ބައެއް ފަންނުތަކަކީ އެމީހެއްގެ ކިބައިގައި ހުނަރު ހުއްޓަސް އެކަމުގެ ޝަޢުޤުވެރިކަމެއް ނެތްނަމަ ކުރި އަރައިގެން ނުދާނެ ފަންނުތަކެވެ.
ރާއްޖޭގައި ތިބި ގިނަ ފަންނުވެރިންނަކީ އެމީހެއްގެ އެ ހުނަރު ހުރުމާއިއެކު އެކަމަށް ހުންނަ ޝައުޤުވެރިކަމުން ކުރިއަރަމުން އަންނަ ބައެެކެވެ. ކުރެހުމުގެ ދާއިރާގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންދާ ގދ. ތިނަދޫއަށް އުފަން ނަސްރުﷲ ޢަލީ އަކީ މިފަދަ ފަންނުވެރިއެކެވެ. އެންމެ ފުރަތަމަ ކުރަހަން ޝައުޤުވެރިވީވެސް ބޭބެއަކު ކުރަހާފައި ހުރި ކުރެހުމެއް ފެނިގެންނެވެ. އެހިސާބުން ކުރެހުމުގެ ތެރެއަށް ވަންގޮތަށް މިހާރުވެސް އެ މަސައްކަތުގައި ދަނީ ކުރިއަށެވެ.
''ގްރޭޑް 1ނޫނީ 2ގައި އުޅެނިކޮށް ކުރަހަން ދިނީ ގެއެއް. ގެއަށް ގޮސް އެ ގެ ކުރަހަންވެގެން ބޭބެ ކައިރީ އެދުނީމަ ބޭބެ ކުރަހާ ދިނީ. ބޭބެ ކުރެހިތަން ފެނިފަ އެކަމަށް ޝައުޤު އުފެދުނީ. ''
އަބަދުވެސް ފެންނަ މަންޒަރެއް، ނުވަތަ އެއްޗެއްގެ އަސްލާއި އެއްގޮތަށް ކުރެހޭތޯ މަސައްކަތްކުރާ ނަސްރުﷲގެ ކުރެހުން އަސްލާ އެއްގޮތްކަން ގިނަބަޔަކު ފާހަގަކުރެއެވެ. 2006ގައި އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވެގެން މުޅި ރާއްޖެ އާއި އޭޝިއާ އިން އެއްވަނަ ލިބުނުއިރު މުޅި ދުނިޔެއިން ވަނީ ގަދަ 10ގައި ހިމެނިފައެވެ.
ހޮބީއެއްގެ ގޮތުގައި ކުރަމުން އައި މި މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުރެހުމަކީވެސް ނަސްރު ވަރަށް ހިތްހަމަ ޖެހިގެން ކުރަހާފައިވާ ކުރެހުންތަކެވެ. އެެހެންކަމުން އެންމެ ރީތީ ވަކި މިވެނި ކުރެހުމެކޭ ބުނާނެ ޚާއްސަ ކުރެހުމެއް ނެތެވެ. ހުރިހާ ކުރެހުމެއްވެސް އޭނާއަށް ޚާއްސަވެފައި ރީއްޗެވެ. މީހަކު ކުރަހާފައިވާ ކުރެހުމެއް ބަލައިގެން ކުރެހުން، ނުވަތަ އެފަދަ އެއްޗެއް ކޮޕީ ކުރުމަށްވުރެ އަމިއްލަ ޚިޔާލަށް އާ އުފެއްދުންތައް އުފެއްދުމަކީ ނަސްރު އަބަދުވެސް އެކަމަކަށް ވަރަށް ސަމާލުކަންދޭ ކަމެކެވެ. ނަސްރު ކުރެހުމަކަށް ގާތްގަނަޑަކަށް 5 ނޫނީ 6 ގަޑިއިރު ހޭދަ ވާއިރު ބައެއް ކުރެހުމަކީ ހަފްތާ ދެ ހަފްތާވަރުވެސް ހޭދަވާ ކުރެހުންތަކެވެ. އެއީ ހޮބީއަކަށް ކުރާ މަސައްކަތަކަށްވާތީ ފުރަތަމަ އިސްކަން ދެނީ ކުރެހުމަށްވުރެ ވަޒީފާއަށެވެ.
ކުރެހުމާ ގުޅޭ އެއްވެސް ތަމްރީނެއް ހޯދާފައިނުވާ ނަސްރުއަށް އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމެއްވެސް މިކަމުގައި ނުލިބެއެވެ. ކުރެހުމަށް ހުންނަ ޝައުޤަކުން އެކިއެކި ކުރެހުންތައް ބަލައިގެން، އަމިއްލައަށް ކުރަހަމުން، ރަނގަޅުކުރަން ހުންނަ ކަންތައް ރަނގަޅުކުރަމުން ދިޔުމުގެ ނަތީޖާއަކީ ގިނަ ބަޔަކު ބަލައިގަންނަ މަޤުބޫލު ކުރެހުންތެރިއަކަށް ވުމެވެ. ތިނަދޫ އަބޫބަކުުރު ސްކޫލުގެ ވަޒީފާއެއްގައި ހުރިއިރު ސްކޫލުގެ އެދުމުގެ މަތިން ގިނަ ދުވަސްތަކެއް ވަންދެން އަބޫބަރުކުރު ސްކޫލުގެ ދަރިވަރުންނަށް އާޓްސް ކިޔަވައިދިނެވެ.
ނަސްރު މިހާރު އާމްދަނީ ހޯދަނީ ކުރެހުމުގެ މަސައްކަތް ކޮށްގެންނެވެ. މިހާރު ވަޒީފާއަށް ދިޔުމުގެ ބަދަލުގައި ސައިކަލްތަކުގައި ޕެއިންޓްކުރުންފަދަ ކުރެހުމާ ގުޅޭ މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ނަސްރު ބުންޏެވެ. އެ އަތޮޅަކީ ރިސޯޓްތައްވެސް ގިނަ އަތޮޅަކަށް ވާތީ ކައިރީގައިވާ ރިސޯޓްތަކުންވެސް އެފަދަ ފުރުސަތު ލިބޭކަން ނަސްރު ފާހަގަކުރިއެވެ. ނަސްރު އެންމެ ކުރަހާ ހިތްވަނީ ޕޯޓްރެއިޓްއެވެ. ނަމަވެސް މިހާރު އެކުރެހުންތަކަށްވުރެ ބޮޑު އިސްކަމެއް ދެނީ އެހެނިހެން ކުރެހުންތަކަށެވެ.
''އެންމެ ކުރަހާ ހިތްވަނީ ޕޯޓްރެއިޓް. އެކަމަކުއެއީ އެހާ ރަނގަޅުކަމެއްކަމަށް ނުފެންނާތީ އެކުރެހުންތައް ދޫކޮށްލުމަށްފަހު ލޭންޑްސްކޭޕް ކޮންމެ އެއްޗެއްވެސް ކުރަހަން.''
ރަށުގެ ގިނަ ބަޔަކު އެކިއެކި އެއްޗެހި ކުރަހަން ނަސްރުގާތަށްދެއެވެ. އެއިން އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް ނެގެޓިވް އެއްވެސް ކޮމެންޓެއް ލިބިފައިނުވާކަމަށް ނަސްރުބުންޏެވެ.
2012އިން ފެށިގެން މިދިޔަ އަހަރާއި ހަމައަށް މާލޭގައި ދިރިއުޅުމަށްފަހު މިހާރު ރަށަށް ބަދަލުވެގެން ރަށުގައި ދިރިއުޅެމުންދާ ނަސްރު ބުނީ މާލޭގައިވެސް ކުރެހުމާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި އޭގެތެރެއިން ވެޑިންގތަކަށް ބެކްޑްރޮޕްސް ހަދައިދިނުންފަދަ މަސައްކަތް ކުރެވުނުކަމަށެވެ.
ނަސްރުއަކީ ކުރެހުމުގެ އިތުރަށް އަތްތެރި މަސައްކަތްވެސް ކުރާމީހެކެވެ. އޭގެ ބައެއް މަސައްކަތްތައް އެރަށުގެ އެކި ސަރަހައްދުތަކުން ފެންނަން އެބަހުއްޓެވެ.
މި ރޮނގުން ކުރިއަށް ދިޔުމުގައި ނަސްރު ބޭނުންވަނީ އަމިއްލަ އާޓް ކްލަބެއް ހެދުމެވެ. އެ ކްލަބުން އިތުރުބަޔަކަށް މި ހުނަރު ދަސްކޮށްދިނުމަކީ އޭނާ ވަރަށް އުންމީދުކުރާ ކަމެކެވެ. އެއީ މިހާރުވެސް ވަރަށް ގިނަ ބައެއްގެ އެދުމެކެވެ. އަދި އާޓްސްއަކީ ނަސްރުގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށްވާތީވެސް މެއެވެ.