November 22, 2024 16:19
Advertisement

-Advertisement-

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އާއި ހަވާލުވަނީ

އާރިފާ: 21 އަހަރު ސަރުކާރަށް ޚިދުމަތްކުރި، ފާހަގަކުރެވޭ ފަންނާނެއް!

ދިވެހިންގެ ބައިސްކޯފުގައި ނަންވިދާލި އަދި މިހާތަނަށް އެ ނަމަކަށް ފަނޑުކަމެއް ނާންނަ އެއް ނަމަކީ ގ.ޑޮލްފިން ހައުސް އާރިފާ އިބްރާހީމްގެ ނަމެވެ. އޭނާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ތައާރަފްވީ 1987ވަނަ އަހަރު އޮލިމްޕަހުގައި ބޭއްވި "ފެހިވިދުވަރު" ކިޔާ ސްޓޭޖް ޝޯއަކުންނެވެ. 

"ގަލޮޅު މަދަރުސާގައި މަސައްކަތްކުރި ދުވަސްވަރު ގަލޮޅު އަވަށު އޮފީހުގެ ބެލުމުގެ ދަށުން ހެދި ސްޓޭޖް ޝޯއެއް. އެތަނުގައި މަސައްކަތް ކުރިއިރު ކޮޕީ ރަޝީދު ބުނުއްވީ ޑްރާމާއެއްގެ ބައެއް ކުޅެލަންވީނުންހޭ. އެހެން ބުނީމަ ދެން ކުޅެލީ. އަނެއްހެން ކުރަން ބޭނުންވެގެން އެގޮތަށް ކުރީކީއެއް ނޫން" މި ދާއިރާއަށް ވަދެވުނުގޮތް 'ޒީޓައިމްސް' އާއި ހިއްސާ ކުރަމުން އާރިފާ ބުންޏެވެ.

މިހާތަނަށް ފިލްމާ ޑްރާމާތައް އެއްކޮށްލައިގެން 50 އާއި ގާތްކުރާ އަދަދަކަށް ފިލްމް/ޑްރާމާ އަދި ޓީވީ ޑްރާމާ ސީރީޒްތަކުގައި އެކްޓްކޮށްފައިވާ އާރިފާއަކީ ހަމައެކަނި ފިލްމު ސްޓާރެއް ނޫނެވެ. 21 އަހަރުގެ ދިގު މުއްދަތެއް ވަންދެން ދިވެހި ސަރުކާރަށް ޚިދުމަތް ކޮށްދީފައިވާ ޚިދުމަތްތެރިއެކެވެ.

Advertisement
މިއަދު ކްރިސްޓަލް އެވޯޑް ހަފްލާގައި އާރިފާ

އެއްވެސް އުޖޫރައަކާއި ނުލާ 18 އަހަރުގެ ދިގު މުއްދަތަކަށް ގަލޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ސެކްރެޓަރީކަން ވަނީ ކޮށްފައެވެ. ކާތިބުކަމުގެ ސަނަދު ހާސިލް ކޮށްފައިވާ އާރިފާ ވަނީ މާލޭ މުނިސިޕަލިޓީގެ، ލޭންޑް ރެޖިސްޓްރޭޝަން ޑިވިޝަނުގެ ކާތިބުކަމުން ފެށިގެންގޮސް ޖަސްޓިސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ އަދި އިސްލާމިކް އެޑިއުކޭޝަން ސެންޓަރުގައިވެސް މަސައްކަތް ކޮށްފައެވެ. އެންމެފަހުން އަދާކުރީ ޓިވީ މޯލްޑިވްސްގެ އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމެވެ. ޕެންޝަން ލިބުނުފަހުން ވަޒީފާ އަށް ދިއުން ހުއްޓާލީ 2008ވަނަ އަހަރުއެވެ.

އާރިފާ ފިލްމެއްގެ ޝޫޓިންގެ ތެރެއިން - ފޮޓޯ: ފިލްމު އިންޑަސްޓްރީ އެފްބީ ޕޭޖް

ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އުފުލަމުން ގޭތެރޭގެ ކަންކަން ބަލަހައްޓަމުން ފިލްމީ ދާއިރާއަށް ވަގުތު ހޯދީ ކިހިނެއްތޯ އަހާލުމުން އާރިފާ ބުނީ "ވަގުތު ހޯދަނީ ގަދަކަމުން، ވަގުތެއް ނާންނާނެ މީހާ ކައިރިއަކަށް. މީ ވަގުތު ހޯދައިގެން ކުރާކަމެއް ވީމަ މިކަމަކަށް މާބޮޑު އުނދަގޫތަކެއް ނޯވޭ. ވަޒީފާވެސް އަދާކުރަމުން އަދި ގޭގެ މަސައްކަތްވެސް ކުރަމުން ދަރިންގެ ކަންކަންވެސް ކުރަމުން އެގޮތަށް ފިލްމްގެ މަސައްކަތްކުރީ" ކަމަށެވެ.

ފިލްމީ ދާއިރާގައި އުޅޭތާ މިއަހަރު 34 އަހަރު ފުރޭއިރު އާރިފާ އެންމެ ފުރަތަމަ ކުޅުނީ ފަރިވާ ސްޓޫޑިއޯގެ ފިލްމެކެވެ. "އެންމެ ފުރަތަމަ ކުޅުނީ 'ސިޓީ' ކަމަށް ހަނދާން ވަނީ. ދެވަނަ އަށް ކުޅުނީ 'އެސިޓީގެ ޖަވާބު' ދައްތައެއް ނުވަތަ ބޮޑުދައިތައެއްގެ ރޯލު ކުޅުނީ. އެ ދެ ފިލްމުވެސް ރިލީޒެއް ނުކުރޭ."

ޝޫޓިންއެއްގެތެރެއިން - ފޮޓޯ:ފިލްމު އިންޑަސްޓްރީ އެފްބީ ޕޭޖް

ފިލްމެއް ކުޅެން ހުށަހެޅުމެއް ލިބިއްޖެނަމަ އާރިފާ ބަލާ ޚާއްސަ ކަންތައްތަކެއް ހުރެއެވެ. ވަކި ރޯލެއް ބޭނުންވެގެން ނުއުޅެއެވެ. ލިބޭ ކޮންމެ ރޯލެއްވެސް ކުޅެނީ ނުހަނު ގަޔާވެގެންނެވެ.

"މިކަން ކުރަން ފެށީމަ ވަރަށް ޝައުގުވެރިކަން ހުރޭ. ލިބޭ ކޮންމެ ރޯލެއްވެސް ކުޅޭހިތުން ކުޅެނީ. އެކަމަކު ފިލްމެއް ލިބިއްޖެއްޔާ އަޅުގަނޑާ އެކީގައި މަސައްކަތް ކުރަންތިބީ ކޮންބައެއްތޯ ބަލާފަ ގައިގޯޅިވެގެން ނޫނީ ވިޔާނުދާ އިބާރާތްތަކެއް ބޭނުންކުރުން ކަހަލަ ކަންތައްތަކެއް ހުރިތޯ ބަލަން. އެކަހަލަ ކަމެއް ނެތިއްޔާ އަޅުގަނޑަށް އޯކޭވާނެ ކޮންމެ ރޯލެއްވެސް."

'ފަތިސްހަނދުވަރު' ފަދަ އާރިފާގެ އެކްޓިން ފެންނަ މަޝްހޫރު ބައެއް ފިލްމުތަކުން އޭނާގެ ހަގު ދެދަރިން (އެނީ އާއި ސެލީ) ބައެއް ފަހަރު ފެންނާތީ އެއްވެސް ދަރިއެއްގެ ކިބައިގައި ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުރޭތޯ އަހާލުމުން އާރިފާ ބުނީ "ދަރިންގެ ޝައުގުވެރިކަމެއް ނުހުރޭ. އޭރު ކުދިންނަށް ވަގުތު ނުދެވޭތީ މަސައްކަތަށްދާއިރު އެންމެ ކުޑަ ދެކުދިން ގޮވައިގެން އަޅުގަނޑު ދަނީ. އެހެންގޮސް އުޅޭއިރު ބައެއް ފަހަރު ކުޑަކުއްޖެއް ނުލިބިގެން ބުނީމަ އެ ކުދިން ކުޅެނީ. ފިރިހެން ދަރިފުޅު (ސުނީ) މިހާރު އެކަމުގައި އެބައުޅޭ. އޭނާވެސް ކުރިން އެއްވެސް އިރަކު ފިލްމުކުޅޭ ހިތަކުން ނޫޅޭ." 

މެދުނުކެނޑި ފިލްމީ ދާއިރާގައި ދެމިހުރެވުނީ ކީއްވެ؟

އާރިފާގެ ކާމިޔާބީގެ ފަހަތުގައި ވަނީ ލޯބިވާ ދަރިންނާއި ފިރިމީހާގެ ސަޕޯޓެވެ. އާރިފާއަށް މިދާއިރާއިން ހާސިލް ކުރެވިފައިވާ ކާމިޔާބީތަކާއި މިއަދު އާދެވިފައިވާ ހިސާބަށް ވާސިލުވުމުގެ ފަހަތުގައި ތިބީ އޭނާގެ 6 ދަރިންނެވެ. 

އާރިފާ އަދި ފިރިމީހާ މުޙައްމަދު ޙަސަން

"އާއިލާގެ ސަޕޯޓް ލިބޭ. ޝޫޓިންތަކަށްދާއިރު ގޭގަ ތިބޭނީ އަޅުގަނޑުގެ ދަރިން. އިތުރު މީހަކު ނޫޅޭނެ ކުދިންގެ ކަންތައްތައް ކުރާކަށް. އަޅުގަނޑަށް ޓަައިމް ލިބޭ ފަހަރު އެކުދިންގެ ފަރާތުން ލިބޭ އެހީތެރިކަމެއް، ބޮޑެތި ކުދިން ކުޑައަށް ތިބޭ ކުދިންގެ ކަންކަން ކޮށްދޭތީ ދެވެނީ."

އާރިފާގެ ވިސްނުމަކީ ގޭގައި ހުންނަކަމެއް ނުކުރެވިއޮތަސް މީހަކަށް ކޮށްދޭނަމޭ ބުނެވިފައިވާ ކަމެއްވާނަމަ އެކަމެއްގެ ވަގުތުގައި އެންމެ ރަނގަޅަކަށް ކޮށްދިނުމެވެ.

"ގޭގަ ބައެއް މަސައްކަތް ނުކުރެވިފަވެސް ހުރެދާނެ. އެކަމަކު މީހުންނަށް ކޮށްދޭން ހުންނަ ކަންކަމަށް ވަރަށް އިސްކަން ދޭނަން. ބަލާނަށް އަޅުގަނޑުގެ ފަރާތުން އެހެން މީހަކަށް ދަތިކަމެއްނެތި މަސައްކަތް ކުރެވޭތޯ."

ފިލްމީ މަސައްކަތުގައި އުޅުނު ނަމަވެސް ދަރިންނާއި މާމަ ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ލޯބި ކުރެއެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދިން އިރުވެސް ހުރީ މާމަ ދަރިފުޅެއް ދިރިއުޅޭ ރަށެއްގައި މާލެއިން ބޭރުގައެވެ. ޢާއިލީ ގުޅުމާ ގުޅޭގޮތުން އާރިފާ ބުނީ "ދަރިން ބޮޑެތި ވެގެން ބައެއް ކުދިން ދުރުގައި ވަކިންވެސް އެބައުޅޭ. ދުރުގައި ތިއްބަސް ވަރަށް ގާތްކޮށް އުޅޭނީ. ޢާއިލާގަ ވަރަށް ބަދަހި ގުޅުމެއްއޮވޭ."

ސްޓޫޑިއޯއެއްވެސް އުފެއްދި، ފިލްމުތަކާއި ޑްރާމާތައް އުފެއްދި

އާރިފާއަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ވާހަކަ ލިޔުމާއި ސްކްރީން ޕްލޭ ތައްޔާރު ކުރުމާއި، ފިލްމް/ޑްރާމާ ޕްރޮޑިއުސް ކުރުމާއި، ޑައިރެކްޓް ކުރުމުގެ ތަޖްރިބާވެސް ހުރި ކަނބަލެކެވެ. 'އެން އައިޑީއާ' ނަމުގައި ސްޓޫޑިއޯއެއް އުފެއްދިއެވެ. އޭނާގެ ޑައިރެކްޝަންތަކަށް ބަލާއިރު ފިލްމު 'ދައުވާ' އާއި 'ސާހިބާ' ފާހަގަ ކުރެވެއެވެ. ޑްރާމާ ސީރީޒްތަކުގެތެރޭގައި 'ވައިރޯޅިއަށްވެސް ސިއްރުން'، 'ވައިސޫރި'، 'ވިމްލާ'، 'ވަގުތު ފާއިތު ނުވަނީސް'، 'ވަފާތެރި ނުވެވުނަސް' ފަދަ އެއިރެއްގައި މުޖުތަމައުގައި ހިނގާ ކަންކަމާއި ގުޅުވައިގެން ތައްޔާރުކުރި އުފެއްދުންތައް ހިމެނެއެވެ.

ކޮންމެ ފާޑުކިއުމަކީ ތަރުހީބެއްގެގޮތުގައި ބަލައިގަންނަ އާރިފާއަކީ ޤައުމީ ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން މިއަދު ކްރިސްޓަލް އެވޯޑާއި، ޖެހިޖެހިގެން 4 ފަހަރު އާފަތިސް އެވޯޑް ހާސިލް ކުރިއެވެ. 3ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑްވެސް ލިބުނެވެ. 

ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ކުދިންނަށް ސީނިއާ ސްޓާރެއްގެ ހައިސިއްޔަތުން އާރިފާ ދިނީ މިމެސެޖެވެ. "ފިލްމުކުޅުމުގެ މަސައްކަތް ކެރިގެން ހީވާގިކަމާއި ކެތްތެރިކަމާއެކު ކުރާށޭ. ވަރަށްވަގުތު ދާނެ ކަމެއް މީ. ކޮންމެ ކަމެއްގައިވެސް އެމީހަކު އަމިއްލައަށް ޝާމިލުވެގެން ކުރާހިތުން ކުރީމަ ކުރިއެރުން ލިބޭނެ" ކަމަށެވެ. އަދި ގަޑިއަށް ފަރުވާތެރިވުމަށާއި، މަސައްކަތުގެތެރޭގައި އުޅޭއިރު ރުޅި އިސްނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. 

+1
0
+1
4
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް