September 20, 2024 11:30
Advertisement

-Advertisement-

ޢިލްމު އުނގެނުމަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި

އެއްވެސް ޝައްކެއް ނެތްގޮތުގައި، ޢިލްމު އުނގެނުމަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ޢިލްމު އުނގެނުމަކީ ހެޔޮ ނުބައި ވަކިވުމުގެ ވަސީލަތެވެ. ރަނގަޅާއި ނުބައި ވަކިވާނީ، ތިމާއަށް އެނގިފައިވާ ޢިލްމުންނެވެ. މާތްﷲ ތިމާއަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކާއި ޙަރާމްކުރައްވާފައިވާ ކަންތައް ވަކިވާނީ ޢިލްމުންނެވެ. ހަމައެހެންމެ، ޢިލްމަކީ ހުރިހައި ހެޔޮކަމެއް ތިމާއަށް ޔަގީންކަމާއެކު އެނގޭނެ ވަސީލަތެވެ. އީމާންތެރިކަމާއި، ތަޤްވާވެރިކަމާއި، ހެޔޮކަމާއި މި ހުރިހާކަމެއް އެނގެނީ ޢިލްމުންނެވެ. އަދި ދުނިޔޭގައިވާ ސައިންޓިފިކް ހޯދުންތައް ހޯދޭނީވެސް ޢިލްމު އުނގެނުމުންނެވެ. ވީމާ، ޢިލްމާނުލައި އެމީހަކުކުރާ ކަންތައްތަކުގައިވެސް އަދި އެމީހަކު ދައްކާ ވާހަކައެއްގައިވެސް އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. އެއީ އެކަމުގެ ޢިލްމު އެމީހެއްގެ ކިބައިގައި ނެތުމުގެ ސަބަބުންނެވެ.

ދެބާވަތެއްގެ ޢިލްމެއްވެއެވެ. އެއ،ީ ދީނީ ޢިލްމާއި ދުނިޔަވީ ޢިލްމެވެ. ދުނިޔޭގައި އިންސާނާ އުޅެންވީ ގޮތް ބަޔާންކޮށްދެނީ، ދީނީ ޢިލްމުގައެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ކާއިނާތުގައި ލައްވާފައިވާ ކަންތައްތައް ހޯދައި ދަސްކުރަނީ، ދުނިޔަވީ ޢިލްމުންނެވެ. ދީނީ ޢިލްމާއި ދުނިޔަވީ ޢިލްމު ހޯދުމަށް އިންސާނުންނަށްވަނީ އަންގަވާފައެވެ.

ކީރިތި ޤުރްއާނުގައި އައިސްފައިވާ އެންމެ ފުރަތަމަ އާޔަތް ބާއްވާލެއްވުނީ ޢިލްމު އުނގެނުމަށެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." (سورة علق 1-5) މި އާޔަތުން އަންގައިދެނީ، ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހައްމިއްތަޔުކަމެވެ.

Advertisement

ކީރިތި ޤުރްއާން ބާވައި ލެއްވުނީ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އިންސާނުން ނެރުއްވުމަށްޓަކައެވެ. ޙައްޤާއި ބާޠިލު ވަކިކުރުމަށްޓަކައެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވީ ޙައްޤު ގޮތުގައިކަން ބަޔާންކޮށް ދެއްވުމަށްޓަކައެވެ. މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ: "އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޙައްޤު ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ". (الفرقان 33).  

ޢިލްމު ހޯދުމަށް މަސައްކަތްކުރަން އިންސާނުންނަށްވަނީ އަމުރުކުރައްވާފައެވެ. މާތްﷲ ކާއިނާތުގައި ޚަލްޤުކުރައްވާފައިވާ ހުރިހައި އެއްޗެއްގެ ޙަޤީޤަތް ހޯދުމަށްޓަކައެވެ. އަދި އެތަކެއްޗާމެދު ވިސްނައި ފިކުރުކުރުމަށް އެންގެވިއެވެ. މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ:" އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާއިމެދު، ފިކުރުކޮށް އުޅޭމީހުންނެވެ." (سورة آل عمران 191).

ދުނިޔޭގައިވާ ހުރިހައި ޢިލްމެއް ކީރިތި ޤުރްއާނާއި ސުންނަތުން ލިބެއެވެ. އެ ޢިލްމު ހޯދުމުން، ﷲގެ އެއްކައުވަންތަކަން އެނގެއެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުމުގައި ތިމާ ކުރާ ހުރިހައި ކަމެއްގައިމެ ﷲއަށް ބިރުވެތިވެއެވެ. އަދި ތިމާއަށް ހެޔޮނުބައި ވަކިވެ ރަނގަޅުގޮތުގައި ހަޔާތް ވޭތިކުރެއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގާވަނީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗައް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް ހިދާޔަތެއްކަމުގައްޔާއި، ރަޙުމަތެއްކަމުގައްޔާއި، އުފާވެރި ޚަބަރެއްކަމުގައެވެ." (النّحل 89). އެ އުފާވެރި ޚަބަރަކީ ސުވަރުގެއެވެ.

ޢިލްމު ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ. އެ ކަމަށްޓަކައި އިންސާނުންނަށް ބުއްދިއާއި، ފެނުމާއި، އިވުމުގެ ނިޢުމަތް ދެއްވިއެވެ. މިކަންކަން ދެއްވީ ބޭކާރުގޮތުގައެއް ނޫނެވެ. އެއީ ފެންނަ ކަންތައްތަކާއި، އަދި އިވޭ އަޑުތަކާމެދު ވިސްނާ ފިކުރުކޮށް އޭގެ ރަނގަޅު ގޮތް ހޯދުމަށްޓަކައި ދެއްވި ތަކެއްޗެވެ. މިއިން ކޮންމެ ކަމަކާމެދު ތިމާ މަސްއޫލު ވާންޖެހޭނެއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެ ކަމެއްކަމުގައިވެއެވެ." (الإسراء:36).

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް