September 20, 2024 19:32
Advertisement

-Advertisement-

ވޯޓް ދޭންވީ ކާކަށް؟ ވިސްނަންވީ ކޮންކަމަކަށް؟

ސޯޝަލް މީޑިއާގެ ކޮންމެ އެޕްލިކޭޝަނެއް ހުޅުވާލިޔަސް އިންތިޚާބުގެ ވާހަކައެވެ. ފޯނު ކޯލުތަކާއި މެސެޖުތަކުން ހަމަ މިވާހަކައެވެ. ހުރި ގާތްކަމަކާއި ތިމާގެ ކަންވެސް ފޯނުކޮށްފައި ކިޔާދެނީއެވެ. ކޮށްދީފައި ހުރި ކަންތައް ކިޔައިދިނުމާއިއެކު ކޮށްދޭނެ ކަންތައްތަކުގެ ވައުދުތައްވެސް ވަނީއެވެ. އެމީހަކަށް ވިސްނޭ ނުވަތަ ތާއީދުކުރާ މީހަކަށް ނުވަތަ ޕާޓީއަކަށް ވޯޓު ދޭންވީ ކީއްވެކަން ކިޔައިދީ، ދެންތިބި މީހުންނަށް ނުދޭންވީ ސަބަބާއިއެކު ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ ވިސްނުމުގެ ފޭރާން ދެންތިބި މީހުންގެ ސިކުނޑިއަށް ހެޔޮވަރު ކުރެވޭތޯއެވެ. ނަމަވެސް އަޅުގަނޑުމެން ކުރަން މިއުޅެނީ ކީއްތޯ ވިސްނާލެވެނީ ކިހާވަރަކަށް ހެއްޔެވެ.

އާދޭހެވެ. ކުރަން މިއުޅޭކަމަކީ ކުޑަކަމެއް ނޫނެވެ. ކުރިން ރަށްރަށުގެ ކަންކަން ހިންގަން އެޓޯލްސް މިނިސްޓްރީ މެދުވެރިވެގެން އައްޔަން ކުރެވުނު އަތޮޅުވެރީންނާއި ކަތީބުންގެ ޒަމާން އުވިގޮސް، ރަށްރަށުގެ ކަންކަން ހިންގަން އެރަށެއްގެ ބަޔަކު އަމިއްލައަށް އިހުތިޔާރުކުރާ ބަޔަކު ހަމަޖެއްސުމުގެ މުހިންމު އަދި ޒިންމާ ބޮޑު މަސައްކަތެވެ. ހޮވަން މިއުޅެނީ، ރަށުގެ ތަރައްޤީއާއި، ރަށުގެ ކަންކަން ބަލަހައްޓައި ކުރިއެރުވުމަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައިތިބެ ބަސްބުނެ، ކަންކަން ނިންމާނެ ލީޑަރުންނެވެ ނުވަތަ ކައުންސިލަރުންނެވެ. އެހެންކަމުން، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިރު، ޕާޓީގެ ވިސްނުމާއި، އާއިލީ ވިސްނުމާއި، ގޭދޮށު މީހުންގެ ނުފޫޒުން އެއްކިބާވެގެން ހަވާލު ވެފައިފާ މަތިވެރި ޤައުމީ ޒިންމާ އަދާކުރުމުގައި ފަރުވާތެރިވާން ޖެހެއެވެ.

ވޯޓު ކަރުދާސް ގުނުމުގެ މަސައްކަތް ކުރިއަށްގެންދަނީ/ ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓު ދޭންވީ ރަނގަޅު މީހާ ކަނޑައަޅާނީ ކިހިނެއްހެއްޔެވެ. އެއީ ކޮންކަހަލަ ސިފަތަކެއް ހުންނަންޖެހޭ މީހެއްހެއްޔެވެ. ތިރީގައި މިހިއްސާކޮށްލަނީ ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު 12 ކަންތަކެވެ.

Advertisement

1. ތެދުވެރިކަމާއި ނަޒާހަތްތެރިކަން

ތެދުވެރިކަމާއި ނަޒާހަތްތެރިކަން ނެތި ހަގީގީ ކާމިޔާބީއެއް ނުހޯދޭނެއެވެ. އެއީ އޮފީހަކަށް ވިޔަސް، ލަޝްކަރަކަށް ވިޔަސް، ކުޅިވަރުކުޅޭ ދަނޑަކަށް ވިޔަސްމެއެވެ. މިސިފަތައް ނެތް މީހަކަށް ރައްޔިތުންނަށް ކާމިޔާބު ހިދުމަތެއް ކޮށްދެވޭނެ ގޮތެއް ނޯންނާނެއެވެ.

2. އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން

ހަރުދަނާ ލީޑަރުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް ޔަގީންކަމާއި އިތުބާރު އޮންނަ މީހުންނެވެ. މިފަދަ މީހުންނަކީ ކަންކަން ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި ކުރެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަންކަމާއި ކުރިމަތިލައި ކާމިޔާބުކުރާ މީހުންނެވެ. އަދި އަމިއްލަ ނަފްސަށް ޔަގީންކަމާއި އިތުބާރު ނެތް މީހަކު ރަށެއްގެ ރައްޔިތުން ގޮވައިގެން ވަކި އަމާޒަކަށް ދަތުރުކުރުމަކީ ވާނެ ކަމެއް ނޫނެވެ.

3. އެހެންމީހުންނަށް ހިތްވަރުދީ ކުރިއެރުވުން

ލީޑަރަކަށް ކުރަން އެންމެ އުނދަގޫވާނެ ކަމަކީ އެހެން މީހުން އޭނާއާއި އެކުގައި ދާން ވިސްނައިދިނުމެވެ. މިކަން ހާސިލުކުރެވޭނެ ހަމައެކަނި ގޮތަކީ އެހެންމީހުންނަށް ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކޮށް، އަމަލީގޮތުން މިސާލު ދެއްކުމެވެ. ރަށެއްގެ ތަރައްގީއަށް މަސައްކަތްކުރާއިރު ކިތަންމެ ގޮންޖެހުންތަކަކާއި ކުރިމަތިވާނެއެވެ. ވީމާ، ކަންކަން ކުރެވޭނީ މީހުންނަށް ހިތްވަރުދީގެން ކުރިޔަށް ނެރިގެން މަސައްކަތް ކުރެވޭނެ މީހަކަށެވެ. އެއީ ރަށުގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ކައުންސިލްގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުން ފެށިގެން ރަށުގެ ތަރައްޤީއާއި ގުޅުންހުރި ކަންކަމުގައި ބައިވެރިވާން އެހެން މީހުން ކުރިޔަށް ނެރުންފަދަ ކަންކަމުންނެވެ.

4. ގަޔާވެގެން މަސައްކަތް ކުރުން

ކައުންސިލަށް ހޮވޭ މީހަކީ ޓީމެއް ގޮވައިގެން މަސައްކަތް ކުރާނެ މީހަކަށްވެފައި، ޓީމުގެ މެމްބަރުން ލީޑަރަކަށް ހުންނަ މީހަކު ކަންކަން ކުރާގޮތަށް ބަލާނެއެވެ. ކައުންސިލަށް ކުރިމަތިލަނީ ހަމައެކަނި ސިޔާސީ މަގާމެއްގައި މުސާރަ ހޯދުމުގެ ބޭނުމުގައިނަމަ ނަތީޖާ ހާސިލު ނުކުރެވޭނެއެވެ. އެހެންކަމުން، އެމީހަކީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ގަޔާވެގެން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އަދި ރަށުގެ ރައްޔިތުންނާއިއެކު މަސައްކަތް ކުރެވޭނެ މީހަކަށް ވާންޖެހޭނެއެވެ.

5. މުއާމަލާތް ކުރުން

ރަނގަޅު ލީޑަރެއްގެ އެންމެ މުހިންމު އެއްސިފަޔަކީ ރަނގަޅަށް މުއާމަލާތް ކުރުމެވެ. މިގޮތުން ރައްޔިތުންގެ އަޑު ރަނގަޅަށް އަހައި، ހޯދިދާނެ ހައްލުތަކާއިމެދު މަޝްވަރާކޮށް، ހިޔާލު ހޯދުމުގެ ޤާބިލުކަން ހުންނަން ވާނެއެވެ. އަދި އެމީހެއްގެ އަމިއްލަ ހިޔާލާއި ވިސްނުން، އަދި ހާސިލު ކުރަން ބޭނުންވާ ނަތީޖާއާއި، އެކަން ކުރާން ގޮތް ރަނގަޅަށް އެހެން މީހުންނަށް ކިޔާދެވޭނެ މީހަކަށް ވާންވާނެއެވެ.

6. ކަންކަމުގައި ގޮތް ނިންމުމުގެ ގާބިލުކަން

ހަމައެކަނި މޮޅު ހިޔާލާއި ވިސްނުން ހުރުމަކުންވެސް ނުފުދެއެވެ. އެމީހަކީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުންތައް ނިންމާނެ މީހަކަށް ވާންޖެހެއެވެ. ސަބަބަކީ ކައުންސިލަރުންގެ ގޮތުގައިތިބެ ނިންމާ ނިންމުންތަކަކީ އެކަންކަމުގެ އަސަރު ދިގުމުއްދަތުގައި ރަށުގެ މުސްތަޤުބަލަށް ކުރާނެ ނިންމުންތަކަކަށް ވާނެތީއެވެ. މީގެ އިތުރުން ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ހިޔާލާއި ފަންނީ މީހުންގެ އިރުޝާދު ހޯދާނެ މީހަކަށް ވާންޖެހޭނެއެވެ.

7. ޒިންމާނެގުން

ލީޑަރުންގެ ޒިންމާއާއި ގުޅޭގޮތުން އާނޯލްޑް ގްލާސްގޯވ ބުނެފައިވެއެވެ. "ރަނގަޅު ލީޑަރުންނަކީ ކަމެއް ގޯސްވެގެންދާއިރު އެކަމުގެ ޒިންމާ އޭނާ ނަގަންޖެހޭ މިންވަރަށްވުރެވެސް ބޮޑުކޮށް ނަގައި، ރަނގަޅު ކަމެއްވުމުން އެކަމުގެ ކްރެޑިޓް އެހާ ބޮޑަށް ނުނަގާ މީހުންނެވެ". ވީމާ، ރަށުގެ ކަންކަމުގައި ގޮތް ނިންމަން ހޮވާ މީހަކީ އެނާގެ ނިންމުމާއި ގުޅިގެން ނިކުންނަ ނަތީޖާގެ ފުރިހަމަ ޒިންމާ ނަގައި، އެހެން މީހެއްގެ ބައެއްގެ ބޮލަށް ކަންކަން ޖަހާލާފައި، ރެކެން އުޅޭ މީހަކަށް ވެގެން ނުވާނެއެވެ.

8. އެހެންމީހުން ބާރުވެރިކުރުވުން

އެއްވެސް މީހަކަށް ހުރިހާ ކަމެއް އެކަނިމާއެކަނި އަމިއްލަޔަކަށް ނުކުރެވޭނެއެވެ. އެހެންކަމުން، ރަނގަޅު މީހުންގެ ސިފަޔަކީ، ކުރަންޖެހޭ ކަންކަން އެކި މީހުންނަށް ބަހާލައިގެން އެހެންމީހުން ބާރުވެރި ކުރުވުމެވެ. މިކަން ކުރެވޭނީ އޭނާގެ ވަށައިގެންވާ ޓީމަށް ފުރިހަމަޔަށް އިތުބާރުކުރާ މީހަކަށެވެ. މިއީ ކައުންސިލް އިދާރާއިން ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި މުހިންމުކަމެކެވެ.

9. އުފެއްދުންތެރިކަން

ލީޑަރުންނާއި އެހެން މީހުން ވަކިކޮށްދޭ އެންމެ މުހިންމު އެއްސިފަޔަކީ އުފެއްދުންތެރިކަމެވެ. ރަނގަޅު ލީޑަރުންނަކީ އުފެއްދުންތެރި އާ ހިޔާލުތަކަށް ތަނަވަސް ސިކުނޑިއެއްގެވެރި ބަޔަކަށް ވާންޖެހޭނެއެވެ. ރަށުގެ ކުރިއެރުމާއި، ރަށުގައި ހައްލުކުރަން ޖެހޭ އެކި މައްސަލަތައް ހައްލުކުރުމުގައި އުފެއްދުންތެރި ހައްލުތައް ހޯދައިދެވޭނެ މީހަކު ހިޔާރުކުރާށެވެ.

10. ހިތްތިރިކަން

ބޮޑާކަމާއި ކިބުރުވެރިކަމަކީ މިޒަމާނުގައި ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫނެވެ. ރަނގަޅު ލީޑަރުންނަކީ ހިތްތިރި، އެހެން މީހުންނަށް އިހުތިރާމްކުރާ، ހުރިހާ އުމުރުފުރައެއްގެ، ހުރިހާ ވިސްނުމެއްގެ މީހުންނާއިއެކު މަސައްކަތް ކުރެވޭ މީހުންނެވެ.

11. ދެފުށް ފެންނަގޮތަށް މަސައްކަތް ކުރުން

ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްކުރުމަށް އައްޔަން ކުރެވޭ މީހުންނަކީ، އެމީހުން ކުރާ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް އަމަލު ކުރަންޖެހޭނެ ބައެކެވެ. މިގޮތުން، ރަށުގެ ތަރައްގީއާއި، އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް އަމަލު ކުރުމުން ޝައްކު ކުރުމާއި، ބޭކާރު ފޮރުވިފައިވާ ސިޔާސަތުތަކުން ދުރުވެވޭނެއެވެ.

12. ދުރުވިސްނުމާއި މަގުސަދު

ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ކަމަކީ ދުރުވިސްނުމާއި ވަކި މަޤުސަދެއް ހާސިލުކުރަން މަސައްކަތް ކުރުމެވެ. މިގޮތުން ވޯޓް ދިނުމުގެ ކުރިން އެމީހަކު ތިމާގެ ރަށާއިމެދު ގެންގުޅޭ ވިސްނުމާއި، ދުރު މުސްތަޤުބަލުގައި ރަށާއިމެދު އޭނާގެ އުއްމީދުތަކަކީ ކޮބައިތޯ ސާފުކުރާށެވެ. އަދި އެމީހަކު ކުރިމަތިލާފައިވާ މަގާމަށް ކުރިމަތިލީ ކޮން މަޤުސަދެއްގައިތޯ ޔަގީންކުރާށެވެ.

މަތީގައި މިފާހަގަކޮށްލެވުނު ކަންކަމަކީ އެއްކަން އަނެއްކަމާއި ގުޅި ލާމެހިފައިވާ ކަންކަމެވެ. މިހުރިހާ ސިފަތަކަކަކީވެސް ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުރުން ލާޒިމު ސިފަތަކެކެވެ. އެހެންކަމުން ވޯޓުލުމުގެ މަތިވެރި ޤައުމީ ޒިންމާ އަދާކުރަން ތައްޔާރުވާއިރު، މަޤާމުތަކަށް ކުރިމަތިލާފައި ތިބި މީހުން މިދެންނެވި ކަންކަމުގެ މައްޗަށް ބިނާކޮށް މިނެކިރާލުމަކީ، މަޤާމަށް އެންމެ ޤާބިލް މީހާ ކަނޑައެޅުމުގައި ފަސޭހަވެގެންދާނެ ކަމެކެވެ. 

+1
0
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް