November 21, 2024 23:10
Advertisement

-Advertisement-

ދިރާސީ އައު އަހަރަކަށް ސްކޫލު ހުޅުވުމުން ވިސްނަންވީ ކަންކަން

އާއަހަރުގެ ސްކޫލު ފެށުމުން ކުދިންނާއި މައިންބަފައިންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ބިޒީ ދުވަހަކަށް ބަދަލުވެ ވަރަށް ގިނަ ކަންކަމުގައި ވަގުތު ނެތިގެން ދެއެވެ. ވިސްނާލަންޖެހޭ ކަމަކީ އެތައް ދުވަހަކަށްފަހު ސްކޫލަށްދާއިރު މައިންބަފައިންނާއި ކުދިންގެ ގުޅުން ރަނގަޅުކޮށް އެކުދިންނާއެކު ވާހަކަދައްކާލަން ވަގުތު ހޯދުމެވެ. 2 މަސްދުވަހާއި ގާތް މިންވަރަކަށް ސްކޫލުގެ ކިޔެވުން ނެތި ޗުއްޓީ ހޭދަކޮށް އަދިވެސް ވަރުބަލިކަމުގައި ތިބި ކުދިން ތިބެދާނެއެވެ. ނުވަތަ އެހާ ގިނަދުވަހު ކިޔެވުމާއި ދުރުގައި ތިބުމަށްފަހު ސްކޫލަށް ދާން ފޫހިވެފައިވެސް ތިބެދާނެއެވެ. ސްކޫލު ފެށުމުން ކުދިންގެ ތާވަލަށް އަންނާނެ ތަފާތުތަކާއި ހުސްވަގުތު މަދުވެ ކުދިން ބޭނުންވާގޮތަށް މަޖާކޮށްލާނެ ވަގުތު ނެތިގެންދެއެވެ. ސްކޫލު ނިމިގެން ޓިއުޝަނާއި އިތުރުގަޑި އާއި ކުޅިވަރާއި އިތުރު ހަރަކާތްތަކަށް ދަމުން ބެލެނިވެރިންނާއި ކުދިން އުޅެންޖެހޭނީ ވަރަށް އަވަދިނެތިއެވެ. މިހުރިހާ ކަމަކަށް ތައްޔާރުހެއްޔެވެ؟ މިކަންކަމަށް ސިކުނޑި ތައްޔާރުވެފައި ހުރީ ކިހާ މިންވަރަކަށްތޯ ބަލާލަން އެބަޖެހެއެވެ. މައިންބަފައިން މިކަންކަމުގައި ކުދިންނަށް ވިސްނައިދީ ކިޔެވުމުގެ މުހިއްމުކަން އަންގައިދޭންވާނެއެވެ. ސްކޫލަށްދާއިރު އެހެންކުދިންނާއެކު އުޅެން ދަސްކޮށްދީ ރީތި އަޚްލާގެއް އަށަގަތުމަށް ދަސްކޮށްދޭންވެސް ތިބީ ހަމަ ތިޔަ ބެލެނިވެރިންނެވެ. އައު އަހަރަކަށް ތައްޔާރުވާއިރު ވިސްނަންވީ ކަންކަމާއި ސަމާލުކަންދޭންވީ ކަންކަން:

ވޭތުވެދިޔަ އަހަރަށްވުރެ ކިޔެވުމުގައި މަސައްކަތްކުރަން އަޒުމު ކަނޑައެޅުން:

ވޭތުވެދިޔަ އަހަރު ލިބުނު ނަތީޖާއަށް ބަލާފައި އެނަތީޖާއަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުކުރުމަށް އަޒުމު ކަނޑައަޅައި އެކުމުގައި މައިންބަފައިންވެސް ބުރަކޮށް މަސައްކަތްކޮށްދީ ބާރުއަޅަންވާނެއެވެ. އަހަރަކަށްވުރެ އަހަރެއް ކުރިއަރުވަން ކުރަންޖެހޭނެ ކަންކަމާއި ދަށްވެފައިވާ މާއްދާއަށް ގިނަވަގުތު ހޭދަކޮށް ޓީޗަރުންގެ އެހީވެސް ހޯދަންވާނެއެވެ. އަދި ކުއްޖާ ކިޔަވައިތޯ ރަނގަޅަށް ބަލާށެވެ. ކޮންމެ ދުވަހަކުވެސް ދަރިފުޅާއެކު ކިޔެވުމުގައި ކޮންމެވެސް ވަގުތެއް ހުސްކުރެވޭތޯ ބަލާށެވެ.

Advertisement

އަވަހަށް ނިދަން އާދަކޮށް ފޯނާއި ޓެބްލެޓް ހިފައިގެން ހޭދަކުރާ ވަގުތު މަދުކުރުން:

ޗުއްޓީ ދުވަސްވަރު ކުދިން ނުނިދާ ފޯނު ހިފައިގެން ނުވަތަ ޓެބްލެޓް ހިފައިގެން ފިލްމު ބަލަން ނުވަތަ ގޭމް ކުޅެން ހޭދަކުރާ ވަގުތުތައް ގިނަވެދާނެއެވެ. ސްކޫލަށް ދާން ހޭލަން ނުޖެހޭތީ ލަހުން ނިދަން މައިންބަފައިން ވެސް ހުއްދަދެއެވެ. އެގޮތަށް އާދަކޮށް އެގޮތަށް ދެވި ހިފިޔަ ނުދޭށެވެ. ނިދަން ވަކި ވަގުތެއް ކަނޑައަޅާށެވެ. ސްކޫލަށްދާނަމަ ފޯނާއި އިންޓަނެޓަށް ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ. ނުވަތަ ހަފްތާގެ ބަންދު ދުވަހު އެކަނި ފޯނު ދޭށެވެ. އަވަހަށް ނިދުމަށްފަހު އަވަހަށް ހޭލަންޖެހޭކަން ދަރިފުޅަށް ވިސްނައިދޭށެވެ. ސްކޫލަށްދާނަމަ ހަމަ ނިދި ނިދުމުގެ މުހިއްމުކަން ކިޔައިދޭށެވެ.

ހެނދުނުގެ ނާސްތާ މުހިއްމު:

ސްކޫލަށް ފޮނުވަންވާނީ ރަނގަޅަށް ސައި ދިނުމަށްފަހުއެވެ. އަދި އިންޓަވަލް ގަޑީގައި ކެއުމަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްދިނުމަށްފަހު ސްކޫލަށް ފޮނުވާށެވެ. ރަނގަޅަށް ނުކާނަމަ ކިޔެވުމުގައި ސަމާލުކަން ނުދެވި ކުއްޖާގެ ކިޔެވުމަށް އަސަރުކޮށްފާނެއެވެ. ބޮޑުވަމުން އަންނަ ކުދިންނާއި ހެދި ބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑުގައި ހަކަތަ ނެތްނަމަ ކިޔަވައިދޭ އެއްޗެއް ވިސްނަން ނުވަތަ ސިކުނޑިއަށް ނަގައިގަންނަން އުދަގޫވެދާނެއެވެ.

ސްކޫލަށް ގެންދާ ތަކެއްޗަކީ އެހާ އަގުބޮޑު އެއްޗެހި ކަމުގައިވާން ނުޖެހޭކަން ދަސްކޮށްދިނުން:

އެންމެންނަކީ އެހާ ފުދުންތެރިކަން ހުރި ބަޔަކަށް ނުވެދާނެއެވެ. ބައެއް ކުދިން ރީތި އަދި އަގުބޮޑެތި ދަބަސް ގެންދާތީ ހުރިހާ ކުދިންވެސް އެގޮތް ބޭނުންވެދާނެއެވެ. ބައެއް މައިންބަފައިންނަކީ ގިނައިން ފައިސާ ލިބޭ ބަޔަކަށް ނުވުމުން އަގުބޮޑެތި ދަބަސް ނުގަނެވިދާނެއެވެ. ހަލާކު ނުވާނަމަ ކުރީގެ އަހަރު ގެންގުޅުނު ދަބަސް ނުވަތަ ބޫޓު ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން ކުއްޖާއަށް ވިސްނައިދޭށެވެ. ކިޔަވައިގެން މޮޅުވެވޭނީ އަގުބޮޑު ދަބަހާއި ބޫޓަކުން ނޫންކަންވެސް ކުއްޖާއަށް ވިސްނައިދޭށެވެ. އަމިއްލަ އަތުގައި އަގުބޮޑެތި ދަބަސް ހުރެފައި އެހެން ކުއްޖެއްގެ އަތުގައި އަގުބޮޑު އެއްޗެހި ނެތުމުން އެކުދިން ދެރަވާނެ ފަދަ ބަސް ބުނާ ކުދިންވެސް އުޅެއެވެ. އެކަހަލަ ކަންކަމީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ކުއްޖާއަށް ވިސްނައިދޭށެވެ. ދުނިޔޭގައި އުޅޭނީ އެކި ފަންތީގެ މީހުން ކަންވެސް ކުދިންނަށް ވިސްނައިދޭންވާނެއެވެ.

އިހްތިރާމް ކުރުމާއި އެހެންކުދިންނާއި ގުޅިގެން އުޅެން ދަސްކޮށްދިނުން:

ތިބާގެ ދަރިފުޅުގެ ކްލާހުގައި ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއް ހުރުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެންވުމުން އެކުދިން ބާކީ ނުކޮށް އެކުދިންނަކީވެސް މުޖުތަމައަށް ބޭނުންތެރި ކުދިންކަން ވިސްނައިދޭންވާނެއެވެ. އެންމެންނަކީ އެއްގޮތަކަށް ތިބޭނެ ބައެއް ނޫންކަމާއި އެކި މީހުން ތިބޭނީ އެކި ސިފައިގައިކަންވެސް ބުނެދޭންވާނެއެވެ. ކިޔެވުމަށް އެހާ މޮޅު ނޫން ކުދިންނަށް ވިޔަސް އެކުދިން ބާކީ ނުކޮށް ކިޔެވުމުގައި އެކުދިންނަށް ހިތްވަރުދީ އެހީތެރިވާ ކުއްޖަކަށް ހަދަން މަސައްކަތްކުރަން ހިނގާށެވެ.

ދަރިފުޅަށް ކަންކަން ވިސްނަދޭއިރު ދަރިފުޅުގެ އުމުރާއި ގުޅޭގޮތަށް ވާހަކަބައްޓަން ކުރާށެވެ. އެއިރުން ވިސްނައިދޭން ފަސޭހަވާނެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް