ލޮޓަސް ސިލްކަކީ ދުނިޔޭގަ އެންމެ މަދުން އުފައްދާ ގުދުރަތީ ސިލްކެވެ. މި ސިލްކް ނަގަނީ ލޮޓަސް މަލުގެ ތަނޑިންނެވެ. ދުނިޔޭގައި މި މަސައްކަތް ކުރަނީ ވަރަށްމަދު ޤައުމެއްގައެވެ. އެއީ ކެންބޯޑިއާ، މިޔަންމާ، އަދި ވިއެޓްނާމްގައެވެ. މި ޤައުމުތަކުގައި މި މަސައްކަތް ކުރަނީވެސް ވަރަށް މަދުބައެކެވެ. މިއީ ކުންފުނިތައް ހަދައިގެން އިންޑަސްޓްރިއަލް ސްކޭލްގައި ކުރާކަމެއް ނޫނެވެ. މިމަސައްކަތް ކުރާ ޤައުމުތަކުގައި މި މަސައްކަތްކުރަނީ އާއިލާތަކުން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

ލޮޓަސް މާ ހެއްދުމަށްފަހު އޭގެ ތަނޑި ބުރިކޮށްލައިގެން ނެގުމަށްފަހު މި ތަނޑިތައް ހަވާލުކުރެވެނީ ސިލްކްނަގާ މީހުންނާއެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. މިކަން ކުރަނީ މިކަމަށް ޚާއްސަ ތަޖުރިބާ ހުންނަ ވަރަށް ހުނަރުވެރި ބަޔެކެވެ. އެމީހުން މިކަން ކުރަނީ އެމީހުންގެ ކާބަފައިންގެ ފަރާތުން މިކަންކުރަމުންދާ ގޮތުގެ ހުނަރު ދަސްކޮށްގެންނެވެ. އެހެންކަމުން މިކަންކުރުމުގައި އެއްވެސް މެޝިނަރީއެއް ބޭނުމެއް ނުކުރެއެވެ. ލޮޓަސް މާ ކެނޑުމަށްފަހު 24 ގަޑިއިރުތެރޭ މަލުގެ ތަނޑިން ސިލްކް ނަގަންޖެހެއެވެ. އެހެން ނޫންނަމަ ތަނޑިތަށް މާބޮޑަށް ހިކުމުން އޭގޭ އެތެރޭގައި ހުންނަ ސިލްކް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ.

ސިލްކް ނަގާ މީހުން ތަނޑި މެދުން ބިންދާލުމަށްފަހު، އޭގެ ދެކޮޅުގައި ހިފާ މަޑުމަޑުން ދަމާލާއިރު ތަނޑީގެ ތެރެއިން ގުދުރަތީ ފައިބަރ ދެމިގެން އާދެއެވެ. އެއަށްފަހު އެމީހުންގެ ޚާއްސަ ހުނަރު ބޭނުންކޮށްގެން މި ފައިބަރތައް އަނބުރަމުން އެއްރޮއްޖަކަށް ބަދަލުކޮށްލައެވެ. މި ސިލްކް ހުންނަނީ މަޑު ރީނދޫކުލައިގައެވެ. މަލުގެ ތަނޑިން ސިލްކް ނަގާއިރު ފުރަތަމަ ވަރަށް ބަލިކަށިވާނެއެވެ. ނަމަވެސް ފަހުގެ މަރުހަލާއެއްގައި ސިލްކަށް ގެންނަ ބަދަލަކުން ފޭރާން ވިޔެވޭވަރަށް ސިލްކް ވަރުގަދަވެއެވެ.

އެފެންވަރަށް ފައްކާކުރާ ލޮޓަސް ސިލްކް ބޭނުންކޮށްގެން އުފައްދާ ފޮތީގެ އަގު ވަރަށް ބޮޑެވެ. އަގުބޮޑުވާ ސަބަބަކީ މިކަމަށް ކުރަންޖެހޭ މަސައްކަތް ބޮޑުވުމާއި، މިއީ އިންސާނުންގެ އަތުން ކުރާކަމަކަށްވެފައި، މި މަސައްކަތަކީ ވަރަށް ކަވި މަސައްކަތަކަށްވާތީއެވެ. މީގެ އިތުރުން މި ސިލްކުން އުފައްދާ ތަކެތީގެ ޑިމާންޑް ދުނިޔޭގެ ކަންކޮޅުތަކުގައި، އިތުރުވެފައިވުމާއި، ޑިމާންޑާއި އެއްވަރަށް އުފެއްދުންތައް އުފެއްދެމުން ނުދާތީއެވެ. ލޮޓަސް ސިލްކް ބޭނުންކޮށްގެން އުފައްދާ ޖެކެޓެއްގެ އަގަކީ 6,500 އެމެރިކާ ޑޮލަރެވެ. އާދައިގެ ސިލްކް ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކަށް ވުރެ ލޮޓަސް ސިލްކްގެ އުފެއްދުންތައް މާ މަޑުވެފައި މާ ގަޔަށް ފަސޭހައެވެ. މިހާރަކަށް އައިސް ފެޝަން ޑިޒައިނަރުންގެ މެދުގައި ލޮޓަސް ސިލްކުން އުފައްދާ އުފެއްދުންތަކުގެ މަޤްބޫލްކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.