2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން ދިވެހިރާއްޖެއިން 1 ވަނަ ހޯދި 10 ދަރިވަރުންގެ ތެރޭގައި ހިމެނުނު ޝާއިން މުހައްމަދު ރިފްއަތަކީ ހުރިހާ ގޮތަކުން ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ބަޔޮލޮޖީ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދި ޝާއިން އަކީ ކީރިތި ގުރުއާނުގެ 27 ފޮތް ހިތުދަސް ކުއްޖެކެވެ. އަދި ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން 2019 ވަނަ އަހަރު އަދާކުރި ޝާއިން އަށް ވަނީ އެއަހަރު ކިޔެވި ދަރިވަރުންގެތެރެއިން މުޅި ސްކޫލުން 2 ވަނަ ލިބިފައެވެ.

ކާމިޔާބު ލިބުނީ ކިހިނެއް؟
'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން ޝާއިން ބުނީ މި ލިބުނު ކާމިޔާބީ އަކީ ގަދައަޅައި މަސައްކަތްކުރުމުގެ އިތުރަށް މަންމައާއި ބައްޕަގެ އެހީތެރިކަމާއި، ޓީޗަރުންނާއި އެކުވެރިންގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބެއް ކަމަށެވެ. ޝާއިން 9 މާއްދާއިން އޭސްޓަރ ހޯދިއިރު މީގެތެރެއިން ރާއްޖެއިން އެއްވަނަ ލިބުނީ މެތަމެޓިކްސް، ބަޔޮލޮޖީ، އަދި ފިޒިކްސް އިންނެވެ.

" ޓިއުޝަން ނުނަގަން 8 މާއްދާއިން. ސްކޫލުގައި ނުކިޔަވާ މާއްދާއެއް ކަމަށްވާ އެކައުންޓުން އޯލެވެލްގައި ބައިވެރިވެ އޭ ސްޓަރ ލިބުނީ އެ މާއްދާއިން ޓިއުޝަން ނަގައިގެން. ދުނިޔެއިން އެއްވަނަ ލިބުނު މާއްދާއަކީ ވެސް ޓީޗަރުންގެ އެހީގެ އިތުރަށް އަމިއްލައަށް ޕާސްޓްޕޭޕަރު ހަދައިގެންނާއި ޔޫޓިއުބު ބަލައިގެން ކުރި މަސައްކަތުން ވަނަ ލިބުނު މާއްދާއެއް. ދުނިޔެއިން އެއްވަނަ ބަޔޮލޮޖީއިން ލިބުނީމަ އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު. އަދި އެއީ އަޅުގަނޑަށް އެންމެ އުދަގޫ މާއްދާ" ޝާއިން ބުންޏެވެ.
ފިލާވަޅުގައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ޓީޗަރުން ކައިރީގައި އަހާ އޮޅުންފިލުވުމަކީ ޝާއިން އަބަދުވެސް ކުރަމުން އައި ކަމެކެވެ. އަދި ވަރަށް ގިނަ ފަހަރު ޕާސްޓްޕޭޕަރު ހެދި ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖު
ޝާއިން ފާހަގަކުރިގޮތުގައި ކާމިޔާބު ލިބޭނީ ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ.
" ޕާސްޓްޕޭޕަރު ފުރަތަމަ ހަދާއިރު ރަނގަޅަށް ޖަވާބު ނުލިޔެވިދާނެ. ތަކުރާރުކޮށް ޖަވާބު ލިޔަން މަސައްކަތްކުރީމަ ކާމިޔާބު ލިބޭނީ"

އިތުރު ހަރަކާތްތައް
ޝާއިން އަކީ ޖަމާލުއްދީން ސްކޫލުގައި އިތުރު ހަރަކާތްތަކުގައި ފާހަގަކުރެވޭ ދަރިވަރެކެވެ. ޤުރުއާން މުބާރާތްތަކުން ރަން ވަނަތަކެއް ތަކުރާރުކޮށް ލިބުނުއިރު، އޭގެތެރޭގައި ސްކޫލުތަކުގެ މެދުގައި ބޭއްވުނު ޤުރުއާން މުބާރާތުން 16 އަހަރުން ދަށުގެ ބައިން 1 ވަނަ ވެސް ލިބިފައިވެއެވެ. ސްކޫލްތަކުގެ މެދުގައި ބޭއްވުނު ތާރީޚީ ސުވާލު މުބާރާތްތަކުން ވެސް ތަކުރާރުކޮށް ވަނަ ވަނީ ހޯދާފައެވެ. އަދި ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތް، އަދަބީ ގަވާއިދު ކްއިޒް، އަދި އަތުލިޔުމުން ވެސް ވަނަތައް ވަނީ ހޯދާފައެވެ. ޝާއިން އަކީ ވާހަކަދެއްކުމާއި ބަހުސް މުބާރާތްތަކުގައި ވެސް ފާހަގަކުރެވޭ ދަރިވަރެކެވެ.

މަންމަ ދެކޭގޮތް
ޝާއިން އަކީ ބ އޭދަފުށީ ފާތިމަތު ނާސިހާ އާއި މުހައްމަދު ރިފްއަތުގެ (ތިންކުދިންގެ ތެރެއިން އެންމެ ހަގު) ދަރިފުޅެވެ. އޭނާގެ މަންމަ ވިދާޅުވީ ދުނިޔެއިން އެއްވަނަ މާއްދާއަކުން ލިބުނީމަ ވަރަށް އުފާވިކަމަށެވެ. އެކަމަށް އައީ ވަރަށް ބޮޑަށް އުންމީދުކުރަމުން ކަމަށެވެ.
" ގަދައަޅައި މަސައްކަތް ކުރި ކުއްޖެއް. ގްރޭޑް 1 އިން ފެށިގެން މަންމަ ނުޖެހޭނެ ކިޔަވަން ބުނާކަށް. އަމިއްލައަށް ކިޔަވަން މަސައްކަތްކުރަމުން އައީ. އެކަމަކު ވަރަށް ހިތްވަރުދީ ނަސޭހަތްދެން. ނަމާދުކޮށް ޤުރުއާން ކިޔަވަން. ޝާއިންގެ މިހާރު ދަސްނުވެ އޮތީ ޤުރުއާނުން 3 ފޮތް. އެއީ އަސްލު ކާމިޔާބުގެ އަސްލަކީ އަޅުގަނޑު ދެކޭގޮތުގައި." ޝާއިންގެ މަންމަ އުފަލާއެކު ފާހަގަކުރެއްވިއެވެ.

އުމުރުން 10 އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރަމުން އައި ޝާއިން އަށް މުޅި ޚަތިމް ހިތުދަސްނުކުރެވި ލަސްވަމުން ދަނީ ކޮވިޑްގެ ސަބަބުން ޤުރުއާން ކްލާސްތައް އޮންލައިން ކުލާހަށް ބަދަލުވުމުގެ އިތުރަށް ސްކޫލުގެ ކިޔެވުމުގައި މާބިޒީވުމުން ކަމަށް އޭނާގެ މަންމަ ވަނީ ފާހަގަކޮށްފައެވެ. ސީއެޗްއެސްއީ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ޝާއިން އަކީ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.
ޖަމާލުއްދީން ސްކޫލުގެ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝާއިންގެ މަންމަ އިތުރަށް ފާހަގަކުރެއްވިގޮތުގައި ޝާއިން އެންމެ ބޮޑަށް ދެރަވީ ސްކޫލުން އެއްވަނަ ނުލިބުމުންނެވެ.

" ގްރޭޑް 1 އިން ފެށިގެން 10 ނިންމީ މުޅި ގްރޭޑުން 1 ވަނަ ހޯދައިގެން. އެއީ ސްކޫލުގައި ކިޔެވި 8 މާއްދާއިން ޓިއުޝަން ނުނަގާ. ސްކޫލް ކެޕްޓަން ކަން ދަރިފުޅު އުންމީދުކުރިއަސް ލިބުނީ ޑެޕިއުޓީ ކެޕްޓަންކަން. ދެން މަސައްކަތް ކުރީ ސްކޫލުގެ ބެސްޓް އޯލް ރައުންޑްކަން ލިބޭތޯ. ވަރަށް ހިތްވަރު ކުރި. އެކަމަކު އެވެސް ކާމިޔާބު ނުވި. ވަރަށް ދެރަވި ޝާއިން އަށް 2 ވަނަ ލިބުމުން. އެކަމަކު ނާކާމިޔާބީ އަކީ ކާމިޔާބީގެ ތަޅުދަނޑި" ޝާއިންގެ މަންމަ ވިދާޅުވިއެވެ.

ނިންމުން
ޖަމާލުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނުއިރު އެ ޖަލްސާގައި ޝާއިން ވަނީ ވާހަކަދައްކާފައެވެ.
" އަޅުގަނޑުގެ ހަނދާނަށް އަންނަނީ ސްކޫލުގައި އުޅުނު އެންމެފަހު އަހަރު. ސްކޫލުގެ އެކި ޕޯސްޓްތަކަށް ދަރިވަރުން ހޮވުމަށް ކުރެވުނު ކެމްޕެއިން. ސްކޫލް ކެޕްޓަނަކަށްވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދޭތޯ ކުރެވުނު މަސައްކަތް. އެދުވަހު ނާކާމިޔާބީގެ ދިދަ އަޅުގަނޑު ތިރިކޮށްލީ އެއަށްވުރެ އުހަށް އެހެން ދިދައެއް ހިތްލާލުމުގެ ފޮނި ހުވަފެންތަކަކާއެކު. އެހުވަފެންތަކުގައި ހަގީގީކުލަޖެހި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރެއްގެ ގޮތުގައި ޖަމާލުއްދީންގެ ނަން ހިމަނާލެވުނު ދަރިވަރަކަށް އަޅުގަނޑަށް ވެވުނީތީ އުފާކުރަން" ޝާއިންގެ ވާހަކައިގައި ފާހަގަކުރިއެވެ.
ޒީޓައިމްސް އިން އެދެނީ އިންޖިނޭރަކަށް ވުމަށް ހުވަފެން ދެކެމުން އަންނަ ޝާއިންއަށް ކާމިޔާބު މިންވަރު ކުރެއްވުމެވެ.
ކިޔުންތެރިންގެ ހިޔާލު
School in dhevana libumakee naakaamiaaybe noon
ކޮމެންޓްސް ބަންދުކުރެވިފައި