November 24, 2024 11:35
Advertisement

-Advertisement-

މުޙައްމަދު އަޚްތަރު

ފަންނީ ހުނަރުތަކާއެކު ރަށަށް ޚިދުމަތްކުރުމުގައި އަޚްތަރު!

''ފަޅުރަށެއްގައި، ކިތަންމެ ރީތިގަހެއް ހެދިފައި ހުއްޓަސް އެކަން ދަންނާނެ މީހެއް ނުވާނެއެވެ.''

މިވާހަކަ ފެށުނީ މިހެންނެވެ. ހަޤީޤަތުގައިވެސް މިއީ ވަރަށްބޮޑު ތެދެކެވެ. ކިތަންމެ މޮޅު ހުނަރުވެރިއަކު ރާއްޖޭގެ ރަށެއްގައި ހުއްޓަސް އެކަން ދަންނަ، އެވާހަކަ ދައްކާ، އެކަން ބަލައިގަންނަ މީހަކު ވަރަށް މަދުވާނެއެވެ.

ދައްކަން މިއުޅެނީ މުޅި ހުވަދު އަތޮޅަށް މަޝްހޫރު މީހެއްގެ ވާހަކައެވެ. ނޫސްވެރިކަމުގެ ދާއިރާއިން މިހާރު ގިނަބަޔަކަށް އޭނާ އެނގުނަސް އެއީ މޮޅު ލަވަކިޔުންތެރިއެކެވެ. މިއުޒީޝަންއެކެވެ. ކުޅަދާނަ ފޮޓޯ ގްރާފަރެކެވެ. އެކްޓަރެކެވެ.

Advertisement

އެއީ ގދ.ތިނަދޫއަށް އުފަން މުޙައްމަދު އަޚްތަރުއެވެ. މިހުރިހާ ހުނަރެއް ހުރެމެ، އެ ހުނަރުތައް އިތުރަށް ތަރައްޤީކުރަން މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށްވެސް ދިރިއުޅުން ބަދަލުކުރުމަކީ އޭނާ އެންމެ ބޭނުން ނުވާކަމެވެ. މައިންބަފައިންނަށް، ޢާއިލާއަށް، އަދި ރަށަށް ހުރިލޯތްބަކުން ރަށުގައި ހުރެގެން، އޭނާއަށް ލިބިފައިވާ ހުނަރުތައް އެހެން މީހުންނަށް ދަސްކޮށްދީ އެ ހުނަރުތައް ކުރިއަރުވަން އެކުރާ މަސައްކަތަކީ އެފަދަ ހުނަރުތައް ލިބިފައިވާ ދެވަނަ މީހަކު ކުރާނެ ނަމައޭ ހިތަށް އަރާފަދަ މަސައްކަތްތަކެވެ.

މިއުޒިކީ ހަޔާތް 

އަޚްތަރުގެ އެންމެ ދުރު ހަނދާނަކީ އޭނާގެ ބައްޕަވެސް ހިމެނޭހެން އެރަށުގައި ބޭއްވި މިއުޒިކް ޝޯއެކެވެ. އުމުރުން އެންމެ 8 އަހަރުގައި އެ ޝޯ ބަލާލަން ދިޔަ އަޚްތަރު ގަބޫލުކުރާ ގޮތުގައި އެއީ އެއިރާ ބަލާއިރު ވަރަށް ފުރިހަމައަށް ބޭއްވި ޝޯއެކެވެ.

''ކައްކަން ގެންގުޅޭ ތެއްޔެއް ޑްރަމްސެޓަކަށް ބޭނުންކުރީ. ދެން ޓައްޕަކާއި ސައިފަތް އަޅާ ފޮއްޓަކާ، އެކަހަލަ ތަކެތި އޭރު ބޭނުންކުރީ. އެއީ އެންމެދުރު ހަނދާނަކީވެސް. އޭރާބަލާފައި ވަރަށް ރަނގަޅު ޝޯއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ''

މަދަހަ މުބާރާތެއްގެ އިނާމު ދެނީ. އަޚްތަރުދަނީ ހިލޭ ސާބަހަށް ސްކޫލުތަކުގެ ދަރިވަރުންނަށް މަދަހަ ދަސްކޮށްދެމުން

މިއުޒިކީ ސާމާނު ރާއްޖޭގައި އެހާ އާންމުނޫން އެ ޒަމާނުގައި އެރަށުގައި ބޭއްވި ޝޯއާއި ގުޅޭ ގޮތުން ކުޅަދާނަ ލަވަކިޔުންތެރިޔާ ބުނީ މިހެންނެވެ.

ސްކޫލު ދައުރުގައި ލަވައާއި މިއުޒިކްގެ ދާއިރާއަށް ނުކުތް އަޚްތަރު އެންމެ ފުރަތަމަ މިއުޒިކް ސާމާނާއިއެކު ޝޯއެއް ހުށަހަޅައިދީފައިވަނީ ގްރޭޑް 8ގައި ކިޔަވަމުން ދިޔައިރުއެވެ. ރަށުގެ ޒުވާނުންގެ ކްލަބްގެ އެހީތެރިކަމާއިއެކު ސްކޫލުގައި ބޭންޑެއް ހަދައި، 4،5 ލަވައެއް ލައިވްކޮށް މި ޝޯގައި ހުށަހަޅައިދިންއިރު ޑްރަމްއާއި ގިޓާއަށްވެސް އޭނާ ދިޔައީ ފަރިތަވަމުންނެވެ.

މިއުޒިކްގެ ފެށުން ކިޔައިދެމުން އަޚްތަރު ވަނީ ކީބޯޑު ދަސްކުރުމަށްޓަކައި އޭނާ ނެގި ފިޔަވަޅު ޒީޓައިމްސް އާއި ހިއްސާކޮށްފައެވެ. އެ ފިޔަވަޅަކީ  ޢާއިލާއަށް ފަހަރެއްގައި ނޭނގޭ ސިއްރަކަށް ވެދާނެއެވެ.

"ހެނދުނު އޮންނާނެ ފެރީއެއް. އެ ފެރީން ގދ.ހޯޑެއްދޫއަށް ދަނީ. ސްކޫލު ނިމޭގޮތަށް. މަންމަމެންނަށް ސިއްރުން. އެރަށުގައި ހުންނާނެ ވަރަށް ގާތް ރައްޓެއްސެއް. އަބްދުﷲ ސައީދު. އޭނަ ގެންގުޅޭނެ ކީބޯޑެއް. އެއިން ދަސްކުރީ ފުރަތަމަ. އެފަހުން ދެން އަމިއްލައަށް އިތުރަށް ދަސްކުރަމުން ދިޔައީ."

ސްކޫލުދައުރު ނިމުނުއިރު މިއުޒިކްގެތެރެއަށް ވަދެވިފައިވާ އަޚްތަރަށް ރަށުގެ ބޭންޑެއްގައި މަސައްކަތް ކުރަން ލިބުނު ފުރުސަތާއިއެކު ލަވަކިޔަންވެސް ފެށިއެވެ. އެއާއިއެކު ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުން ހިފައި ޝޯތައް ހުށަހަޅަމުންދިޔަ ކުޅަދާނަ މިއުޒީޝަން ބުނީ 1992 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ގިގުނި ޝޯއަކީ، އެރަށަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެ އަދި އޭނާގެވެސް ލަވަކިޔުމުގެ ކެރިއަރުގެ ފެށުންކަމަށެވެ. އެހާހިސާބުން މަޑުމަޑުން ލީޑް ވޯކަލިސްޓެއްގެ ގޮތުގައި އެކި ޝޯތަކުގައި ލަވަކިޔަމުން ދިޔަ މި ލަވަކިޔުންތެރިޔާވަނީ، ޖުމްހޫރީ ތިރީހުގައި ބޭއްވި އެކި ޝޯތަކުގައި ކަރޯކޭ ސްޓައިލްގެ ލަވަތައް، 30 އަށްވުރެ ގިނަ ޝޯގައި ހުށަހަޅައިދީފައެވެ.

ހުވަދު އަތޮޅުގައި ދިން މި ޝޯތަކުން އެތައް ބައެއްގެ މަޤްބޫލުކަން ހޯދި އަޚްތަރަކީ އޭނާގެ އެ ހުނަރު އެރަށުގެ އެހެން ކުދިންނަށް ދަސްކޮށްދިނުމުގައި ހިލޭ ސާބަހަށް އެމަސައްކަތްކޮށްދިން މީހެކެވެ. އޭނާ ލަވައާއި، މަދަހަ ދަސްކޮށްދިން ކޮންމެ ބެޗަކުންވެސް ޝަރަފްވެރިވަނަތައް ހޯދާފައިވާއިރު އޭނާ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަނީ އެރަށަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ، ޒަލީފެވެ. އަޚްތަރުގެ އެހީތެރިކަމާއިއެކު ލަވަމުބާރާތަށް ތައްޔާރުކޮށް އެއްވަނަ ހޯދައިގެން އައި އައުން އެއީ އޭނާ އެންމެ އުފާވާ އެއްކަމެވެ.  އަޚްތަރު އެބެޗަކަށް ލަވަ، ނުވަތަ މަދަހަ ދަސްކޮށްދިން ކޮންމެ ބެޗެއްމެ މިހާތަނަށްވަނީ އެއްވަނަ ހާސިލްކޮށްފައެވެ.

ލަވަކިޔުމުގެ މި ހުނަރާއިއެކު ރަށުބަހަށް ޚާއްސަ ލަވަ އަލްބަމް ރާސްޓަސްގެ ތިން އަލްބަމެއް ނެރެފައިވެއެވެ. އެ އަލްބަމްތައް އޭރު އެރަށުގައި ހިންގަމުންދިޔަ ދިވެހި ރާއްޖެގެ އަޑުގެ ތިނަދޫ މީޑިއާ ސެންޓަރަށް ހަދިޔާކޮށްފައިވާއިރު މިހާރުވެސް އެ ލަވަތައް ދޭތެރެއަކުން ދިވެހި ރާއްޖޭގެ އަޑުން އިވޭކަން އޭނާ ފާހަގަކުރިއެވެ.

އޭގެ ފަހުން ކޮމްބޯ ބޭންޑްގެ ނަމުގައި ބޭންޑެއް އުފައްދައި ފަތެވަރެގެ ނަމުގައި ލަވަ އަލްބަމެއް ނެރުނެވެ. މުޅި ރަށަށް ވަރަށް މަޝްހޫރުވެގެންދިޔަ މި އަލްބަމަށްފަހު މިއުޒިކާއި ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލިއެވެ.

ނޫސްވެރިކަމަށް ނުކުތުން

2003ވަނަ އަހަރު މިއަދު ނޫހަށް ލިޔުނު ރިޕޯޓަކަށް މައުލޫމާތު ނަގަނީ. އަޚްތަރަކީ ހުވަދުއަތޮޅަށް މަޝްހޫރު ނޫސްވެރިއެއް

ސްކޫލުދައުރު ނިމުމާއިއެކު ވަޒީފާއަކަށް ދާންފެށިއެވެ. ހަމަ އެދުވަސްވަރު ތިނަދޫ ހެލްތް ސެންޓަރުގެ މެނޭޖަރު، މިއަދު ނޫހަށް ލިޔަން އަޚްތަރުއަށް ދެއްވި ފުރުސަތުގެ ބޭނުންކުރުން ވެގެން ދިޔައީ ނޫސްވެރިކަމަށް ނުކުމެވުނު ސަބަބަށެވެ. 6އަހަރު ދުވަސް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މިއަދު ނޫހުގައި މަސައްކަތް ކުރިއިރު ތަފާތު، ކްރިއޭޓިވް އެތައް ލިޔުންތަކެއް ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. މީގެ ނަތީޖާއަކީ އޭރު ރާއްޖޭގެ އެންމެ މަޝްހޫރު ނޫސް ކަމުގައިވާ ހަވީރު ނޫހަށް ލިޔަން ފުރުސަތު ލިބިގެން ދިޔުމެވެ. އެއްވެސްކަހަލަ ތަމްރީނެއްނެތި، އަމިއްލައަށް ހުނަރު ކުރިއަރުވަން ކުރި މަސައްކަތުގެ ނަތީޖާވަރަށްވެސް ފޮނިކަން އަޚްތަރު ގަބޫލުކުރީ ހަވީރު ނޫހުގެ އެންމެ އިސްވެރިޔާ ގުޅުއްވައި އޭނާގެ ލިޔުމަކަށް ތަޢުރީފްކޮށް ދެއްކެވި ވާހަކަތަކާއި ހަވީރަށް ލިޔަން ދެއްވި ފުރުސަތެވެ.

ހަވީރުގައި މަސައްކަތްކުރަން ފެށުމާއެކު ދެކުނަށް ޚާއްސަ ސަޕްލިމެންޓެއް ހަދައި އެ ބޮޑު މަސައްކަތްވެސް، ހަވީރުގެ ޓީމާއިއެކު ދިޔައީ ކުރަމުންނެވެ.

ތިނަދޫ އިން މީހުން ބޭލި ހާދިސާއާއި ގުޅޭގޮތުން އިންޓަވިއު ނަގަނީ

އޭގެފަހުން އެ ނޫސް ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެތަނުންވަކިވިއެވެ. އެހެންނަމަވެސް ނޫސްވެރިކަމާ ދުރަށް ނުދެވޭކަން އެނގިގެންދިޔައީ އަމިއްލަ ޕޭޖެއް ހަދައި، ޚަބަރުތައް ގެނައުމުގެ މަސައްކަތް ފެށުމުންނެވެ. އެހިސާބުން ހުވަދޫ ވީކްލީގެ ނަމުގައި ތިނަދޫގައި ރަޖިސްޓްރީ ކޮށްގެން ވީކްލީ ނޫހެއް ނެރެމުންދިޔައެވެ. އޭގެ ދެއަހަރު ފަހުން އެ ނޫސް އޮންލައިންކޮށް ހިންގަން ކުރި މަސައްކަތް ކާމިޔާބުނުވެ، އެކަން ހުއްޓާލަން ޖެހުނެވެ. އެހެންނަމަވެސް އެ ނޫހަށް ހެދި ފޭސްބުކް ޕޭޖް ދިޔައީ ކުރިއަށް ގެންދަމުންނެވެ.  ކުޑަ ޓީމަކާއެކު ކުރިއަށް ގެންދާ މި ޕޭޖުގެ މަސައްކަތް ކުރަމުންދާ އަޚްތަރަށް ލިޔުންތެރިކަމާއި ނޫސްވެރިކަމާ ދުރަކަށްނުދެވުނެވެ.  

ފޮޓޯ ނެގުމުގެ މަސައްކަތް

ރިޒޯޓް ފޮޓޯގްރަފީ، އަޚްތަރު ބޭނުންވަނީ މިދާއިރާއިން ދެވުނު އެންމެ ކުރިއަކަށް ދާން

ފޮޓޯ ނެގުމުގެ މަސައްކަތް ފެށުނީ މިއަދު ނޫހަށް ފޮޓޯ ފޮނުވުމުގެ ތެރެއިންނެވެ. އެ މަސައްކަތް ފުޅާވެ، އަމިއްލަ ފޮޓޯ ސްޓޫޑިއޯއެއް ހުޅުވި އަޚްތަރަކީ ގްރެފިކްސްއާއި ފޮޓޯތަކަށް ޚާއްސަ ސަމާލުކަމެއް ދޭ ފޮޓޯ ގްރާފަރެކެވެ. ރަށުގައި އެކި އިވެންޓަތަކަށްދާއިރު މީހުންގެ އެދުމުގެ މަތިން ފޮޓޯ ނަގައިދިނުމުގެ ޚިދުމަތް ފުޅާކޮށް ސްޓޫޑިއޯއެއްގެ ޚިދުމަތްދިން އަޚްތަރަކީ އެނަމާ ހާދިސާގައި ކަނޑުމަތީގައާއި ބޯޓު ތެރޭގައި ނަގާފައިވާ ފޮޓޯތައް ނޫން އެހެން ހުރިހާ ފޮޓޯތަކެއްގެ ހައްޤުވެރިފަރާތެވެ.  

މިފަހަކަށް އައިސް ރާއްޖޭގައި ކަނޑުމަތީގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ، އެނަމާބޯޓު ބަންޑުންޖަހާލި ހާދިސާގައި، ފޮޓޯގްރާފަރެއްގެ ގޮތުގައި ވަރުބަލިކަމެއްނެތި ފޮޓޯތައް ނެގުމުގައި އަޚްތަރު އުޅުނެވެ. އަތުން ކެމެރާ ދޫކޮށްލީ، އެނާގެ މަންމަގެ ހަށިގަނޑު ގެންދިޔަ އެނދު ހިފަހައްޓަންވެގެން އެކަންޏެވެ. މަންމައާއި ކޮއްކޮއާއިއެކު އާއިލާގެ ހަތަރު މެންބަރުން ނިޔާވި  އެހާދިސާގައި،  މުޅި ގައުމަށްވެސް ކުއްލި ޝޮކަކާއި ހިތްދަތިކަމެއް ލިބުނު އެ ދަނޑިވަޅު މި ހިތްވަރުގަދަ ނޫސްވެރިޔާ، ފޮޓޯގްރާފަރު ކުރި ހިތްވަރަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ޔަޤީންކަމާއިއެކު ދަންނަވަން ކެރެއެވެ.  

އެހެންނަމަވެސް މިއަދުވެސް އެވާހަކަ ދައްކާއިރު މި ހިތްވަރުގަދަ ނޫސްވެރިޔާގެ ހިތަށް ވަރަށް އަސަރުކުރެއެވެ. ޒީޓައިމްސްއަށް މައުލޫމާތު ދިންއިރު އެވާހަކައިގެތެރެއިން މި ކުޅަދާނަ ފޮޓޯ ގްރާފަރުގެ ހިތް ކުދިކުދިވެފައިވާކަން އެނގިގެން ދިޔައެވެ. އެހެންނަމަވެސް މި ހިތްވަރުގަދަ، މީހުންނާ ގުޅޭ ޒުވާނާއަކީ މުޅި ރަށުގެ ލޯބި ހޯދާފައިވާ ހިތްހެޔޮ ޒުވާނެކެވެ. ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އެވަގުތުވެސް މަރުވެފައިވާ ހަށިތައް ހޮސްޕިޓަލަށް ގެންދިޔުމުގައި އެހެން އެންމެންނެކޭ އެއްގޮތަށް ހަރަކާތްތެރިވިއެވެ. މި ހާދިސާއަކީ އޭނާގެ އެންމެ ހިތްދަތި ހަނދާނެވެ. ފޮޓޯ ގްރާފަރެއްގެ ހައިސިއްޔަތުން ދެން އެންމެ ފާހަގަކޮށްލީ އެރަށުގެ ބަނދަރުގައި އޮތް ބޭރުގެ ބޯޓެއްގައި ރޯވި ހާދިސާއެވެ. އެ ހާދިސާއަށް ބޭނުންވާ ފޮޓޯ ކަމާބެހޭ ފަރާތަކަށް ލިބިފައިވަނީ އަޚްތަރު އެދުވަހު ކުރި ބުރަ މަސައްކަތުންނެވެ.

އެކްޓަރެއް 

ފަތިސްހަނދުވަރު ފިލްމަށްފަހު އޭނާގެ ދެވަނަ ފިލްމު ލޯބިވެވިއްޖެގެ ޝޫޓިންގެ ތެރެއިން

ސްކޫލުދައުރުގައިވެސް ޑްރާމާތަކުން ވިދާލި އަޚްތަރު އެންމެ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ އެރަށުގައި ބޮޑުބައެއް ޝޫޓްކުރި ދިވެހި ފިލްމު ފަތިސްހަނދުވަރުންނެވެ. ދިގު އިސްކޮޅަކާއި ރީތި ބައްޓަމެއް ލިބިފައިވާ އަޚްތަރު އެންމެ ކުޅޭ ހިތްވާ ރޯލްތަކަކީ ކެރެކްޓަރތަކުގެ ރޯލެވެ. މިފަހުން ލިބުނު ފުރުސަތަކީވެސް އެފަދަ ފުރުސަތެކެވެ. ދިވެހި ފިލްމު ލޯބިވެވިއްޖެ އިން ފުލުހެއްގެ ބައި އަދާކުރާ އަޚްތަރަށް އަންނަނީ އިތުރު ފިލްމުތައް ކުޅުމަށް ފުރުސަތު ލިބެމުންނެވެ.

ފަންނުތައް ކުރި އަރުވަން ބޭނުން. އެހެންނަމަވެސް ރަށުން ބޭރުގައި އުޅޭކަށް ބޭނުމެއްނޫން!

ކުޑައިރު މާލެއަށް ކިޔަވަން ފޮނުވާލުމުން 12 އަހަރުގައި އެކަނި ކަނޑު ބޯޓަކުން ރަށަށް އައި އަޚްތަރަކީ އާއިލާދެކެ ވަރަށް ލޯބިވާ ޒުވާނެކެވެ. 3 ކުދިންގެ މި ބައްޕައަށް ލިބިފައިވާ އެހުރިހާ ފަންނެއް ކުރިއަރުވަން ބޭނުން ވިޔަސް ރަށުގައި ހުރެގެން އެކަން ކުރެވޭކަށްނެތެވެ. އެހެންވިޔަސް ރަށްދެކެ ވާ ލޯބިން ރަށުގައި ހުރެގެން، އޭނާގެ އެ ފަންނުތައް ރަށުގެ އެހެން ޒުވާނުންނަށް ދަސްކޮށްދީ އެ ޒުވާނުން ކުރިއެރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ އެހެންމެ ރަށުން ފާހަގަކުރެވޭ ކަންތައްތަކާއި، ރަށުގައި ހުރި މައްސަލަތަކާއި އެމައްސަލަތަކަށް ގެނެވިދާނެ ހައްލުތައް އޭނާގެ ޕޭޖުގައި ކޮންމެ ދުވަހަކުހެން ފާހަގަކުރަމުންދަނީ ރަށަށް އިތުރު ކުރިއެރުމަށް އެދޭތީއެވެ. އޭނާގެ އާއިލާގެ ބައެއް މެންބަރުން ކައުންސިލްގައި ހިމެނޭއިރު ޕޮލިޓިކަލް މަޤާމަކަށް ވާދަކުރަން، ޕީޓީއޭގެ ނައިބުރައިސްކަން ކުރަމުންދާ އަޚްތަރު ބޭނުން ނުވެއެވެ. އެހެންނަމަވެސް ރަގަޅު މަޤާމެއްގައި ހުރެ، ރަށަށް ޚިދުމަތްކޮށްދިނުމަކީ އޭނާގެ ހުވަފެނެކެވެ.

އަޚްތަރުގެ މެސެޖް

މާލޭގައި ތިބެގެން ކުރެވޭ ގިނަކަންކަން، ރަށު ފެންވަރުގައި މިހާރު ކުރެވެން އެބަހުއްޓެވެ. ދާއިރާތައްވެސް އެބަހުއްޓެވެ. އެފަދަ މަސައްކަތް ރަށުގައި ފެށި، ރަށުގެ ޒުވާނުންނަށް ކުރިއެރުން ލިބުމަކީ އޭނާގެ އުންމީދެވެ.

މިވަގުތު ޑިޖިޓަލް މާކެޓިންގގެ މަސައްކަތްކުރަމުންދާ އަޚްތަރު، ޒުވާނުންނާއި ރަށުގެ ރައްޔިތުންނަށް ދޭ މެސެޖެއް އެބައޮތެވެ. ޒުވާނުންނަށް ދޭ މެސެޖަކީ ކިރިޔާވެސް ހުނަރެއް ހުރިކަމުގައިވާނަމަ އެ ހުނަރެއް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ. ރައްޔިތުންނަށް ދޭ މެސެޖަކީ މީހެއްގެ ކިބައިގައި ކިތަންމެ ކުޑަ ފަންނެއް ހުރި ކަމުގައިވިޔަސް، އެ ފަންނެއް، އެ ހުނަރެއް ބަލައިގަނެ ހިތްވަރު ދިނުމެވެ. އޭރަށް ފަޅުރަށެއްގައި ހުރި ގަހެއްކަމުގައިވިޔަސް، އެގަހުން ލިބޭ ފައިދާއާއި މަންފާއާއި ރީތިކަމާއި ރީތި ނަން އެންމެނަށްވެސް ލިބިގެންދާނެއެވެ.

 

+1
0
+1
9
+1
6
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް