މި ޖޫން މަހުގެ 22ވަނަ ދުވަހުގެ އިރު އަރައިގެން އައީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގިނަބަޔަކު ސިއްސުވާލާފަދަ ޚަބަރަކާއިއެކުގައެވެ. އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާފައި ފޮއްޓަކަށްލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ޚަބަރާއިއެކު ސޯޝަލް މީޑިއާ އިން ފެނިގެން ދިޔައީ ތަފާތު މެސެޖުތަކެކެވެ. ބައެއް މީހުން މިއަދަކީ ކަޅު ދުވަހެއް ނުވަތަ މުޅި ޤައުމު ކަރުނައަޅައި ރޯންޖެހޭ ދުވަހެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު އާދައިގެ މަތިން ބައެއް ނޫސްތަކާއި ފޭސްބުކް ޕޭޖްތަކުން އަވަސްވެގަތީ ލިބެންހުރި މަޢުލޫމާތެއް ހޯދާ އެންމެ އަވަހަށް 'ބްރޭކިންގ ނިވްސް' ގެނެސްދެވޭތޯއެވެ.
މިގޮތުން މަރުވިކުއްޖާ އާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ޚަބަރު ގެނެސްދީފައިވާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި ވެސް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
" އަޅުގަނޑު ކަންބޮޑުވުމާއި އެކު ފާހަގަކޮށްލަން ބޭނުންވަނީ އަނެއްކާވެސް ވިކްޓިމް އިތުރަށް ވިކްޓިމައިޒް ވާގޮތަށް ބައެއް ނޫސްތަކުން އެބަ ކަވަރ ކުރޭ. ވިކްޓިމްގެ ސަބަބުން ދިމާވިކަމެއްގެ ގޮތަށް ސިފަވާގޮތަށް. ވަރަށްގިނަ ނުރަނގަޅު ވާހަކަތަކެއް މަރާލާފައިވާ ކުއްޖާ އާއި ގުޅޭގޮތުން ދައްކާފަ އެބަހުރި ބައެއް މީޑިއާތަކުގައި. އަޅުގަނޑަށް ފެނޭ މިކަހަލަ މައްސަލަތައް ބަލަން. ވިކްޓިމް އިތުރަށް ބްލޭމް ނުކުރަން އެބަޖެހޭ ކޮންމެވެސް ފިޔަވަޅުތަކެއް އެޅުމާއިމެދު ވިސްނަން" ކޮމިޓީ ބައްދަލްވުމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
މެންބަރު އިމްތިޔާޒު އެ ވިދާޅުވިގޮތަށް މީހަކު މަރުވުމުން އެމީހާގެ ނުރަނގަޅު ވާހަކަ އެގޮތަށް ދައްކާކަށް ނުޖެހެއެވެ. އެހެންނަމަވެސް ހާދިސާއެއްގައި މީހަކު މަރުވެއްޖެނަމަ މިފެންނަނީ އެމީހަކާއި ގުޅޭގޮތުން ކަށަވަރު ނުވިއަސް ހުރިހާ މަޢުލޫމާތެއް ހާމަކުރަމުންދާ މަންޒަރެވެ. މީގެ ސަބަބުން އާއިލާ އަށް ކުރާނެ އަސަރެއް ނުވިސްނައެވެ.
ދާދިފަހުން މަރުވި މީހަކާއި ގުޅޭގޮތުން މިހާރު ނޫހުން ޖެހި ރިޕޯޓަކާއި ގުޅިގެން އާއިލާއިން ފާޅުކުރި ކަންބޮޑުވުމާއި އެކު އެރިޕޯޓު މިހާރު ނޫހުގެ ވެބްސައިޓުން ނެގިތަން ފެނުނެވެ. އެކަމަކު އެއިރު އެރިޕޯޓުގައި ހުރި މައުލޫމާތު ކިތައް މީހުން ކިޔައިފައިވޭތޯ އެވެ؟ ކަށަވަރު ނުވާގޮތަށް ލިބޭ މައުލޫމާތު އާންމުކޮށްގެން ތިބާ އަށް ލިބެނީ ވަކި ކޮންފައިދާއެއް ހެއްޔެވެ. އާއިލާ އަށް ހިތްދަތިކަން ލިބިފައިވާ ދަނޑިވަޅެއްގައި ތިދެނީ އިތުރު ހިތްދަތިކަމެކެވެ.
މަރުވެފައިވާ މީހަކު އުޅުން ގޯސް ކަމަށް ބުނެ ވާހަކަ ދައްކާތީ އެކަމާއި ގުޅޭގޮތުން އިސްލާމްދީނުގައި އޮންނަގޮތް ބަލާލީމެވެ. 'ޒީޓައިމްސް' އަށް މަޢުލޫމާތުދިން ޢިލްމްވެރިން ފާހަގަކުރާގޮތުގައި މީހަކު މަރުވުމުން އެމީހެއްގެ ގޯސް ސިފަތަކުގެ ވާހަކަ ދައްކައިގެން ނުވާނެއެވެ.
" އޭނަ މަރުވީމަ އޭނައަށް ކުރެވޭނެ ކަމެއް ނޯންނާނެ. ފޮޓޯ އާއި އެކު ބަޔަކު މީހުން އޭނާގެ ނުބައި ވާހަކަތައް ދައްކާއިރު މާދަމާ ނޭގޭ ތިބާ މަރުވާނީ ކިހިނެއް ކަމެއް. ތިބާގެ ފޮޓޯ ޖަހައިގެން އެގޮތަށް ގޯސް ސިފަތަކުގެ ވާހަކަދައްކަން ތިބާ ވެސް ބޭނުމެއް ނުވާނެ. ހަމަ އެގޮތަށް މަރުވާ މީހުންގެ އާއިލާއިން ވެސް ބޭނުމެއް ނުވާނެ އެގޮތަށް މައުލޫމާތު ފަތުރަން" ދީނީ ޢިލްމުވެރިއަކު ވިދާޅުވިއެވެ.
އަދި ޚަބަރު ފަތުރާއިރާއި ސޯޝަލް މީޑިއާގައި މަޢުލޫމާތު އާންމުކުރަންވާނީ ވަރަށް ވިސްނައިގެން ކަމަށާއި، މީހުންގެ ހުންނަ ގޯސް ސިފަތަކުގެ ވާހަކަ މަރުވުމުން ދެއްކުން ހުއްޓާލުމަށް އެ ޢިލްމުވެރިއާ ވެސް ވަނީ އެދިފައެވެ.
މިފަދަ ކޮންމެ ހާދިސާ އަކީ އާއިލާއަށް ނުހަނު ފުން ހިތާމައެއް ލިބި ނަފްސާނީ ގޮތުންވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. މިއަދު މަރުވި 13 އަހަރުގެ ކުއްޖާގެ މަންމަ އެކުއްޖާ ބެލުމުގައި ވީ ކޮން އިހުމާލެއް ކަމެއް ޔަގީން ކަމާއިއެކު ބުނަން އަހަރެމެން މިއީ ކޮންބައެއް ހެއްޔެވެ؟ އަދި އެ އާއިލާއަށް މެދުވެރިވެފައިވާ ހާލަތަކީ ކޮބައިކަމެއް އަހަރެމެންނަށް އެގޭ ހެއްޔެވެ؟ ފުރިހަމަ މައުލޫމާތު ނޭގި އެވާހަކަ ދެއްކުމުން އާއިލާއަށް ލިބޭނީ އިތުރު ހިތާމައެކެވެ. މުޅި މުޖުތަމައު މިހާރަށްވުރެ ބޮޑަށް ވިސްނަންވެއްޖެއެވެ. ބަލަންވީ މިފަދަ އިތުރު މަރެއް ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ ޅަދަރިން ގެންގުޅެވޭތޯއެވެ. އަދި މަރުވެފައިވާ މީހުންގެ ގޯސް މައުލޫމާތު ސޯޝަލް މީޑިއާގައި ޝެއާކުރާ މީހަކަށް ނުވެވޭތޯ ބަލަމާ ހިގާށެވެ.