އެއީ މަޝްހޫރު އެކްޓަރެކެވެ. މަޝްހޫރު ޑައިރެކްޓަރެކެވެ. މަޝްހޫރު ކުރެހުންތެރިއެކެވެ. މަޝްހޫރު އެތައް ލަވަތަކެއް ހަދާފައިވާ ފަރާތެކެވެ. ގިނަ ހުނަރުތަކެއް ލިބިފައިވާ ކުޅަދާނަ ފަންނާނެކެވެ.

މިހުރިހާކަމެއް ފަހަތަށް ޖައްސާލުމަށްފަހު މިހާރު ޅެންވެރިކަމުގެ ދުނިޔޭގައި، ޚާއްސަކޮށް ޅެންވެރިކަން ޒުވާން ޖީލަށް އުނގަންނައިދިނުމުގައި އީސާ ޝަރީފް ފަދަ ދެވަނައެއް ނެތޭ ދެންނެވިއަކަސް ގޯހަކަށް ނުވާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުން އެތަކެއް ރަށެއްގައި ޅެންވެރިކަމުގެ ކޯސް އޮންލައިންކޮންނާއި އެރަށްރަށަށް ސީދާ ގޮސްގެންވެސް ހިންގައިދީފައިވެއެވެ. އެތައް ބައެއްގެ މަޤްބޫލުކަން މި ރޮނގުންވެސް އީސައަށް ދަނީ ލިބެމުންނެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ މަޤްބޫލުކަން ހޯދަނީ ކުރާމަސައްކަތްތަކަށް ބަހައްޓާ ފަރުވާތެރިކަމުންނެވެ.
ދިވެހި ފިލްމު ނުފޫޒުން ފިލްމީ ދާއިރާއަށް ނުކުތް އީސާ ޝަރީފް ސީދާ ޅެންވެރިއެއްގެ ގޮތުގައި ދިވެހިންނަށް އޭރު ފާހަގަވެފައި ނުވިޔަސް ލަވަ ހެދުމުގެ މަސައްކަތުގައި މިހާރު 30އަށްވުރެ ގިނަ އަހަރުވެއްޖެއެވެ. އެހެންކަމުން ލަވަ ހެދުމުގެ ދާއިރާގައި އުޅެމުން 2018 ހިސާބުގައި ޅެންވެރިކަމަކީވެސް ކުރަންޖެހޭކަމެއްކަމަށް ގަބޫލު ކުރެވި އެކަމުގެ މަސައްކަތް ފެށިއެވެ. އެކަމާ ގުޅޭ އެތަކެއް ދިރާސާތަކެއް ހަދާ ގިނަ ފޮތްތަކެއް އާންމުންނާއިހަމައަށް ވަނީ ގެނެސްދީފައެވެ.

'' ފޮތް ލިޔުމުގެ ތެރޭގައި ހެދި ގިނަ ދިރާސާތަކުން ޅެންވެރިކަމާ ބެހޭ ތަފްސީލެއް ނުލިބުނު. އެހިސާބުން ބަހުގެ ކަންތައްތައް މީހުންނަށް އުނގަންނައިދިނުމަށް މިފަދަ ތަރައްޤީވެފައިވާ ޒަމާނެއްގައި ދިވެހިން މި ތިބީ ވަރަށް ފަހަތުގައިކަން އެނގިގެންދިޔަ. ''
ޅެންވެރިކަން ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. އީސާ ޝަރީފްގެ ބައްޕައަކީ މަޝްހޫރު ޅެންވެރިޔާ އަލްމަރުޙޫމް ބެއްޔަތުއްތު ނުވަތަ އަބްދުއްރަހީމެވެ.
މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސްކޫލުތަކުގެ 1500އަށްވުރެ ގިނަ ދަރިވަރުންނަށް ޅެން ހަދަން އުނގަންނައިދީފައިވާ އީސާ ޝަރީފަކީ ރާއްޖޭގެ އެހެން ޅެންވެރިންނާ ތަފާތުކޮށް ޅެން އުނގަންނައިދޭ ފަރާތެކެވެ. ޅެމުގެ އެކި ބައިތައް ކިޔާދޭއިރު، ދުވަހަކު ޅެމެއް ނުހަދާ މީހަކަށްވެސް ޅެންވެރިކަމަށް ޝައުޤުވެރިވާނެފަދައިން ކިޔައިދިނުމުގެ ހުނަރު އޭނާއަަށްވަނީ ލިބިފައެވެ. މިއީ މިހާތަނަށް ކިޔަވައިދިން ސްކޫލުތަކުގެ ޓީޗަރުންވެސް ފާހަގަކުރަމުންދާކަމެކެވެ. ކިޔަވައިދިނުމަށް ވަކި ކޯހެއް ހަދާފައި ނުވިޔަސް ޅެން އުނގަންނައިދިނުމުގައި އެ ގެންގުޅޭ އުކުޅުތަކަކީ އެ ހުނަރު ދަސްކޮށްފައިވާ މީހަކަށް ނޫނީ ނޭނގޭނެ ހުނަރެއްކަން ޓީޗަރުން ފާހަގަކުރެއެވެ. ދަރިވަރުން ފޫހިކަމެއް ނެތި ކިޔަވައިދޭ ގަޑިތަކުގައި ހިފަހައްޓާލެވޭނީ މިފަދަ މަދު މީހަކަށެވެ.
އެހެންކަމުން މި ހުނަރު ދަސްކޮށްދިނުމަށް އީސައަށް އޮންނަ ޑިމާންޑް ވެސް އެހާ ބޮޑެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ރަށްރަށަށް ގޮސްގެން ކިޔަވައިދިނުމަކީ ދަތިކަމަކަށްވާތީ އޮންލައިންކޮށް ގިނަ ކްލާސްތައް ދަނީ ހިންގަމުންނެވެ. ހަމައެއާއިއެކު ވަޅުޖެހިފައިވާ ޅެންވެރިކަމުގައި އިތުރު ކުރިތަކެއް ފަޅުވާ ޅެންވެރިކަމަށް އާރޯކަން ގެންނަމުން އެހެރަދަނީ މުޅިީންވެސް ޒުވާން ޖީލަށެވެ. ހިލޭ ސާބަހަށް ސްކޫލުތަކަށް މި ޕްރޮގްރާމް ހިންގާއިރު ސްކޫލުގެ ތެރޭގައިވާ އެހެނިހެން ދާއިރާތަކުގެ މީހުންނަށާ ބެލެނިވެރީންނަށް ވެސް ދަނީ ޅެން އުނގަންނައިދެމުންނެވެ.

އެހާ ބުރަކޮށް އުޅެމުންވެސް އީސާ ޝަރީފް އަދިވެސް ޅެން ހެދުމާ ގުޅޭ ދިިރާސާ ކުރިއަށް އެބަގެންދެއެވެ. އަދި މި ދިރާސާތަކުގެ އަލީގައި އަމިއްލަ ވެބްސައިޓުގައި މިހާރު ބައެއް ފޮތްތައް ޝާއިޢުކޮށްފައިވާއިރު ޅެންހަދަން އިތުރު މީހެއްގެ އެހީއާއި ނުލާ މިއިން ފޮތެއް ބަލައިގެން ކުރިއަށް ގެންދެވޭނެ ފެންވަރަށް ވަނީ ޅެމާގުޅޭ ދެ ފޮތެއް ނެރެފައެވެ. އެއީ "ވަޒަނާނުލާ ޅެމެއް ނުހެދޭނެ" އާއި "ލަފުޒުން ކުރެހުން" މި ދެފޮތެވެ.
ރާއްޖޭގައި އެންމެ ފުރަތަަމަ ޒޫމް މެދުވެރިކޮށް ޅެންވެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ފެށި އީސާ ޝަރީފަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭ 500 ވަރަކަށް ޅެން ވަނީ ހެދިފައެވެ.
އުމުރުން އެންމެ 24 އަހަރުން ފެށިގެން 2006ވަނަ އަހަރާއި ހަމައަށް ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ އީސާ ޝަރީފް އެންމެ ފުރަތަަމަ އަދާކޮށްފައިވަނީ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ ވަޒީފާއެކެވެ. އެތަނުގައި ވަޒީފާއަދާކުރަމުން ފިލްމު ކުޅުމާއި ކުރެހުމުގެ މަސައްކަތް ހަމަ އެހެންމެ ލަވަ ހެދުމާއި މިއުޒިކުގެ މަސައްކަތްވަނީ ކޮށްފައެވެ.

ފަންނުވެރިކަމަކީ ފެށުނީއްސުރެ އޭނާގެ ކިބައިގައިވާ ކަމެއްކަމުން އާޓްގެ ހުރިހާކަމަކަށްވެސް ވަރަށް ޝައުޤުވެރިވެއެވެ.
އެންމެ ފުރަތަމަ ކުޅުނު ފިލްމު ނުފޫޒަކީވެސް މީގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭރުގެ ހިންދީ ފިލްމެއްގެ ރީމޭކެއްގެ ގޮތުގައި ހެދި ފިލްމު ނުފޫޒަށްފަހު ބެލުންތެރިންގެ މަޤްބޫލު އެކްޓަރެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި 2006 އާއި ހަމައަށް އީސާ ޝަރީފް ފެނިފައިވެެއެވެ.
ފިލްމީ ހަޔާތުގައި ސްލޭމް ސްޓޫޑިއޯއާއި ގުޅުނު ފަހުން އެކަން ސީރިއަސް މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައިރު ރާއްޖޭގައި އެންމެ މަޝްހޫރުވެގެންދިޔަ އެއްފިލްމުކަމަށްވާ ފަތިސް ހަނދުވަރަކީ އީސާ ޝަރީފްގެ އުފެއްދުމެކެވެ. މުޅި ރާއްޖޭގެ ތަރުހީބު މިފިލްމަށް ލިބި ޖުމްލަ 52 ޝޯވ ވަނީ ދައްކާފައެވެ. އީސާ ޝަރީފް ފިލްމީ ހަޔާތާ ވަކިވިއިރު 26 ވަރަކަށް ފިލްމު ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. މީގެ ތެރެއިން ގިނަ ފިލްމުތަކަށް އެވޯޑްވެސް ލިބިފައިވާއިރު ގާތްގަނޑަކަށް 26 ވަރަކަށް އަހަރު އީސަ ވަނީ މިދާއިރާގައި ހަރަކާތްތެރިވެފައެވެ.

މިހާތަނަށް 2000އަށްވުރެ ގިނަ ލަވަ ހަދާފައިވާ އީސާ ޝަރީފް ބުނާ ގޮތުން ރާއްޖޭގައި އޭރު ނެރުނު ގިނަ އަލްބަމްތަކުގެ 30 އިންސައްތައަކީ އޭނާގެ ލަވަތަކެވެ. މި ހުރިހާ ލަވައަކާމެދުވެސް އޭނާ ވަރަށް ހިތްހަމަޖެހެއެވެ. އޭގެ ތެރޭގައި ''ހިމޭން'' އަލްބަމްގެ ހުރިހާ ލަވައެއްވެސް ހިމެނެއެވެ. ޕްރޮޑިއުސަރުންގެ އެދުމަށް ބައެއް ފަހަރު ދުވާލަކު 4 ލަވަ ވެސް ހަދައިދީފައިވާ މި ކުޅަދާނަ ޅެންވެރިޔާގެ ލަވަތަކުގެ ތެރެއިން މަޝްރޫހު ދިވެހި ލަވަ ''ހިތް އެދޭތީ މައެދެމޭ ސަމާސާކުރަން'' މި ލަވައަކީވެސް އޭނާގެ ލަވަތަކުގެ ތެރެއިން ރާއްޖޭގައި ފެށުނީއްސުރެ ވެސް މަޤްބޫލު ލަަވައެކެވެ.
މާލޭގެ މާހައުލާއިމެދު ހިތްހަމަ ނުޖެހޭތީ ދިރިއުޅުން ތ. ހިރިލަންދޫއަށް ބަދަލުކޮށްފައިވާ އީސާ ޝަރީފަކީ ކުޅަދާނަ ކުރެހުންތެރިއެއްވެސްމެއެވެ. އޭރު ބާއްވާ އެކި މަޢުރަޒުތަކުން އެއްވަނަ، ދެވަނަ، ތިންވަނަ ނުހޯދާ އެންމެ ފަހަރެއްވެސް ނުދެއެވެ.

އެއާއިއެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މަޢުމޫން އަބްދުލް ޤަައްޔޫމްގެ ޕޯޓްރެއިޓް ކުރަހަން ފުުރުސަތު ލިބިގެން ދިޔައެވެ. އަދި އޭރު ރާއްޖެއަށް ބޭރުގެ އިއްޒަތްތެރިއަކު ވަޑައިގަންނަވަނީނަމަ، ހުުޅުލެއާއި މާލޭގައި ބަހައްޓާ އެ ބޭފުޅުންގެ ފޮޓޯތައްވެސް ކުރަހަނީ އީސާ ޝަރީފެވެ.
ކުރެހުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމުވެސް ލިބިފައިވާ އީސާ ޝަރީފުގެ މި ހުނަރަކީވެސް ވަކި ތަމްރީނެއް ލިބިގެން ކުރިކަމެއް ނޫނެވެ.

'' ކުރެހޭތޯ ބަލަން ކުރެހީ ފުރަތަމަ. އިންޑިއާގެ ޕޯސްޓަރުތައް ބަލައިގެން ކުރަހާ ހިތްވީ. އެންމެ ފުރަތަމަ ކުރެހީ އަމީތާބުގެ ޕޯޓްރެއިޓެއް. ރައީސް މައުމޫނުގެ ފޮތޯތައް ކުރެހިން އެ މަސައްކަތް އެއްކޮށް ހުއްޓާލަންދެންވެސް. މައުރަޒަށް ކުރަހަން ފެށީމަ އެ ޗާންސް އަސްލު ލިބުނީ. ކޮންމެ މައުރަޒެއްގައިވެސް މައުމޫންގެ ފޮޓޯ ކުރަހަން. އަޅުގަނޑުގެ ކުރެހުމަކަށް ލިބުނު ކުރެހުމުގެ ބައިން މުޅި މައުރަޒުން ދެވަނަ ވެސް. ''
އީސާ ޝަރީފް، ޢާއިލާގެ މެންބަރުންނާއި އެކު
އީސާ ޝަރީފަކީ ރީތި އަމިއްލަ ރާގުތަކަށް ވެސް ލަވަހައްދަވާފައިވާ ފަރާތެކެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މި މަސައްކަތް ކުރިއިރު ފަސް ސްޓޫޑިއޯއެއްގައި ރެކޯޑިންގގެ މަސައްކަތް ކޮށްފައިވެއެވެ. އަދި މިހާރުވެސް ދަނީ އެ މަސައްކަތް ކުރަމުންނެވެ.
މިހާރު ރާއްޖޭގެ ހިތްފަސޭހަ ޖައްވެއްގައި ދިރިއުޅެމުންދާ އީސާ ޝަރީފްވަނީ 4 އަހަރުވަންދެން ލޯންޗްތަކުގައި ހުންނަ ގޮނޑީގެ ކުޝަންވެސް ފަހަފައިދީފައެވެ. އަމިއްލަ ރެސްޓޯރެންޓެއްވެސް ހިންގަމުންދާ އީސާ ޝަރީފްގެ މެސެޖަކީ މިއީއެވެ. ކުރިމަތިލައިފިނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ.