November 22, 2024 02:15
Advertisement

-Advertisement-

ޝިފްނާގެ ދޮންތަ އާއި މާމަ އާއެކު އޯލެވެލް ޓޮޕްޓެން ޖަލްސާގައި

އުކުޅަހު ސުކޫލުގެ އެންމެ ރަނގަޅު ދަރިވަރު: ކާމިޔާބީގެ ފަހަތުގައި ހުރީ މާމަ

2021 ވަނަ އަހަރު އޭލެވެލް ނިންމި ޢައިޝަތު ޝިފްނާއަކީ އއ. އުކުޅަހު ސުކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. މިދިޔަ ހަފްތާގައި އެ ސުކޫލުުގައި ބޭއްވި އިނާމު ދިނުމުުގެ ޖަލްސާގައި އެންމެންގެ ލޯތައް ހުއްޓުނީ ޝިފްނާއަށެވެ. ބެސްޓް އޯލް ރައުންޑްގެ އިނާމާއި ހަނދާނީ ފިލާގެ އިތުރުން އެހެނިހެން އިނާމުތައްވެސް ހޯދިއެވެ.

އުކުޅަހު ސުކޫލުގެ އިނާމުދިނުމުގެ ހަފްލާގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ޝިފްނާއަށް ތައްޓެއް ހަވާލުކުރަނީ

ޝިފްނާ ބުނީ އެވަރުގެ ކާމިޔާބީއެއް ހޯދުމަށް އެންމެ ކުޑައިރުންފެށިގެންވެސް ހިތުގައި އަޒުމު ކަނޑައެޅި ކަމަށާއި، އެކަމުގެ ޝައުގުވެރިކަން ބޮޑުވީ ގްރޭޑް 8 ގައި ކިޔަވަން ފެށިފަހުން ކަމަށެވެ. ގްރޭޑް 10 ނިންމި އަހަރުވެސް އުކުޅަހު ސުކޫލުގެ ބެސްޓް އޯލް ރައުންޑް ދަރިވަރަކަށް ހޮވުނީ ޝިފްނާއެވެ. އަދި ތިން އޭ ސްޓާ، ތިން އޭ އާއި ދެ ބީ ހޯދައިގެން އެއަހަރު އޯލެވެލްގައި ޓޮޕްޓެންއަށް އެރިއެވެ. ރާއްޖޭގެ އެންމެ މޮޅު 10 ވަނައިގެ ލިސްޓުން 8 ވަނަ ހޯދިއެވެ. ބިޒްނަސް ސްޓްރީމްއިން 5 މާއްދާގައި ބައިވެރިވެގެން އޭލެވެލް ހެދި އިރުވެސް ޓޮޕްޓެން އަށް އެރުމުގެ އަޒުމު އޮތެވެ. އަދި އިއުލާން ނުކުރިނަމަވެސް އެ ލިސްޓުގައި މި ފަހަރުވެސް ޝިފްނާ އެބައޮތެވެ.

"އެންމެ ކުރިންސުރެވެސް ބޭނުންވޭ އެކަހަލަ ކާމީޔާބީއެއް. ބޮޑަށް ގްރޭޑް 8،9،10 ގައި އޯލެެލް ފެށެންވީމަ މޮޓިވޭޝަން އައީ" ޝިފްނާ ބުންޏެވެ.

Advertisement

މޮޅު ކުއްޖަކަށް ވުމަށް ކުޑައިރުން ފެށިގެން އޭނާ ދިޔައީ ޓިއުޝަން ނަގަމުންނެވެ. މުޅި ދުވަސް ކަހަލަ ގޮތަށް ޝިފްނާގެ ޝެޑިއުލް ރާވާލާފައި އޮންނަނީ ކިޔެވުމަށެވެ. ހެނދުނު ސުކޫލަށް ގޮސް ސުކޫލު ނިމިގެން ގެއަށް އައިސް ދެން އޮންނަނީ ގުރުއާން ކިޔެވުމާއި، ޓިއުޝަނަށް ދިއުމެވެ. އެއަށްފަހު އަމިއްލައަށް ކިޔެވުމެވެ. ރޭގަނޑު އާންމުގޮތެއްގައި ކުލާސް ކުދިންނާއެކު ގްރޫޕް ސްޓަޑީ ހަދައެވެ.

އޯލެވެލް އާއި އޭލެވެލްގައި އިސްލާމް އިން އޭ ސްޓާރ ހޯދި ޝިފްނާއަށް އެންމެ ފަސޭހަ މާއްދާއަކީ އިސްލާމް އެވެ. އޯލެވް އަދި އޭލެވެލްގައިވެސް އެންމެ ކިޔަވާހިތްވި މާއްދާއަކީ ހިސާބެވެ. އޯލެވެލް އާއި އޭލެވެލްގައި މޮޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރީ ޝިފްނާ ކުޑައިރުން ފެށިގެން ގެންގުޅުނު މާމަ އެކަމަށް ވަރަށް ބޮޑަށް ބާރު އަޅާތީއެވެ. އެންމެ ކުޑައިރުންފެށިގެން މާމަ އަދި މަންމައެއްގެ ރޯލު އަދާކުރީ ރަޒިއްޔާ އިބްރާހިމްއެވެ. ޝިފްނާ ބުނީ މާމައަށް ކިޔަނީ މަންމަ ކަމަށާއި، އެ މަންމަވީ ޤުރުބާނީއަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށެވެ. 

ޝިފްނާގެ މާމަ (ކ) އަދި މަންމަ (ވ) އާއެކު

"މަންމަ (މާމަ) ބުނާނެ އަބަދުވެސް އެކަހަލަ ދުވަހެއް ދެކެން ބޭނުމޭ. އަސްލު ވަރަށް އުފާވޭ، އޯލެވެލްގައިވެސް އެހާ މަތީ ރިޒަލްޓެއް ލިބުނީމަ. އޭލެވެލްގައި ހިޔެއްވެސް ނުކުރަށް ކަންތައްތައް ދިޔަ ގޮތުން. ވަރަށް ނުކިޔެވޭ. ދުވަސް ދިގުވުމާއި ވަރަށް އުނދަގޫތައް ދިމާވި. ކޮވިޑް ތެރޭގައި ކަރަންޓީނުގައި ހުރެގެން ބައެއް ކުލާސްތައް އޮންލައިންކޮށްވެސް ނެގިން. އެހާ އިފެކްޓިވްއެއް ނޫން އޮންލައިންކޮށް، ވަރަށް ދުވަސްތައް ގެއްލުނު. އެކަމަކު ރިޒަލްޓް އައި ދުވަހު ވަރަށް އުފާވި. މަންމަ އުފާވީމަ އެންމެ ބޮޑަށް އުފާވީ" ޝިފްނާ ބުންޏެވެ. 

ކިޔެވުމުގައި އެންމެ ބޮޑަށް އޭނާ އަށް ހިތްވަރުދީ އެހީވެދިނީ މާމަ އާއި ސުނީ ދޮންތަ (ސުނީތާ) އެވެ.

ރަށަށް ރީތިނަން ހޯދަައިދީ ރަންވަނަތަކެއް ތައުލީމީ ހަޔާތުގައި ހޯދި ޝިފްނާ ބުނީ "ކިޔެވުމާއި ގުޅޭ ކަމެއްވިޔަސް. ކޮންމެ ކަމެއްވެސް ކޮށްދޭނެ. ބުނި ހުރިހާ ކަމެއް ކޮށްދިން މާމަ. މާމަ ވަރަށް ގިނަ ޤުރުބާނީތަކެއް ވެގެން އަޅުގަނޑު ބެލީ. މި ކާމިޔާބީގެ ފަހަތުގައިވަނީ މާމަ" ކަމަށެވެ.

ޝިފްނާ އޭނާގެ މާމައާއެކު

އުކުޅަހު ސުކޫލުގެ މުދައްރިސުން ކޮންމެ ގަޑިއެއްގައި އެއްޗެއް ނޭންގިގެން އަހާލިޔަސް ބުނެދެެއްވާ ކަމަށާއި، ސުކޫލު ގަޑީގެ އިތުރުންވެސް މުދައްރިސުންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ ކަމަށް ޝިފްނާ ފާހަގަ ކުރިއެވެ. 

އޭލެވެލް ހެދި އިރު އެންމެ އުނދަގޫ ކަމަކަށް ދިމާވީ "އޭލެވެލްގައި ސިލަބަސް ބަދަލުވުން. ދެން ފޮތްތައްވެސް ލިބުނީ އަހަރުގެ ދެބައިކުޅަ އެއްބައި ދިޔަފަހުން. ޓެސްޓްތައްވެސް ލަސްވެގެން ދިޔަ. އެދުވަސްކޮޅު ކޮވިޑްގެ ސަބަބުން ދިމާވި އުނގަދޫތައް ހުރީ" ޝިފްނާ ބުންޏެވެ.

ޝިފްނާ އެންމެ ބޭނުންވަނީ ޓީޗިން ހަދައިގެން ރަށު ސުކޫލުގައި ކުދިންނަށް ކިޔަވައިދިނުމަށެވެ. ޓީޗަރެއްގެ ގޮތުގައި އަމިއްލަ ރަށަށް ޚިދުމަތް ކުރުމުގެ ފޮނި އަޒުމުގައި ހުރި 19 އަހަރުގެ ޝިފްނާ އަކީ އެރަށުގެ އެހެން ކުދިންނަށް ކިޔެވުމުގެ މަގު ކޮށައިދޭ ދަރިވަރެކެވެ. މިހާރުވެސް ބައެއް ކުދިންނަށް ޓިއުޝަން ދެއެވެ. އޯލެވެލް އާއި އޭލެވެލް ހެދި އިރު ކުލާސް ކުދިންނަށް ފިލާވަޅުތައް ބުނެދިނުމަކީ އޭނާއަށް އެންމެ ފަސޭހައިން ފިލާވަޅުތައް ދަސްވާ ގޮތްކަމަށް ޝިފްނާ ބުންޏެވެ.

އެންމެ އުފާވަނީ އޭނާ ކައިރިން ޓިއުޝަން ނަގައިގެން ކުދިންގެ ނަތީޖާ ރަނގަޅުވާ ކަމަށް އެކުދިންގެ ބެލެނިވެރިން ބުނާތީއެވެ. އަދި އެހެން ކުދިންނަށް އެހީވެދީގެން އޭނާއަށް ފަސޭހައިން ފިލާވަޅުތައް ދަސްވެ އަމިއްލަ އަށް އެކަމުގެ ހިތްހަމަޖެހުން ލިބޭތީއެވެ. 

ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އަމިއްލައަށް އަޑުއިވޭވަރަށް ބާރަށް ކިޔައިގެންނެވެ. ލިޔެގެން ފިލާވަޅު ދަސްކުރުމަކީވެސް ވަރަށް ފަސޭހައިން ހިތުގައި ހަރުލާ ކަމެއް ކަމަށް ޝިފްނާ ބުންޏެވެ. އެންމެ ފަސޭހައިން ފިލާވަޅުތައް ދަސްވަނީ ފަތިސްގަޑީގައާއި، ރޭގަނޑު ކަމަށްވެސް ބުންޏެވެ.

ޝިފްނާ އަކީ ސުކޫލު ހަޔާތުގައި ހުރިހާ ގްރޭޑެއްގައިވެސް ޤުރުއާން މުބާރާތްތަކުން ވިދާލިި ދަރިވަރެކެވެ. އުކުޅަހު ސުކޫލު މުބާރާތްތަކާއި އަތޮޅު މުބާރާތްތަކުން އެއްވަނަ ހޯދިއެވެ. ޤުރުއާން ކިޔެވުމުން އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމީ މުބާރާތަށް ދެވުން ކަމަށް ޝިފްނާ ބުންޏެވެ. 

ޤައުމީ ޤުރުއާން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު 3 ފަހަރު ލިބުނެވެ. އުކުޅަހު ސުކޫލުގެ ފަރާތުން ޤައުމީ މުބާރާތަށް ދެވުނު ފުރަތަމަ ދަރިވަރަކީވެސް ޝިފްނާއެވެ. 2018 ވަނަ އަހަރު މާލޭގައި ބޭއްވި އިންޓަރ ސުކޫލު ބެޑްމިންޓަން މުބާރާތުން އަންހެން ޑަބަލްސް އިވެންޓުން 3 ވަނަ ލިބުނެވެ. 

ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީގެ ކޮއްކޮއަކަށް ވާތީ ނެށުމުގެ ހުނަރު ހުރިތޯ އަހާލުމުން ޝިފްނާ ބުނީ އޭނާއަކީވެސް ވަރަށް ނަށާހިތްވާ ކުއްޖެއް ކަމަށެވެ. އަދި ރަށުގައި އޮންނަ ކުޅިވަރު ހަރަކާތްތަކުގައި ވަރަށް ގިނައިން ނަށާފައި ހުންނާނެ ކަމަށާއި، ސުކޫލުން ބާއްވާ ކޮންސެޓްތަކުގައިވެސް ނަށާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިން ހުރި ފޯރިއެއް ނެށުމަަކަށް ނެތް ކަމަށް އޭނާ ބުންޏެވެ.

ޝިފްނާ އޭނާގެ ދޮންތައާއެކު

"ގިވްއަޕް ނުކޮށް ގޯލެއް ސެޓްކޮށްފަ މަސައްކަތް ކޮށްފިނަމަ ހުރިހާ ކުދިންނަށްވެސް ކާމިޔާބުވާނެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ހޯދަށް މަސައްކަތް ކުރަންވާނީ އަމިއްލައަށް ބޭނުންވެގެން. އެހެން މީހުން ބުނީމައެއް ނޫން. މަންމަމެންގެ ބަސް އަހައިގެން ސުކޫލުގައިވެސް ގޭގައިވެސް ކިޔަވާ ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބީ ލިބޭނެ" ކަމަށް ޝިފްނާ ބުންޏެވެ. 

+1
3
+1
124
+1
16
+1
2
+1
4
+1
4
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް