މިއަދަކީ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދޭ ދުވަހެވެ. ބައެއް ކުދިންނަށް ވަރަށް އުފާވެރި ދުވަހެކެވެ. ނަތީޖާ ރަނގަޅު ނޫން ކުދިންނަށް ހިތާމަވެރި ދުވަހެކެވެ. މިއީ ކުދިންނާއި ބެލެނިވެރިންނަށް ތަފާތު އިހްސާސްތަކެއް ކުރެވޭނެ ދުވަހަކަށްވާއިރު މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ނަތީޖާއާމެދު ހިތްހަމަ ނުޖެހުނަސް ދެރަވާފަދަ ބަސްތައް ނުބުނުން
އެއް އާއިލާއެއްގެ ތެރޭގައި ހަތަރުފަސް ކުއްޖަކު އުޅެދާނެއެވެ. މި ހުރިހާ ކުދިންނަކީ ތަޢުލީމީގޮތުން އެއްފެންވަރެއްގެ ކުދިންނަށް ނުވެދާނެއެވެ. އެހެންކަމުން ރިޕޯޓް ފޮތް ދޭ ދުވަހު ރަނގަޅު ނަތީޖާ ގެންނަ ކުއްޖާގެ ކާމިޔާބީ ފާހަގަކުރާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ނަތީޖާ ދަށުން ލިބޭ ކުއްޖާ ހިތުގަ ޖެހޭނެ ފަދަ ބަސްތައް ނުބުނެ އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރާނެ ގޮތް އެފަދަ ކުދިންނަށް ކިޔައިދެވިދާނެއެވެ. ހަމަމިއާއެކު ރަނގަޅު ނަތީޖާ ހޯދި ކުދިންނަށްވެސް އެކުދިން އެކުރި ބުރަމަސައްކަތުގެ އަގު ވަޒަންކޮށް އުފާވާނެ ފަދަ އިނާމެއް ދެވިދާނެއެވެ.
ކުދިންނަށް ނަސޭހަތްދޭއިރު އެހެން ކުދިންނާއި އަޅާނުކިޔާށެވެ. "އަވަށްޓެރިއެއްގެ ކުއްޖަކު އެހާ މޮޅުއިރު ދަރިފުޅު ދަށުން ފާސްވަނީ ކީއްވެތޯ" މިފަދަ ސުވާލު ނުކުރާށެވެ. އޭގެ ބަދަލުގައި ދަރިފުޅު ފާސްނުވާން މެދުވެރިވި ސަބަބު އަމިއްލައަށް ދެނެގަނެވޭތޯ މަސައްކަތް ކުރާށެވެ. ދަރިފުޅުގެ ފިލާވަޅުތައް ދަސްކުރަމުންދޭތޯ ބެލިދާނެއެވެ. އަދި ދަސްކުރުމަށް އިތުރު އެހީތެރިކަން ބޭނުންވާނަމަ މުދައްރިސާއި އެކަން ހިއްސާކޮށްގެން ނަމަވެސް ދަރިފުޅަށް ރަނގަޅު ނަތީޖާއާއި ހަމައަށް ވާސިލުވުމަށް އެހީތެރިވެދޭށެވެ.
ކުދިން ލަދުގަންނާނެ ފަދަ ކަމެއް ނުކުރުން
ރިޕޯޓް ފޮތް ދޭ ދުވަހަކީ އާއިލާގެ އެކި މެންބަރުންގެ ފަރާތުން ސުވާލު އައިސްދާނެ ދުވަހެކެވެ. ފާސްވިތޯ އާއި ފާސްވީ އެންމެ މަތިންތޯ ސުވާލުކުރާ މީހުން އުޅެއެވެ. އެކަމަކު ދަރިފުޅު ދެރަވާނެފަދަ ގޮތަކަށް ނުވަތަ ލަދުގަންނާނެ ގޮތަކަށް ދަރިފުޅުގެ ނަތީޖާއާއި ގުޅޭގޮތުން އެއްވެސް މީހަކަށް ޖަވާބު ނުދޭށެވެ. އެހެންނޫނީ ދަރިފުޅު ހިތުގައިޖެހި މީހުންގެ ކުރިމައްޗަށް ނުކުންނަން ލަދުން އުޅުމަކީވެސް ވެދާނެކަމެކެވެ.
ޗުއްޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން
ރިޕޯޓް ފޮތް ދިނުމުގެ ކުރިން ބައެއް ސްކޫލުތަކުގައި ބެލެނިވެރިންނާއެކު މުދައްރިސުން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދަރިފުޅަށް ކިޔެވުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް މުދައްރިސުން ފާހަގަކުރެއެވެ. އަދި ރިޕޯޓް ފޮތް ދިނުމުންވެސް ދަރިފުޅަށް އިތުރަށް އުނގަންނައިދޭންވީ މާއްދާތައް އެނގޭނެއެވެ. ޗުއްޓީ ދުވަސްވަރު ކޮންމެ ދުވަހަކު ވަކިވަގުތެއް ޚާއްސަކޮށްގެން އެމާއްދާތަކުގެ ފިލާވަޅުތައް ދަސްކުރުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ. އެއިރުން ޗުއްޓީ ނިމި ސްކޫލުގެ ކިޔެވުން ފަށާއިރު ދަރިފުޅަށް ހުންނާނީ ނޭނގިހުރި ބައިތައް ދަސްވެފައެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރު ލިބި ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބޭ ބާރަކަށް ވާނެއެވެ.
ދަރިފުޅަށް ވެސް ވިސްނައިދޭންވީ ރަނގަޅު ނަތީޖާ ލިބޭނީ ގަދައަޅައި މަސައްކަތްކޮށްގެންކަމެވެ. ކާމިޔާބަކީ ބުރަކޮށް މަސައްކަތްކުރާ ކުދިންނަށް ލިބޭނެ އެއްޗެކެވެ. އެއްފަހަރު ނަތީޖާ ދަށްވިކަމުގައިވިއަސް ހިތްވަރު ދެރަނުކޮށް ފަހަރަކަށްވުރެ ފަހަރެއް ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ދަރިންނަށް ހިތްވަރު ދެމާތޯއެވެ.