ޙާދިސާގެ ފުރަތަމަ ވަގުތުންފެށިގެން ކެތްތެރިވަމާތޯ އެވެ. ކަމެއް ދިމާވުމުން ކެތްތެރިވާން، ދުލުން ބުނަން ފަސޭހަވިޔަސް ކުރަން އެއީ ފަސޭހަކަމެއް ނޫންކަމަށް އެތައް ބަޔަކު ބުނަމުން ދެއެވެ. ތެދެކެވެ. ކެތްތެރިކަމުގެ އަގު އެހާ ބޮޑުވެފައި އެކަމުންލިބޭ ދަރުމައާއި ޘަވާބު ބޮޑީވެސް އެއީ ދަތިއުނދަގުލުން ކުރާކަމަކަށްވާތީ ކަމުގައިވުން އެކަށީގެންވެއެވެ. ކީރިތި ޤުރުއާނުގައި އެތައް އާޔަތެއްގައި ކެތްތެރިންނަށް އެކަމުގެ އުފާވެރި ޚަބަރު ދެއްވާފައި ވެއެވެ. އަދި މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުކަމަށް ބަޔާންކުރައްވާފައިވެއެވެ.
سورة البقرة: 155-157 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. { وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ * الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ * أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ }. މާނައީ: ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ. އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެ ވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙުމަތް އެއުރެންގެ މައްޗަށްހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމައެއުރެންނެވެ.
ޝައްކެއްނެތް ގޮތުގައި އުޚުރަވީ ޙަޔާތުގައި ކެތްތެރިންނަށް އޮތީ އުފަލެވެ. ނަމަވެސް ދުނިޔަވީ މި ޙަޔާތުގެ ދަތުރުގައި އެކިމީހުންނަށް ކެތްތެރިވާން ދިމާވާ އިމްޠިޙާނުތައް ތަފާތެވެ. އެއްބަޔަކަށް ޢާއިލީ މައްސަލަތަކެވެ. އަނެއްބަޔަކަށް ގޯތި ގެދޮރުގެ މައްސަލަތަކެވެ. އަނެއް ބަޔަކަށް ފައިސާގެ މައްސަލަތަކެވެ. އަނެއް ބަޔަކަށް ޞިއްޙީ މައްސަލަތަކެވެ. ކެތްތެރިކަން އިސްކުރަންޖެހޭފަދަ ތަފާތު އެކި ކަންކަން އެކި މިންވަރަށް އެކި އެކި މީހުންނަށް މެދުވެރިވަނީ ދުނިޔެއަކީ އިމްތިޙާނުގެ ގޯއްޗަކަށްވާތީ ކަމުގައި ޤަބޫލުކުރެވެއެވެ. އެގޮތުން ތާރީޚަށް ބަލާއިރު އެންމެ ބޮޑެތި އިމްޠިޙާނުތައް ކުރިމަތިވެފައިވަނީ މާތްﷲ ގެ ރުހިވޮޑިގަތުމާއި ލޯބި އެންމެބޮޑަށް ލިބިފައިވާ ނަބިއްޔުންނާއި ރަސޫލުންނަށެވެ. އެކަންކަމަށް ކެތްތެރިވުމުގެ ސަބަބުންވެސް އެބޭކަލުންގެ ދަރަޖަ މަތިވެރިވެގެންދިޔައެވެ.
ހަމަ މިއާއިއެކު ކެތްތެރިކަމުގެ ދަރަޖަތަކާއި ކެތްތެރިކަން ބެހިގެންވާ ބައިތައްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެގޮތުން ބަލާއިރު އެންމެ ފުރަތަމަ ކަމަކަށް ފާހަގަވަނީ؛ ﷲ އަށް އަޅުކަން ކުރުމުގައި ކެތްތެރިވުމެވެ. ދެވަނަކަމަކަށް މާތް ﷲ ޙަރާމްކުރެއްވި ކަންކަން ނުކޮށް ހުރުމުގައި ކެތްތެރިވުމެވެ. ތިންވަނަކަމަކަށް ހެޔޮމިންވަރާއި ނުބައި މިންވަރަށް ކެތްތެރިވުމެވެ.
މާތްﷲ އަށް އަޅުކަންކުރުމަކީ އިންސާނުން މިދުނިޔޭގައި ލެއްވި މައިގަނޑު މަޤްޞަދެވެ. ކީރިތި ޤުރުއާނުގެ سورة الذاريات ގެ 56 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. { وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ } މާނައީ: ތިމަން ﷲ އަށް އަޅުކަންކުރަން މެނުވީ، ތިމަން ﷲ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. ޙަޤީޤަތަކީ މިއީ ކަމުގައި ވާއިރު، މާތްﷲ އެންގެވި ތެދުމަގުގައި ޘާބިތުވެ އަޅުކަންކޮށް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ. ވިސްނާށެވެ. ކޮންމެ ހެޔޮކަމަކީ އެކަމަކުން ދަރުމަ ލިބޭނޭ އަޅުކަމެކެވެ.
އަދި ދީނުގައި ބައެއް ކަންކަން ޙަރާމްކުރައްވާފައިވަނީ އެކަންކަން ކުރުމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވީމައެވެ. މިކަންކަން ވިސްނާލައިފި ހިތަކަށް ތަޞައްވުރު ކުރެވިގެންދާނެއެވެ. އެކަންކަމަކުން ދުރުހެލިވާންޖެހޭ ބޮޑެތި ފާފަތަކުގެ ތެރޭގައި މާތް ﷲ އަށް ޝަރީކު ކުރުން، ޙައްޤަކާ ނުލާ ނަފްސެއް ޤަތުލުކުރުން، ޒިނޭކުރުން، ރާބުއިންފަދަ ކަންކަން ހިމެނެއެވެ. ވީމާ، އެންމެހާ ޙަރާމްކަންތައްތަކާ ދުރުހެލިވުން ހިމެނިގެންދަނީ ކެތްތެރިކަމުގެ ތެރެއިންނެވެ. މާތް ﷲ ނަހީ ކުރެއްވި ކަންކަމުގައި ކެތްތެރިވުމީ މުޖްތަމައުގައި ކުށްކުރުން މަދުވެ، އެކަމުގެ ހެޔޮ އަސަރު މުޅި މުޖްތަމަޢަށް ކުރާނޭ ކަމެކެވެ.
ދުނިޔޭގެ މި ޙަޔާތުގައި އެއްދުވަސް ފާއިތުވެގެންދާއިރު، އެ ދުވަހުގެ ތެރޭގައި ތަފާތު އިޙުސާސްތައް ތަޖުރިބާ ކުރެވެއެވެ. އެންމެ ދުވަހެއްގެ ތެރޭ ދެރަވާ ކަންކަމާއި އުފާވެރިކަންކަން ވެގެންދެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އެކިއެކި ވަގުތު ހިތާމައާއި އުފާ މިންވަރު ކުރައްވައެވެ. ވިސްނަންޖެހޭ ކަމަކީ، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭކަމެއްކަމެވެ. އަދި އަމިއްލަ އިޚްތިޔާރުގައިވާ ކަންކަމުގައި ހެޔޮގޮތްތައް މިންވަރުވޭތޯވެސް މަސައްކަތް ކުރަންޖެހެއެވެ. ވީމާ، މިކަމުން އެނގިގެންދަނީ ހިތާމައެއް ނުވަތަ އުފަލެއް ލިބުނަސް މިންވަރު ކުރެއްވި ގޮތަށް ރުހި ކެތްތެރިވާން ޖެހޭކަމެވެ.
އަދި، މި ދުނިޔޭގެ އިމްތިޙާނުތަކަށް ކެތްތެރިވާ ކެތްތެރިންނަށް ހުރި އެންމެ އުފާވެރި އެއް ޚަބަރަކީ، އާޚިރަތުގައި ސުވަރުގެ ވަދެވޭނެކަމަށް އޮތް ޚަބަރެވެ. { وَجَزَاهُمْ بِمَا صَبَرُوا جَنَّةً وَحَرِيرًا } سورة الانسان:12 މާނައީ: އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި ފަށުވި ފޭރާން ދެއްވިއެވެ. މިގޮތަށް ކަނޑައެޅިފައިވަނީ ކެތްތެރިކަމުގެ މަތިވެރިކަމުންކަން ކަށަވަރެވެ.
ލިޔުން ނިންމަމުންވެސް ދަންނަވަންއޮތީ، އީމާންކަމާއެކު ހެޔޮޢަމަލުކުރުންމަތީ ދެމިތިބޭޙާލު، ދުނިޔަވީ މިޙަޔާތުގައި ކުރިމަތިވާ ކުދިބޮޑެތި މުޞީބާތްތަކަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން ކެތްކުރާ ބަޔަކަށް ތިޔައިގެތެރެއިން ކޮންމެ މީހަކަށްމެ ވެވިދާނެއެވެ. ޝަރުޠަކީ އީމާންކަމާއެކު ހެޔޮޢަމަލުކުރުންމަތީ ދެމިތިބުމެވެ.