November 22, 2024 04:10
Advertisement

-Advertisement-

ދަރިވަރުންގެ މެދުގައި ތަފާތު ކުރުމުގެ ނަތީޖާ ހިތި!

ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި މަދުންނަމަވެސް ތަފާތުކުރުންތަކެއް ގެންގުޅޭ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ބެލެނިވެރިއަކު ލިޔެފައިވެއެވެ. ދަރިފުޅު ފަލަކޮށް ހުންނާތީ 'ފަލަބެރު' ފަދަ ނަންނަމުން ގޮވާ ދިމާކުރާ ކުދިން އުޅޭއިރުވެސް އެފަދަ ކަންތައްތަކެއް ނުހުއްޓުވޭކަމަށެވެ. ކިޔަވައިދޭ މުދައްރިސާއި އެމައުލޫމާތު ހިއްސާކުރިއަސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިއުމަށް ފޫހިވެ ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެންދެއެވެ. 

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ސްކޫލު މާހައުލުގައި ކޮންމެ ވަގުތެއްގައި ވެސް ތަފާތުކުރުންތަކާ ކުރިމަތިވުމަކީ ވެދާނެކަމެކެވެ. މިގޮތުން އެމެރިކާގެ 'އީއީއޯސީ' އިން ބުނެފައިވާގޮތުގައި އުމުރު، ހަމުގެކުލަ، އިސްކޮޅު، ނުކުޅެދުންތެރިކަން މިއީ އެހެން ދަރިވަރުންގެ ފަރާތުން ތަފާތުކުރުން ކުރިމަތިވެދާނެ ކަންތައްތަކެކެވެ. ބައެއް ފަހަރަށް އެއް ކުލާހެއްގައި އުމުރުގެ ގޮތުން ކުޑަ އަދި ބޮޑު ކުދިން އުޅޭއިރު އިސްކޮޅުންވެސް އެކިވަރުގެ ކުދިން އުޅެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ސްކޫލުތަކުގައި ދަނީ ކިޔަވަމުންނެވެ. މިފަދަ ކުދިންނަށް ތައުލީމު އުނގަންނައި ދިނުމަށް ބެލެނިވެރިންނާއި މުދައްރިސުން ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެވެއެވެ

Advertisement

'ޝާމިލު އަޑު' އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝާތު އަލީ ދެއްކެވި ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފައިވެއެވެ.

" ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން އެއްވެސް ތަފާތުކުރުމެއްނެތި އުނގެނުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވޭ. މީގެ އިތުރަށް 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގައި އަމަލުކުރަން ފެށުނު ތައުލީމުގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި އެއްވެސް ތަފާތުކުރުމަކާނުލައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ". ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ. 

ދަރިވަރުންގެ މެދުގައި ކުރެވޭ ތަފާތަކީ ކުއްޖާއަށް ގިނަ ދުވަސްތަކަކަށް އޭގެ އަސަރު ކުރާނެކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިގޮތުން ނަފްސާނީ ގޮތުން ބަދަލުތަކެއް އައިސް، އެހެން މީހުންނާ އެއް މާހައުލެއްގައި އުޅެން ބޭނުންނުވެ، ހިތުގައިޖެހި އެކަނިވެރިކަމުގެ އިހުސާސް ކުރުވާކަމެކެވެ.

ނަން ހާމަކުރަން ނޭދޭ ބެލެނިވެރިއަކު ބުންޏެވެ. "އަޅުގަނޑުގެ ދަރިފުޅު އިންޓަވަލަށް ގެންދާ ކާތަކެތި އެހެން ކުދިން ގަދަކަމުން ނަގާ ދިމާކުރޭ. ދަރިފުޅަކަށް ނުކެރޭ އެކުދިންނާ ދެކޮޅަށް އެއްޗެކޭ ބުނާކަށް. ސަބަބަކީ އެކުދިންނަކީ ސްކޫލުގައި 'މާބާރުގަދަ' ކުދިންކަމަށް ހެދިގެން އުޅޭ ކުދިންތަކެއް. އެއްޗެކޭ ބުނެފިނަމަ އެކުދިން ކުރާ ޖެއްސުން ބޮޑު".

ފޭސްބުކްގައި ހިންގަމުން އަންނަ 'މަމްސް' ގުރޫޕުގައި މަންމައަކު ވަނީ މިކަމަށް ބާރު ލިބޭ ގޮތަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ފަލަކޮށް ހުންނަ ކުއްޖަކު މާގިނައިން ކަނީ ކަމަށް ބުނެ ކުދިން ދިމާކުރާތީ އެކުއްޖާ ކާން ލަދުން އުޅޭ ވާހަކަ ހިތާމައާއެކު ފާހަގަކުރިއިރު އެއީ އަދި 10 އަހަރު ވެސް ނުވާ ކުއްޖެއްގެ ވާހަކައެވެ.

ހަމުގެ ކުލައަލި ކުދިންނާއި ހަމުގެ ކުލަ އަނދިރި ކުދިންނާ ދެމެދު ތަފާތު ކުރުންތަކެއް އޮންނަ ވާހަކަ މިއީވެސް ޒަމާނުއްސުރެ އަޑުއިވޭ ވާހަކައެކެވެ. ސްޓޭޖު ހަރަކާތަށް ކުދިން ނަގާއިރު މިފަދަ ތަފާތުކުރުންތައް ތަޖުރިބާކުރި މީހުންވެސް އެބައުޅެއެވެ. އެއްވެސް ކުއްޖެއްގެ ކުލަ ނުވަތަ ސިފައަކީ އެކުއްޖަކު އަމިއްލަ ބާރުގައި ލިބިފައިވާ ސިފައަކަށް ނުވާއިރު އެކަމާއި ގުޅުވައިގެން ތަފާތު ކުރުމަކީ އެފަދަ ކުއްޖަކަށް ހިތްދަތިކަން ގެނުވާނެކަމެކެވެ. ކިތަންމެ ހަމުގެ ކުލަ އަނދިރި ކަމުގައިވިއަސް އެކަމާ ގުޅުވައިގެން 'ބުލީ' ކުރުމުގެ ފުރުސަތު ސްކޫލު މާހައުލުގައި ދެވިގެން ނުވާނެއެވެ.

ދާދިފަހުން ދިމާވި ބެލެނިވެރިއަކު ހިތްދަތިކަމާއެކު ބުންޏެވެ. އޭނާގެ ދަރިފުޅު ކިޔަވަމުންދިޔަ ސްކޫލުން އެހެން ސްކޫލަކަށް ބަދަލުކުރަން ޖެހުނީ ކުރިން އުޅުނު ސްކޫލު މާހައުލުން ކުރިމަތިވި ހިތްދަތި ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ތަކުރާރުކޮށް ދިމާކޮށް އުދަގޫކުރާ ކުދިންތަކެއް އެސްކޫލުގައި އުޅުނުއިރު އެކަމަށް ހައްލެއް ނުހޯދުނު ކަމަށް ވަނީ ބުނެފައެވެ.

ސްކޫލު މާހައުލުގައި ކިޔަވާ ދަރިވަރުންނަކީ މުދައްރިސުންގެ މެދުގައިވެސް ހަމަހަމަ ކުދިންތަކަށް ވާންޖެހެއެވެ. ވަކި ކުއްޖަކަށް ވީތީ ތަފާތުކުރުން ގެންގުޅެގެން ނުވާނެއެވެ. ކިޔެވުމަށް މޮޅުވިއަސް އަދި ކިޔެވުމަށް އިތުރަށް މަސައްކަތް ކުރަންޖެހުނު ކަމުގައިވިއަސް އެ ދަރިވަރަކަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި އެއްބާރުލުން ލިބެންޖެހޭނެއެވެ. 

ސްކޫލުގައި ތަފާތު ކުރުމެއް ފާހަގަކުރެވިއްޖެނަމަ ސްކޫލުގެ އިސްވެރިންނާއި އެމައުލޫމާތު ހިއްސާކުރަންޖެހެއެވެ. ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހެއެވެ. ރިޕޯޓް ނުކުރާނަމަ ގިނަފަހަރަށް އެއީ ހިނގާކަމެއްކަން ނޭނގުމަކީވެސް ވެދާނެކަމެކެވެ. މިފަދަ މައްސަލަތައް ހައްލުކުރުން ލަސްވެއްޖެނަމަ އެދެވެނީ އެކަން ތަހައްމަލު ކުރަމުންދާ ދަރިވަރަކަށް ބަޔާންކުރަން ދަތި ހިއްދަތިކަމެކެވެ. ސަބަބަކީ ތަފާތުކުރުން ގެންގުޅޭ މާހައުލެއްގައި ކިޔެވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ސްކޫލަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ތަޢުލީމް އުނގެނުން ކަމުގައިވާއިރު އެކަމަށް ހުރަސްއެޅޭ ކަންތައްތަކާ ދުރުވާން އެބަޖެހެއެވެ. ސްކޫލު މާހައުލަކީ ކުދިންނަށް އުފާވެރި މާހައުލަކަށް ވާންޖެހެއެވެ.

ބެލެނިވެރިންގެ ވެސް ޒިންމާއެއް އެބައޮތެވެ. ތިމާގެ ދަރިފުޅަކީ އެހެން މީހުންގެ ދަރިންނަށް އިހުތިރާމް ކުރާ ކުއްޖެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި ދަރިފުޅުގެ ފަރާތުން ނޭދެވޭ އަމަލެއް ފާހަގަކުރެވިއްޖެނަމަ ނަސޭހަތްދީ އެކަން ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރަންޖެހެއެވެ. އަދި ތިމާގެ ދަރިފުޅަށް މިފަދަ ތަފާތު ކުރުމެއް ފާހަގަވެއްޖެނަމަ އެކަމަށް ހައްލު ހޯދާނެ ގޮތް ކިޔައިދޭންޖެހެއެވެ. ވިސްނަންވީ އެހެން ދަރިވަރެއްގެ ނުވަތަ މުދައްރިސެއްގެ ފަރާތުން ތިމާގެ ދަރިފުޅާއިމެދު ތަފާތުކުރުމެއް ފާހަގަވެއްޖެނަމަ ހިތާމަކުރާނެ ފަދައިން ދެންތިބީވެސް ކޮންމެވެސް ބެލެނިވެރިއެއްގެ ދަރިންކަމެވެ. ތިމާ ދެރަވާގޮތަށް އެދަރިވަރުންގެ ބެލެނިވެރިންވެސް ދެރަވާނެކަމެވެ. މިފަދަ ތަފާތު ކުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ތަފާތު ކުރުން ނައްތާލާ ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާ މުދައްރިސުންނާއި ސްކޫލުތަކުގެ އިސްވެރިންނަށް ޝުކުރު ހައްގެވެ. 

+1
0
+1
3
+1
2
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް