ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު ކޮންމެ ގައުމެއްގައިވެސް ވާހަކަ ދެއްކުމަށް ވަކި ޚާއްސަ ބަހެއް އޮވެއެވެ. ހުރިހާ ގައުމެއްގައި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހުން މަދުވެދާނެއެވެ. އެގައުމެއްގެ އަމިއްލަބަސް ބޭނުންކުރާ މީހުން ގިނަވެ ސްކޫލުތަކުގައި ކިޔަވައި ދިނުމުގައި އިނގިރޭސި ބަހުން ކިޔަވައި ދިނުމުގެ ބަދަލުގައި އެގައުމެއްގައި ވާހަކަ ދައްކާ އުޅޭ ބަހުން ކިޔަވައި ދިނުމަށް އިސްކަންދޭ ގައުމުތައްވެސް މަދެއްނޫނެވެ.
ކޮންމެ ގައުމަކަށްދާއިރު އެގައުމެއްގައި ބޭނުންކުރާ ބަހުގެ އާއްމުކޮށް ކިޔައި އުޅޭ ދެތިން ބަހެއް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެންމެންނަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހުންނަށް ނުވާތީއެވެ. އެހެންނަމަވެސް ދިވެހިންގެ ތެރޭގައި އިނގިރޭސިބަސް ނޭނގޭ އެއްވެސް ކުއްޖެއް ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. މިހާރަކަށް އައިސް އިނގިރޭސި ބަހަކީ ދިވެހިންގެ ތެރޭގައި އެހާވެސް އާންމު ބަހެކެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ބަލާލާއިރު ދަސްކުރަން އެންމެ އުދަގޫ ބަސްތަކަކީ ކޮބައިތޯ އާއި އަދި އެންމެ ގިނައިން ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރާ ބަސްތަކަކީ ކޮބައިތޯ ބަލާލުމަށް މިލިޔުން ޚާއްސަކޮށްލާނަމެވެ.
މެންޑަރިން
ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާލާއިރު ވަރަށް އާއްމު ބަހެއްގެ ގޮތުގައި ވެފައިވާ "މެންޑަރިން" އަކީ ދަސްކުރަންވެސް އެންމެ އުދަގޫ ބަސް ކަމުގައިވަނީ ވެފައެވެ. ޗައިނާ، ހޮންކޮންގ އަދި ސިންގަޕޯރގެ ރަސްމީ ބަހަކީ މެންޑަރިން އެވެ. ދުނިޔޭގެ 1.28 ބިލިއަން މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ މިބަސް ދަސްކުރުމަށް އެހާ އުދަގޫ ސަބަބަކަށް ވަނީ ލިޔުމުގައި އެހުންނަ އުދަގޫ އަކުރުތަކާއި ބަސްތައް ދެނެގަތުމަށް އުދަގޫވުމެވެ. އެހުންނަ އަޑުތަކުން ވާހަކަ ދެއްކުމަކީ ވަރަށް ގިނަދުވަހު ފަރިތަކޮށްގެން ވާނެ ކަމެކެވެ. ލިޔުމުން ކިޔައިދޭން އެހާމެ އުދަގޫވެފައި ހިތުދަސްކުރަންވެސް އުދަގޫ ބަހެކެވެ. ޗައިނާގައި ޑިކްޝަނަރީ އިން މިބަހުގެ މާނަ ހޯދުމަކީވެސް އެމީހުންނަށް ލިބިފައިވާ ހުނަރެއް ކަމުގައި އެމީހުން ދެކެއެވެ.
އަރަބިބަސް
އަރަބިބަހަކީ ދުނިޔޭގައި 26 ގައުމުގައި ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަހެކެވެ. އޭގެތެރޭގައި ސައުދިއަރަބިއާ، މިސްރު އަދި ޔަމަންވެސް ހިމެނެއެވެ. ދުނިޔޭގެ އާބާދީގެ 300 މިލިއަން މީހުން ވާހަކަ ދެއްކުމުގައި އަރަބި ބަސް ބޭނުންކުރެއެވެ. ޔޫއެންގައި 6 ވަނަ އަށް ބޭނުންކުރާ ރަސްމީ ބަހެއްގެ ގޮތުގައި އަރަބިބަސް ބޭނުންކުރެއެވެ. މިއީ ދުނިޔޭގައި 2 ވަނައަށް ދަސްކުރަން އުދަގޫ ބަހެއްގެ ގޮތުގައި ހިމެނިފައިވާ ބަހެކެވެ. ފޮރިން ސާވިސް އިންސްޓިޓިއުޓުން ބުނާ ގޮތުގައި މިބަސް ފުރިހަމައަށް ދަސްކުރުމަށް 2 އަހަރު ދުވަސް ހޭދަވެއެވެ. ކަނާއަތުން ވައަތަށް ލިޔަން ޖެހޭ މިބަސް ދަސްކުރުމަށް އެތަކެއް މަރުހަލާއެއް ކަޑައްތު ކުރަންޖެހެއެވެ.
ތެލުގު
މިބަހަކީ އިންޑިއާގެ އަންދްރަ ޕްރަދޭޝް އަދި ތެލަންގަނާ އިންޑިއާގެ ބަހެކެވެ. މިބަހުން ވާހަކަދައްކާ 75 މިލިއަން މީހުން އުޅެއެވެ. މިބަހަކީ މެލޮޑީއެއްހެން ހީވާ އުދަގޫ ބަހެއްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ބަހެކެވެ. އިންޑިއާގެ އެހެނިހެން ބަސްތަކާ އަޅާބަލާއިރު މިބަސް 'ޕްރޮނައުންސް' ކުރާ ގޮތްވެސް ވަރަށް ތަފާތުވެފައި އުދަގުލެވެ. ސަދަން އިންޑިއާގެ އެއްވެސް ބަހެއް ނޭނގޭ މީހަކަށް މިބަހަކީ އިތުރަށް ދެނެގަންނަން އުދަގޫ ބަހެކެވެ.
ޖަޕަނީސް
ޖަޕަނީސް ބަހަކީ އިނގިރޭސިން ވާހަކަދައްކާ އުޅޭ މީހުންނަށް ދެނެގަންނަން އުދަގޫ ބަހެކެވެ. އިނގިރޭސި ބަހުން ވާހަކަދައްކާ ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކުގެ މީހުންނަށް ޖަޕަނީސް ބަހަކީ ވަރަށްވެސް އުދަގޫ ބަހެކެވެ. ޖަޕަނީސް ބަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުން ދަސްކުރަމުން އަންނަ ވަރަށް ގިނަ ބަޔަކު ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބަހެކެވެ. ދުނިޔޭގެ އާބާދީގެ 120 މިލިއަން މީހުންނަކީ ޖަޕަނީސްބަސް އެނގޭ އަދި ވާހަކަދައްކާ މީހުންނެވެ. ޖަޕާނު މީހުންނަކީ އިނގިރޭސިން ވާހަކަދެއްކުމަށް މާބޮޑު ސަމާލުކަމެއްދީގެން އުޅޭ ބައެއް ނޫނެވެ. ޖަޕާނުގައި އިނގިރޭސިން ވާހަކަ ދައްކަން އެނގޭ މީހުން ނިސްބަތުން މަދެވެ. ޖަޕާނު ފިޔަވައި ޖަޕަނީސް ބަހުން ވާހަކަދައްކާ ގިނަ މީހުން ފެންނަނީ ޔުނައިޓެޑް ސްޓޭޓްސް، ބްރެޒިލް އަދި ފިލިޕީންސްް އިންނެވެ.
މައުލޫމާތު: ބަބެލް ޑޮޓް ކޮމް/ ލެވަރަގީދު ޑޮޓްކޮމް