November 21, 2024 22:18
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: 'ނަސޭހަތް ޤަބޫލުނުކުރުމުގެ ނަތީޖާ' މި ވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް

މިއީ އަރާކުރި ސީރީސްގެ ވާހަކަތަކުގެ ތެރެއިން "ތިއްތި ވާހަކަ4" މި ފޮތުގައި ހިމެނޭ 5 ވާހަކައިގެ ތެރެއިން 1 ވާހަކައެވެ. މި ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

އީނާލާއި އީނާސަކީ އެއްމާބަނޑު ދެ ކުދިންނެވެ. އެ ދެ ކުދިންނަކީ ވެސް ވަރަށް ބަސްއަހާ އެކުވެރިކޮށް އުޅޭ ދެ ކުދިންނެވެ. އެއް ކުއްޖަކު ކުރާ ކަމެއް އަނެއް ކުއްޖަކު ކުރުމަށް އަބަދުވެސް ލޯބިކުރެއެވެ. އެ ކުދިންގެ އެއްބަނޑު އެއްބަފާ ދައްތައެއް ވެސް ހުރެއެވެ. އެ ދައްތަ އެ ކުދިން ދެކެ ވަރަށް ލޯބިވެއެވެ. ދުވަހަކީ ހޮނިހިރު ދުވަހެކެވެ. އެ ދުވަހު އެ ކުދިންގެ ބައްޕައާއި މަންމަ ވީ ދަނޑަށް ގޮހެވެ. އެ ދުވަހު މެންދުރު ކައިގެން ދެ ކުދިން ނިންމީ މަސްބާނަން އަތިރިމައްޗަށް ދާށެވެ. 

ދެ ކުދިން މަސްބާނަން ދިއުމަށްޓަކައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން އެ ކުދިންނަށް ބައްޕަ ގަނެދެއްވާފައި ހުރި މަސްބާނާ ދޮށިތައް ވެސް ހިފައިގެން ބޭރަށް ނިކުތެވެ.

Advertisement

އެ ކުދިން ބޭރަށް ނިކުތްތަން ގޭތެރޭގައި އުޅުނު އެ ކުދިންގެ ދައްތައަށް ފެނިގެން އެ ކުދިންގެ ފަހަތުން ނިކުމެއްޖެއެވެ. އޭރު އޮތީ ވިއްސާރަ ވެސް ހަދާފައެވެ. ކުޑަކޮށް ކަނި ވެސް ޖަހައެވެ. އެ ވަގުތު ދައްތައަށް އެ ކުދިން އެ ދަނީ މަސްބާނަން ކަން އެނގިގެން ދައްތަ ވަރަށް އަވަހަށް ގޮސް އެ ކުދިންގެ ކުރިމައްޗަށް ހުއްޓިފައި ބުންޏެވެ. "އެއް ގޮތަކަށް ވެސް މިއަދު ތިޔަކުދިން މަސްބާނަން ގޮސްގެން ނުވާނެ. އެ އޮތީ ވަރަށް ބޮޑަށް ވިއްސާރަ ނަގާފައި.

މަންމައާއި ބައްޕަ ދަނޑަށް ދިޔައީ ދޮންތައާ ތިޔަ ކުދިން ބަލަން ހަވާލުކޮށްފައި. ތިޔަ ކުދިންނަށް ކަމެއް ވެއްޖެނަމަ މަންމައާއި ބައްޕަ ރުޅި ދުރުވާނީ ދޮންތަ ދެކެ."

އީނާލާއި އީނާސް ބުންޏެވެ. "ވާރޭއެއް ނުވެހޭ. ނަގާފައި އެ އޮތީ ވަރަށް ކުޑަކުޑަ ވިލާކޮޅެއް."

ދޮންތަ ބުންޏެވެ. "ކޮއްކޮމެން ތިޔަހެން ނުހަދާ! މިހާރު ވެސް ވާރޭ އެދަނީ ވެހެމުން. އިރުކޮޅަކުން ވާރޭ ބޯކޮށްލަފާނެހެން ހީވަނީ. ތިޔަ ކުދިން ތެމިއްޖެނަމަ ބަލިވެދާނެތީ ދޮންތަ ބިރުގަނޭ."  ދެން ދޮންތަ ދުވެފައިގޮސް ގޭތެރެއަށް ވަދެ ކޯޓް ހިފައިގެން އައިސް ދެ ކުދިންނަށް ދިއްކޮށްލާފައި ބުންޏެވެ. "ދަންޏާ ކޯޓް ހިފައިގެންދޭ!"

އެ ކުދިންގެ ދޮންތަ އާދޭސްކޮށްކޮށް ހުއްޓައި އެ އަޑު އިވޭކަމަށް ވެސް ނުހަދައި ދެ ކުދިން މަސްބާނަން ހިނގައްޖެއެވެ.

އެ ރަށުގެ އަތިރިމަތި އޮންނަނީ އެ ކުދިންގެ ގެއާ ވަރަށް ދުރުގައެވެ. އެ ދެ ކުދިންނަށް އަތިރިމައްޗަށް ދެވުނުއިރު ތުނިކޮށް ވާރޭ ވެހެއެވެ. އެކަމަކު އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. އަދި އެ ވަގުތު އަތިރިމަތީގައި އުޅެމުން ދިޔަ މީހުންތައް ވެސް ދިޔައީ އެއްގަމަށް އަރަމުންނެވެ. ހީވާގޮތުގައި ވިއްސާރަ ވުމުން މޫދަށް އެރި ތިބި މީހުން ވެސް އެއްގަމަށް އަރައިގެން އެމީހެއްގެ ގެއަށް އެ މީހަކު އަވަހަށް ދަނީއެވެ.

އީނާލާއި އީނާސް އެއްވެސް ފިކުރެއް ނެތި މަސް ބާނައިގެން ނޫނީ ގެއަށް ނުދާން ނިންމައިގެން މޫދަށް ދޮށި އެއްލައިގެން ފާލަންމަތީ ތިބެއްޖެއެވެ. 

އެ ދެ ކުދިން މަސްބޭނޭތޯ މޫދަށް ދޮށިއެއްލައިގެން ތިބެތިބެ އެންމެ މަހެއް ވެސް އެ ދުވަހު އެ ކުދިންނަކަށް ނުބޭނުނެވެ. ކުއްލިއަކަށް ވެހެމުން ދިޔަ ހިމަފޮދު ވާރޭ ބޯކޮށްލައިފިއެވެ. ވައި ވެސް ކުއްލިއަކަށް ގަދަވެއްޖެއެވެ. އީނާލާއި އީނާސް އަވަސްއަވަހަށް ގެއާ ދިމާއަށް ބާރަށް ދުއްވައިގަތެވެ. ގެއާ ހަމަޔަށް ފޯރިއިރު ދެ ކުދިން ވެސް ތިބީ ތެމި ފޯވެފައެވެ. އަދި ތިބީ ހީކަރުވައިގެން ތުރުތުރު އަޅައަޅައެވެ.

ތެމި ފޯވެގެން ދެ ކުދިން ގޭތެރެއަށް އައިސް ވަތްއިރު އެ ކުދިންގެ ދޮންތަ އެ ކުދިންގެ އިންތިޒާރުގައި ގޭތެރޭގައި ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ.

އީނާލާއި އީނާސް ގެއަށް ވަންއިރު ހީވަނީ ހީކަރުވައިގެންފައި ތިބި ދެ ކަނބިލި ހެންނެވެ. އެ ކުދިން ފެނުމުން ދޮންތަ އަވަސްއަވަހަށް އެ ކުދިންގެ ގާތަށް އައިސް ބުންޏެވެ. "ތިޔަހެން ވެދާނެތީ ދޮންތަ އެހެން ބުނީ. ދޮންތަ އެވަރަށް ނުދާށޭ ބުނެބުނެ އޮއްވައި ވެސް  ތިޔަ ކުދިން ދިޔައީ. ދެން ވެސް އަވަހަށް ގޮސް ފެންވަރައިގެން ތެތްބާލާ!"

އެ ވަގުތު އެ ކުދިންގެ ބައްޕައާއި މަންމަ ނުރުހުންވެފައި އެއްވެސް އެއްޗެއް ނުބުނުއްވައި ގޭތެރޭގައި ބައްލަވަން ތިއްބެވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ދެ ކުދިން ނުތެދުވެގެން އެ ކުދިންގެ ދޮންތަ ގޮސް ގޮވިއިރު ދެ ކުދިން ވެސް ތިބީ ހުންއައިސްފައެވެ. އެ ކުދިން ހުންއައުމުން މަންމައާއި ބައްޕަ ވެސް އެކަމާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އެ ދުވަހު ވެސް އެ ކުދިންގެ ދޮންތަ އެ ކުދިންނަށް ވަރަށް އޯގާތެރިއެވެ.

ދޮންތަ އެ ކުދިންނަށް ހޫނު ސައި ގެނެސް ދިނެވެ. އަދި އެ ކުދިންގެ ހުންބެލުމަށްފަހު އެ ކުދިންނަށް ބޭސް ދިނެވެ. ދެން އެ ކުދިން ކަންތައް ކުރެވުނު ގޮތާމެދު ހިތާމަކޮށް، ދޮންތަގެ ކިބައިން މާފަށް އެދެމުން ބުންޏެވެ. "އަހަރެމެންނަށް މާފުކުރޭ ދޮންތާ! ދެން އަހަރެމެން އަބަދުވެސް ދޮންތަގެ ނަސޭހަތް އަޑުއަހައި އެއާ އެއްގޮތަށް ޢަމަލުކުރާނަށް!"

މަންމައާއި ބައްޕަ އެ ވަގުތު ބުނުއްވިއެވެ. "ދަރިފުޅުމެންނަށް ވިސްނުނީތީ މަންމައާއި ބައްޕަ ވަރަށް އުފާކުރަން! އަބަދުވެސް ތިމާއަށް ވުރެ ބޮޑެތި މީހުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރަންވާނެ!"

އެ ދުވަސްވީ އީނާލާއި އީނާސަށް ވެސް ވަރަށް ހަނދާންނައްތައިނުލެވުނު ދުވަހަކަށެވެ.

ވިސްނައިގެން ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

  • އީނާލާއި އީނާސް ދާން ނިންމީ ކޮންތަނަކަށް ހެއްޔެވެ؟
  • އީނާލާއި އީނާސް ދޮންތަ އެ ކުދިންނަށް މަނާކުރީ ކޮން ކަމެއް ހެއްޔެވެ؟
  • އެ ކުދިންގެ ދޮންތަ އެދުނު ފަދައިން އެ ކުދިން ކަންތައް ކުރި ހެއްޔެވެ؟ ތިޔަހެން ތިޔަ ބުނަނީ ކީއްވެގެން ހެއްޔެވެ؟
  • އީނާލާއި އީނާސް އަތިރިމައްޗަށް ދިޔައިރު ފެނުނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
  • އެ ކުދިން ދޮށި ހިފައިގެން ގޮސް ކުރީ ކީއް ހެއްޔެވެ؟
  • ކުއްލިއަކަށް ވާރޭ ވެހެން ފެށުމުން އެ ކުދިން ކަންތައް ކުރީ ކިހިނެތް ހެއްޔެވެ؟
  • އެ ކުދިންނަށް ގެއަށް ދެވުނު އިރު ވެފައި ތިބީ ކިހިނެތް ހެއްޔެވެ؟
  • އެ ކުދިންނާ ގޭތެރެއިން ބައްދަލުކުރީ ކާކު ހެއްޔެވެ؟
  • އެ ކުދިންގެ މަންމައާއި ބައްޕަ ބުނީ ކީކޭ ހެއްޔެވެ؟
  • މި ވާހަކައިން ލިބުނު ޢިބްރަތަކީ ކޮބައިހެއްޔެވެ؟

 

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް