ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ގދ. ގައްދޫ އަށް އުފަން އަނީސާ މުހައްމަދަކީ ހުރިހާ ޑިޒައިނެއްގެ ކުނާ ވިޔަން އެނގޭ މީހެކެވެ. 1970 ވަނަ އަހަރު ކުނާ ވިޔުމުގެ މަސައްކަތް ފެށި އަނީސާ މެދުކެނޑުމެއް ނެތި މިމަސައްކަތް ކުރާތާ މިވަނީ 50 އަހަރުވެފައެވެ.
ގދ. ގައްދޫގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން ދިޔައިރު ކައިރީގައި ބަލަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތަށް އެރިއެވެ. "މިއީ އަޖައިބެއްފަދަ ހުނަރެކެވެ."

'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން އަނީސާ ބުނެފައިވާ ގޮތުގައި ކުނާ ވިޔުމުގެ މަސައްކަތް ފެށީ، އުމުރުން 13 އަހަރުގައި މަންމަ އާއި ދައްތަ އެމަސައްކަތް ކުރާތަން ފެނިގެންނެވެ. އެއިރު އަނީސާ ވެސް ދިޔައީ އާއިލާގެ މެންބަރުން ވިޔަން ފަށައިފައި ހުންނަ ކުނަލުގެ ތަންތަންކޮޅު ވިޔެ މަސައްކަތް އެކީގައި ދަސްކުރަމުންނެވެ.
ކުނާވިޔުމަށް ބޭނުންކުރާ ރޮދި ތައްޔާރުކުރުމަކީ ވެސް އަނީސާ ކުރާ މަސައްކަތެކެވެ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ގަމަށް ގޮސް ދިއްގާ ދަނޑި ކަނޑައި، އޭގެ ތޮށި ފޯކޮށްގެން ކުނަލަށް ބޭނުންވާ ރޮދި ދަނީ ތައްޔާރުކުރަމުންނެވެ. އެހެންވުމުން އަނީސާ ފާހަގަވެފައިވަނީ ކުރީ ޒަމާނުގައިވެސް ކުނާ ވިޔަމުންއައި ގޮތަށް އެމަސައްކަތް އެންމެ ފުރިހަމައަށް ދަންނަ މީހެއްގެ ގޮތުގައެވެ.

ކުނާވިޔަން ދަސްކޮށްދިނުމުގެ މަސައްކަތް
އަނީސާ ފާހަގަކުރިގޮތުގައި އެއްމަސް ދުވަހުގެތެރޭގައި ވެސް ކުނާވިޔަން ދަސްކުރެވިދާނެއެވެ. އެކަމަށް ބޭނުންވަނީ ހިތްވަރާއި ޝައުގުވެރިކަމެވެ. އެކަމަކު ހިތާމައަކީ މިމަސައްކަތް ކުރަން ބޭނުންވާ ޒުވާނުން މަދުވުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކުނާވިޔުމުގެ މަސައްކަތް ދައްކާލުމަށް އިންޑިއާގެ މުމްބާއީ އާއި ކަލްކަތާއަށް ވެސް ދިޔަ އަނީސާ އަކީ ގައްދޫ ކައިރީގައި އޮންނަ އަޔާޑާ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ވެސް މިމަސައްކަތް ކުރާގޮތް ދައްކައިދީފައިވާ ކަނބަލެކެވެ.
" މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ތިނަދޫ ކެމްޕަސްގައި ކުނާވިޔަން ދަސްކޮށްދިނުމަށް 2003 ވަނަ އަހަރު ހިންގި ދެމަސްދުވަހުގެ ކޯހުގައި އަޅުގަނޑު ކިޔަވައިދިނިން. އަދި ގދ. ފިޔޯރީގައާއި ފުވައްމުލަކު ސިޓީގެ އިތުރުން ގައްދޫގައި ވެސް މިމަސައްކަތް ދަސްކޮށްދިނުމަށް ބޭއްވި ކޯހުގައި ކިޔަވައިދިނިން." އަނީސާ ފާހަގަކުރިއެވެ.

ލިބިފައިވާ ކާމިޔާބީތައް
1995 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން ބޭއްވި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 29 ވަނަ މައުރަޒުން ކުނާވިޔުމުގެ މަސައްކަތުން އަނީސާ އަށް ވަނީ 2 ވަނަ އާއި 3 ވަނަ ލިބިފައެވެ.
އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން އަނީސާއަށް ވަނީ ހިތްވަރުދިނުމުގެ ޤައުމީ އިނާމް ވެސް ލިބިފައެވެ.

އެންމެބޮޑު ގޮންޖެހުން
ޝައުގުވެރިކަމާއި އެކު ކުނާވިޔަމުން އަންނަ އަނީސާ ފާހަގަކުރިގޮތުގައި މިމަސައްކަތުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އަގެއްގައި ކުނާ ނުވިކުމެވެ.
" އާންމުކޮށް ވިޔަނީ ކުދި ކުނާ. ސައިޒުގެ ގޮތުން ބޮޑެތި ކުނާ ވިޔަނީ އޯޑަރު ލިބުނީމަ. މިހާރު ބޮޑެތި ކުނާ އެކަނި ނުވިޔަން. ބައެއްފަހަރު ވިޔެ ނިމޭއިރު އަގުބޮޑުވެގެން ނުގަންނަ ފަހަރުވެސް އާދޭ. 1 ފޫޓު ކުނަލެއްގެ އަގު އަޅުގަނޑުމެން ކިޔަނީ 500 ރުފިޔާ އަށް. އެކަމަކު ވިކެނީ 400 ރުފިޔާ އަށް އަދި 350 ރުފިޔާ އަށް." 7000 ރުފިޔާ އަށް ވެސް ބައެއް ކުނާ ވިއްކާއިރު، އަގުކިޔަނީ ކުނަލުގެ ސައިޒުން ކަމަށް އަނީސާ ވަނީ ފާހަގަކޮށްފައެވެ.
ކުނާވިޔުމުގެ މަސައްކަތަށް ބޭނުންކުރާ ހައުފަދަ އެއްޗެހީގެ އަގުބޮޑުވުމުގެ އިތުރަށް އެއެއްޗެހި ލިބުން ދަތިވުމަކީވެސް ދިމާވާ ގޮންޖެހުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ނިންމުން
ދިވެހިންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ރީތި މި މަސައްކަތުގައި އަނީސާ އެންމެބޮޑަށް ބޭނުންވަނީ، މިމަސައްކަތް އުވިގެން ނުދިއުމަށް ސަރުކާރާއި އާންމުންގެ އެހީތެރިކަމެވެ. އިންޓަވިއު ނިންމާލަމުން ފާހަގަކުރިގޮތުގައި ކުނާވިޔަން ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ދަސްކޮށްދިނުމަކީ އަނީސާ އަށް ލިބޭ އުފަލެކެވެ.