November 22, 2024 07:30
Advertisement

-Advertisement-

ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ)

ރޫމި އާ ޖަންނަތު ބަލަންތަ؟ ޑާކްރެއިން މިއީ ތަފާތު ބައެއް!

ޑާކްރެއިން އެންޓަޓެއިންމެންޓަކީ ތަފާތު ޕްރޮޑަކްޝަން ހައުސްއެކެވެ. 2006ވަނަ އަހަރުން ފެށިގެން ޒުވާނުންނާއި މެދުއުމުރުގެ މީހުންނާއި ދޮށީއުމުރުގެ މީހުންވެސް ހެއްވާލަ ދެމުން އަންނަ ޑާކްރެއިނުން މިހާރު ފަށައިގެން މިއުޅެނީ 'ރޫމި އާ ޖަންނަތު' އެވެ.

ދިރިއުޅުމުގެ ހާސްކަމާއި ފިރުކުތަކުން ދުރުކޮށްދީ އުފާވެރި މާހައުލެއްގައި މަޖާ ފިލްމެއް ބަލާލުމަށް ސިނަމާއަށް ގޮސްލަން ބޭނުންވާ މީހުންނަށް ޚާއްސަ އުފެއްދުންތައް އުފައްދާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) 'ޒީޓައިމްސް' އަށް މަޢުލޫމާތު ދެއްވަމުން ފާހަގަކުރެއްވިގޮތުގައި ބޭނުމަކީ މީހުން އެންޓަޓެއިން ކޮށްދިނުމެވެ.

"100 ރުފިޔާއަށް ޓިކެޓެއް ނަގައިގެން މީހުން ސިނަމާއަށް ދަނީ އެންޓަޓެއިންވާން. ދެން އަޅުގަނޑުމެންގެ ރައިޓަރުންގެ މޮޅުކަމުން އެބަހުރޭ މެސެޖްތައް ނުސީދާކޮށް ގެނެސްދީފަ. ބައެއްކަހަލަ ފިލްމުތަކުގައި ހުންނާނެ އިޖްތިމާއީ މައްސަލަތައް ގެނެސްދީފަ." ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ހިމަނައިގެން އުފެއްދުންތައް އުފައްދާ މޮގާ ވިދާޅުވިއެވެ.

Advertisement

މިވަގުތު ސިނަމާގައި ފިލްމު އެޅުވޭނެ މަގެއް ނެތްނަމަވެސް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް ދައްކަމުންގެންދާ 'ރޫމި އާ ޖަންނަތު' ސީރީޒަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ވިސްނުމެއްކަމުގައިވާ 'ވަކި ޖިންސަކަށް ނޫނީ ވަކި ވަޒީފާއެއް އަދާ ނުކުރެވޭނެ' ކަމަށް ދެކޭ ދެކުން ބަދަލުކޮށްލަދޭ ފަދަ ތަފާތު މެސެޖުތައް ދެމުންދާ އުފެއްދުމެކެވެ. 

ރޫމިއާ ޖަންނަތުގެ ޝޫޓިންގެ ތެރެއިން

"މިސާލަކަށް ރޫމި އާ ޖަންނަތުގައި ނުޒޫ އަކީ ސިފައިންގެ ފަޔާފައިޓަރެއް، ފުބޫ އަކީ ކައްކާއެއް. މިއީ ދިވެހިރާއްޖޭގައި ވަރަށް އޮންނަ ކަމެއް. އަންހެނަކަށްވީމަ ވަކި ކަމެއް ނުކުރެވޭނެއޭ. އެކަހަލަ ވިސްނުން ހުރޭތާ. އެކަމަކު ރޫމި އާ ޖަންނަތުން މި ދައްކުވައިދެނީ އެ ތަފާތުކުރުން ނެތިވެސް އުޅެވިދާނެކަން" މޮގާ ވިދާޅުވިއެވެ.

ރޫމި އާ ޖަންނަތަކީ ފިލްމު 'މާމުއި' ގެނެސްދިނުމަށް ޑިވެލޮޕް ކުރި ދެ ކޮންސެޕްޓްގެ ތެރެއިން އެއް ކޮންސެޕްޓަށް އުފައްދަމުން އަންނަ ސީރީޒެކެވެ.

ޑާކްރެއިނުން ދެފަހަރެއްގެ މަތިން ބޮޑު ސްކްރީނުގައި އެޅުވި 'މާމުއި' ފިލްމަކީ ވަރަށް ތަފާތު އުފެއްދުމެކެވެ. މޮގާ ވިދާޅުވީ "މިސާލަކަށް މާމުއި އަށް ބަލައިފިއްޔާ ދައްކާނީ މާލޭގެ ސޮސައިޓީ ތެރެ. ދިރިއުޅުމުގައި އެންމެންވެސް މިއުޅެނީ ހާސްކޮށް. އެކަމަކު އަޅުގަނޑުމެން މީހުންނަށް މި ދެނީ ތަންކޮޅެއް މަޖާކޮށް ބަލާލުމުގެ ފުރުސަތު. މައިދައިތަ އާއި ދަނބިދަރިއެއްގެ އިޝޫސްތައްވެސް އުޅޭނެ. އެކަހަލަ ބައިވަރު އިޝޫސްތައް އެއްކޮށްލައިގެން. މާމުއި އަކީ ބޮޑު ހަތައެއް. މި ފިލްމުގައި ޕްރައިވެޓް ޖެޓާއި، ބޮޑެތި ކާގޯ ބޯޓްވެސް ބޭނުންކޮށްގެން ޝޫޓުކޮށްފަ ހުންނާނީ. އޯވާ މިލިއަން ހަރަދުކުރި ފިލްމެއް އެއީ" މޮގާ ވިދާޅުވިއެވެ. ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދު ކޮށްގެން އުފެއްދި ފިލްމަކީވެސް މިއެވެ.

މާމުއިއަށް ފަހު ބެލުންތެރިން އެންމެ ދިގު އިންތިޒާރެއް ކުރަން ޖެހިފައި އޮތް ފިލްމަކީ ކޮވިޑްގެ ހާލަތާއި ގުޅިގެން ނޭޅުވި އޮތް 'ނޮވެމްބަރ' ފިލްމެވެ. ސިންގަޕޫރާއި، ރާއްޖޭގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޮގާ ވިދާޅުވިއެވެ. އެކި ފަހަރުމަތިން 'ނޮވެމްބަރ' އަޅުވާނެ ތާރީޚުތައް ކަނޑައަޅަމުން އައި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިފިލްމުވަނީ ނޭޅުވިއެވެ. 

"އަޅުގަނޑުމެން ބޮޑު ސްކްރީނަށް ހަދާ ފިލްމްތައް ކުޑަ ފޯނަކުން ބަލާލައިގެން ހިތްހަމައެއް ނުޖެހޭނެ. އަހަރެއް ދެއަހަރެއް މަޑުކޮށްލަން ޖެހުނަސް އަޅުގަނޑު ބޭނުންވަނީ 'ނޮވެމްބަރ' ފިލްމު ބޮޑު ސްކްރީނުގައި އަޅުވަން "ސިންގަޕޫރާއި އައްޑޫ ސިޓީ އާއި ލ.އަތޮޅު އަދި ދ. ކުޑަހުވަދޫ އެއާޕޯޓްގައި ފްލައިޓެއް ޗާޓަރކޮށް ބާއްވައިގެން ބައެއް މަންޒަރުތައް ނަގާފައިވާ" ފިލްމާ ބެހޭ ގޮތުން މޮގާ ވިދާޅުވިއެވެ.  

ބެލުންތެރިން އިންތިޒާރުކުރާނެ އަނެއް ދެ ފިލްމަކީ 'ބަޅިނދު' އަދި 'ބީވީމާ' އެވެ. ޑާކްރެއިނަށް މި ދެ ފިލްމުގެ މަސައްކަތް ނިންމާ ނުލެވި އޮތީ ރާއްޖެތެރޭގައި ނަގަންޖެހޭ ބައެއް މަންޒަރުތައް ޝޫޓް ނުކުރެވި އުޅެނިކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރަށްރަށަށް ދިއުމާއި އެހެނިހެން ކަންކަން މަޑުޖައްސާލަން ޖެހުމުންނެވެ.

"ރާއްޖޭގައި އެންމެ ބޮޑު އިޝޫ އަކީ ކޮޕީރައިޓްގެ މައްސަލަ"

މޮގާ ވިދާޅުވީ "ދިވެހިރާއްޖޭގައި އޮންނަ އެންމެ ބޮޑު އިޝޫ އަކީ ކޮންމެ މީޑިއާކުން ނެރުނަސް ކޮޕީ ރައިޓްސް މައްސަލަ. އެންމެ ވަގު ކޮޕީއެއް ނިކުތަސް އޭތި ދައުރު ކުރާނީ. ދިވެހިންގެ މި އޮންނަ ސިސްޓަމަކީ 10 ރުފިޔާއަށް ޓިކެޓެއް ވިއްކިނަމަވެސް ވަގު ކޮޕީއެއް އުޅެންޏާ އޭތީ ބަލާލާނީ. ޤާނޫނާ ގަވާއިދު ހުއްޓަސް އަމަލެއް ނުކުރޭ. އެކަން ހުއްޓުވައިގެން ނޫނީ އަޅުގަނޑުމެން ކިހިންތޯ ސަވައިވް ވާނީ." 

މޮގާ، އޭނާ އާއި އެކު މަސައްކަތް ކުރާ ބައެއް ތަރިންނާއި ރާއްޖޭގެ ކުރީގެ މަޝްހޫރު ފަންނާނު ގިޔާސް އާއި އެކު

ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ވިޔަފާރިތަކަށްވެސް އެކިވަރުގެ ގެއްލުންތަކާއި ކުރިމަތިވިއިރު ޑާކްރެއިނުން ގެއްލުން ސިފަކުރަނީ ގެއްލުމެއްގެ ގޮތެއްގައެއް ނޫނެވެ. ވިޔަފާރިއަކަށް ވުރެ ބޮޑަށް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަނީ އެކަމަށް އޮންނަ ލޯތްބަކާއި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

"ފިލްމުތަކަށް މި އިންވެސްޓް ކުރާ ލާރި އެހެންކަމަކަށް ޚަރަދު ކުރާނަމަ މާ ފައިދާވާނެ" ކަމަށް މޮގާ ފާހަގަކުރެއްވިއެވެ. ކޮވިޑް-19 ގެ ލޮކްޑައުންތެރޭގައިވެސް ޑާކްރެއިނުން ގެންދިޔައީ ހުރިހާ މުވައްޒަފުންގެ ޙާލުބަލާ އެ މުވައްޒަފުންގެ ބޭނުންތައް ފުއްދައިދެމުންނެވެ. އެއްވެސް މަސައްކަތެއް ނުކުރިޔަސް ޑާކްރެއިންގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަދެމުން ގެންދިޔަ ކަމަށް މޮގާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޕާސަނަލީ އިނގޭ ކިހާ އުނދަގުލެއްގައި ކިހާ ބަޔަކު އުޅޭކަން. އެހެންވީމާ ވާ ގޮތަކީ އެމީހުން ސަވައިވް ނުވެ ކިހިނެއްތޯ މިކަން ކުރާނީ. އެމީހުން ސަވައިވް ވީމަތާ އަޅުގަނޑުމެންނަށް މަސައްކަތެއް ކޮށްގެން އެއްޗެއް ލިބޭނީ. އެމީހުން ޙާލެއްގައި ޖެހޭ ދުވަހަކު އަޅުގަނޑުމެން އެހީނުވެ ހަމައެކަނި އަޅުގަނޑުމެންގެ މަސައްކަތަށް އެމީހުން އަންނަންވީމަކާ ނުވާނެނުންތޯ މިކަމެއް" މޮގާ ވިދާޅުވިއެވެ. 

ޑާކްރެއިން ޓީމަކީ ވަރަށް އެކުވެރި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެއް

"ޑާކްރެއިންގެ އެއްވެސް ޕެންޑިން ޕޭމަންޓެއް ނޯންނާނެ"

ޑާކްރެއިނުން ފިލްމެއްގެ ޝޫޓިންއަށް ސްޓާރުން ނެރޭއިރު އޮންނަނީ ދޭންޖެހޭ ފައިސާއެއް ދައްކާ ހަލާސްކޮށްފައެވެ. މޮގާ ވިދާޅުވީ "ނުޖެހޭ މުސާރައިގެ މައްސަލައެއް. ބައެއް މީހުންނަށް ހުންނާނެ ނުކުޅުނަސް ކުރިޔަށް ތިން ހަތަރު ފިލްމަށްވެސް ލާރިދީފަ. ވަރަށް ޔަޤީންކަމާއެކު ބުނަން ކެރޭ ޑާކްރެއިނުގެ އެއްވެސް ޕޭމަންޓެއް ޕެންޑިންގައި ނޫޅޭނެ" ކަމަށެވެ.

ޑާކްރެއިނުން ކޮންމެ ފިލްމެއްގެ މަސައްކަތް ފަށައިގަންނަނީ އެ ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ފައިސާ އެއްކޮށްގެންނެވެ. ފިލްމުން ލިބޭނެ އެއްޗަކަށް ބަލައިގެންނޫން ކަމަށް މޮގާ ވިދާޅުވިއެވެ. އަދި ސްޓާރުންނާއި ކުރޫއަށް ބޭނުންވާ މީހުން ހޯދަނީ އެކުގައި މަސައްކަތް ކުރަން ފަސޭހަ އަދި ވަގުތުދެވޭ މީހުންނެވެ.

ޑާކްރެއިންގެ ބައެއް އުފެއްދުންތައް ސިނަމާއާއި ހަމައަށް ގެންދެވޭނެ ދުވަހެއް އަދި ކަށަވަރުނުވާއިރު ޑާކްރެއިނުން އަންނަނީ ބެލުންތެރިންނަށް އުފާވެރި ޚަބަރެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މިއީ އަދި މީޑީއާ އާއި ހަމައަށް ތިލަކޮށްލަދެވޭ ވަރުގެ ޚަބަރެއް ނޫން ކަން މޮގާގެ ވާހަކައިން ފާހަގަ ކުރެވެވިފައިވާތީ މިއީ ކޮން ޚަބަރެއްތޯ ބަލާލަން އަދި މަހެއްހާ ދުވަހު މަޑުކޮށްލަމާ ހިނގާށެވެ. 

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް