November 21, 2024 22:11
Advertisement

-Advertisement-

ފަހި ދިރިއުޅުމަކަށް ދިރިއުޅުމުގެ ހާލަތު ބަދަލުކުރުން

ދިރިއުޅުމުގެ ހާލަތާއި ކަންތައްތަކާއި ވައްޓަފާޅި އަދި ނިންމާ ނިންމުންތައް އަހަރެމެން ތަފާތު ގޮތްގޮތައް އަމުނާ ކިރާ މިނާ ހަދަމެވެ. ކަންމިހެން އޮތްއިރު ވިސްނާލަންޖެހޭ ހަޤީޤަތަކީ ދިރިއުޅުމުގެ ހާލަތަކީ ތިމާ އަމިއްލައަށް ބަަދަލުކުރަން މަސައްކަތް ކުރުމުން ބަދަލުވާ އަދި ކާމިޔާބުވާ ކަމެއްކަމެވެ.

ފެށުނީއްސުރެ އަހަރެމެންނަށް އަބަދުވެސް އިވޭ އަޑުތަކަކީ ދިރިއުޅުމުގެ ކަންކަން ގޯސްވީ ނުވަތަ ބޭނުން ނުވާ ގޮތަކަށް ދިމާވީ މިވެނި އެވެނި ކަމަކާ އަޅުވާ ނުވަތަ އެއީ އަހަރެންނަށް ވީތީ ވީގޮތްކަމަށް ނިންމައިގެން ތިބޭ ވާހަކައެވެ. ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ ދިމާވާން މެދުވެރިވާ އެއްހާލަތަކީ މިގޮތަށް ދިރިއުޅުމާ މެދު ނިންމާ ނިންމުންތަކެވެ. އެހެންކަމުން މި ލިޔުމުގައި ދިރިއުޅުމުގެ ހާލަތު ބަދަލުކުރެވިދާނެ ގޮތްތަކަކަށް އަލިއަޅުވާލާނަމެވެ.

ދިރިއުޅުމުގެ ހާލަތު އެއީ ތަބީޢީ ކަމެއްކަމަށް ނިންމުން:

Advertisement

ވަރަށްގިނަ ފަހަރު ދިރިއުޅުމުގެ ކަންކަމުގައި ގޮތް ނިންމާއިރު އަހަރެމެން އެކަން އަޅުވާ މިކިޔަނީ ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް މަށަށް ވާގޮތޭ ނުވަތަ ދިމާވާގޮތޭ ކިޔާފައެވެ. އަދި މިއީ އަހަރެންނަށް މިންވަރު ކުރެއްވި ގޮތޭ ނުވަތަ ތަބީޢީ ކަމެކޭއެވެ. މީގެ އިތުރުން ދެން މިކަމެއް އިތުރަކަށް ރަނގަޅު ނުކުރެވޭނެކަމަށް ނިންމާ އަމިއްލަ ޝަޚްސިއްޔަތުގައި ހުރިކަމަކަށް ހަދަމެވެ.

މިގޮތައް މިކަން ނިންމުމުން މި ވިސްނާދެވެނީ ހާލަތު ބަަދަލު ނުުކުރެވޭނެ ކަމެވެ. ވީމާ ދެން ކަމެއް ރަނގަޅު ކުރެވޭނެ މަގެއްވެސް ހޯދުމަށް މަސައްކަތް ނުކޮށް ނައްސި ވިސްނުންތަކާއިއެކު ދިރިއުޅުމަށް އިތުރު ތަކްލީފްތަކެއް ގެނެވެއެވެ. އަމިއްލަ ނަފްސާއިމެދު ނުރަނގަޅުގޮތަށް ދެކެވޭ ދެކެވުންތަކާއި ޤަބޫލު ކުރުންތަކުގެ ސަބަބުން މީހާ ސްޓްރެސްވެ ބޭނުން ނުވާގޮތަށް އަމަލު ބެހެއްޓޭ ފަހަރު އާދެއެވެ.

ދިރިއުޅުމުގެ ހާލަތު އެއީ އެހެން މީހުންނާހެދި ނުވަތަ ކުރާކަންކަމާއިހެދި ދިމާވާގޮތް ކަމަށް ޤަބޫލު ކުރެވުން:

އަހަރެމެންގެ ވިސްނުން ބައްޓަންވާ ގޮތުން ދިރިއުޅުމުގެ ކަންކަމާއި ހާލަތްތަކުގައި އަބަދުވެސް ދިމާވާކަންކަމުގައި އެއީ އެހެންމީހުންނާހެދި ނުވަތަ އެހެންމީހުން ކުރާ ކަންކަމުން ވީގޮތެއްކަމަށް ނިންމާ ކަންކަން ހަމަޖައްސާލެވެއެވެ. މިހެން މިކަންވުމުން ކަމެއް ދިމާވުމުގަ އަދި މެދުވެރިވުމުގައި އަމިއްލަ ނަފްސުން ހެދިފައިވާ ގޯހެއް ނުވަތަ ރަނގަޅު ކުރަންޖެހޭ ކަމެއް އިންތޯވެސް ނުބަލާ ގޮތް ނިންމައިގެން އަހަރެމެންނަށް ތިބެވެނީއެވެ.

ދިރިއުޅުމުގެ ހާލަތު އެއީ އުޅޭ މާހައުލު އަދި ޤުދުރަތީގޮތުން ނުވަތަ ދިރިއުޅެންޖެހޭ ގޮތުން ދިމާވާކަމެެއްކަމަށް ޤަބޫލުކުރުން:

މާހައުލާއި އުޅޭތަނާއި އަދި ޤުދުރަތީ ކަންކަމަކީ ދިރިއުޅުމުގެ ހާލަތަށް އަސަރުކުރާ ކަންކަމުގައިވިއަސް އަހަރެމެން އަމިއްލަ ކޮންޓްރޯލް އަށް ގެނެވިދާނެ ކަންކަން ހުރެއެވެ. އަހަރެމެންނަށް މާހައުލާއި ދިރިއުޅޭތަން އަދި ޤުދުރަތީ ކަންކަމުގެ ސަބަބުން ދިމާވާގޮންޖެހުންތަކަށް ކުރިމަތިލާ ތަކުރާރުކޮށް އެކަންވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަން ހުރެއެވެ. އެހެންނަމަވެސް އަހަރެމެންގެ ވިސްނުމުން ފަސޭހަގޮތް އިޚްތިޔާރުކުރެވި އެކަމުގެ ޒިންމާވެސް އުޅޭތަނާއި މާހައުލަށް ނުވަތަ ޤުދުރަތީ ކަމަކަށް ހަދާ ދޫކޮށްލެވެނީއެވެ. މިއަދުގެ ހާލަތޭ ބުނެ އިތުރަށް ގޮތްގޮތް ހޯދުމަށް ނޫޅެވެނީއެވެ. މިއީ ކޮންމެހެން ގަސްތުގަ ކުރާކަމެއް ނުވަތަ އަމިއްލަ އިޚްތިޔާރުގައި ކުރާކަމަކަށްވެސް ނުވެދާނެއެވެ. އެހެންނަމަވެސް މިކަންކަމަށް އަހުލުވެރިވުމުން ރަނގަޅު ކުރެވިދާނެ ކަންތައްތަކެވެ.

ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް އަމިއްލަ ނަފްސުން ކުރެވޭނެ ކަންކަން:

ވީމާ، ހާލަތު ރަނގަޅު ކުރުމަށްޓަކައި އަހަރެމެންގެ ވިސްނުން ބަދަލުކޮށް އަމިއްލަ ނަފްސު ހަރުދަނާކޮށް ޒިންމާދާރުވުމުން ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއްކަންކަންކަން ކޮށްލެވޭތޯ މަސައްކަތްކޮށްލަމާ ހިނގާށެވެ.

  1. ތިމާގެ ކޮންޓްރޯލްގަ ހުރި ކަންކަމަކީ ކޮބާތޯ ބަލާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން
  2. ތިމާގެ ދިރިއުޅުމުގެ ހާލަތުގެ ޒިންމާ އެހެންމީހުން ކުރާކަންކަމަށް އަލިއެޅުވުމުގެ ބަދަލުގައި އެކަމުން ލިބޭ އިބްރަތަކީ ކޮބާކަން ބަލާ ހާލަތު ބަދަލު ކުރުމަށްޓަކައި ކުރެވޭނެ ކަންކަން ކުރުން
  3. މާހައުލާއި އުޅޭތަން އަދި ޤުދުރަތީގޮތުން ދިރިއުޅުމުގެ ހާލަތަށް ދިމާވާ ގޮންޖެހުންތަށް ބަލައިގަނެ އެކަމުން އަރައިގަތުމަށްޓަކައި ކުރެވޭނެ ކަންކަން ބަލާ ފައްސި ވިސްނުމަކުން ވިސްނާ އެކަމަށް އަމަލުކުރުން
  4. ކޮންމެ ހާލަތެއް ދިރިއުޅުމުގައި ދިމާވަނީ އެއީ ތިމާއަމިއްލަ އިޚްތިޔާރުން ނަގާ ޗޮއިސްތަކަކުން ކަމާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާނީ ތިމާ އަމިއްލައަށްކަން ޤަބޫލު ކުރުން
  5. ތިމާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވޭނީ ތިމާ އަމިއްލަ ނަފްސުން ހިތްވަރާއެކު ކުރާ މަސައްކަތަކުންކަން ދެނެގަތުން
  6. ތިމާގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުން އެއީ އެހެންމީހަކަށް ކުރެވޭނެ ނުވަތަ ކޮށްދެވޭނެ ކަމެއް ނޫންކަން ދަނެގަނެ އަމިއްލަ ޚިޔާލާތާއި ފިކުރިއްޔާތު ރަނގަޅުކޮށް އެއަށް އަމަލު ކުރަން ފެށުން
  7. އެއްވެސް މީހެއްގެ ދިރިއުޅުމުގެ ހާލަތަކީ ފުރިހަމަ އަދި ހަމަޖެހޭ ދިރިއުޅުމަކަށް ނުވާކަން.
  8. ދިރިއުޅުމުގެ ހާލަތަކީ އިމްތިހާނެއްކަން. އަދި އެއްކަމަކަށްފަހު އަނެއްކަމަކާ ކުރިމަތިލާންޖެހޭކަން.
  9. ކޮންމެ ހާލަތަކަށްވެސް އަމިއްލަ ނަފްސު ތައްޔާރުކޮށް އަދި ކޮންމެ ކަމެއް ދިމާވާނީވެސް ރަނގަޅަކަށްކަން ވިސްނާ ގިނަގިނައިން ހެއްދެވި ފަރާތަށް ޝުކުރުކޮށް ހާލަތު ބަދަލުކޮށް ރަނގަޅު ކޮށްދެއްވުމަށް އެދި ދުޢާކޮށް ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭކަން.

 

އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް