއި ހެއާސްޓައިލާއި މޭކަޕް އަދި ކޮސްޓިއުމްތަކާއި އެއްގޮތްކޮށް އެ ވައްޓަފާޅި ގެންގުޅެމުން އަންނަ މީހެކެވެ. މިފަދަ ކަންކަމާއި ހެދި ވަރަށް ގިނަ މީހުން ފާޑުކިޔައެވެ. މީހުންގެ ފުރައްސާރަ އާއި މަލާމާތް އެންމެ ގިނައިން މި ރާއްޖެއިން ލިބޭ ފަންނާނަކަށް އޭނާ ވާނެއެވެ. އެހެންނަމަވެސް ފަރުވާލެއް ނެތެވެ. ފަހަތަކަށްވެސް ނުޖެހެއެވެ. އެއްދުވަހުން އަނެއް ދުވަހަށް އޭނާ ކުރިއަރައިގެން ގޮސް ސަރަހައްދީ ފެންވަރުގެ ސެލެބްރިޓީއަކަށް ނުވަތަ 'ސްނިޔާންކާ' އަކަށް އޭނާވީ މިސަބަބާއި ހެދި ކަމަށް ވެދާނެއެވެ.
ފިލްމީ ދާއިރާގައި އުޅޭއިރު އަދި ހާއްސަކޮށް ރިސޯޓްތަކާއި ޤައުމުން ބޭރުގައި އަދި ރާއްޖޭގައި ޝޯތައް ހުށަހަޅާއިރު އިޙްތިރާމާއި އެކު މީހުންނާއި މުއާމަލާތް ކުރުމާއި، ހެދުން އެޅުމާއި އަޚްލާގަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށް ސުނީ ދެކެވެ. "އެ މިންގަނޑުތަކަށް ހަމަ ވަރަށް ބޮޑަށް ބެލިން. ޝޯތަކުގައި އުޅޭ އިރުވެސް. ޒުވާން އުމުރުގައި ކުރު އެއްޗެހިލީން. އެކަމަކު މިހާރު ހަމަ ވަރަށް ނުލަން ކުރުއެއްޗެހި. އަދި ހަމަ ކުރު އެއްޗެހި ނުލުމެއް ނޫން. މިސާލަކަށް ގޭގެއަށް ރަށްރަށަށް ގޮސް އުޅޭއިރު މީހުންނާ ވާހަކަ ދައްކާ ގޮތް. ގޭގެއަށްގޮސް މީ ހާދަ ކުޑަ ކުޑަތަންކޮޅެކޭ ނުނެށޭނެއޭ، މިކަހަލަ އެއްވެސް ކަމެއް މައްސަލައެއްގެ ގޮތަކަށް ނުނަގަން. ވަރަށް ރީއްޗަށް އެމީހުން ހިތްހަމަޖެހޭ ގޮތަށް ނެށުން ކުރިއަށް ގެންގޮއްސަ އަންނަނީ. ހަމަ އެގޮތަށް ރަށްރަށަށްގޮއްސަވެސް އާ މިއޭ ކެވޭނީ، މިކަހަލަތަނެއްގައޭ ނިދޭނީ މިކަހަލަ އެއްޗެއް ނުބުނަން" ސުނީ ބުންޏެވެ.
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ދުވަސްވީ ސިންގަލް ޕާފޯމާ
ސިންގަލް ޕާފޯމާއެއްގެ ގޮތުގައި ނުވަތަ އެކަނި ޝޯތައް ދިނުމަކީ ވަރަށް ހިތްވަރުގަދަ އަދި ރޭވުންތެރިކަމާއެކު ނޫނީ ވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮންމެކަމެއްވެސް ކުރާހިތުން ކެރިގެން ކުރާނަމަ ހުއްޓާނުލާ ކުރިއަށްދިއުމަކީ އުނދަގޫކަމެއް ނޫންކަން ސުނީ މިވަނީ ސާބިތު ކޮށްދީފައެވެ. ހިތާނީ ޝޯތަކާއި ޢީދު ޝޯތައް އަދި އެކި ކަހަލަ ހަފްލާތަކުގެ ސްޓޭޖްތަކުން ސުނީއަށް އޮންނަ ވަރުގެ ޑިމާންޑެއް އެހެން އާޓިސްޓަކަށް އަދި ނެތޭ ބުނެވިދާނެއެވެ. ސަބަބަކީ އޭނާއަކީ ކޮންމެ ހާލަތަކަށްވެސް ރުހިގެން ވަކި އުސޫލުތަކެއް ހަމަތަކެއް ހިފަހައްޓައިގެން މިކަން ކުރާ ފަންނާނަކަށްވާތީ ކަމަށް ވެދާނެއެވެ. ސުނީތާ ބުނީ ކޮންމެ ކަމެއް ކުރާ މީހެއް ނަމަވެސް ޑިސިޕްލިން ރަނގަޅަށް ގެންގުޅެފިއްޔާ ބަލައިގަންނާނެ ކަމަށެވެ.
"މިސާލަކަށް ރިސޯޓަކަށް ނަށަން ދިޔަޔަސް ނުޖެހޭނެ ރާ ބޯކަށް. ނެށިއެކޭ ކިޔާފަ ގޯސްކޮށް އުޅޭކަށް ނުޖެހޭނެ. ރާއްޖޭން ބޭރަށް ދިޔަސް ނުޖެހޭނެ ކްލަބްތަކަށްދާކަށް. ރިސޯޓްތަކަށްވެސް، ރާއްޖޭން ބޭރަށް ގޮސް އުޅޭ އިރުވެސް ނުފެންނާނެ އެކަހަލަ އެއްވެސް ކަމެއް. އެކަހަލަ އެއްވެސް އަޑެއް ނާރާ މި ހުރީ ހަމަ އަޙްލާޤް ބެހެއްޓި ގޮތުން. މިސާލަކަށް ރަށަކަށް ދިޔައަސް ރޭގަނޑު ނުނިދާ ސައިކަލް ދުއްވަން ދިއުން" މިފަދަ އެއްވެސް ކަމެއް ސުނީތާގެ ފުށުން ނުފެންނާނެ ކަމަށް އޭނާ ފަހުރުވެރިކަމާއެކު ފާހަގަކުރިއެވެ.
އަރަމުން އަންނަ ނެށުންތެރިންނަށް ދޭނެ ނަސޭހަތެއް އެބައޮތްތޯ އަހާލުމުން ސުނީ ބުނީ އޭނާއަށް މިހާ ހިސާބަށް އާދެވުނީ މާ މޮޅުވެގެން މާ ރީތިވެގެން ނޫން ކަމަށެވެ. "ވަރަށް ޒުވާން ކުދިން އެބަތިބި ވަރަށް މޮޅު. އެކަމަކު އެއް ފަހަރު ލަވައެއް ކުޅެލާފަ ވަރަށްރީތި ވަރަށްމޮޅު ކުއްޖެއްނަމަވެސް ގެއްލެނީ. އަނެއް ކަމަކީ ނިކުންނަތަނުން ޕަބްލިކުން އެބަ އާދޭ ވަރަށް މަލާމާތްތަކާ ފާޑުފާޑު އެއްޗެހި ކިޔާނެ. އެކަންކަމަށް ކެތް ނުކުރެވޭ. އެކަންކަމަށް ކެތްކޮށްގެން އަމިއްލަ ގަޓްސްއެއް އެބަ ޖެހޭ ގެންގުޅެން. އެ ގަޓްސް ގެނެވޭނީ އަމިއްލަ މީހާ ސްޓްރޯންގް ވާނީ ޑިސިޕްލިންއެއް ބެހެއްޓީމަ" ސުނީ ބުންޏެވެ.
ކޮވިޑަށްފަހު އާމްދަނީ ހޯދާނެ ތަފާތު މަގެއް ހޯދައިފި
"ކޮކްނަޓް އޮއިލް އަކީ މަންމައަށް ހަމަ ސީދާ ފައްޓަދިން ބިޒްނަސްއެއް. އެއްފަހަރު ރަށަށް ދިޔައިރު ފެނުނީ މަންމަ އަމިއްލައަށް ހުރިހާ ކަމެއް ކޮށްގެން ވަރަށް ބުރަކޮށް މަސައްކަތްކުރާތަން. ކުޑަ ކުޑަ އަގަކަށް ވިއްކަން ހުންނަތަން ފެނިފަ ހިތައްއެރީ މަ މިކަމުގެތެރެއަށް ވަދެއްޖެއްޔާ މަންމައަށް ރަނގަޅު އާމްދަނީއެއް ލިބޭނެއޭ. މަންމަ ލައްވާ ކާށި ތެޔޮ ކައްކައިގެން ގެންނަނީ. 'ސްނީ ސްޕެޝަލް ކޮކްނަޓް އޮއިލް' ގޮތަށް ބްރޭންޑްކޮށްފަ. އަގު ހެޔޮކޮށް ވިއްކަނީ"
"ކާށި ތެޔޮ ބާޒާރުގައި ވިއްކަން ހުރޭ ބައިވަރު ބްރޭންޑްތައް. މާ ބައިވަރު ހަދައިފިއްޔާ ކޮލިޓީއަށް ބަދަލެއް އައިސްދާނެ" ތެޔޮ އުފެއްދުމުގައި ކޮލިޓީއަށް އިސްކަންދޭކަން ހާމަކުރަމުން ސުނީ ބުންޏެވެ.
"ކުޑަކުދިންނަށް ހާއްސަ ތެޔޮ ފުޅިއެއް މިހާރު މި ހަދަނީ. ވިސްނުން އެބަހުރި މިކަން ކުރެވެން ހުރި އެންމެ ފުޅާކޮށް ކުރަން. ނެށުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫން. ކުޑައިރުވެސް ބިޒްނަސް ކުރުމަކީ ވަރަށް ކުރާހިތްވާ ކަމެއް." ސުނީ ބުންޏެވެ.
މިހާރު ސުނީ ވަނީ އާ މަސައްކަތެއް ފަށާފައެވެ. "ލޮކްޑައުންގެ ތެރޭގައި އާމްދަނީ ހޯދަން ލޮނުމިރުސް ހަދައިގެން ވިއްކަން ފެށީ. ދެން އިތުރު ކަމެއްގެތެރޭގައި ބިޒީވީމަ ބޭކާރު ހިޔާލުތަކާއިވެސް ދުރުވެވޭނެތީ. މިހާރު އެނގޭ ނަށަން ނުދެވުނަސް ގޭގަ ހުރެގެން އާމްދަނީއެއް ހޯދިދާނެކަން. ލޮނުމިރުހުގެ އިތުރުން މަންމަ ހަދާ ދިވެހި ހަވާދުވެސް ވިއްކިން. މިހާރު ބްރެކްފާސްޓް ކަހަލަ ކާއެއްޗެހިވެސް އެބަ ހަދަން." ސުނީ ބުންޏެވެ.