September 20, 2024 04:08
Advertisement

-Advertisement-

އަނެއްކާ ފުރަބަންދަކަށް، ދަރިފުޅު 24 ގަޑިއިރު ގޭގަ، ދެނޯ؟

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތްވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ގޭތެރޭގައި ގިނަދުވަސްތަކަކަށް ތިބެންޖެހުމުން މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްބަޔަކަށްވާނީ ކުޑަކުދިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެހެންނޫންތޯ؟ ކުޑަކުދިންނަށް ރައްކާތެރި، އުފާވެރި މާޙައުލަކަށް ގޭތެރެ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަށް ގޭތެރޭގެ ކަންކަން ރާވާ އންތިޒާމް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.         

މިގޮތުން ކުޑަކުދިން ތަރުބިއްޔަތުކުރުމުގެ އެންމެ ބޮޑު ޒިންމާ ގިނަ ގޭގޭގައި އުފުލަނީ އެކުދިންގެ މަންމައޭ ބުނެވިދާނެއެވެ. ގޭގައި ކުދިން ހޭދަ ކުރާވަގުތަކީ، އުފާވެރި، ބޭނުންތެރި، ފައިދާހުރި ވަގުތަކަށް އަދި ދުވަހަކަށް ހެދުމަށް އަތުކުރި އޮޅާލައިގެން އެގޮތުގައި ސާބިތުވެގެން ތިބޭ މަންމައިން މިއަދުގެ މުޖުތަމަޢުގައި ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. ތަފާތު ޙަރަކާތްތައް އެކުލެވޭހެން ކުދިންގެ އުނގެނުމަށް ތަކެތި ތައްޔާރުކުރުން އަދި ގޭގައި ހޭދަކުރާ ވަގުތުތައް ފޫހިކަމެއް ވަރުބަލިކަމެއް ނެތި ރާވާ ހިންގަން މަސައްކަތްކުރަނީ ގޭތެރޭގެ ޒިންމާތަކާއި އެކުގައިކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

މިއާޓިކަލްގައި އަޅުގަނޑު އަލިއަޅުވާލާނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ދިރިއުޅުމުގެ ހުނަރުތައް އަދި ކިޔަވައިދިނުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށް ދިނުމުގެ މުހިންމުކަމަށެވެ.

Advertisement

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން

ދަރިންނަށް އުނގަންނައިދިނުމަކީ ހަމައެކަނި ކިޔެވުމަށް މޮޅު ކުއްޖަކަށް ހެދުން ކަމުގައި ދެކެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ ތަފާތު ކަންކަމަށް ދަރިފުޅު ހޭނުމަށް ގޭގައި ބެލެނިވެރިއެއްގެ ރޯލު ވަރަށްބޮޑު ބައެއް ކުޅެއެވެ. ގޭތެރޭގައި އުޅުމުގައި އަންހެން ކުދިން ފިރިހެން ކުދިން އިސްތިސްނާ ނުކޮށް އެކުދިންނަށް ގޭތެރޭގެ އާންމު ދިރިއުޅުމުގެ ހުނަރުތަކާއި ޒިންމާތައް ދަސްކޮށް ދިނުން މުހިންމެވެ.

ކޮންމެ އަންހެން ކުއްޖަކީ މުސްތަޤްބަލުގައި ޒިންމާދާރު މަންމައަކަށް އަދި ކޮންމެ ފިރިހެން ކުއްޖަކީ ޒިންމާދާރު ބައްޕައަކަށް ހެދުމަށް އެހީތެރިވެދޭ ބަޔަކަށް ވުމަށް މިއަދުގެ މައިންބަފައިންގެ ޒިންމާ ވަރަށް ބޮޑެވެ. ކުޑަކުދިންނަކީ އެކުދިން ކުޅެން ގެންގުޅޭ އެއްޗިއްސަށްވުރެ ގޭތެރޭގަ ބޮޑެތި މީހުން ގެންގުޅޭ ބަދިގެ ސާމާނު ނުވަތަ މަސައްކަތްކުރަން ގެންގުޅޭ ސާމާނު ފަދަ ތަކެތި ބޭނުންވާ ކުދިންނެވެ. މިފަދަ ތަކެތި ތަރުތީބުން ބެހެއްޓުން، މިތަކެތީގެ ބޭނުން ކިޔައިދިނުމަކީވެސް އެކުދިން ކަންކަމާ ވިސްނާ އިތުރަށް ލޯހުޅުވިގެންދާނެ ކަމެއްކަން ޔަޤީނެވެ. ކުޑަކުދިން ކަމެއްގެ ސުވާލެއް ކޮށްފިނަމަ އެކަމަށް އުމުރާއިގުޅޭ ގޮތުން ޖަވާބުދިނުމާއި އެކުދިންނަށް ކޮންމެ ދުވަހަކުވެސް އާހުނަރެއް ދަސްކޮށް ދިނުމުގައި ދެމިހުރުން މުހިންމެވެ.

މިގޮތުން ކެއްކުމުގައި، ހެދުން ފަތްޖެހުމުގައި ނުވަތަ ކުދިކުދި ކަންކަން ހަވާލުކުރުމުން އެކުދިންނަށް މިހުނަރުތައް ދަސްވެ ޒިންމާ ނަގަން މަގުފަހިވެދެއެވެ. އެކުދިންގެ އަމިއްލަ ކަންތައްތައް ކުރެވޭ ވަރަކުން އުމުރާ ގުޅޭގޮތުން ހަވާލުކުރުން މުހިންމެވެ. ކުޑަކުދިންނަށް އަޅުގަނޑުމެން ކުރާހާ ފުރިހަމައަށް، އަވަހަށް ކަންތައްތައް ނުކުރެވިދާނެއެވެ. ނަމަވެސް އެކުރެވޭ މިންވަރު ބަލައިގަނެ ހިތްވަރުދިނުމުން އިތުރަށް އެޒިންމާތައް ނަގާހިތްވެއެވެ. އަމިއްލައަށް ދަތް އުނގުޅުން، ރީތިވުން، ނިދާ އެނދު ރީތިކުރުން، ކުޅޭއެއްޗެހި އަދި ފޮތްތައް ތަރުތީބުން ބެހެއްޓުމަށް ދަސްކޮށްދެވިދާނެއެވެ.

ގިނަކުދިން އެއްފަހަރާ ކުޅެން އުޅުމުގައި ދިމާވާ ތަފާތު ކަންކަން ހައްލުކޮށްދިނުމުގައި އެއްކުއްޖަކު އަނެއްކުއްޖަކު ތަފާތު ނުކޮށް އެކަން ހިނގި ގޮތް ބަލައި މަޢާފަށް އެދުމުގެ ރީތި އާދަތައް އަދި ކަންކަން ދޫކުރުމާއި އިހުތިރާމް ކުރަން ދަސްކޮށްދިނުންވެސް މުހިންމެވެ. ކުއްޖަކަށް ކުށެއް ކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އެކުދިންގެ އުމުރާ ގުޅޭގޮތުން ނަގަން  ދަސްކޮށްދެވިދާނެއެވެ. އަދި އެކަމުގައި ކުދިންނަށް އަޑުލައިނަހަދާ އެއީ ރަނގަޅުކަމެއް ނޫންކަން ތަކުރާރުކޮށް ކިޔައިދިނުންވެސް ވަރަށް މުހިންމެވެ. ތަބީޢަތުގައި ކުޑަކުދިންނަކީ ކަންކަން ހޯދާ ބަލާ "ކުދިކުދި ސައިންޓިސްޓުން" ތަކެއްކަން ދަނެ ވީވަރަކުން ގޭތެރޭގެ މާހައުލުން ކުދިންނަށް އެފުރުޞަތު ހޯދައިދެވިދާނެއެވެ. އަދި ގޭތެރެ ނުވަތަ ކުއްޖާ "ހަޑި" ވެދާނެތީ ވަކިކަހަލަ އެއްޗެއް ކުޅެން މަނާނުކޮށް ކުޅެނިންމާފައި އެތަނެއް ސާފުކުރުމުގައި ކުއްޖާގެ އެހީތެރިކަން ހޯދިދާނެއެވެ. ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށް ދިނުން

"އަޅުގަނޑަކީ ޓީޗަރެއް ނޫން. ވަރަށް އުނދަގޫ ދަރިފުޅަށް ކިޔަވައިދޭން. މަޑުންނެއް ނުހުރޭ. ބޭނުންވަނީ ކުޅެން. ދެން ކިހިނެއް ހަދާނީ؟" މިއީ އަޅުގަނޑަށް މަދުން ނަމަވެސް ބެލެނިވެރިންގެ ފަރާތުން ކުރިމަތިވާ ސުވާލެކެވެ. ބައެއް ބެލެނިވެރިން ކުދިންނަށް ގޭގައި ކިޔަވައިދޭން ފަސްޖެހޭ އެއް ސަބަބެއް ކަމަށްވަނީ ބެލެނިވެރިޔާ އަކީ ޚުދު ޓީޗަރަކަށް ނުވުމެވެ. މިއަދުގެ މުޖުތަމަޢުގައި މަދުންނަމަވެސް މަންމައިން އިސްނަގައިގެން ދަރިފުޅަށް އުނގަންނައިދޭން މަސައްކަތްކުރާ ތަން ފެނެއެވެ. އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ ދަރިފުޅު އެންމެ ރަނގަޅަށް އެނގޭނީ އެކުއްޖެއްގެ މަންމައަށް ކަން ޤަބޫލުކޮށް ދަރިފުޅަށް އެނގޭ މިންވަރު ދެނެގަނެ އިތުރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަންތައްތައް ތާވަލުކޮށްގެން ނަމަވެސް މަޑުމަޑުން ކުރުމަކީވެސް މުހިންމު ކަމެކެވެ. ދަރިފުޅު އެންމެ ގަޔާވަނީ ކޮން އެއްޗަކަށްތޯ ބަލައި އެ އެއްޗެއްމެދުވެރިކޮށް ދަރިފުޅަށް ނަގައިގަންނަން އުނދަގުވާ އަކުރުތައް ކިޔައިދިނުމުން އެކުދިން އެއަކުރުތައް ނުވަތަ ބަސްތައް ނަގައިގަތުން އަވަސް ވެގެން ދެއެވެ.

މިއީ އިންޓަނެޓްގެ ޒަމާނެވެ. ތަފާތު ވީޑިއޯތައް ބަލއިގެންނާއި ތަޖުރިބާކާރު ފަރާތްތަކުގެ އިރުޝާދު ހޯދައިގެން ދަރިފުޅަށް ގޭތެރޭގައި "ކުޅުމުގެ ތެރެއިން" އުނގަންނައިދިނުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮވިޑް-19 ގެ މިޙާލަތުން އަރައިގަނެވި ކުދިން ސްކޫލަށްދާން ފަށަންދެން އަދި ދާންފެށިކަމުގައި ވިޔަސް މަންމައިންގެ ހުނަރު ބޭނުންކޮށްގެން އަދި ގޭތެރޭގެ އެހެން ފަރާތްތަކުގެ އެހީއާއިއެކު ކުދިންގެ އުމުރާ ގުޅޭ ގޮތަށް އުގަންނައިދިނުމުގަ ދެމިހުންނާނެ ކަމަށް އުންމީދުކުރަމެވެ.                 

ތުއްތުއިރު އަމިއްލައަށް ކަންކަމުގައި ޒިންމާ ނަގަން ދަސްކޮށްދިނުމުން މާދަމާ ބޮޑުމީހަކަށް ވާ އިރު ޒިންމާދާރު، ހީވާގި، މީހުންބަލައިގަންނަ، ކާމިޔާބު ކުއްޖަކަށް ވުން އެކަށީގެންވެއެވެ. މިފަދަ ކަންތައްތައް ދަސްކޮށްދިނުމަށް "މަންމަ ޓީޗަރަށް" ވުރެ ވަކި މޮޅު ޓީޗަރެއް ވާނެ ހެއްޔެވެ.                                                                     

+1
0
+1
17
+1
0
+1
5
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް