November 22, 2024 16:11
Advertisement

-Advertisement-

އޯލެވެލް އިމްތިހާނަށް ތައްޔާރުވާއިރު މިކަންކަމަށް ސަމާލުކަންދީ!

އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަކީ ގިނަ ދަރިވަރުންނަށް ޕްރެޝަރު ބޮޑުވާ ކަމެކެވެ. ބޮޑު އިމްތިހާނެކެވެ. ގްރޭޑް 1 އިން ފެށިގެން 10 އަކާއި ހަމައަށް ކުރި ތައުލީމީ ދަތުރުގައި ބައެއް ދަރިވަރުންނަށް އެންމެފަހު އިމްތިހާނެވެ. 10 އަހަރަށްފަހު ދަސްވި އެއްޗެއް މިނެކިރާ ވަޒަންކުރަން އޮތް މި އިމްތިހާނަށް ތައްޔާރުވާއިރު މިއީ އިމްތިހާނަށް ތައްޔާރުވާން އޮތް މަގެކެވެ.

އޯލެވެލް އިމްތިހާނަށް ތައްޔާރުވާއިރު އާންމުގޮތެއްގައި ކުދިން ތިބެނީ ހާސްވެ ކަންބޮޑުވެފައެވެ. ދަސްނުވާ ގިނަ އެއްޗެހި ހުރީމަ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ޓެސްޓް ޕޭޕަރު އުނދަގޫވެދާނެތީ އާއި ފާސް ނުވެދާތީ ޕެނިކްވަނީ އެވެ. މިގޮތަށް ޕެނިކްވުމުގެ ސަބަބުން އިމްތިހާނަށް ދާއިރު ބައެއް ކުދިންނަށް ދަސްވެފައި ހުންނަ އެއްޗެހިވެސް ހަނދާން ނެތޭގޮތްވެސް ވެއެވެ. މިހެން ޕެނިކް ނުވެ އިމްތިހާނަށް ތައްޔާރުވެވިދާނެ ބައެއް ގޮތްތައް ހިއްސާކޮށްލާނަމެވެ. މިއީ ސިންގަޕޫރުގެ 'ދަ ލާނިން ލެބް' ގެ ސެކަންޑަރީ ސުކޫލް ޕްރޮގްރާމްސްގެ ޑައިރެކްޓަރ ޝުލީ ސުދޭރުއްދީން  ސީނިއާ ޓީޗަރެއްގެ ހައިސިއްޔަތުން އޭނާގެ ތަޖްރިބާއާއި އެކު ހިއްސާކޮށްފައިވާ ބައެއް ކަންކަމެވެ.

  1. ނިދުމުގެ ޝެޑިއުލް ރަނގަޅަށް ރާވާލުން.

ހެނދުނު ހޭލަން އުނދަގޫ ދަރިވަރުންނަށް ހެނދުނު އޮންނަ އިމްތިހާނުތަކުގައި ބައިވެރިވާންވެސް އުނދަގޫވެދާނެއެވެ. ނިދިއައިސްގެން އިނދެ ނުވަތަ ރަނގަޅަށް ސިކުނޑި ނުހޭލެވި 'ހާފް ސްލީޕް' ގައޭ މި ކިޔާ ކަހަލަ ގޮތަށް ހުރެގެން ޓެސްޓަށް ގޮސްފިނަމަ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެންކަމުން ޓެސްޓު ދުވަސްވަރު އަދި ޓެސްޓަށް ތައްޔާރުވަމުން އަންނައިރުވެސް ޓެސްޓަށް ދިއުމުގެ ކުރިން ސިކުނޑި ރަނގަޅަށް ހޭލާހާ ވަގުތު އޮއްވާ ނިދާފައި ހޭލަން އާދަކުރަންވާނެއެވެ. ޓެސްޓަށްދާއިރު މީހާ ހުންނަންވާނީ ރަނގަޅަށް ހޭލެވި ސިކުނޑި އާއި ހަށިގަނޑު ވޯމްއަފް ވެފައެވެ. ޓެސްޓް ފަށާއިރު ސިކުނޑި ހޭލެވި ވޯމްއަޕް ވެފައިވާނަމަ ޖަވާބުތައް ދިނުމަށް ފަސޭހަވާނެއެވެ.  

Advertisement

 2. ރިވިޝަންތައް ނުވަތަ މުތޯލިއާކުރުންތައް ރާވާލުން.

'ފެއިލިން ޕްލޭން އިސް ޕްލޭނިން ޓު ފެއިލް' އޭ ބުނާހެން ރާވާނުލާ ކަންކަން ފަށައިގަންނަ ނަމަ ފެއިލްވުމުގެ ފުރުސަތު ބޮޑެވެ. ޓެސްޓަށް ތައްޔާރުވާއިރު ރަނގަޅަށް ޕްލޭންކޮށް ޓައިމްޓޭބަލެއް ހަދާލާށެވެ. އަދި އެ ޓައިމްޓޭބަލާއި އެއްގޮތަށް މުތޯލިއާކުރަމުން ގެންދާށެވެ. ޓައިމްޓޭބަލެއް ހަދައިގެން މުތޯލިއާކުރަމުންދާއިރު ވިސްނަންވާނީ އެއް މާއްދާ އަށްފަހު އަނެއް މާއްދާ ކިޔަވަމުން ހުރިހާ މާއްދާއެއް ރޮޓޭޓްވާ ގޮތަށް ކިޔެވުމަށެވެ. އެއް މާއްދާއެއް އެކަނި މާ ގިނަދުވަހު ފަރިތަކުރުމަށްވުރެ ފައިދާ ބޮޑީ ހުރިހާ މާއްދާއަކަށް ވަގުތުދީގެން ފަހަރަކު މާއްދާއެއް މުތޯލިއާ ކުރަމުން ގެންދިއުމެވެ.

 3. އަމިއްލަ މަސައްކަތުގެ އަގު ވަޒަން ކުރުމާއި ހުސްވަގުތުކޮޅެއް ނެގުން.

މުތޯލިއާ ކުރާއިރު ހިތްހަމަޖެހިގެން އެކަން ކޮށްލެވޭނީ އަމިއްލައަށް ހާސިލްކުރަންބޭނުންވާ ކުދިކުދި އަމާޒުތައް ނުވަތަ ގޯލްތައް ކަނޑައަޅައިގެން އެކަން ކުރުމުންނެވެ. އަދި އެ ކުދިކުދި ކަންކަން ހާސިލްވުމުން އަމިއްލަ ނަފްސަށް ހަދިޔާއެއްދީ އެކަމުގެ އަގު ވަޒަން ކުރަންވާނެއެވެ. މިސާލަކަށް އަމިއްލަނަފްސަށް ހަދިޔާއެއްގެ ގޮތުން ކިޔެވުމުން ބްރޭކެއް ނަގާލުމަށްފަހު ބަބްލް ޓީއެއް ކަހަލަ ބުއިމެއް ބޯލެވިދާނެއެވެ. ނުވަތަ 30 މިނިޓްވަރު ނިދާލެވިދާނެއެވެ. ނުވަތަ ސޯޝަލްމީޑިއާ އެކައުންޓްތަކަށް ވަދެ ފީޑް ބަލާލުންވެސް ރަނގަޅުވާނެވެ. މިކަހަލަ ގޮތަކަށް ހުސްވަގުތުކޮޅެއް ކިޔެވުމާއި ދުރުގައި ހޭދަކޮށްލުމަށްފަހު އަނެއްކާވެސް މުތޯލިއާ ކުރަން ފެށުމުން ސިކުނޑިއަށް ކުރާ ބާރު ކުޑަވެފައި މީހާގެ ހާސްކަންވެސް ކުޑަވާނެއެވެ. އަދި ހަމަޖެހިގެން އިނދެ ފިލާވަޅުތައް ދަސްކޮށްލެވޭނެއެވެ.

 4. އާ ކަންކަން ކުރަން ނޫޅެ ކުރިން ޓެސްޓްކޮށްފައިވާ ކަންކަން ދެމެހެއްޓުން

ޓެސްޓް ކައިރިވުމުން އާ ކަންކަން ކުރަން ނޫޅޭށެވެ. އާ ކަންކަމުގެ ސަބަބުން ތިމާގެ ޝެޑިއުލަށް ބުރޫއެރުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުންފަދަ ކަމެއްވެސް ވެދާނެއެވެ. މިސާލަކަށް އާ ބާވަތެއްގެ ކެއުމެއް ކައިފިނަމަ ބަނޑަށް އުނދަގޫވެދާނެއެވެ. ނުވަތަ ނިދުމުގެ ޝެޑިއުލަށް ބަދަލުގެނެސްފިނަމަ ސަމާލުކަންދެވޭ މިންވަރަށް އަސަރުކޮށްފާނެއެވެ. އަދި ޓެސްޓް ފެށެން ދެދުވަހަށް ނުވަތަ އެއް ދުވަހަށްވެފައި ވަނިކޮށް އާ ސުވާލަކަށް ޖަވާބުދޭން އުޅޭނަމަ ކޮންފިޑެންސްގެ މައްސަލަވެސް ނިކުމެދާނެއެވެ. އާ ގޮތްގޮތައް ނުވަތަ އާ ކަންކަން ކުރަން އުޅުމުގެ ބަދަލުގައި ޓެސްޓް ކައިރިވަމުން އަންނައިރު ދަމަހައްޓަމުން އައި އާދަކާދަތަކާއި އެއްގޮތަށް ކަންކަން ކުރެވޭތޯ ބަލާށެވެ. ތިމާއާއި ރައްޓެހި އުކުޅުތައް ނޫން އާ ކަންކަން ތަޖްރިބާ ކުރަންވެސް ނޫޅޭށެވެ. އަދި އެއް ގަވާއިދަކުން ކަންކަން ކުރިޔަށް ގެންދެވޭތޯ ބަލާށެވެ.

 5. ނިދުމުގެ ކުރިން ފިލާވަޅުތައް ބަލާލުން

ހިތުދަސްކުރަން ބޭނުންވާ ފޯމިއުލާއެއް ނުވަތަ ސްޓްރަކްޗަރއެއް އޮތްނަމަ ނިދަން އޮށޯތުމުގެ ކުރިން ބަލާލާށެވެ. ރިސާޗްތަކުން ދައްކާގޮތުގައި ނިދަން އޯށޯތުމުގެ ކުރިން ދަރިވަރުން ކޮންސެޕްޓްސް ދަސްކުރާ ނަމަ ފަސޭހައިން ހަނދާނުގައި ހަރުލާގޮތްވެއެވެ. އަދި ހާއްސަކޮށް އާ މައުލޫމާތެއް ދަސްކުރާނަމަ އެއެއްޗެހި ފަސޭހައިން ހިތު ދަސްވާގޮތްވެއެވެ.

 6. އެއްފަހަރު ދަސްކުރާއެއްޗެއް އަނެއްކާވެސް ޕްރެކްޓިސް ކުރުން

ވަރަށް ގިނަ ކުދިން ފިލާވަޅުތައް މުތޯލިއާ ކުރާއިރު އެއްފަހަރު ކިޔާއެއްޗެއް ފަހުން އަނެއްކާވެސް ކިޔައިގެން ދަސްކުރާހިތްވެއެވެ. މިގޮތަށް ރިހާސަލް ޕްރޮސެސް އެއް ގޮތަށް މުތޯލިއާކުރުމަކީ ދަސްކުރަން ބޭނުންވާ އެއްޗެއް ހަނދާނުގައި ހަރުލައްވަން ފަސޭހަ އަދި ވަރަށް ރަނގަޅު ގޮތެކެވެ.

މިގޮތަށް މުތޯލިއާ ކުރާއިރު ފްލޭޝް ކާޑް ކަހަލަ އެއްޗެހި ބޭނުންކޮށްގެން ރައްޓެއްސަކާއި އެކު މުތޯލިއާ ކުރާށެވެ. އަދި އެކަކު އަނެކަކަށް ދަސްވި މިންވަރު ޓެސްޓް ކުރަމުން ގެންދާށެވެ. މިއީ މުތޯލިއާ ކުރަން މަޖާ ގޮތެކެވެ. އަދި އެހެން ރައްޓެސަކާއެކު މުތޯލިއާ ކުރާއިރު ކްއިޒް އާއި ހިތުދަސްކުރަން ބޭނުންވާ ކީވޯޑް ނުވަތަ ކޮންސެޕްޓްތައް އެއްކުއްޖަކު އަނެއް ކުއްޖަކާ ހިއްސާކުރަމުން ގެންދިއުމުން ޓެސްޓް ހަދާއިރު ފަސޭހައިން އެއެއްޗެހި ހަނދާނަށް އަންނާނެއެވެ.

މިކަންކަމުގެ އިތުރުން ފިލާވަޅު ދަސްކުރަން ފެށުމުގެ ކުރިން ދުއާ ކިޔަން އާދަކުރާށެވެ. ފިލާވަޅު ދަސްކުރަން ފެށުމުގެ ކުރިންނާއި ދަސްކޮށް ނިމުމުން ކިޔާ ދުއާ ކިޔާނަމަ އޭގެ މަންފާވާނެއެވެ. އަދި އިލްމު އުނގެނުމާއި ހަނދާނުގައި ހަރުލެއްވުމަށްވެސް ފަސޭހަވެގެންދާނެއެވެ. 

 

މައުލޫމާތު ނެގީ: ދަ ލާނިން ލެބް.ކޮމް.އެސްޖީ

+1
0
+1
6
+1
7
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް