ކުނާ ވިޔުމަކީ މަރްޔަމް ފާއިޒާ އެންމެ ކުރާހިތްވާ މަސައްކަތެވެ. އުމުރުން 15 އަހަރުގައި ކުނާ ވިޔުމުގެ މަސައްކަތް ފެށިގޮތަށް ވޭތުވެދިޔަ 40 އަހަރު ދެމިހުރީ އެމަސައްކަތުގައެވެ. ތުނޑު ކުނާ ވިޔުމަށް އެންމެ މަޝްހޫރު ގދ.ގައްދޫ އަށް އުފަން ފާއިޒާ މިމަސައްކަތުގެ ތެރެއަށް ވަދެވުނީ މަންމަ ކުނާ ވިޔުމުގެ މަސައްކަތްކުރިއިރު ޢަމަލީގޮތުން މިމަސައްކަތުގެތެރޭގައި އުޅެންފެށި ހިސާބުންނެވެ.
ކުނަލާއި ކުނަލުގެ އުފެއްދުންތަކުގެ ބައިން ތަފާތު މައުރަޒުތަކުން ކާމިޔާބީތައް ހޯދާފައިވާ ފާއިޒާގެ އެންމެބޮޑު ކާމިޔާބީ އަކީ އަތްތެރި މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން 2016ވަނަ އަހަރު ލިބުނު ޤައުމީ އިނާމެވެ.

މިހާރު ކުނާވިޔުމުގެ މަސައްކަތް ގިނައިން ކުރިއަށްގެންދަނީ ރަށުގެ އިތުރު 2 އަންހެނުންނާއި އެކު ގުރޫޕު މަސައްކަތެއްގެ ގޮތުގައެވެ. ބޮޑެތި އޯޑަރުތަކަށް ކުނާވިޔެދެއެވެ. " އާމްދަނީ ހޯދަންވެސް ރަނގަޅު މަސައްކަތެއް މިއީ. 1 ފޫޓު ކުނަލެއް އާންމުކޮށް ވިއްކަނީ ރިސޯޓްތަކަށް 450 ރުފިޔާ އަށް. ދޮޅު ފޫޓު 800 ރުފިޔާ އަށް. 2 ފޫޓު 1000 ރުފިޔާ އަށް. 3 ފޫޓު 2500 ރުފިޔާ އަށް އަދި 4 ފޫޓު 3500 ރުފިޔާ އަށް ވިއްކާއިރު 5 ފޫޓުގެ ކުނަލެއް ވިއްކަނީ 5000 ރުފިޔާ އަށް. އަދި ކަރުދާސް ކުނަލެއް 7000 ރުފިޔާއަށް ވެސް ވިއްކަން" ކުނަލުގެ އަގުތަކުގެ ތަފްސީލު ދެމުން ބުންޏެވެ.

ކުނާ ވިޔެ ނިމިފައި އޮންނައިރު ބަލާލަން ވަރަށްރީތި ކަމުގައިވިއަސް މިއީ ބުރަ މަސައްކަތެކެވެ. އަދި ވިޔުމަށް ބޭނުންކުރާ ސާމާނު ތައްޔާރުކުރުމަށާއި ވިޔުމަށް ގިނަވަގުތު ހޭދަވެއެވެ. ކުނަލަށް އޮންނަ ޑިމާންޑް ބައެއް ފަހަރަށް ދަށްވުމުގެ އިތުރަށް ދެމެހެއްޓެނިވި ގޮތަކަށް ކުނާ ވިއްކޭނެގޮތެއް ނެތުން އެއީ މިމަސައްކަތަށް އަލަށް ޒުވާނުން ވަންނަން ބޭނުންނުވާ ސަބަބެއް ކަމަށް ފާއިޒާ ވަނީ ފާހަގަކޮށްފައެވެ.
"ގައްދޫ އަށް މެހެމާނަކު ވަޑައިގެންފިއްޔާ ހަދިޔާ އަކަށް ދޭނީ ތުނޑުކުނާ. ކުނާ ވިޔުމުގެ މަސައްކަތްކުރާ މީހުން މަދުވަމުންދިއުން މިއީ ކަންބޮޑުވުމެއް" ފާއިޒާ ފާހަގަކުރިއެވެ.

ފާއިޒާގެ އެންމެ ފާހަގަކުރެވެނީ ކުނާވިޔުމުގައި ލިބިފައިވާ ހުނަރުވެރިކަން އެހެން މީހުންނަށް ދަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތެވެ. ގައްދޫގެ އިތުރުން ފުވައްމުލަކާއި ފިޔޯރީގައި ކުރިއަށްގެންދިޔަ ކުނާ ވިޔަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ފާއިޒާ ވަނީ މިމަސައްކަތް ދަސްކޮށްދީފައެވެ. އެގްރިކަލްޗަރ މިނިސްޓްރީން ހިންގި 'ރަފްޓާ' ޕްރޮޖެކްޓްގެ ދަށުން 30 ބައިވެރިންނަށް ކުނާވިޔާނެ ގޮތް ވަނީ ކިޔައިދީފައެވެ.
ކުނާވިޔުމުގެ ހުނަރު ރާއްޖެއިން ބޭރުގައިވެސް ވަނީ ދައްކުވައިދީފައެވެ. މިގޮތުން 2009ވަނަ އަހަރު އިޓަލީއާއި ޖަރުމަނުގައި ބޭއްވުނު ޓޫރިޒަމް ފެއަރގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ލިބުނު ދަޢުވަތު ޤަބޫލުކޮށް މި ދެޤައުމުގައި ކުނާ ވިޔުމުގެ ހުނަރުވަނީ ދައްކާފައެވެ.
" މިފެއަރގައި ބައިވެރިވެވުން އެއީ ލިބުނު ވަރަށްބޮޑު ފަޚުރެއް އަދި އުފަލެއް. މިފަދަ އިތުރު ފުރުސަތެއް ލިބިއްޖިއްޔާ ވެސް ފުރުސަތުގެ ބޭނުން ހިފާނަން" ފާއިޒާ ބުންޏެވެ.

ސަބާ މޯލްޑިވްސްގެ ފަރާތުން ފޮތި ވިޔަން ދަސްކޮށްދިނުމަށް އިންޑިއާގެ އަހުމަދުއާބާދަށް ފޮނުވުމަށް ހޮވުނު 6 މީހުންގެތެރޭގައި ހިމެނިގެން ފާއިޒާ ވަނީ 3 މަސް ދުވަހުގެ ފޮތި ވިޔަން ދަސްކުރުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ.
" ފޮތި ވިޔަން ދަސްކުރި ކަމުގައިވިއަސް އެމަސައްކަތް ރާއްޖޭގައި ކުރިއަށް ނުގެންދެވެނީ މަސައްކަތްކުރުމަށް ބޭނުންވާތަކެތި ފަސޭހައިން ނުލިބޭތީ" ފާއިޒާ ފާހަގަކުރިއެވެ.

މަރްޔަމް ފާއިޒާ ވަނީ ކުނާ ވިޔުމުގެ އިތުރުން ގައްދޫގެ އިޖުތިމާޢީ ހަރަކާތްތަކުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން 2001ވަނަ އަހަރުން ފެށިގެން 2005ވަނަ އަހަރަށް، އަދި 2012ވަނަ އަހަރުވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަން ވަނީ ކޮށްފައެވެ.
ފާއިޒާ ވިޔަމުންދާ ކުނާ ވިއްކުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދޭ މޯލްޑިވްސް އޮތެންޓިކް ކްރާފްޓް ކޯޕަރޭޓިވް ސޮސައިޓީގެ އާމިނަތު ޢަބްދުﷲ ނަން ފާހަގަކޮށް ޚާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ. " އަޅުގަނޑު ފިރިމީހާ އާއި ޢާއިލާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ތުނޑުކުނާ ވިޔުމަށް ދަސްކުރުމުގައި އެންމެބޮޑަށް އަޅުގަނޑަށް އެހީތެރިވެދިނީ މަރިޔަމްމަނިކު ދައްތަ. ޚާއްސަ ޝުކުރެއް އަދާކުރަން" ފާއިޒާގެ އުންމީދަކީ ކުނާވިޔުމުގެ މަސައްކަތް އިތުރަށް މީހުންނަށް ދަސްކޮށްދިނުމެވެ.