ސުކޫލު ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށްވެސް އިމްތިހާނަކީ އެކުދިންގެ މުސްތަގްބަލަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި ބެލެނިވެރިންނަށްވެސް އިމްތިހާން މުހިންމުވެއެވެ. އެހެންނަމަވެސް އެއްވެސް ހިސާބަކުން އެކުދިން ދެރަވާކަހަލަ ނުވަތަ ހިތްމަރާލާ ގޮތަށް ބަހެއް ބުނެގެން ނުވާނެއެވެ.
އެކުދިންގެ މުސްތަގްބަލާމެދު ހާސްކޮށްލާފަދަ އެއްޗެއް ބުނެގެން ނުވާނެއެވެ. މިސާލަކަށް ދަރިންގެ ޓެސްޓު ދުވަސްވަރު، އެކުދިންގެ އިމްތިހާނުން ވާނެ ގޮތަކާއިމެދު މައިންބަފައިން ކަންބޮޑުވާ މިންވަރު، އަދި އެކުދިންގެ މުސްތަގްބަލާމެދު ކިހާ މިންވަރަކަށް ކަންބޮޑުވާކަން ހާމަކޮށް އެފަދަ ވާހަކަތައް ދައްކައިގެން ނުވާނެއެވެ.
އަދި ވަކިން ޚާއްސަކޮށް ތިރީގައި މިވާފަދަ ބަސްތައް ދަރިންގެ އިމްތިހާނުގެ ކުރިން އަދި ފަހުންވެސް ބުނެގެން ނުވާނެއެވެ.
- "މި އިމްތިހާނަކީ ދުރު މުސްތަގްބަލަށް އެހާ މުހިންމު އެއްޗެއް ނޫން. އެނގޭތަ؟"
"މާ ބޮޑަށް ކަންބޮޑުނުވޭ، މި އިމްތިހާނުން ދަރިފުޅު ރަނގަޅަށް ފާސްނުވިޔަސް ނުވަތަ ހީކުރާވަރުގެ ނަތީޖާއެއް ނުލިބުނަސް ދަރިފުޅުގެ ދިރިއުޅުން ގެއްލިގެން ދިއުމަށް މަންމަމެން ދުލެއް ނުކުރާނަން. ދަރިފުޅު ބޭނުންވާ ދާއިރާއަކުން ކުރިއަށްދާން އެހީވެދޭނަން. ދިރިއުޅުމުގައި މި އިމްތިހާނުން ދަރިފުޅަށް ލިބޭ މާކްސްއަށްވުރެ މާ ރަނގަޅު ޕްލޭންތައްވެސް ހުރެދާނެ. ދަރިފުޅު ދިރިއުޅުމުގައި އެއްވެސް ކަމަކާ ކަންބޮޑުވެގެން އުޅޭތަން ދެކޭކަށް މަންމަ އާއި ބައްޕަ ބޭނުމެއް ނޫން."
މިފަދަ ވާހަކަތަކުގެ ސަބަބުން އިމްތިހާނު ހަދާ ދަރިވަރު ހިތަށް އަރާފާނެ އެއްޗެހި.
1. ދުރު މުސްތަގްބަލަށް މި އިމްތިހާނު އެހާ މުހިންމު ނޫން، ކީއްވެ އަހަރުމެން ހޯދާ މާކްސް މުޅި ދިރިއުޅުމަށް ބަރޯސާވަނީ.
2. އަސްލު ކީއްކުރަން ފުރަތަމަ ކަމަކަށް މި އިމްތިހާނު ހަދަނީ. މަންމަމެން އުންމީދެއް ނުކުރޭ އަހަރެން ޓެސްޓުން ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށްވެސް، އެހެންވީމަ ޓެސްޓުގައި ނުވެސް އިށީންނަނީސް ތިޔަ ޔަގީންކަން ދެނީ ދަށް މާކްސްއެއް ލިބުމަށް..
3. އެހެންތަ! ދެން އިމްތިހާނު ހެދުން ހަނދާންނައްތާލާ. ކީއްކުރަން އިމްތިހާނާއި މެދު ވިސްނަންވީ ވެސް، އިމްތިހާނު ނަހަދާ ހިނގާބަލަމާ މުސްތަގުބަލު އޮތީ ކިހިނެއްތޯ؟
މިއީ ކޮންމެ ކުއްޖަކު ހިތަށް އަރާނެ އެއްޗެއްސެއް ނޫނެވެ. ބައެއް ކުދިން ހިތަށް އަރާފާނެ ކަމަށް ލަފާކުރެވޭ އެއްޗިއްސެވެ.
- "މި އިންތިހާނުގައި ރަނގަޅު ނަތީޖާއެއް ނުހޯދައިފިނަމަ..."
"މިއިމްތިހާނުން ރަނގަޅު ނަތީޖާއެއް ނުހޯދައިފިނަމަ ރަނގަޅު ކޮލެޖަކުންވެސް ފުރުސަތެއް ނުލިބޭނެ، ރަނގަޅު ވަޒީފާއެއް ނުލިބޭނެ، ދޭން ބުނި އިނާމެއްވެސް ނުލިބޭނެ" މިއީވެސް ބައެއް ބެލެނިވެރިން ދަރިވަރުންގެ ޓެސްޓް ކައިރިވުމުން އެކުދިންނާ ދިމާއަށް ބުނާ ބަސްތަކެވެ.
އިމްތިހާނު ދުވަސްވަރު މައިންބަފައިން އެންމެ ފުރަތަމަ ވިސްނަންވާނީ ދަރިވަރުންގެ ނަޒަރުންނެވެ. ސަބަބަކީ އިމްތިހާނުގައި އިށީންނަ ބަޔަކީ އެކުދިންނެވެ. އަދި މިފަދަ ބަސްތައް އެކުދިންނާ ދިމާއަށް ބުނާނަމަ ކުދިން ހިތުގައިޖެހި ބައެއް ފަހަރު އެންޒައިޓީ އާއި ނުތަނަވަސްކަން ކުރިމަތިވެ އެކުދިންގެ ނަތީޖާއަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވެއެވެ.
"އިމްތިހާނު މިހާ ކައިރިވެފައޮއްވާ ރެސްޓް ކުރަން ވިސްނައިގެންވެސް ނުވާނެ؟ ކިހިނެތް އެހެން ހިތަށްވެސް އަރުވާނީ..."
ރެސްޓް ކުރަން ހިތުލައިގެންވެސް ނުވާނެއޭ ބުނާ ބެލެނިވެރިން ވިސްނަންވާނީ ހުރިހާ އެންމެންނަށްވެސް ރެސްޓް ބޭނުންވާނެ ކަމެވެ. އަދި ކިޔަވަން އިންނަ ދަރިވަރަކަށްވެސް ރެސްޓް ބޭނުންވާނެއެވެ. އަބަދު ފޮތް ހިފައިގެނެއް ނީނދެވޭނެއެވެ. އެހެންނަމަވެސް ބައެއް ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަގުތު ކުޑަވެ މާގިނައިން ނިދާފައި ނުވަތަ ރެސްޓް ކުރާނަމަ އެ ކުދިންނަށް ފިލާވަޅުތައް ދަސްކުރުމަށް ބާރު އެޅިދާނެއެވެ.
- "މިހާބޮޑު ހޭދައެއްކޮށް މިހާވަރަށް ކަންތައްތައް ކޮށްދޭއިރު އަހަރުމެން ބޭނުން ނުވާކަހަލަ ނަތީޖާއެއް ހޯދައިގެން ނުވާނެ!"
"އަހަރުމެން މިހާބޮޑު ހޭދައެއް ކުރާއިރު އަހަރުމެން ދެރަވާ ވަރުގެ ނަތީޖާއެއް ހޯދައިގެން ނުވާނެ" ކަމަށް ބުނާ ބެލެނިވެރިންވެސް އުޅެއެވެ. އަދި ބައެއް ފަހަރު ރުޅިވެރިކަމުގެ ރާގެއްގައިވެސް މިފަދަ ގޮތަކަށް ދަރިވަރުންނާ މުހާތަބު ކުރެވެއެވެ. މިކަމުގެ ސަބަބުން ކުދިން ދެރަވެއެވެ. އެއްވެސް ދަރިއަކު މައިންބަފައިން ދެރަކުރާކަށް ބޭނުމެއް ނުވާނެއެވެ. ކުދިންނަށް ބޮޑު ޚަރަދެއް ކުރިޔަސް ނުވަތަ އެކުދިންނަށް ކޮށްދޭ ކަންތައްތަކަކީ އެވާހަކަ ދައްކަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި ކުދިން ބަދުނާމުވެސް ކޮށްގެން ނުވާނެއެވެ. ސަބަބަކީ ދަރިންނަށް ކުރާ ހޭދައަކީ އެކުދިން ބުނެގެން މަޖުބޫރުން ބެލެނިވެރިން ކުރާ ހޭދައެއް ނޫނެވެ. ބެލެނިވެރިން ހިތުންރުހުމުން ކުރާ ޚަރަދުތަކެވެ. ވީމާ އެ ޚަރަދުތަކާ އެއްވަރު ބަދަލެއް ކުއްޖާގެ ފަރާތުން ހޯދަން އެދުމަކީ ނުވަތަ ކުދިންނަށް ޕްރެޝަރ ކުރުމަކީ ބެލެނިވެރިން ކޮށްގެންވާނެ ކަމެއް ނޫނެވެ.
- "ސުވާލު ކަރުދާހުގައި ދޭ ޖަވާބުތައް ކޮޕީކުރޭ ނޫނީ ޕޮއިންޓްސް ނޯޓް ކޮށްގެން އާދޭ. އޭރުން އަހަރުމެންނަށް ޗެކް ކުރެވޭނީ!"
ބައެއް ފަހަރު އިމްތިހާނުގައި ތިބޭ ކުދިން ގެއަށް ގެންދަން ލިބޭ ސުވާލު ކަރުދާހުގައި ޖަވާބުތައް ނޯޓް ކުރެއެވެ. އަދި ބެލެނިވެރިންނަށް އެ ޕޭޕަރު ދައްކަން ގެއަށް ގެންދަން ޖެހެއެވެ. އެ ޖަވާބުތައް ރަނގަޅުތޯ ބަލާ ދަރިންނަށް ލިބޭނީ ކިތައް މާކްސްތޯ ބަލާ ހިސާބުހަދާ ބެލެނިވެރިންވެސް އުޅެއެވެ. އެފަދަ ބެލެނިވެރިންގެ ސަބަބުން ދަރިވަރުން އެކުރާ ޕްރެޝަރ ވިސްނާލާށެވެ. ބެލެނިވެރިން ހިތްހަމަ ޖައްސަން ހަދައިގެން ޓެސްޓް ޕޭޕަރުގައި ދެވުނު ޖަވާބުތައް ދެވަނަ ފަހަރަށް ޗެކްކޮށްލަންވެސް އެފަދަ ކުދިންނަށް ވަގުތު ނުލިބުން އެކަށީގެންވެއެވެ.
- "އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުއްޖާއަށް ވާން ޖެހޭނެ!"
"އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށް ވާންވާނެ" ބެލެނިވެރިން ހަރުކަށިކަމާއެކު މިހެން ބުނުމުން ދަރިވަރުންނަށް ޕްރެޝަރު ބޮޑުވެއެވެ. އަދި އެންޒައިޓީގެ އަސަރު ކުރެއެވެ. ސީދާ އެހެން ބުނުމުގެ ބަދަލުގައި އެކުއްޖަކަށް ހޯދޭ އެންމެ ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދެވިދާނެއެވެ. އެކަމަކު އެންމެ މޮޅުވާން ޖެހޭނީ އޭނާ ކަމަށްބުނެ ކުދިންނަށް ޑިމާންޑް ކޮށްގެން ނުވާނެއެވެ.
- ކީވެގެންތަ، (އެހެން ކުދިންގެ ނަން ކިޔާފަ) އެކުއްޖާ ހޯދިވަރުގެ މާކްސްއެއް ދަރިފުޅަށް ނުހޯދެނީ!"
އެހެން ކުއްޖެއްގެ ނަން ބުނެފައި އެކުއްޖާ ހޯދިވަރުގެ ނަތީޖާއެއް ނުހޯދުނީ ކީއްވެތޯވެސް ބައެއް ބެލެނިވެރިން ދަރިންނާ ސުވާލު ކުރެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާ އަޅާކިއުމަކީ ރަނގަޅު ނަތީޖާ ނިކުންނަ ކަމެއް ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކުރެއެވެ. އެހެންނަމަވެސް އެހެން ހެދުމުން އަބަދަކު ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. ހުރިހާ ބެލެނިވެރިންނަކީވެސް ތަފާތު ބައެކެވެ. އެކި ކަންކަމުގައި ހޯދާނީ އެކި ނަތީޖާއެވެ. މިސާލަކަށް އެއް ދަރިވަރުގެ ބެލެނިވެރިއަކީ ޅެންވެރިއަކަށް ވެފައި އަނެއް ބެލެނިވެރިއަކީ ޅެންވެރިންނަށް ނުވެދާނެއެވެ. ވީމާ އަމިއްލަ މީހާވެސް އެހެން މީހުންނާ އަޅާކިޔަން ނޭދޭއިރު އެހެން ކުދިންނާ ދަރިންނާ އަޅާ ކިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ.
މިއީ ބައެއް ބެލެނިވެރިން ދަރިން އިމްތިހާނަށް ތައްޔާރުވަމުންދާއިރު އަދި އިމްތިހާނަށްދާން ގެއިން ނުކުންނައިރުވެސް ބުނާ އެއްޗިއްސެވެ. ދަރިވަރުންނަށް އިމްތިހާނުން ކާމީޔާބީއަށް އެދޭކަން ހާމަކޮށްދިނުމުގެ ބަދަލުގައި އެ ކުދިންނަށް މިފަދަ އިބާރާތްތަކުން މުއާމަލާތްކުރުމުން އެވައްޓާލެވެނީ ހާސްކަމެއްގެ ތެރެއަށެވެ. އޭގެ ބަދަލުގައި އިމްތިހާނަށް ދަރިފުޅު ތައްޔާރުވާއިރު މައިންބަފައިން އެކުދިންނަށް ހިތްވަރުދީ އެކުދިންގެ ހާސްކަން ކަނޑުވާލަން ވާނެއެވެ.
ދަރިން ދުނިޔެއަށް އައުމުގައި އެކުދިންގެ ކުށެއް ނުވެއެވެ. އެހެންވީމާ އެކުދިންގެ ކަންކަން ކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެޒިންމާ އަދާކުރުމުގައި ކުދިންނަށް ޕްރެޝަރުކޮށް ކަންކަމަށް ޑިމާންޑްކޮށް ހެދުމުން އެކުދިން ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާނެ ހިތްވަރެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ބެލެނިވެރިންގެ މިފަދަ ބަސްތަކުން ދަރިންނަށް ކުރިމަތިވާނީ އެންޒައިޓީ އާއި ޑިޕްރެޝަނާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ ދިރިއުޅުން މަތިން ފޫހިވުން ފަދަ ކަންކަމެވެ.
މައުލޫމާތު: އިންޑިއަން އެޑިއުކޭޝަން ނިއުސް