ފަންނުވެރިންގެ ތެރެއިން ފިލްމީ ދާއިރާއިން ގެއްލިގެން ނުދާ މޫނުތަކުގެ ތެރެއިން، އަހްމަދު ސައީދަކީ މި ދާއިރާގައި 25ވަނަ އަހަރު ކަޑައްތު ކުރަމުން އަންނަ ހުނަރުވެރި ތަރިއެކެވެ. މި ތަރި ޤަބޫލުކުރާ ގޮތުގައި މިދާއިރާއިން ދެވޭނެ އެންމެ އުހަށް މިހާރު އާދެވިއްޖެއެވެ. ދެ ޤައުމީ އެވޯޑް ހާސިލް ކުރެވިއްޖެއެވެ. އެވޯޑަކަށްވުރެ ބޮޑަށް ބެލުންތެރިންގެ އިތުބާރާއި ލޯބި ހޯދައިފިއެވެ. ސައީދުގެ ހާއްސަ ކަމަކީ ކިތަންމެ އުހަކަށް ދެވުނަސް މިއީ ފެނި ގެއްލިދާ ތަރިއަކަށް ނުވުމެވެ.
25 އަހަރުވާއިރު މިދާއިރާގައި 'ކުނި ޖެހުމެއް ނެތި' ސާބިތުކަމާއެކު ހިފަހައްޓާލެވުނީ ސަޕޯޓަރުންގެ ލޯތްބާއި އާއިލާގެ އެއްބާރުލުމާ އެކުގައިކަމަށް ޤައުމީ ފިލްމް އެވޯޑްސް އިން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް ހާސިލްކޮށްފައިވާ ސައީދު ޒީޓައިމްސް އަށް ކިޔައިދިނެވެ.
ސައީދު މަދަރުސީ ތަޢުލީމް ފުރިހަމަ ކުރީ މާލޭ އިންގްލިޝް ސްކޫލު (ކުރީގެ އެމްއީއެސް) އިން 1995ގައި ގްރޭޑް 10 އަކާއި ހަމައިންނެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގެ ތެރެއިން "ކްރެސެންޓް ޝޯ' ގައި ބައިވެރިވިއެވެ. ކެޑޭޓްގައި އުޅުނެވެ. މިހާރުވެސް އޭނާއަކީ ޤައުމީ ކެޑޭޓްކޯގެ ފަސްޓް ލެފްޓިނެންޓެކެވެ. އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ 1997ގައި ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް މަޤާމުގައެވެ.

ފިލްމީ ކެރިއަރުގެ ފެށުން
ޖޫން 13، 1997 ޓީވީ މޯލްޑިވްސްއިން ދެއްކި އާސިމް ތައުފީގް ކިޔާފައިވާ ލަވައަކުން ޖަންބު ހަސަން އަފީފް އާއި މަރިޔަމް ނިޝާ އާއި އެއްކޮށް ސަޕޯޓިން ރޯލަކަށް އެކްޓްކޮށްދީފައިވާ ސައީދަކީ އޭރު ބެލުން ތެރިން ދަންނަ މޫނެއް ނޫނެވެ. އެއީ ލަވައަކުން ސައީދުގެ ފުރަތަމަ ފެނިލުމެވެ. ހަމަ އެއަހަރުގެ ރަމަޟާން މަހު "ދިރިއުޅުމަކީ މިއީބާ" އިން ސައީދުގެ އެކްޓިން ފެނުނެވެ. "އޮފީހުގައި އުޅެފަ އެއް ދުވަހެއްގައި އެއާލައިނަކަށްދާން ބޭރަށް ނިކުމެލިތަނުން މީހުން އެއްވެފައި އޮތީމަ މަޑުކޮށްލީ. އެތަނުން ޔޫސޭ އާއި ދިމާވީ. ޔޫސޭ ބުނީ ތަންކޮޅެއް ކުޅެލަންވީ ނުންހޭ. އަޅުގަނޑު ބުނިން ނުކެރޭނެއޭ. ޔޫސޭ ބުނީ ތިގޮތަށް އަނގައޭ ތަޅަން ކެރޭނީ ކޮންމެ މީހަކަށް. ދެން ނުކުރެވޭ ވަރުކަމެއް ނޫނޭ ކިޔާފަ ކުޅުނީ."

ސައީދު ބުނީ "ދިރިއުޅުމަކީ މިއީބާ" ކަހަލަ ޑްރާމާ ސީރީޒަކުން ފެނިފައި ފިލްމީ ދާއިރާއިން ކުރިއަރައިގެން ނުދެވޭނެ ކަމަށް އެތައްބަޔަކު ބުނަމުން ދިޔަކަމަށެވެ.
"ދިރިއުޅުމަކީ މިއީބާ ކުޅޭމީހުން ތިބޭނީ ލޭބަލްވެފަ އެއްގޮތަކަށޭ ވަރަށް ގިނަ މީހުން ބުނަމުން އައީ. އެކަމަކު އެކަން އެގޮތަކަށް ނުވި. ޖެހިގެން އައި އަހަރު ހޭޔަންބޯއިން މުޖުތަބާ ރަޝީދު އުފެއްދި ހިނިތުންވެ ބަލާލާށޭ ކިޔާލަވައެއް، ނިއުމާއާއި އެއްކޮށް ކުޅެން ފުރުސަތު ލިބުނު. އެހިސާބުން އެމީހުން ބުނި ވާހަކަ ދޮގުވެއްޖެ. ދެން ފިލްމީ ދާއިރާއިން ފުރުސަތު ލިބިއްޖެ. އެންމެ ފުރަތަމަ ޗާންސެއް ދިނީ 'ފަހު ނޭވާއިން' ނަހުލާ. އޭގައި މަރިޔަމް ނިޝާ އާއި ޖަމްޝީދާ އާއި ސޮބާ އުޅޭ ފިލްމެއްގެ ސަޕޯޓިން ރޯލެއް ދިނީ" ސައީދު ބުންޏެވެ.
ސައީދުގެ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ އަހާލުމުން ބުނީ އެކަމަށް ކަމޭހިތައިގެން ވަގުތު ހުސްކޮށްގެން ފަރުވާ ބަހައްޓައިގެން ލޯބިން އެކަން ކުރުން ކަމަށް ކަމަށެވެެ.

ސައީދުގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައް
ދިވެހިންގެ ތެރޭގައި މަޤްބޫލުވެގެންދިޔަ ފިލްމީ އުފެއްދުންތަކުގެ ތެރެއިން 'މާފުކުރާށޭ'، 'ތީއޭ މިހިތުގެ ވިންދަކީ'، 'ހިނިތުންވެލާށޭ ކަލާ'، ފަދަ އުފެންދުންތައް ފުރިހަމަވެގެން ދިޔައީ ސައީދުގެ ސަޕޯޓިން ރޯލުތަކާއި އެކުގައެވެ.
ސައީދު ބުނީ ކުރިން އޭނާ ލޭބަލްވެފައި އޮންނަނީ ނެގެޓިވް ރޯލް ކުޅޭ މީހެއްގެ ގޮތުގައި ކަމަށެވެ. ފަހަކަށް އައިސް މަޖާ ރޯލްތަކުން ފެންނަ ސައީދަކީ ސިރިއަސް ރޯލުކަތުންވެސް ފެންނަ އެކްޓަރެކެވެ. ފަހުގެ މަސައްކަތްތަކުގެ ތެރެއިން ސައީދު ފާހަގަ ކުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ ގޯއާ ފިލްމް ފެސްޓިވަލްގައި ބައިވެރިކުރި އަދި ސާކް ފިލްމް ފެސްޓިވަލްގައި ބްރޯންޒް މެޑަލް ހާސިލްކުރި ފިލްމް 'އިންސާނާ' އަދި ސާކް ފިލްމް ފެސްޓިވަލް އިން އެވޯޑް ހާސިލް ކޮށްފައިވާ ފިލްމް 'ވިޝްކާ' ހިމެނެވެ. އަދި ޤައުމީ ފިލްމު އެވޯޑް ހާސިލް ކުރި 'ލޫދިފާ' ފަދަ ތަފާތު ފިލުމުތަކަކީ ސައީދުގެ އެކްޓިންވެސް ފާހަގަ ކޮށްލެވޭ މޮޅު ފިލްމްތަކެވެ.

ފިލްމީ ދާއިރާގެ ކުރިމަގާމެދު ދެކޭގޮތް
ސައީދު ބުނީ މިހާރު އަލަށް ނިކުންނަ ބައެއް އެކްޓްރެސް/އެކްޓަރުން ގަޑިއަށް ފަރުވާތެރިނުވުމާއި ރަނގަޅަށް ސްކްރިޕްޓް ނުކިޔާ ޝޫޓިންއަށް އައުމާއި ތައްޔާރުވާން ގިނަ ވަގުތު ނެގުންފަދަ ކަންކަން ދިމާވާ ކަމަށެވެ. މިކަންކަމާ ހެދި ފިލްމީ ބައެއް މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން މި ކޮވިޑް ލޮކްޑައުން ތެރޭގައި 20 އެޕިސޯޑްގެ ޑްރާމާ ސީރީޒެއް (ހުވާކޮށްފައި ބުނަން) މި ނިންމާލީ އެކި ދުވަހު ހުޅުމާލެއަށް ގޮސް ކާފިއު ގަޑިޖެހުމުގެ ކުރިން ޝޫޓްކޮށްފަ މި އަންނަނީ، އެ ޑެޑިކޭޝަން ހުންނަންވާނެ އެންމެންގެވެސް. މިހާރު ވަރަށް ލޫސްކޮށް ކަންތައްތައް މިދަނީ."

ސައީދު ބުނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ފިލްމެއް އުފެއްދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު އެވަރުގެ ފަންޑިންއެއް ހަމަޖެހޭނެ މަގެއް ތަނަސްވެފައި ނެތުމެވެ. ބޭރު ޤައުމުތަކުން ކިޔަވައިގެން އައިސްތިބި ވަރަށް ހުނަރުވެރި މީހުން އެބަތިބި ކަމަށާއި އެހެންނަމަވެސް ފައިނޭންޝިއަލް ބެކަޕެއްނެތި މިފަދަ މަސަކަތެއް ނުކުރެވޭނެ ކަމަށެވެ. "ސަރުކާރުން އެހެން ދާއިރާތަކަށް ލޯނު ދޫކުރާ އުސޫލުން ފަންނާނުންނަށްވެސް ލޯނު ލިބޭނެ އުސޫލެއް ތައާރަފްކޮށްދެށޭ ބުނެލަން ބޭނުން."
މިހާރު ވެމްކޯގައި، "އޭރު ކުނި ނަގާ މީހުންނަކީ ދަށްފަންތީގެ ބައެއް، މިހާރު ޤަދަރުކުރޭ"
2017ވަނަ އަހަރުން ފެށިގެން ވެމްކޯގެ ކުނި ނަގާ ޓީމުތަކުގެ ތެރެއަށް ވަޒީފާއަށް ވަން ސައީދު މި ވަޒީފާގައިވެސް ދާދި އަވަހަށް ކުރިއެރުން ހޯދައިފިއެވެ. ހައުސްހޯލްޑް ސްޕަވައިޒަރެއްގެ މަޤާމަށް އެންމެ 25 ދުވަހުން ޕްރޮމޯޓްވެއްޖެއެވެ.
ވަޒީފާއެއްގެ ގޮތުން ވެމްކޯ ހިޔާރު ކުރީ ކީއްވެތޯ އަހާލުމުން ސައީދު ބުނީ "2004 އާއި ހަމައަށް ޔުނިވާސަލްގައި އުޅެފަ ހަމިންބާޑް ޓްރެވެލްސްގައި އުޅެފަ އަމިއްލަ ވިޔަފާރިއެއް ފެށީ. ދެން ހިތައް އެރީ ވެއްެޖެއޭ ސަރުކާރު ހިއްސާވާ ތަނަކަށް ވަންނަން އެހެންވެ ވެމްކޯ އަށް ވަނީ ވަރަށް އުޅޭ ހިތުން. ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތް ކުރަނީ. މަސައްކަތުގައި ފޫހިވާނެ ވަގުތެއް ނުލިބޭ."
ސައީދު އާއި ގުޅޭ ގޮތުން ވެމްކޯގެ ޖެނެރަލް މެނޭޖަރ، އެޗްއާރް އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އިސްމާއިލް އުބެއިދު ވިދާޅުވީ "ސައީދަކީ ވަރަށް ޑެޑިކޭޓެޑް މުވައްޒަފެއް، މިތަނަށް ވަނީންސުރެ ހަމަ މިއަދާ ހަމައަށް އަބަދުވެސް ކުންފުންޏަށް ބޭނުންވީމަ އެކަމެއް އިތުރު ސުވާލުތަކެއް ނުކޮށް ސައީދު ކޮށްދޭނެ" ކަމަށެވެ.