އިންޑޮނޭޝިއާގައި އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންތަކެއް ކީރިތި ޤުރުއާން ހިތުދަސްކުރީ ސައިން ލެންގުއޭޖުން ނުވަތަ އިޝާރާތް ބަހުރުވައިންނެވެ.
މި ކުދިންނަކީ އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންނަށް ހާއްސަ ބޯޑިން ސުކޫލެއް ކަމުގައިވާ ދާރުލް އާ ޝޯމްގެ ދަރިވަރުންތަކެވެ.
އެ ބޯޑިން ސުކޫލުގެ ފައުންޑަރ އަބޫ ހާފީ ބުނީ ބޯޑިން ސުކޫލަށް އަލަށް އަންނަ ކުދިންގެ ތެރޭގައި އެމީހުންގެ ދީނަކީ އަދި އެމީހުންގެ ކަލާންގެއަކީ ކޮބައިކަން ނޭންގޭ ކުދިންވެސް ތިބި ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އިސްލާމީ އިލްމު އުގަންނައިދިނުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އެ ބޯޑިން ސުކޫލަކީ މީގެ 13 އަހަރު ކުރިން ހުޅުވި ތަނެކެވެ.
އަބޫ ހާފީގެ މި އަގުހުރި ހިދުމަތަށް 13 އަހަރުވީއިރު މި ބޯޑިިން ސުކޫލުގައި 115 ދަރިވަރުން އެބަތިއްބެވެ. އެކުދިންނަށް ކިޔަވައިދޭން އުޅޭނީ 12 ސްޓާފުންނެވެ.
7 އަހަރާއި 28 އަހަރާ ދެމެދުގެ ދަރިވަރުން އުޅޭ މި ބޯޑިން ސުކޫލުގައި ޤުރުއާން ކިޔަވައިދިނުމުުގެ އިތުރުން ހިސާބާއި، ސައިންސާއި، އިސްލާމީ ޝަރީއާ އަދި އިންޑޮނޭޝިއާ ބަސް ނޫން އެހެން ބަސްތައްވެސް ކިޔަވައިދެއެވެ.
މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުވެސް އެ ކުދިންނަށް ފަހިކޮށްދިނުމުގެ މަގްސަދުގައި މިހުރިހާ ބާވަތެއްގެ އިލްމު އުގަންނައިދޭ މި ބޯޑިން ސުކޫލުން ސައިން ލެންގުއޭޖުން ޤުރުއާން ހިތުދަސްކޮށްދިން އިރު އިންޑޮނޭޝިއާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އާބާދީގެ 30 އިންސަތައަކީ ދުވަހަކުވެސް މަދަރުސާއަކަށް ނުދާ ކުދިންނާއި މީހުންނެވެ.
ދާރުލް އާ ޝޯމް ބޯޑިން ސުކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ އަތުން ނަގާ ފީ އަކީ 1 މިލިއަން އިންޑޮނޭޝިއާ 'ރުޕިއާ' (66.53 އެމެރިކާ ޑޮލަރު) އެވެ. ދިވެހި ރުފިޔާއިންނަމަ އެއީ ގާތްގަނޑަކަށް 1021 ރުފިޔާއެވެ.
އެހެންނަމަވެސް ފީ ދެއްކޭހާ ތަނަވަސްކަމެއް ނެތްނަމަ ހިލޭ ތައުލީމު ހާސިލުކުރުމުުގެ ފުރުސަތުވެސް އެ ސުކޫލުގެ ދަރިވަރުންނަށް އޮވެއެވެ.
ނޯޓް: މިއީ ސައުތު ޗައިނާ މޯނިންގ ފޯސްޓްގެ ޔޫޓިއުބް ޗެނަލްގައި 5 ޖުލައި 2022 ގައި އާންމުކުރި ވީޑިއޯ ރިޕޯޓެއް އަސްލަކަށް ބަލައިގެން ތައްޔާރުކުރި ލިއުމެކެވެ. ތިރީގައި މިވަނީ އެ ވީޑިއޯ އެވެ.