November 22, 2024 09:25
Advertisement

-Advertisement-

ފޮޓޯ: ބީއޭސީޓީ ޓްރެއިނިންގ

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ދުނިޔޭގައި އަށްބިލިއަން އިންސާނުން، އެކަމަކު އެކަކު އަނެކަކާ ވަރަށް ތަފާތު

މިވަގުތު ދުނިޔޭގައި ގާތްގަނޑަކަށް އަށް ބިލިއަން މީހުން އެބަ ދިރިއުޅެއެވެ. އެހެންނަމަވެސް، މާތްރަސްކަލާނގެ އިންސާނުން އުފައްދަވާފައިވާ ގޮތުން މިއަށް ބިލިއަން މީހުންނަކީވެސް އެކަކު އަނެކަކާ ވަރަށް ތަފާތުބައެކެވެ. އިނގިރޭސި ބަހުން ބުނާނަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް "ޔުނީކް" މީހެކެވެ. މިސާލަކަށް އެއްމާބަނޑު ކުދިންނަކީވެސް އެކުދިން އެއްވައްތަރުވިކަމުގައި ވިއަސް އެކުދިންގެ ސިފަތައް އެއްކުއްޖަކު އަނެއްކުއްޖަކާ ވަރަށް ބޮޑަށް ތަފާތު ބައެކެވެ. މިގޮތުން އަޅުގަނޑުމެންގެ މޫނާއި، ހަށިގަނޑާއި އަދި މިޒާޖުވެސް އެކަކު އަނެކަކާ ވަރަށްތަފާތެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ އަނެކަކާ އެއްގޮތް މީހެއް ނޫނެވެ. އަދި އެންމެ ހައިރާން ވާން ޖެހޭ ކަމަކީ ފާއިތުވި ފަންސާސް ހާސް އަހަރު ތެރޭގައި ދުނިޔޭގައި އުޅެފައިވާކަމަށް ލަފާ ކުރެވޭ ސަތޭކަ ބިލިއަން މީހުންނާއި އަދި ކުރިއަށް އޮތްތަނުގައި ދުނިޔެއަށް އުފަންވާނެ މީހުންވެސް މިގަވާއިދުން އިސްތިސްނާ  ނުވާކަމެވެ. މިހާހިސާބުން، އަޅުގަނޑުމެން އިންސާނުން އެކަކު އަނެކަކާ ތަފާތުވާ ނުވަތަ އެކަކު އަނެކަކު ފާހަގަކުރުމަށް ބޭނުންކުރާ ބައެއް ސިފަތަކަށް ބަލާލާނަމެވެ.

ތަފާތު އިނގިލީގެ ނިޝާންތަކެއް

އިނގިލީގެ ނިޝާން: އެއްވެސް ދެއިންސާނަކީ އެއްވައްތަރެއްގެ އިނގިލީގެ ނިޝާނެއް ނުވަތަ ފިންގަރޕްރިންޓެއް ހުންނާނެ މީހެއް ނޫންކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. އިނގިލީގެ ނިޝާން އުފެދެނީ މަންމަގެ ރަހިމު ތެރޭގައި ދަރިފުޅު އުފެދެމުން އަންނަ ދުވަސްވަރުއެވެ. އިނގލީގެ ނިޝާނަށް ތަފާތު ތަކެއް އަންނަގޮތް ބިނާވެފައިވަނީ މަންމަގެ ރަހިމުގައި ދަރިފުޅު އޮވެވޭ ގޮތުންނާއި ރަހިމުގެ ކުޑަ ބޮޑުމިނާއި އަދި ރަހިމުގައި ހުންނަ ދިޔާ ތަކެތީގެ ސަބަބުން އުފެދޭ ޕްރެޝަރގެ މައްޗަށެވެ. އެއްމާބަނޑު ދެކުދިންގެ އިގިލީގެ ނިޝާން ކޮންމެވެސް ވަރަކަށް އެއްގޮތްވި ކަމުގައި ވިޔަސް އެދެމީހުންވެސް އެކަކު އަނެކަކު ވަކިކޮށް ދަނެގަނެވޭ ވަރުގެ ބޮޑު ތަފާތެއް އިނގިލީގެ ނިޝާނުގައި ހިމެނެއެވެ. 

ތަފާތު މީހުން/ ފޮޓޯ: އައިސްޓޮކް

މޫނު: މޫނަކީ އަޅުގަނޑުމެން އެކަކު އަނެކަކު ދަނެގަންނަ އެންމެ މުހިންމު އެއްސިފައެވެ. ހަމައަކަނި މޫނަށް ބަލައިގެންވެސް އަޅުގަނޑުމެން އެކަކު އަނެކަކު ފާހަގަކުރަމެވެ. އިންސާނުންގެ ސިކުނޑީގައި ހަމައެކަނި އެކަކު އަނެކަކުގެ މޫނު ފާހަގަކުރުމަށްޓަކައި ވަކި ހިސާބެއްވެސް ޚާއްސަކުރެވިފައިވެއެވެ. އެހަންނަމަވެސް، ބައެއް ފަހަރު އަޅުގަނޑުމެންނަށް ވަރަށް އެއްގޮތް މޫނު ހުންނަ މީހުން ފެނުމަކީ އާންމުކަމެކެވެ. މިސާލަކަށް އެންމާބަނޑު ކުދިންނެވެ. އެއްމާބަނޑު ކުދިންގެ މޫނު ބަލާބެލުމަށް އެއްގޮތްވިކަމުގައި ވިއަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކަކުގެ މޫނު އަނެކެއްގެ މޫނާއި އެއްގޮތް ނޫންކަން ސާބިތުކޮށްދެއެވެ. މިގޮތުން،  މިސާލަކަށް "ފޭސް ރިކޮގްނިޝަން'' ނުވަތަ މޫނު ފާހަގަކުރުމުގެ މަޢުލޫއުގެ ދަށުން އަހަރެން ކުރި ދިރާސާއަކުންވެސް ދައްކާގޮތުގައި، އެއްމާބަނޑު ކުދިންގެ މޫނުގައިވެސް އެއްކުއްޖަކު އަނެއްކުއްޖަކާ ތަފާތުކުރާފަދަ ސިފަތައް އެކުލެވިގެންވެއެވެ. މިޓެކްނޮލޮޖީގެ އެހީގައި އެއްމާބަނޑު ކުދިންގެ މޫނުތައް ވަކިކޮށްދޭނެ ފަދަ ސޮފްޓްވެއާރއެއްވެސް އަޅުގަނޑު ވަނީ އުފައްދާފައެވެ. މިއީ އިމިގްރޭޝަން އާއި ބޯޑަރ ކޮންޓްރޯލް ގައި މީހުންގެ މޫނު ބޭނުން ކޮށްގެން އެމީހުން ދެނެގަތުމަށް ޚާއްސަކުރެވިފައިވާ ސޮފްޓްވެއާއެކެވެ.

Advertisement

ހިނގުން: އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ހިނގުންވެސް އަނެކަކާއި ތަފާތުކަން ފާހަގަކުރެވިފައިވޭ ހެއްޔެވެ؟ މިތަފާތުކަމުގެ ސަބަބުން އިނގިލީގެ ނިޝާނާއި އެއްގޮތަށް މީހުންގެ ހިނގުން ބަލައިގެންވެސް އެކަކު އަނެކަކު ފާހަގަކުރެވެއެވެ. އަޅުގަނޑުމެން  އެކަކު އަނެކަކާ ތަފާތުވާފަދަ ހިނގުމެއް އުފެދެން ފަށަނީ ކުޑައިރުގައެވެ. އަދި މީހާ ހެދިބޮޑުވުމަށްފަހު ހިނގުމަށްވެސް ބަދަލުއައުން ހުއްޓެއެވެ. މީހެއްގެ ހިނގުން އެހެންމީހުންނާއި ތަފާތުވަނީ އެމީހެއްގެ ފައިގެ ދިގުމިނާއި، އުނަގަނޑުގެ ފުޅާމިން އަދި އެމީހެއްގެ ގައިގަ މަސްތައް ހުންނަމިންވަރަށް ބިނާކޮށެވެ. ހިނގުމުގައި ހުންނަ ކުޑަކުޑަ ތަފާތުތައް މީހަކު ހިނގާތަން ބަލައިގެން  ފަހަރުގައި ލޮލަށް ފާހަގަ ނުކުރެވިދާނެއެވެ. އެހެންނަމަވެސް ކޮމްޕިއުޓަރ ސޮފްޓްވެއާރ އެއްގެ އެހީގައި މިއީ ވަރަށްވެސް ފަސޭހައިން ފާހަގަކުރެވިދާނެ ކަމެކެވެ. މިގޮތުން، ޓެކްނޮލޮޖީގެ އެހީގައި އެކަކު އަނެކެއްގެ ހިނގުން ފާހަގަކުރަނީ އެމީހާ ހިނގާއިރު، ކަކޫ، ފައިތިލަ ފަދަ ތަންތަން ބޭނުން ކުރާގޮތްތަކަށް ބަލައިގެންނެވެ.

ކަންފަތް/ ފޮޓޯ: ރިސަރޗް ގޭޓް

ކަންފަތް: އަޅުގަނޑުމެންގެ ކަންފަތުގެ ބައްޓަމަކީ އެއަށް ގިނަމީހުން މާބޮޑުސަމާލުކަމެއް ދޭއެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ލޯގަނޑެއްގެ ކުރިމަތީގައި ހުރެ ދެކަންފަތަށް ރަނގަޅަށް ބަލައިފިނަމަ، އެމީހެއްގެ ކަނާއަތާއި ވައަތު ކަންފަތް ތަފާތުކަން ފާހަގަކުރެވޭނެއެވެ. މީގެ އިތުރުންވެސް، ތިބާގެ ކަންފަތް އެހެންމީހުންގެ ކަންފަތާވެސް ވަރަށް ތަފާތުވާނެއެވެ. ކަންފަތް އުފެދެނީ މަންމަގެ ރަހިމުގައި ދަރިފުޅު އުފެދެންފެށުމުގެ ފަސްވަނަ ހަފްތާތެރޭގައެވެ. ކަންފަތް އުފެދުމަށްޓަކައި އެންމެ ފުރަތަމަ ބޮލުގެ ދެފަރާތުގައި ކުދިކުދި އުސް ހަތަންކޮޅު އުފެދެއެވެ. މިތަންތަން އެންމެ ވައްތަރުވާނީ ކުދިކުދި ބިހިތަކަކާއެވެ.  ކަންފަތް އުފެދެނީ މި އުސް ތަންތަނުންނެވެ. ކަންފަތް އުފެދިފައިވާ ގޮތާއި އޭގެ ސިފަ ބިނާވާނީ މަންމަގެ ރަހިމުގައި ދަރިފުޅު އޮންނަ ގޮތުންނެވެ. ކަންފަތް އުފެދުމަށްފަހު އަޅުގަނޑުމެން  ކިތަންމެ ބޮޑުވިކަމުގައިވިނަމަވެސް، އޭގެ ސިފައަކަށް އިތުރު ބަދަލެއް ނައަންނާނެއެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، އިނގިލީގެ ނިޝާނާއި އެއްގޮތަށް "އިއާރ ޕްރިންޓް" ނުވަތަ ކަންފަތުގެ ނިޝާނަކީވެސް އެކަކުއަނެކަކު ފާހަގަކުރުމަށް ވަރަށް މުހިންމު ސިފައެކެވެ. ކަންފަތުގެ ނިޝާން ބޭނުންކޮށްގެން ދާދިފަހުން އެމެރިކާގައި ވަނީ ކުއްވެރިންވެސް އަތުލައިގެންފައެވެ.

ހިތުގެ ހިނގުން: ގަބޫލުނުކުރެވުނު ކަމުގައިވިނަމަވެސް، އެއްވެސް އިންސާނެއްގެ ހިތުގެ ހިނގުން އެއްގޮތެއް ނުވާނެއެވެ! މީގެ ސަބަބެއް ކަމުގައި ވަނީ، އެކިމީހުންގެ ހިތުގެ ބޮޑުމިނާއި ބައްޓަން ތަފާތުވުމެވެ. ކޮންމެއަކަސް މީހެއްގެ ހިތާއި ދިމާލުން މޭމަތީގައި ކަންފަތް ޖައްސައިގެން މީހުންގެ ހިތުގެ ވިންދުގައި ތަފާތު ހޯދަން އުޅުނަސް އެއީ އެހާފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް، "އިލެކްޓްރޯ ކާޑިއޮގްރާމް" ނުވަތަ އީ.ސީ.ޖީ އެއް މެދުވެރިކޮށް އެކިމީހުންގެ ހިތުގެ ހިނގުމުގައި ހުރި ތަފާތު ހޯދައިގަނެވެއެވެ. ހިތުގެ ވިންދަކީ އެމީހަކު އަމިއްލައަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫނެވެ. ހިތުގެ ވިންދު ކޮންޓްރޯލް ކުރަނީ ސިކުނޑީގެ "ސަބްކޮންޝަސް މައިންޑް" އިންނެވެ. މިހިސާބަކީ ހަށިގަނޑުގައިވާ އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭ ކަންތަކާއި ބެހޭހިސާބެވެ. މިސަބަބުތަކާއި ހުރެ، ހިތުގެވިންދަކީ މީހަކު ދަނެގަތުމަށްޓަކައި "ޕާސްވޯޑެއްގެ" ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މަޝްހޫރު އެޕަލް ކުންފުނިން ދަނީ، ހިތުގެ ހިނގުން ޕާސްވޯޑެއްގެ ގޮތުގައި ބޭނުންކުރުމަށް ދިރާސާތަކެއް ކުރަމުންނެވެ. އަދި މިކަން ކާމިޔާބު ވެއްޖެނަމަ، އެޕަލް ކުންފުނިން ކުރިމަގުގައި ބާޒާރަށް ނެރޭ ޕްރޮޑަކްޓްތަކުގައި ހިތުގެ ހިނގުން ޕާސްވޯޑެއްގެ ގޮތުގައި ބޭނުންކުރެވޭ ނިޒާމެއް ހުރުމަކީ އެކަށީގެންވާކަމެކެވެ.

މީހަކު މަލެއްގެ ވަސް ބަލަނީ/ ފޮޓޯ: މެޑިކަލް ނިވްސް ޓުޑޭ

ވަސް: އެއްވެސް ދެއިންސާނެއްގެ ހަމުގައި އެއްވަހެއް ނުހުންނާނެއެވެ. ދުނިޔޭގައި އަށްބިލިއަން މީހުން އުޅޭއިރު، ކޮންމެމީހެއްގެ ހަށިގަނޑުގައި ވަކިވަހެއް ހުރުމަކީ ވެދާނެކަމެއް ނޫންކަމަށް ބައެއްމީހުން ހީކޮށްފާނެއެވެ. އެކަމަކުވެސް، މިއީ ކަންއޮތްގޮތެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި، އަޅުގަނޑުމެންގެ ހަށިގަނޑުގައި ވަސްއުފެއްދުމަށްޓަކައި، ގާތްގަނޑަކަށް ތަފާތު ފަސްހާސް ވައްތަރުގެ ކެމިކަލް މާއްދާތަކެއް ހިމެނެއެވެ. އަދި އިނގިލީގެ ނިޝާން ފަދައިން "އޮޑާ ޕްރޮފައިލް" ނުވަތަ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ވަސްބޭނުންކޮށްގެން މީހަކު ފާހަގަކޮށް ދަނެގަތުމަކީ ކުރެވިދާނެ ކަމެކެވެ.

މިދެންނެވުނު ކަންތައްތަކުގެ އިތުރުންވެސް، އަޅުގަނޑުމެން  އެކަކު އަނެކަކާ ތަފާތުކުރުވާފަދަ އެތަކެއް ސިފަތަކެއް އަޅުގަނޑުމެންގެ ހަށިގަނޑުގައި ހިމެނިގެންވެއެވެ. މީގެތެރޭގައި އަޅުގަނޑުމެންގެ ޑީ،އެން.އޭ،  ލޮލުގެ ކަޅި، އަދި އަޑު ހިމެނެއެވެ. މީގެއިތުރުން ކޮންމެމީހެއްގެ ސިކުނޑީގެ ބޮޑުކުޑަމިން އަދި ސިކުނޑީގެ ވޭވްސްތައް ވެސް ތަފާތުވެއެވެ. މީގެމާނައަކީ އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް ވިސްނާނީ ވަކިގޮތަކަށް ކަމެވެ. އަދި ކޮންމެ މީހެއްގެ މިޒާޖުވެސް ތަފާތުވެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ތަފާތު ނުވަތަ "ޔުނިކް" މީހަކަށް ވެއެވެ.

ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ލިޔުމެކެވެ. 

+1
1
+1
0
+1
5
+1
2
+1
6
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް