September 20, 2024 23:43
Advertisement

-Advertisement-

ޔާނު ޤައުމީ ޖާޒީގައި

ޔާނު: ފުޓްބޯޅަ އަށް ޝައުގުވެރި ކުރުވީ ދަގަނޑޭ، އަމާޒަކީ ރަން ވަނައެއް!

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިޔާ ލީގުގައި ފާހަގަކޮށްލެވޭ ހަގު ކުޅުންތެރިންގެ ތެރެއިން މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔަކީ ކްލަބް ގްރީން ސްޓްރީޓްސްގެ ފޯވާޑް ޢަބުދުﷲ ޔާމީން (ޔާނު) އެވެ. އޭނާއަކީ ސީނިއާ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި މިހާތަނަށް ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. 

ހއ.ބެރިންމަދޫއަށް އުފަން އުމުރުން 20 އަހަރުގެ ޔާނު ކުޑައިރު ދެކެމުންއައި ހުވަފެނަކީ ދިވެހި ފުޓްބޯޅައިގެ ލެޖެންޑް ޢަލީ އަޝްފާގް (ދަގަނޑޭ) ފަދަ މޮޅު ކުޅުންތެރިއަކަށް ވުމެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކޮށްލުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ.
"ބެރިންމަދޫގައި ޔާނު އުމުރުގެ ކުދިން ވަރަށް މަދުވާނެ. ޔާނުއަށްވުރެ ގާތްގަނޑަކަށް 7 އަހަރުވަރު ބޮޑެތި ކުދިން އުޅޭނީ. ދެން ބޮޑެތި މީހުންނާ އެކީގައި ތުނޑިއަށް ދަނީ ފުޓްބޯޅަ ކުޅެން. ރަށުގެ އެންމެންއެކީ ކަހަލަ ގޮތަކަށް ކުޑަގޯލަށް ކުޅެނީ އޭރު" މީސްކޮޅު މަދު ބެރިންމަދޫގެ ހަނދާންތައް ޒީޓައިމްސް އާއި ހިއްސާ ކުރަމުން ޔާނު ކިޔައިދިނެވެ.

ފަހުން ބެރިންމަދޫ އެންމެން އެއަތޮޅު ހޯރަފުއްޓަށް ބަދަލުކުރިއެވެ. އޭރު ޔާނުގެ އުމުރުން ވާނީ ގާތްގަނޑަކަށް 8 އަހަރު ކަމަށް އޭނާ ބުންޏެވެ. ހޯރަފުށީގައި ޔާނުމެން ދިރިއުޅުނީ ފްލެޓްގޮތަށް ސަރުކާރުން އަޅާދީފައިހުރި އިމާރާތްތަކެއްގައި އެކަކު އަނެކަކަށް ފަސޭހައިން ބައްދަލުވާހެން ކައިރި ކައިރީގައެވެ. އެރަށުގައިވެސް ފުޓްބޯޅަ ކުޅެންދެއެވެ.

Advertisement

ޕްރޮޕެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅެން މާލެ އާދެވުނު ގޮތް
ހޯރަފުށީ ސްކޫލުން ގްރޭޑް 10 ނިންމުމަށްފަހު މާލެ އައިސް ކްލަބް ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކަށް ނިކުންނަށް ފެށީ 10 ޖެނުއަރީ 2017ގައި ކަމަށް ޔާނު ބުންޏެވެ. ހަމަ އެއަހަރު ޑިސެމްބަރުގައި 19 އަހަރުން ދަށުގެ ޤައުމީ ސްކޮޑުންވެސް ފުރުސަތު ހޯދިއެވެ.
މާލެ އާދެވުނުގޮތް ކިޔައިދެމުން ޔާނު ބުނީ "މާއްޓޭ ކޯޗު ރަށަށް ކުރިދަތުރެއްގައި އަޅުގަނޑު ފެނިގެން ބުނި ބުނުމަކަށް ގްރީން ސްޓްރީޓަށް ވަދެވުނީ. ރަށު މީހުންނާއި ގްރީން އާއި ގާތްވީމަ ސްކޫލު ނިންމިތަނުން ޕްރޮފެޝަނަލްކޮށް ކުޅެން ފެށުނީ. އޭރު އަޅުގަނޑަށް 16 އަހަރު"
އޭގެ ފަހުން މިއަދާ ހަމައަށްވެސް ޔާނު ކުޅެމުން އަންނަ ކުލަބަކަށް ބަދަލެއް ނާދެއެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ޔާނު ވަނީ 2019ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ހޮވި އެންމެމޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ޔާނު އަކީ ސީނިއާ ޤައުމީ ޓީމުގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިންގެ ތެރެއިން ގުނާލެވޭ އެއް ކުޅުންތެރިއެކެވެ. ސީނިއާ ޤައުމީ ޓީމާއެކު ކުޅޭނެ މާގިނަ ފުރުސަތުތަކެއް އަދި ލިބިފައިނެތްނަމަވެސް 2018ވަނަ އަހަރުގެ މާރިޗް 23ގައި އޮތް މެޗެއްގައި ސިންގަޕޫރާއި އެކު ކުޅުމުގެ ފުރުސަތު ލިބުނެވެ. އަދި އޭގެ ފަހުން ގަލޮޅު ދަނޑުގައި ބޫޓާނާއި ދެކޮޅަށް ދިވެހި ޓީމު ކުޅުނު މެޗެއްގެ ބައެއްގައި ކުޅުމުގެ ފުރުސަތުވެސް ލިބުނެވެ.

ސީނީއާ ޤައުމީ ޓީމުގައި ޔާނު ހިމެނުނީ 2018، 2019 އަދި 2020 ގައެވެ. މިއަހަރުގެ ސްކޮޑްގައި އަދި އޭނާގެ ނަން ނެތް ނަމަވެސް އުންމީދުކޮށްގެން ހުރީ ޤައުމީ ޓީމަށް ނަގާނެ ކަމަށެވެ. އެވަރުގެ މޮޅު ކުޅުމެއް ދެއްކޭތޯ ޔާނު އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔާނު ބުނިގޮތުގައި ރާއްޖޭގައި ފުޓްބޯޅައިން ކުރިއަށްދާން ބޭނުންނަމަ މަސައްކަތް ކުރަންޖެހޭނީ އަމިއްލައަށެވެ.

ފުޓްބޯޅަ ކުޅުމުގެ ވައްޓަފާޅިއާއި އުކުޅުތައް ދަސްކުރުމަށް ބޭރުގެ ކުޅުންތެރިއަކު ފޮލޯ ކުރަންތޯ އަހާލުމުން ހިނިގަނޑެއް ޖަހާލަމުން ޔާނު ބުނީ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކަމަށެވެ. "މެސީގެ ކުޅުން ބަލަނީ، އެކަމަކު ސަޕޯޓްކުރަނީ ކްރިޓިއާނޯ ރޮނާލްޑޯއަށް. ފޭވަރިޓް ޓީމަކީ ރިއާލް މެޑްރިޑް."
ޔާނުގެ ކުރިއެރުމުގައި ކޯޗުންގެ ދައުރަކީ ކޮބާތޯ އަހާލުމުން އޭނާ ބުނީ "ހުރިހާ ކޯޗުންވެސް ރަނގަޅު. ފުރަތަމަ މަސައްކަތް ކުރީ ސޮބާ ކޯޗާއި އެކު ދެން ސާންތީ ކޯޗާއި އެކު. ގްރީންގައި ބޮޑަށް ސުޒޭން ކޯޗު ޔާނުއަށް ފުރުސަތުތައް ދޭންފެށީ. ފުރަތަމަ 11ގައި ހިމެނީވެސް" ޔާނު ބުންޏެވެ. 

ފުޓްބޯޅައިގެ ކުރިމަގާމެދު ހަގު ކުޅުންތެރިއެއްގެ ހައިސިއްޔަތުން ޔާނު ދެކޭގޮތަކީ ކޮބައިތޯ އަހާލުމުން އޭނާ ބުނީ "މިހާރު ފުޓްބޯޅަ ކުރިއަރުވަން ބައްސާމް (އެފްއޭއެމްގެ ރައީސް) ވަރަށް މަސައްކަތް ކުރާތަން އެބަފެނޭ. އެފްއޭއެމުން އެކުރާ މަސައްކަތް އެގޮތަށް ކޮށްފިއްޔާ ކްލަބުތަކަށް އާމްދަނީ ލިބެންފެށީމަ ހީވަނީ ވަރަށް ރަނގަޅުވާނެހެން" މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިންގާގޮތަށް އެހެން ކުލަބުތައް ހިންގާނަމަ ކުޅުންތެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަން ފާހަގަކުރަމުން ޔާނު ބުންޏެވެ.

ބައެއް ކުލަބުތަކުން ކުޅުންތެރިންނަށް ޤަވާއިދުން މުސާރަނުދޭ މައްސަލަ އާއި ގުޅޭގޮތުން ސުވާލުކޮށްލުމުން ޔާނު ބުނީ "ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަތައް ދެމަސް ތިންމަސް ވެގެންދާއިރު ޑިލޭވަންޏާ ވަރަށް ދަތިވާނެ. ދެން ކަމެއް ކުރިއަރައިގެން އަންނައިރު އެކަހަލަ ކަންތައްތައްވެސް ދިމާވާނެކަން ގަބޫލުކުރަން. ފުޓްބޯޅަ ކުޅެން ބޭނުން ވަންޏާ ޖެހޭނީ އެކަހަލަ ކަންތައްތައް ސެކްރިފައިޒް ކުރަން" މިއީ ޔާނު ދެކޭގޮތެވެ.

ޔާނު އޭނާގެ ބައްޕަ އާއި އެކު. ޔާނު ކުޅޭ ކޮންމެ މެޗެއް ޓީވީން ދައްކާނަމަ ބަލާނެ

ޔާނުގެ ކެރިއަރުގައި އެންމެބޮޑު ހިތްހަމަޖެހުމަކީ ހޯރަފުށީގައި ދިރިއުޅޭ މަންމަ އައިޝަތު ޢަބުދުއްރަޙްމާން އާއި ބައްޕަ ޙުސައިން އަބޫބަކުރު އަދި ޢާއިލާއެވެ.
"ފެމިލީ ވަރަށް ބަރާބަރުވާނެ. ދެވަނައަށް ހުންނަ ބޭބެވެސް ކުރިން ބޭނުންވީ ޕްރޮފެޝަނަލް ފުޓްބޯލް ޕްލޭޔަރަކަށްވާން. އެކަމަކު ޔާނު ކުޑައިރު ޔާނުއަށާއި ޢާއިލާއަށް ޚަރަދުކުރަން ބޭބެ ބޭނުންވީ. ސިފައިންގޭގައި މިހާރު އުޅޭ އެ ބޭބެ ވަރަށް އުފާވާނެ އޭނާ ކުރަން ބޭނުންވިކަމެއް ޔާނު ކުރާތީ، އެގޮތުން އެ ބޭބެއަށް ޔާނު ވަރަށް އިހްތިރާމްކުރަން" ޔާނު ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
ޔާނުގެ ބައްޕަ އާއި ގުޅޭގޮތުން އޭނާ ބުނީ މެޗެއްގައި ނޭރުވިޔަސް ގުޅާނެ ކަމަށާއި، މެޗެއްގައި މޮޅަށް ކުޅުނަސް އަދި ރަނގަޅަށް ނުކުޅެވުނަސް އެކަންވެސް ބައްޕަ ފާހަގަކުރާނެ ކަމަށެވެ.

މެޗެއްގައި ގޯލެއް ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ

ބައްޕަމެންދޭ ހިތްވަރާ ރަށުން އެއަންނަ ފޯނު ކޯލުތަކަކީ ޔާނުގެ ކުޅުން ރަނގަޅުކުރުމަށް ލިބޭ ހިތްވަރެކެވެ. ދެ ބޭބެ އާއި ދެ ދައްތަ ހިމެނޭ ޢާއިލާގެ ޔާނު އަކީ ޢާއިލާގެ އެންމެ ހަގު އަދި ފަސްވަނަ މެންބަރެވެ. ޢާއިލާ އާއި ރައްޓެހިންދޭ ހިތްވަރާއިއެކު އޭނާގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް އެހެން ޤައުމަކުން ފުރުސަތެއް ލިބިއްޖެނަމަ ދާން ތައްޔާރަށް ހުރި ޔާނު ބުނީ ރާއްޖޭގައި ފުޓްބޯޅައަށް ސަޕޯޓަރުންގެ ސަމާލުކަން ކުޑަކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.
"ވަރަށް މަސައްކަތުން ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންގޮސްގެން ކުރީގެ ފޯރި ގަލޮޅު ދަނޑަށް އަލުން ގެނެވޭނީ. މިހާރު ވަރަށް ދެރަވެސްވޭ މެޗު ކުޅޭއިރު ސަޕޯޓަރުންނެއް ނުތިބޭނެ. ޔާނުމެން ކުޑައިރު ޓީވީން މެޗުތައް ބަލާއިރު ވަރަށް ފޯރިއޮވޭ ސަޕޯޓަރުންގެ" ޔާނު ފާހަގަ ކުރިއެވެ. 

ޔާނު އަޝްފާގާއި އެކު. އަޝްފާގަކީ މިހާރު ފުޓްބޯޅަ ޢާއިލާއިން ޔާނުގެ ގާތް އެކުވެރިއެއް

ފުޓްބޯޅަ އަށް ލޯބިޖެހުނީ އަޝްފާގުގެ ސަބަބުން
"އަޝްފާގް އާއި ހުރެ ފުޓްބޯޅައަށް ލޯބިޖެހުނީ. ރޮނާލްޑޯ މެސީމެން ފެނުނީ ތަކޮޅެއް ފަހުން. ކުޑައިރު ޓީވީން ފެނުނީ އަޝްފާގު ކުޅޭތަން. ޕްރޮޕެޝަނަލް ގޮތަކަށް ކުޅެން ހިޔާލު އައީ ދަގޭ އާއި ހެދިގެން މާލެ އައިސް ދަގޭއާއި އެއް ޓީމެއްގައި ކުޅެލަން ފުރުސަތު ލިބުން އެއީ ހަމަ ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން" ޔާނު ވަރަށް އުފާވެފައިހުރެ ބުންޏެވެ.

 ޔާނު ބުނީ އޭނާ މިހާރު އެންމެ ބޭނުންވަނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ 11 ގައި 7 ނަމްބަރު ޖޯޒީގައި ކުޅެލުމަށް ކަމަށެވެ. އަދި އެ ޤައުމީ ޖޯޒީގައި ޤައުމަށް ފަހުރުވެރި ރަން ވަނައެއް ހޯދައިދިނުމެވެ. "ވަރަށް ބޭނުންވޭ ޤައުމީ ޓީމުގައި 7 ނަމްބަރު ޖަހައިގެން ކުޅެފަ ބޭރުން ސާފް ޗެމްޕިއަންޝިޕް ކަހަލަ އެއްޗެއް ރާއްޖެއަށް ހޯދައިދެން." ޔާނުގެ މި އުންމީދު ހާސިލް ކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބީއަށް އެދެމެވެ.

+1
0
+1
8
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް