November 23, 2024 08:35
Advertisement

-Advertisement-

އެންމެ އުންމީދީ ޕްލޭޔަރުގެ އެވޯޑް ހަވާލުކުރަނީ

އޮގީ: ދެވަނަ ދަަގަނޑޭ އަށް ވުމުގެ ފޮނި އުންމީދުގައި

މުހައްމަދު ޖައިލަމް (އޮގީ) އަކީ އދ. ހަންޏާމީދޫ މަގުކޮޅުގޭ ނާގިސާ އަލީ އާއި އާދަމް ޝަރީފްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޮގީގެ އާއިލާގައި ދެން ތިބެނީ ދޮށީ ދެ ދައްތަ އާއި ހަގު އަންހެން ކޮއްކޮއެކެވެ.

އުމުރުން 21 އަހަރުގެ އޮގީ އަކީ ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. އެންމެ 19 އަހަރުގައި ސީނިއާ ޤައުމީ ޓީމުގައި ހިމެނުނެވެ. 2018ވަނަ އަހަރު އެފްއޭއެމް އިން ހޮވި އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލްކޮށްފައިވާ އޮގީ އަކީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ވެސް މެންބަރެކެވެ. ބައެއް މުބާރާތްތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން މެޗުތައް ކުޅުމުގެ ފުރުސަތުވެސް ލިބުނެވެ.

ޖައިލަމް މަންމަ އާއި ދެ ދައްތަ އަދި ކޮއްކޮ އާއި އެކު

ފުޓްބޯޅައިގެ ހުނަރު ލިބުނީ ބައްޕަގެ ފަރާތުން އެންމެ ބޮޑު ސަޕޯޓަރަކީވެސް ބައްޕަ

Advertisement

"އަޅުގަނޑުގެ އުމުރުން 8 ނުވަތަ ނުވަ ވަރަކަށް އަހަރުގައި ގޭކައިރީގައި ބޯޅަ ކުޅެކުޅެފަ ކަމުދާތީ ކުޅެންފެށީ. ބައްޕަ ޕްރޮފެޝަނަލީ ކުޅެނީއެއް ނޫން. އެކަމަކު އޭރުވެސް ބައްޕަ ވަރަށް މޮޅުވާނެ ފުޓްބޯޅަ ކުޅެން. ބައްޕަ ފަރާތުން ދަސްވި ކަމެއް މީ" ރަށުގައި އުޅުނު ދުވަސްތައް ހަނދާނަން ގެންނަމުން އޮގީ، ޒީޓައިމްސް އަށް ކިޔައިދިނެވެ.

ޖައިލަމް މައިންބަފައިންނާއި އެކު

ސްކޫލުގައި އުޅުނުއިރުވެސް ރައްޓެހިން ގާތު އޮގީ ބުނަނީ އޭނާ ބޮޑުވެގެންވާން ބޭނުންވަނީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ކަމަށެވެ. ސްކޫލުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ގިނަ ގޯލް ޖަހާ ވަނަތައް ހޯދާ އޮގީ އަކީ ސްކޫލުގައި އުޅުނުއިރު ފުޓްބޯޅައިގެ އިތުރުން ޤުރުއާން ކިޔެވުމުންވެސް ވަނަތައް ހޯދި، އެހެންނަމަވެސް ޚާއްސަކޮށް ކުޅިވަރުގައި ވިދާލި ދަރިވަރެކެވެ.

ސްކޫލު ނިމިގެން ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދަނިކޮށް 2016ވަނަ އަހަރު ބީޖީ ސްޕޯޓްސް ކްލަބުން މާލޭގައި ޓްރަޔަލްއެއް ބާއްވާކަން އެނގިގެން އޮގީ މާލެ އައީ ހަމަ ސީދާ އެ ޓްރަޔަލް އަށެވެ. އެ ޓްރަޔަލް އިން ފާސްވެ ގަލޮޅުދަނޑުގައި އޭނާއަށްވެސް ކުޅެވިދާނެ ކަމުގެ ފެހިސިގްނަލް ލިބުނުއިރު އޮގީގެ އުމުރުން އެންމެ 16 އަހަރެވެ.

ޕްރެކްޓިސްގެ ތެރެއިން

ކުޑައިރު ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހެދުމަށް އޮގީއަށް ފުރުސަތު ދިން ބީޖީގެ ކޯޗަކަށް އޭރު ހުރީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. މިއީ އޮގީ ޝާޒް ކޯޗާއި ބީޖީއަށް އަބަދުވެސް ޝުކުރުވެރިވާ ކަމެކެވެ. އޭނާއަށް ޕްރޮފެޝަނަލް ލެވެލްގައި ހުނަރު ދައްކާލާނެ ފުރުސަތެއް ފަހިކޮށްދީ ކުރިއަރައިގެން ދިއުމަށް ހުޅުވައިދިން މައި ދޮރާއްޓަކީ އެއީ ކަމަށްވާތީ އެވެ.

ބީޖީއަށް އަހަރެއްހާ ދުވަހު ކުޅުމަށްފަހު ވިކްޓްރީއަށް ސޮއި ކުރިއެވެ. އެހެންނަމަވެސް އެޓީމަށް ކުޅެފައެއް ނުވެއެވެ. އޭގެފަހުން އީގަލްސް އަދި މާޅޮސް އަށް ކުޅުނެވެ. އޭގެފަހުން ފުރުތަމަ ޑިވިޝަނުގައި ފޯކައިދޫ އެފްސީ ޓީމަށް ކުޅުނެވެ. ފުރަތަމަ ޑިވިޝަނުގައި ފޯކައިދޫ ކުޅުނު ފުރަތަމަ އަހަރު އޮގީ އެޓީމަށް ޖަހައިދިން ގޯލަކީ އޭނާއަށް ވަރަށް ޚާއްސަ ގޯލެކެވެ.

ފޯކައިދޫ މެޗެއްގައި ޖައިލަމް ލަނޑެއް ކާމިޔާބު ކުރުމަށްފަހު - ފޮޓޯ އިމޭޖަސް އެމްވީ

އެއީ ފުރަތަމަ ޑިވިޝަނުގެ މެޗެއްގައި އޮގީ ކުޅުނު މެޗެއްގައި ޗެހި ފުރަތަމަ ގޯލެވެ. އޮގީ އަކީ އޭރު އެ ޓީމުގެ ވައިސް ކެޕްޓަނެވެ. ފޯކައިދޫއަށް ކުޅެމުން ދަނިކޮށް 2019ވަނަ އަހަރުގެ ފަހުކޮޅު ލިގަމެންޓަށް ލިބުނު އަނިޔާއަކާއެކު 2020 ޖެނުއަރީގައި ސާޖަރީއެއް ހެދުމާއި ގުޅިގެން މުޅި ސީޒަން އެއްކޮށް ގެއްލި ކުޅުމާއި ދުރުގައި މަޑުކުރީ އެވެ. އަނިޔާގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަންވެސް ކުރިމަތިވުމާއި ގުޅިގެން މިދިޔަ ސީޒަނުގައި އޮގީއަށް ކުޅޭނެ ފުރުސަތެއް ނުލިބުނެވެ.

ބޮޑު ބްރޭކަކަށްފަހު އަލުން ކުޅެން ނިކުމެ ދިވެހި ޕްރިމިއާ ލީގުގައި އޮގީ ކުޅެމުން އަންނަނީ ކްލަބް ގްރީން ސްޓްރީޓަށެވެ. ސީނިއާ ކުޅުންތެރިންނާ އެއް ހަމައެއްގައި ވާދަވެރި ކުޅުމެއް ދައްކަމުން އަންނަ އޮގީ ކުޅޭ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާކަމަށް މެޗުތަކުގެ ކޮމެންޓޭޓަރުން ފާހަގަ ކުރެއެވެ.

ޖައިލަމް - ފޮޓޯ: އެފްއޭއެމް

އޮގީ ބުނީ އިންޖަރީއަށްފަހު އަދި އޭނާ ބޭނުންވާ ވަރަށް ނުކުޅެވޭ ކަމަށެވެ. "ލިގަމެންޓް އޮޕަރޭޝަނަށްފަހު އަދި ކުޅެން އެންމެ ބޭނުންވާ ވަރާ ގާތަށްވެސް ނުކުޅެވޭ. އަދިވެސް އިންޖަރީގެ އުނދަގޫތައް އެބަހުރޭ."

އޮގީ އަކީ އެއްދުވަހުން އަނެއް ދުވަހަކަށް ކުޅުން ރަނގަޅުކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މުރާލި ކުޅުންތެރިއެކެވެ. ފުޓުބޯޅަ ނޫން އިތުރުކަމެއް އޭނާގެ ޝެޑިއުލުގައި ނުވެސް އޮންނަނީ ކަމަށް ވެދާނެއެވެ. ޕްރެކްޓިސްތަކަށް ގަޑިނުޖެހި ދިއުމަށް ސަމާލުކަން ދިނުމާއި ކޯޗިން ސްޓާފުންގެ އިރުޝާދުތަކަށް ބޯލަނބާ އެ ފަރާތްތަކަށް އިހްތިރާމް ކުރުމާއި އެހެން ކުޅުންތެރިންނާއެކު އެކުވެރި މާހައުލެއްގައި ޕްރެކްޓިސްތައް އަދި މެޗުގެ ކުޅުންތައް ކުރިޔަށް ގެންދިއުމަށް އިސްކަންދެއެވެ. އޮގީ ބުނީ "މަންމަމެން ބުނެގެން ކަމެއްގަ ދާންޖެހިގެން ދެ ދުވަހެއްގައި ތަންކޮޅެން ލަހުން ޕްރެކްޓިސްއަށް ދެވިފަ އިންނާނީ. އެހެންނޫނީ ގަޑިއަށް ޕްރެކްޓިސްއަށް ދަން. އެއްވެސް ޕްރެކްޓިސްއެއް މިސްއެއް ނުކުރަން."

ޤައުމީ ޓީމް ޖާޒީގައި ރާއްޖެ ތަމްސީލް ކުރަނީ

އުންމީދަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވުމަށް

އޮގީގެ އުންމީދަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވުމެވެ. އަދި މުސްތަޤްބަލުގައި ރާއްޖޭ ނޫން އެހެން ޤައުމެއްގެ ޓީމެއްގައި ކުޅެލުމުގެ ފުރުސަތު ލިބުމެވެ.
"ކުރިން އެކަހަލަ ފުރުސަތެއް ހޯދަން އުޅުނިން، އެކަމަކު ޗާންސެއް ލިބިފަ ފަހުން ނޭނގެ އެއަށްވީ ގޮތެއް. އޭގެ ފަހުން އެކަމާ ނުވެސް އުޅެން. އެކަމަކު ބޭރު ޓީމަކުން ފުރުސަތު ލިބިއްޖެއްޔާ ވަގުތުން ދާނަން. ވަރަށް ބޭނުން އެކަހަލަ ފުރުސަތެއް" ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާގެ ކުޅުން ނަމޫނާއަކަށް ބަލަމުން އަންނަ އޮގީ ބުންޏެވެ.
ލަނޑެއް ޖަހާއިރުވެސް ނޭމާއާއި ރޮނާލްޑޯ ލަނޑު ޖަހާ ސްޓައިލަށް ބޯޅަ ގޯލަށް ފޮނުވާލެވޭތޯ އޮގީ ބަލައެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އޮގީ އެންމެ މޮޅު ކުޅުންތެރިން ކަމަށް ދެކެނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. އެކަމަކު ނަމްބަރ ވަން ސަޕޯޓަރަކީ ހަމަ އޮގީގެ ބައްޕަ އެވެ.

ޖައިލަމް ޤައުމީ ޖާޒީގައި

ކުރީގެ ފުޓްބޯޅަ ފޯރި ރާއްޖޭގައި ނެތުމަކީ އޮގީ އާއި އޭނާގެ އެހެން އެކުވެރިންނަށް ދަނޑުމަތީގައި ފޯރި ގެއްލޭ ކަމެކެވެ. "މިހާރު ކޮވިޑްވީމަ ދެން ނުވެސް ވަދެވޭނެ މެޗުބަލަން. އާންމުކޮށް ސަޕޯޓަރުން ދަނޑަށް އަންނަނީ ވަރަށް މަދުން. ޕޮލިޓިކްސް ކަމަކަށްވެސް ވެދާނެ. މީހުން ބިޒީ ކަމަށްވެސް ވެދާނެ. އެކަމަކު ދަނޑަށް އައިސް ސަޕޯޓް ކޮށްލީމަ ވަރަށް ހިތްވަރު ލިބޭ ކަމެއް އެއީ. ދަނޑަށް ގިނަ މީހުން އައި ވަރަކަށް ކުރީގެ އެ ފޯރި ގެނެވޭނީވެސް" އޮގީ ބުންޏެވެ.

މެޗެއްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާއި އެކު ޖައިލަމް - ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ ކުރިއަރުވަން ކަމާގުޅޭ މުއައްސަސާ ތަކުން އެކަށީގެންވާ މަސައްކަތް ކުރާކަމަށް އޮގީ ގަބޫލުކުރަންތޯ ސުވާލުކޮށްލުމުން އޭނާ ބުނީ "އެކަށީގެންވާ މަސައްކަތެއް ނުކުރެވޭހެން އަޅުގަނޑަށް ހީވަނީ. އެއީ ކުޅުންތެރިންނަށް މުސާރައިގެ ކަންތައްތައް ހަމަނުޖެހި ތިންމަސް ހަތަރުމަސް ވެގެން މިދަނީ. މިދިޔަ އަހަރުވެސް މުސާރަ ނުލިބި ގިނަ މަސްތަކުގައި ދިޔައީ."
މީގެ އިތުރުން އޮގީ ބުނީ ފުޓްބޯޅަ ކުޅުންތެރިން ރަށްރަށުން މާލެ އައިސް އުޅޭއިރު މުސާރަ ނުލިބޭނަމަ ދަތިވާނެ ކަމަށާއި، އިތުރު ވަޒީފާއެއް އަދާ ނުކޮށް ސަވައިވް ނުވާނެ ކަމަށެވެ. "އަޅުގަނޑަށް މި އުޅެވެނީ މަންމަ އާއި ބައްޕަ ހެލްޕް ވާތީ. އަޅުގަނޑު ބުނާނީ މިހާ ހިސާބަށް މި އާދެވުނީ މަންމަ އާއި ބައްޕައާއި ހެދި އޭ. އެ ދެމީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ"

ޖައިލަމް މަންމަ އާއި އެކު

އިންޓަވިއު ނިންމާލަމުންވެސް އޮގީ ޝުކުރުގެ ލިސްޓަކަށް ނަންތަކެއް އަމުނާލިއެވެ.
ތަކުރާރުކޮށްލަން ބޭނުންވީ ޝާޒް ކޯޗާއި އޮގީ އަށް މިހާތަނަށް އެންމެ ގިނަ ދުވަހު ކޯޗުކަން ކޮށްދިން އަދި މިހާރު ކުޅޭ ކުލަބުގެވެސް ކޯޗު ނިސްތާރެވެ. މީގެ އިތުރުން އާއިލާގެ ސަޕޯޓާއި ރައްޓެހިންގެ ސަޕޯޓް ފާހަގަކޮށް ވަރަށް ޚާއްސަ ރައްޓެއްސެއްކަމުގައިވާ ޝަހުލާ ތައުފީގްގެ ނަންވެސް ހިމަނާލިއެވެ. އަދި އޮގީގެ މަންމަ ނާގިސާ އާއި ބައްޕަ އާދަމް ޝަރީފް އަށް ބުނެލަން ބޭނުންވީ "މަންމަ އާއި ބައްޕަ ކޮށްދޭ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. މިއަދު އޮގީ އަށް މިހާ ހިސާބަށް އާދެވުނީ މަންމަ އާއި ބައްޕަ އާއި ހެދިއޭ." މިހެންނެވެ.

+1
0
+1
8
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް