ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންނަށް ދަސްކުރަން ފަސޭހަވާނީ އެކި ގޮތްގޮތަށް ބުނެދިނުމުންނެވެ. ކުއްޖާއަށް އަކުރުތައް ދަސްކޮށްދޭން އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ބެލުމަށް ތަފާތު ގޮތްތަކަށް ބެލެނިވެރިޔާއަށް މަސައްކަތް ކުރެވިދާނެއެވެ. މިލިޔުމުގައި މިހިމަނާލަނީ އަޅުގަނޑުގެ ދަރިފުޅަށް ހާށަވިޔަނީގެ އަކުރުތައް ކިޔަން ދަސްކޮށްދިނުމުގައި މަސައްކަތްކުރި ގޮތެވެ.

އަކުރުތައް ދަސްކޮށްދިނުން
އެންމެ ފުރަތަމަ ހާށަވިޔަނީގެ އަކުރުތައް ވަކިން ނައްޓާ ތައްކުރެވޭނެ ކަހަލަ ބޯޑެއް ގަތީމެވެ. އެބޯޑު ވެގެންދިޔައީ ކުޅިވަރުގެތެރޭގައި ދަސްކޮށްދޭން ލިބުނު ފުރުސަތަކަށެވެ. އަކުރުތައް ވަކިން ހޯދާ އެއަކުރެއް ހުންނަތަނުގައި ތައްކުރާނެގޮތް ދަރިފުޅަށް ކިޔައިދިނީމެވެ. އެއަށްފަހު ވައިޓްބޯޑެއްގައި ފަހަރަކު އަކުރެއް ލިޔުމަށްފަހު ދަރިފުޅުލައްވާ އެއަކުރުތައް ކިޔުއްވުމަށް މަސައްކަތްކުރީމެވެ. ހާށަވިޔަނީގެ ފޮތްވެސް ގަނެ އެފޮތުގައި ހުންނަ ފޮޓޯއާއެކު އަކުރުތައް ވަކިވަކިން ދިޔައީ ކިޔައިދެމުންނެވެ. އަދި ހަނދާން ހުންނާނެހެން "މިސާލަކަށް ޅަވިޔަނިން ފެށޭ ޅަކުއްޖާކަން، ބާއިން ފެށޭ ބޯޅަ" މިގޮތަށް ކިޔާދިނުމުން ދަރިފުޅަށް ހަނދާނުގައި ބަހައްޓަން ފަސޭހަކަން ފާހަގަކުރެވުނެވެ.
އަކުރުތައް ދަސްކޮށްދޭއިރު އަމިއްލައަށް ފޮތެއްގައި އަކުރުތައް ލިޔެ އެއަކުރަކާއި ގުޅޭ ކުރެހުމެއްގައި ކުލަ ޖައްސަންވެސް ދަރިފުޅާއި ހަވާލުކުރެވިދާނެއެވެ. އަދި އަކުރާއި ގުޅޭ ކުރެހުމަކީ ކޮބައިތޯ ބެލުމަށް ދަރިފުޅާއި ސުވާލުކުރެވިދާނެއެވެ.

އަކުރުގެ އަޑު ކިޔައިދިނުން
ހާށަވިޔަނީގެ ބައެއް ލަވަތައްވެސް ދަރިފުޅަށް ދެއްކީމެވެ. އެ ލަވަތައް ދެއްކުމަށްފަހު ކޮންމެ އަކުރެއްގެ އަޑު ވަކިވަކިން ދަރިފުޅަށް ދަސްވަންދެން ތަކުރާރުކޮށް ކޮންމެ ދުވަހަކު ދިޔައީ ކިޔައިދެމުންނެވެ.
ފިލިތައް ދަސްކޮށްދިނުން
ހާށަވިޔަނީގެ ހުރިހާ އަކުރެއް ދަސްވުމުން ދެން ދަސްކޮށްދޭން ފެށީ ފިލިތަކެވެ. ދުވަސްވަރަކީ ލޮކްޑައުންގެ ދުވަސްވަރުކަމަށްވުމުން ސްކޫލަށް ނުފޮނުވައި ގޭގައި ކިޔަން ދަސްކޮށްދިނުން ވެގެންދިޔައީ ކުރެވުނު ތަފާތު ތަޖުރިބާއަކަށެވެ.
ދަރިފުޅަށް ފިލިތައް ދަސްކޮށްދިންއިރު ބެލީ ދަރިފުޅަށް ކިޔަން އެނގޭ ބަސްތަކުގައި ހިމެނޭ ފިލިތަކަކީ ކޮބައިތޯ ފުރަތަމަ ކިޔައިދިނުމަށެވެ. އެއިރުން ދަރިފުޅަށް ނަގައިގަންނަން ފަސޭހަވެ އަވަހަށް ދަސްވިކަން ފާހަގަކުރެވުނެވެ.

ކިޔަން ދަސްކޮށްދިނުން
ފިލިތައް ދަސްކޮށްދިނުމަށްފަހު ދެން މަސައްކަތްކުރީ ކުދިކުދި ބަސް ކިޔަން ދަސްކޮށްދިނުމަށެވެ. އެންމެފުރަތަމަ ދަސްކޮށްދިނީ ދެއަކުރު ހިމެނޭ ބަސްތަކެވެ. މިސާލަކަށް އަނބު ކިޔާއިރު 'އަ' މިއަކުރުގައި އިންނަނީ 'އަބަފިލި' ކަން އަދި 'ބު' މިއަކުރުގައި އިންނަނީ އުބުފިލިކަން އެގޮތަށް ވަކިވަކިން ކޮންމެ ބަހެއްގެ ކޮންމެ އަކުރެއް ކިޔައިދޭންވާނެއެވެ. މިގޮތަށް ކިޔައިދިނުމަށްފަހު ދަރިފުޅު އަމިއްލައަށް ވިސްނައިގެން ކިޔަން މަސައްކަތްކުރުމަށް ބާރު އެޅިދާނެއެވެ.
ފުރަތަމަ ކިޔާއިރު ވަރަށް ނުފަރިތަވާނެއެވެ. އެކަމަކު ގިނަގިނައިން ކިޔުމަށް ހިތްވަރުދޭށެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ފުރަތަމަ ދަރިފުޅު ބަސްތައް ކިޔައިއުޅުނީ ކޮންމެ އަކުރެއް ފިއްޔާއެކު ވަކިވަކިންނެވެ. އެގޮތަށް ކިޔަންފެށުމުން ކޮންމެބަހެއް އެއްކޮށް ކިޔުމަށް އެހީތެރިވެދޭށެވެ. ދުވަސްކޮޅަކުން އެގޮތަށްކިޔަން ވެސް ފަރިތަވެދާނެއެވެ.
ކިޔަން ދަސްކުރާއިރު ކުދިކުދި ޖުމްލަ ހިމެނޭ ތަފާތު ފޮތްތައް ދަރިފުޅަށް ހޯދައިދޭށެވެ. އަދި ޕޯސްޓަރ ފަދަ ތަކެތި ފާރުގައި ހަރުކޮށް ދަރިފުޅުލައްވާ ކިޔުއްވުމަށް ސަމާލުކަން ދެވިދާނެއެވެ. ދަރިފުޅަކީ ދިވެހި ކިޔަން ފަރިތަ ކުއްޖަކަށް ވާނީ ގޭގައި ފޮތްތައް ގިނަގިނައިން ކިޔުމަށް ބާރުއަޅާ މަސައްކަތްކުރުމުންނެވެ.