"ކުދިން ތަރުބިއްޔަތު ކުރުމަށް ފަހި މަގެއް" މިއީ އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބޭ ފޮތެކެވެ. މިއަދު ހެނދުނު ޤައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ.

ކުދިން ތަރުބިއްޔަތު ކުރުމުގައި އަމަލު ކުރެވިދާނެ މުހިންމު ގޮތްތަކަކީ ކޮބައިކަން މި ފޮތުގައި ވަނީ ހިމަނާފައެވެ. 13 ބާބެއްގެ މައްޗަށް އެކުލަވާލާފައިވާ މި ފޮތުގެ ފުރަތަމަ ބާބުގައި އަލިއަޅުވާލާފައިވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމް ދީނުގެ ދައުރުގެ މައްޗަށެވެ.
ބާބު 2: ކާމިޔާބު މައެއްގެ/ ބަފައެއްގެ (ބެލެނިވެރިއެއްގެ) ސިފަތައް
ބާބު 3: ކުއްޖާގެ އުޅުމަކީ ކޮބައިކަން ދެނެގަތުން
ބާބު 4: ކުއްޖާއާއި ބެލެނިވެރިޔާގެ ގުޅުން
ބާބު 5: އެހީތެރިވެދިނުމުގެ ހުނަރުތައް
ބާބު 6: ސާބިތުކަމުގެ ހުނަރުތައް
ބާބު 7: ކުރިމަތިލުމުގެ ހުނަރު
ބާބު 8: މައްސަލަ ހައްލުކުރުމުގެ ހުނަރު
ބާބު 9: ކަމުނުދާ އުޅުން ހުއްޓުވަން މާހައުލު ބަދަލުކުރުން
ބާބު 10: ފެންނަގޮތް ތަފާތުވެގެން އުފެދޭ މައްސަލަ ހައްލުކުރުން
ބާބު 11: ކުދިންނަށް އަދަބު ދިނުން
ބާބު 12: ރަނގަޅަށް މުވާސަލާތުކުރުން
ބާބު 13: ދަރިން ހަރުދަނާ މީހުންނަށް ހެދުން

މި ފޮތް ލިޔުއްވި ފަޔާޟް ފާހަގަކުރެއްވިގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ ނުހަނު އުނދަގޫ ކަމަކަށްވާއިރު އެއީ ބައެއް ފަހަރު މައިންބަފައިންނަށް ގޮތްހުސްވާ ކަމެކެވެ.
" ބައެއް މައިންބަފައިން ކުދިން ތަރުބިއްޔަތުކުރުމުގައި ނާކާމިޔާބުވޭ. ތަރުބިއްޔަތުކުރުމުގެ ތަމްރީނަކީ މައިންބަފައިންނަށް ބޭނުންވާ މުހިންމު ފަރުވާއެއް. މި ފޮތް ލިޔުމުގެ ބޭނުމަކީ ކުދިން ރަނގަޅަށް ތަރުބިއްޔަތުކުރަން މައިންބަފައިންނާއި ބެލެނިވެރިންނަށް އެހީތެރިވުން. އަދި ކުދިން ތަރުބިއްޔަތުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުދައްރިސުންނާއި ދާރިސުންނަށް ވާގިވެރިވުން. މިއީ ކުދިން ތަރުބިއްޔަތުކުރުމުގެ ތަމްރީނުދޭ ފަރާތްތަކަށް ޓެކްސްޓް ފޮތެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތެއް" ފަޔާޟް ފާހަގަކުރެއްވިއެވެ.
މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ފޮތުގައި ހިމަނާފައިވާ މައުލޫމާތު އަމަލީ ގޮތުން ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

" މި ފޮތަކީ ވަރަށް މުހިންމު ބޭނުންތެރި ފޮތެއް. ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއް. ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން. މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުންމީދު ކަނޑައިލާންވީ ކަމެއް ނޫން. ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއް" ފަޒްނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން އަދި މެނޭޖްމަންޓާއި ބިޒްނަސް ދާއިރާއިން ޑިގްރީ އަދި މާސްޓަރސް ލެވެލްގެ ކޯސްތަކަށް ކިޔަވައިދެއްވާ ލެކްޗަރަރ އެއް ކަމުގައިވާ ފަޔާޟް އަކީ ކުރިން ޕްރިންސިޕަލެކެވެ. ފަޔާޟް މީގެ 38 އަހަރު ކުރިން އެންމެ ފުރަތަމަ ލިޔުއްވީ ދުވަހު ނޫސް ހަވީރަށެވެ. އެއަށްފަހު ވަރލްޑްކަޕް ފުޓްބޯޅަ ފޮތެއް ނުރެއްވިއެވެ. އަދި 1992 ވަނަ އަހަރާއި 1995 ވަނަ އަހަރު 2 ފޮތެއް ތަރުޖަމާ ކުރައްވާ އާންމުންނަށް ލިބޭނެ ގޮތަށް ޝާއިޢުކުރެއްވިއެވެ. އެއީ ޖޯޖް އޯވެލްގެ "އެނިމަލް ފާމް" އާއި ޚަލީލު ޖިބްރާންގެ "ބްރޯކަން ވިންގްސް" އެވެ. ކިޔަވައިދެއްވުމުގެ ދުވަސްވީ ތަޖުރިބާއާއެކު ލެކްޗަރާއިންނާއި ދަރިވަރުންނަށް ވަރަށް މުހިންމު 6 ފޮތެއް ވެސް ވަނީ ލިޔުއްވާފައެވެ.
ފަޔާޟް އަކީ ވޭތުވެދިޔަ 2 ރަމަޟާން މަހު 'ޒީޓައިމްސް' އިން ގެނެސްދިން ސީރާ ވެސް ލިޔުއްވި ފާހަގަކުރެވޭ ލިޔުންތެރިއެކެވެ.
"ކުދިން ތަރުބިއްޔަތު ކުރުމަށް ފަހި މަގެއް" މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ޕްރީ އޯޑަރުކޮށްގެންނަމަ 87 ރުފިޔާ އަށް އަދި އާންމު އަގަކީ 107 ރުފިޔާ އެވެ. ޕްރީ އޯޑަރު ނިމޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފޮތް ބައްލަވައިގަންނަން ގުޅުއްވާނީ 9227844 ނުވަތަ 9981062 މި ނަންބަރަށެވެ.