November 23, 2024 13:09
Advertisement

-Advertisement-

ފޮޓޯ: ޕިކްޒަބޭ.ކޮމް

މީސްމީޑިއާ: ތިމާވެށީގެ ބޮޑު ހަތުރެއް! އެކަމަކު އެންމެންގެ ބެސްޓް ފްރެންޑް!

މީސްމީޑިއާއަކީ ތިމާވެށީގެ ހަތުރެއްކަމުގައިދެކި އެކަމާ ކަންބޮޑުވާ ބަޔަކުނެތްފަދައެވެ. ހުރިހާ ގިންތިއަކާއި ފަންތިއެއްގެ މީހުންގެ ތެރޭގާވެސް މީސްމީޑިއާގެ މަޤުބޫލުކަމާއިހުރެ މިކަންއޮތީ އެގޮތަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިއަދުގެ ދުނިޔެއަކީ ހުރިހާކަމެއްގެ ކޮންޓުރޯލް އެމީހެއްގެ ފޯނުގެ އެހީގައިނޫނީނުވާ ޒަމާނަކަށްވުމެވެ. އެކަމާއިހުރެ މީސްމީޑިއާއަކީ " ބޭނުންވާ ކޮންމެކަމެއް"  ކޮށްދިނުމުގެ އެންމެ މުޙިއްމު ބައިވެރިޔާއަށް ވަނީ ވެފައެވެ.

އެހެންކަމުން މިކަމުގެ ފަހަތުގައި ތިބި "ސިކުނޑި" ތަކުގެ ބޭނުމާއި އެމީހުންގެ ބާރުގެ ދަށަށް އެންމެން ގެނެވިގެން ހިނގާ ކަންކަމަކީ ގިނަބަޔަކު މާބޮޑަށް ވިސްނާ ކަންކަމެއްނޫނެވެ. އަދި ވިސްނިއަސް މީސްމީޑިއާއި ދުރުނުވެވޭވަރަށް ދުނިޔޭގެ ހުރިހާކަމެއް ވަނީ ގުޅިލާމެހިފައެވެ. އެހެންވެ އެންމެނަށްވެސް ހާލަތު މަޖުބޫރުވަނީ އޭގެ ބައިވެރިވެރިންގެ ގޮތުގައި ތިބޭށެވެ. މީސްމީޑިއާއި ރުޅި ހަދައިފި މީހަކު ޖަމާޢަތުން ބާކީވާނެތީއެވެ.

މިގޮތަށް ބާކީވަނީ ހަމައެކަނި އެފަދަމީހަކު އެކަންޏެއްނޫނެވެ. އެމީހަކު ބަލަހައްޓަންޖެހޭ ފަރާތްތަކަށްވެސް މިކަމުގެ އަސަރު ކުރެއެވެ. މިސާލަކަށް ހަމައެކަނި ދިވެހިރާއްޖެއަށް ބަލާލިއަސް، ފަހަކަށްއައިސް މަދަރުސާ ކުދިންގެ ހުރިހާ އެންގުމެއްހެން ބެލެނިވެރިޔާއަށް ފޮނުވަނީ "ވައިބަރ" ،" ވަޓްސްއަޕް" ނޫނީ "ޓެލެގުރާމް" ފަދަ ވަޞީލަތަކުންނެވެ.

Advertisement

އެއިން ފޮނުވާ މެސެޖެއް ބަލާނުލެވިއްޖެނަމަ ކަންތަކާއި ޖެހުނީއެވެ. ޓައިމްޓޭބަލް ބަދަލުވިކަންނޭނގި  ގެންދަންވީ ފޮތްތައް އޮޅުންފަދަ އެތައްކަމެއް ދިމާވެއެވެ. ބައެއްފަހަރަށް މިފަދަގޮތްތައް މެދުވެރިވި ކުދިން ލަދުގަނެ ރޯންޖެހޭފަހަރު މަދެއްނޫނެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުޅިވަރުގެ މައިދާންތަކާއި ދުއްވާ އުނޅަދުތަކުގެ އިތުރަށް ޖަމާޢަތުގެ ހުރިހާކަމެއްގެ ކާމިޔާބާއި ނާކާމިޔާބީގައި ފިސާރި ރަނގަޅަށް މީސްމީޑިއާގެ "ހުނުމާއި ރުއިމުގެ އިޙްޞާޞްތައް" އެކިސިފަސިފައިގާ ދަނީ ބަންޑުންކޮށްލަމުންނެވެ.

އެހެންކަމުން މީސްމީޑިއާ ވެފައިވަނީ އެންމެންގެ ބެސްޓް ފުރެންޑަށެވެ. މީގެ އައު ޚިދުމަތްތައް ތަޖުރިބާކޮށްލުމަށް އެންމެ ފަހުގެ ފޯނާއި ހެޑްސެޓް ގަތުންފަދަ ކަންކަމަކީ ވަރަށް އާއްމު ޒަމާނީ އާދައެކެވެ. މިފަދަ ކަންކަން ނުކުރުމަކީ ކަޓުކަމެކެވެ. ރަޙުމަތްތެރިންގެ ތެރޭގައި ބާކީވާކަމެކެވެ.

ތިމާވެށީގެ ބޮޑު ހަތުރެއް!   

ދުނިޔެ ހޫނުވަމުންދިއުމުގެ މައިގަނޑު އަޞްލުކަމުގައިވާ "ގުރީންހައުސް ގޭސް" ޖައްވަށް ބޭރުވުމުގައި މީސްމީޑިއާގެ ދައުރު ވަރަށްބޮޑެވެ. ސަބަބަކީ ފަރުދީގޮތުން ޒިއްމާދާރުކަމާއިއެކު މީގެ ބޭނުން ނުކުރުމުގެ ސަބަބުން ކަމުގައި ދެއްކޭނެ ހެކިތައް ހުރީމައެވެ.  

 ބީ.ބީ.ސީ ރިޕޯޓެއްގެ އަންދާޒާއެއްގައިވާ ގޮތުން  މީސްމީޑިއާގެ ސަބަބުން އެވަރެޖުކޮށް ދުނިޔޭގެ ވަކިވަކި ކޮންމެ ފަރުދަކު އަހަރެއްގެ ތެރޭގައި 414 ކިލޯގުރާމް ކާބަންޑައިއޮކުސައިޑު ޖައްވަށް ދޫކުރެއެވެ.

މީހަކަށް އެވަރެޖުކޮށް ދުވާލަކު 145 މިނިޓު މީސްމީޑިއާގައި ހޭދަކުރެވޭއިރު، ކުރެވޭ "ސްކްރޯލްތަކާއި" ކޮންމެ "ލައިކް" އަކާއި "ކޮމެންޓް" އަކާއި "ޕޯސްޓް" އަކީ މިގޮތުން މާހައުލަށް ގެއްލުމެއްދެވޭ ކަމެކެވެ.

އިންޓަރނެޓާއި ގުޅިފައިވާ މީސްމީޑިއާ، ތިމާވެށީގެ ހަތުރަކަށް ވަނީ އޭގެ ބޭނުންކުރެވެނީ ކަރަންޓު އުފައްދައިގެން ކަމުންނެވެ. މިކަމަށްޓަކައި ތެޔޮއެންދުމުން ޖައްވަށް ބޭރުވާ ކާބަންޑައި އޮކުސައިޑު އަކީ ދުނިޔޭގެ މާހައުލު ތަޣައްޔަރުވެ ދުނިޔެ ހޫނުވުމުގެ އެންމެ ބޮޑުބައި ކުޅޭ ގޭހެވެ.

ދުނިޔޭގެ "ޑޭޓާ ސެންޓަރުތަކުގެ" ހިސާބުތަކުގައި ދައްކާގޮތުން މިކަމަށްޓަކައި ދުވާލަކު 200 ޓެޓްރާވޮޓް ގަޑިއިރުގެ ކަރަންޓް ބޭނުންކުރެއެވެ. ވެބުސައިޓެއް ހުޅުވާލުމަށް ކުރެވޭ ކޮންމެ ގޫގުލް "ސާޗް" އަކީ، އަވަރެޖުކޮށް 1.76 ގުރާމް ކާބަންޑައިއޮކުސައިޑު  ބޭރުވާކަމެކެވެ.

އެވަރެޖުކޮށް ދުނިޔޭގެ އާބާދީގެ 65.5% މީހުން (4.66 ބިލިއަން މީހުން) އިންޓަރނެޓްގެ ބޭނުން ކުރަމުންދާއިރު، ކުރެވޭ ކޮންމެ އީމެއިލަކީ 0.3 – 4 ގުރާމް ކާބަންޑައިއޮކުސައިޑް ގޭސް ބޭރުވާކަމެކެވެ. އީ.މެއިލުގައި ފޮޓޯއާއި އެހެން ޑޮކިއުމަންޓް ހިމަނާނަމަ، 50 ގުރާމް ސީ.އޯ.ޓޫ ބޭރުވެއެވެ.

ދިވެހިރާއްޖޭގައި ބައެއް މީސްމީޑިއާ ބޭނުންކުރެވޭގޮތުގެ  ތަފާސްހިސާބު 2023

ޖެނުއަރީގެ ނިޔަލަށް 373000 މީހުން މީސްމިޑިއާގެ ބޭނުން ހިފަމުންދެއެވެ. މިއީ އާބާދީގެ 71.3% އެވެ. ރާއްޖޭގައި އިންޓަރނެޓުގެ ބޭނުންހިފާ އާބާދީގެ ތެރެއިން 83% މީހުންނަކީ މަދުވެގެން މީސްމީޑިއާގެ އެކަތީގެ ބޭނުންހިފާ މީހުންނެވެ. މީގެ ތެރެއިން އަންހެނުންގެ އަދަދު 40.2% ގައި ހުރިއިރު ފިރިހެނުންގެ އިންސައްތައަކީ 59.8% އެވެ.

ފޭސްބުކް: 296000 މީހުން (އަންހެން: 38.6% . ފިރިހެން : 61.4 % )

އިންސްޓަގުރާމް : 199000 މީހުން (އަންހެން : 44.2% . ފިރިހެންް : 55.8 % )

ލިންކެޑްއިން : 130000 މީހުން

އެކްސް : 120000 މީހުން

މީގެ އިތުރަށް ދިވެހިންގެ ތެރޭގައި ޓިކްޓޮކްގެ ނުފޫޒުގަދަ މީހުންގެ އަދަދު ހާހުން ގުނާލެވޭއިރު، ޔޫޓިއުބަކީ އިންޓަނެޓްގައި އެންމެ ގިނަވަގުތު މީހުން ހޭދަކުރާ އެކައްޗެވެ.

ދުނިޔޭގައި އެވަރެޖުކޮށް މީސްމީޑިއާ ބޭނުން ކުރެވޭގޮތުގެ ތަފާސް ހިސާބު 2023

މީސްމީޑިއާގައި އެވަރެޖުކޮށް 2 ގަޑިއިރާއި 32 މިނިޓު ހޭދަކުރާއިރު، ފުރާއުމުރުގެ ކުދިން 3 ގަޑިއިރާއި 9 ގަޑިއިރު މިކަމުގައި ހޭދަކުރެއެވެ. މީހެއްގެ މުޅި ހަޔާތުގައި 10 އަހަރު މިކަމުގައި ދުއްވާލާއިރު، އެއީ 3.4 މިލިއަން މިނިޓެވެ.

އިންސްޓަގުރާމް: ރަޖިސްޓްރީ ކުރެވިގެން 203.5 ބިލިއަން މީހުން. އެވަރެޖުކޮށް މީހަކު ދުވާލަކު 29 މިނިޓު

އެކްސް: އެވަރެޖުކޮށް ދުވާލަކު 6 މިނިޓް

ޔޫޓިއުބް: ދުވާލަކު 41.9 މިނިޓް. މޯބައިލް ޑިވައިސްތަކުން 70% މީހުން ބަލާއުޅޭ

ޓިކް.ޓޮކް: އެވަރެޖުކޮށް ދުވާލަކު ސެޝަނެއް 10.88 މިނިޓް. ވަކިވަކި މީހުން އެވަރެޖުކޮށް 33 މިނިޓް . ޓިކް.ޓޮކު 1 ބިލިއަން މީހުން ބަލާ

ވަޓްސްއަޕް: 2 ބިލިއަން މީހުން ޢާއްމުކޮށް ބޭނުންކުރޭ. އެވަރެޖުކޮށް ދުވާލަކު 28 މިނިޓު ބޭނުންކުރޭ

މާހައުލަށް ލިބޭ އެހެނިހެން ގެއްލުން:

އެންމެންގެ 'ބެސްޓް ފުރެންޑް'، މީސްމީޑިއާގެ ގެއްލުންތައް މިންކުރެވޭއިރު، މާހައުލަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބޭގެއްލުންތަކަށް ބަލަންވާނެއެވެ. "މާހައުލު"، މިތަނުގައި މާނަމިކުރަނީ ދިރިއުޅޭ މީހުންނަށެވެ. މީގެ ސަބަބުން ވަކިވަކި ފަރުދުންނަށާއި ޖަމާޢަތަށް ކުރިމަތިވާ އިޖުތިމާއީ، ނަފުސާނީ ތަފާތު މައްސަލަތަކަކީ ހަމަ މާހައުލަށް ލިބޭ ގެއްލުމެކެވެ.

މިގޮތްދިމާވަނީ ، ރައްޔިތުން ، މީސްމީޑިއާއި އިންތިހާއަށް ދޯޅުވެ އެކަމުގައި ވަޤުތުތައް ހޭދަކުރަންނުވާވަރަށް އުޅެވޭތީއެވެ. ނަތީޖާއަކީ ކުރަންޖެހޭ އެތައްކަމެއްނުކުރެވިދިއުމެވެ. ނުވަތަ ވިސްނުމާއި ފަރުވާ ބަހައްޓައިގެން ކަންކަން ނުކުރެވިގެން ލިބޭ ގެއްލުންތަކެވެ. މިއީ ގިނަ ބައެއްގެ ތެރޭގައި އަށަގަތުމުން ޤައުމަށް ލިބޭ ގެއްލުމެކެވެ.

 ދިވެހިންގެ ތެރޭގައި ފަހަކަށްއައިސް މިއީ ވަރަށް އާއްމުކަމެކެވެ. އެންމެ އާދައިގެ މީހުންނާއި ޒިއްމާދާރު ވަޒީފާއަދާކުރާ ބައެއް ފަރާތްތައްވެސް މިކަމުގައި އުޅެނީ ވަރަށް ކުރީގައެވެ.  އޮފީސްތަކާއި ހޮސްޕިޓަލްތަކާއި ފިހާރަތަކާއި މިހެންގޮސް ހަމަހުރިހާ ކަމެއްގައި އުޅޭ އެތައްބަޔަކު މިވަނީ ނޭނގިނަމަވެސް މިކަމުގައި ދެވިހިފާފައެވެ.

މީސްމީޑިއާގައި ހިނގާ ހަނގާކުރުންތަކާއި ތަފާތު ފުރައްސާރައާއި، އެބައެއްގެ އަމިއްލަ ސިކުނޑީގެ ބަލިކަށިކަމުން މިކަމުގައި ދިމާވާ ބައެއް މައްސަލަތަކަކީ ގިނަބަޔަކު "ނުދައްކާ" ވާހަކަތަކެއްކަމަކު އެކަމުގެ އަސަރު ޖަމާއަތަށް ފޯރައެވެ. އާއިލާ ރޫޅުމާއި ވަޒީފާއިން ވަކިވާންޖެހުމާއި ޖަމާއަތުގައި އަގުވެއްޓިދިއުންފަދަ ގިނަ ކަންތައްތަކެކެވެ. ފަސްލައްކައެއްހާ މީހުންގެ އާބާދީއެއްގައި، ނިސްބަތުން މިއީ މަތީއަދަދުތަކެކެވެ.

މަޝްހޫރު ލިޔުންތެރިޔާ، ޖޯހަން ހަރީ 2022 ގައި ނެރުއްވާފައިވާ ފޮތް "ސްޓޯލެން ފޯކަސް" ގައި ލިޔުއްވާފައިވާ ބައެއް ވާހަކަތައް ގުޅުވާލާހިތްވަނީ މީސްމީޑިއާގެ ސަބަބުން  މީހުންގެ ވިސްނުމާއި ސަމާލުކަން ގެއްލޭގޮތާއިމެދުގައެވެ.

ކުރިއާއި ޚިލާފާށް މީހުން ނިދާ ވަގުތުގެ 20 އިންސައްތަ މިހާރު މަދުވެފައިވާ ކަމަށް ފޮތުގައި އޮތްއިރު، މިކަމުގެ ސަބަބުން ގެއްލުންތަކެއް ލިބޭނެކަމަށް ފާހަގަކޮށްފައިވެއެވެ.

މީހުން ނިދާ ވަގުތު މަދުވުމުގެ އެއް ސަބަބަކީ ހަމަގައިމުވެސް މީސްމިޑިއާއެވެ. މިކަމުގައި އެކިމީހުން ބައިވެރިވާ މިންވަރު ތަފާތުވިއަސް ވަގުތު ދުއްވާލެވޭ ގޮތަކީ މުޙިއްމު ނުކުތާއެކެވެ. ފަސްވަރަކަށް މިނެޓުގެ ކަމެއް ގަޑިދެގަޑިއިރަށް ދެމިގެން ހިނގައިދާނެއެވެ.

ބައެއް ފަހަރު އެކަކާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ގުރޫޕު "ޗެޓް" ކުރުމާއި އެހެން މީހުންގެ ކަންކަން ބަލާ އެއަށް ރައްދުދީ، ފާޑުކިޔާ ހެދުމުގައެވެ. ނޫނީ ގޯސް މަޤުޞަދެއް ނެތްނަމަވެސް އާދައެއް ހިފުމުން ވިސްނުމެއްނެތި ހަމަތިބުމުގައެވެ. އެއްގެއެއްގެ ދެކޮޓަރީގައި ތިބެގެން ފޯނުން ދެގަޑިތިންގަޑިއިރު މިކަމުގައި ވަގުތު އެބަހޭދަކޮށްލެވެއެވެ. މިހުންނަނީ ވަރަށް އާއްމުކަންކަމަށްވާތީ މިއީ ކަމެއްކަމަށް ނުދެކެވެއެވެ.

ކޮންމެއަކަސް މީސްމީޑިއާއަށް ދީފައިވާ މަގާމް ކިތަންމެ ބޮޑަސް، ޙަޤީޤަތުގައި މިއީ މާހައުލަށް ގެއްލުންތަކެއް ލިބޭ އެއްޗެކެވެ. އެކަމަކު މިކަން ކުޑަކުރުމުގެ ބާރު އެންމެންގެ އަތުގައި އެބައޮތެވެ.

މައުލޫމާތު: ގުލޯބަލް ސިޓިޒަން އޯ.އާރު.ޖީ، އާރތު އޯ.އާރު.ޖީ، ގުރީންކްއީން.ޑޮޓް.ކޮމް،

ނޯޓް: މިއީ ޓްރީ މޯލްޑިވްސް (ޓީ.އެމް)ގެ ލިޔުމެކެވެ. ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޓީ.އެމް އާއި 'ޒީޓައިމްސް' ގުޅިގެން ޚާއްސަ ލިޔުންތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީ.އެމް އަކީ 1993 ވަނަ އަހަރު އީޕީއެސް ސްކޫލުގައި އުފެއްދި ތިމާވެށި ޖަމްއިއްޔާ 'ފީޑް' ގައި ހަރަކާތްތެރިވި ބައެއް ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް