November 23, 2024 13:03
Advertisement

-Advertisement-

އަރާކުރި 8 ވަނަ އަދަދުގެ ވާހަކައެއް

ކުޑަކުދިންނަށް ޚާއްސަ: އޮޅުނު ފޮށި މި ވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

މިއީ "އަރާކުރި" 8 ވަނަ  ވަނަ އަދަދު "ކަޖޫބޭގެ މަޖާ4" މި ފޮތުގައި ހިމެނޭ 14 ވާހަކައިގެ ތެރެއިން ވާހަކައެކެވެ. އުމުރުފުރާ 9+ ވާހަކަ ކިޔުމަށްފަހު ދީފައިއެވާ މަސައްކަތް ކޮށްލާށެވެ!

ކަޖޫބޭއަކީ ބައެއްފަހަރަށް ތަންކޮޅެއް ކަންފަސޭހަ އަދި ފަރުވާކުޑަގޮތް ހުންނަ މީހެކެވެ. ބައެއްފަހަރަށް ގޭ ތަޅުދަނޑި ބޭއްވޭ ތަނެއް ނޭނގިގެން ގޭ ތަޅު ބަދަލުކުރަން ގިނަގިނައިން ޖެހުމަކީވެސް ކަޖޫބޭގެ ފަރުވާކުޑަކަމުން ޖެހޭކަމެއްގެ ގޮތުގައި ކަޖޫބޭގެ އަންހެނުން  މަރިޔަނބު އަބަދުވެސް ފާހަގަކުރެއެވެ. އަދި ބައެއްފަހަރަށް ބޭރު ގައުމުތަކަށް ފުރަންދާއިރު، ގޭގައި ޓިކެޓު ބާއްވައިފައި އެއާޕޯޓަށް އެބަދެއެވެ. ލާންގެންގުޅޭ ގަމީހާ ފަޓުލޫނު ވެސް ޖެހުނުތަނަކަށް އެއްލާއިލުމަށްފަހު ގެއްލިގެން  ހޯދަމުންދެއެވެ. ކަޖޫބޭގެ އަންހެނުން މަރިޔަނބު އަބަދުވެސް ކަޖޫބޭގެ މި ހުންނަ ފަރުވާ ކުޑަ ސިފަ ރަނގަޅުކުރުމަށްޓަކައި ނަސޭހަތްދީ ހަދައެވެ. އަދި އެގޮތަށް ފަރުވާ ކުޑަކޮށް އުޅޭނަމަ، ކިތަންމެ ބޮޑު ނުރައްކަލަކާވެސް ކުރިމަތިލާން ޖެހިދާނެކަމަށް މަރިޔަނބު އަބަދުވެސް ވިސްނައިދެމުންދެއެވެ.

އެއްފަހަރަކު މަރިޔަނބުގެ ބޭސްފަރުވާއަކަށް މި ދެމަފިރިން އިންޑިއާގެ ބެންގަލޫރަށް ދަތުރެއް ކުރިއެވެ. އެ ދެމީހުން ދަތުރުކުރި އިންޑިއަން އެއަރލައިން ފުލައިޓު އެ ދުވަހު ބެންގަލޫރުގައި ޖެއްސީ ހަވީރުގެ ވަގުތެއްގައެވެ. އެއީ ވަރަށް ވިއްސާރަވެސް ދުވަހެކެވެ. އެހެންކަމުން ކަޖޫބޭމެން ދަތުރުކުރި ފުލައިޓު ވެސް ފުރުން ލަސްވަމުން ލަސްވަމުންގޮސް ބޯޓު ބެންގަލޫރު އެއާޕޯޓުގައި ޖެއްސުނުއިރު އޮތީ އިރުއޮއްސެން ވަރަށް ކައިރިވެފައެވެ. އެ ވަގުތު އެއާޕޯޓްތެރެ ވެސް ވަނީ ތޮއްޖެހިފައެވެ. ކަޖޫބޭއާއި މަރިޔަން އިމިގްރޭޝަން ކައުންޓަރު ކިޔުގައި ޖެހިގެން ތިއްބާ، ކިޔޫ ތަރުތީބުން ގޮސް އެ ދެމީހުންނަށް ކައުންޓަރާ  ކައިރިއަށް ދެވިއްޖެއެވެ. ކަޖޫބޭ ފުރައިގެން ގެންދިޔަ ކައުންޓަރަށް ދައްކަންޖެހޭ އެތެރެވާ މީހުން ފުރަންޖެހޭ ފޯމުގައި އެ މީހުން ތިބޭނެކަމަށް ބުނި ހޮޓަލުގެ އެޑްރެސް ލިޔުނުއިރު އެ ހޮޓާ ހުންނަ މަގުގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ނެތުމުން އެކަމާ އޮފިސަރު ސުވާލުކޮށްފިއެވެ. އެކަމާ ކަޖޫބޭ އެ ދުވަހު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ދެކޮޅަށް ވާހަކަދައްކަންފެށިއެވެ. އަސްލު އެކަމާ ކަޖޫބޭ އެންމެ ބޮޑަށް ހިތްހަމަނުޖެހުނު ސަބަބަކީ ކަޖޫބޭ އަތުގައި އެއިން އެއްވެސް މަޢުލޫމާތެއް ގެނެވިފައި ނެތުމުންނެވެ. ނަމަވެސް ކަންދިމާވިގޮތުން މަރިޔަން އަތުގައި އެ އޮފިސަރު ބޭނުންވި ހުރިހާ މައުލޫމާތެއްވެސް ހުއްޓެވެ. އެހެންކަމުން، ފޯމުތައް ފުރިހަމަ ކޮށްލުމަށްފަހު، އެ ދެމީހުންވެސް އެމީހުންގެ ފޮށި ނަގަން ގޮސްފިއެވެ. ފޮށި ލިބުނީ ވެސް އެތާ މަޑުކޮށްގެން އެތައް އިރަކު ތިބުމަށްފަހުއެވެ. ދެމީހުންގެ ފޮށި ލިބުމުން އެމީހުން އެއާޕޯޓުން ޓެކްސީއެއް ނަގައިގެން ނައްޓައިލީ ހޮޓަލަށެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. އެ މީހުނަށް ހޮޓަލަށް ދެވުނުއިރު ރޭގަނޑު އަށެއްޖަހައި ބޮޑުވެއްޖެއެވެ.

Advertisement

ކަޖޫބޭމެން އިންޑިއާ އަށް ދިޔަ ދުވަހަކީ ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބަކަށް ވޯޓުލީ ދުވަހެކެވެ. ކަޖޫބޭމެން ފުރީ ވެސް ވޯޓުލާފައެވެ. އެހެންކަމުން ކަޖޫބޭމެން ތިބީ ނަތީޖާ ބެލުމަށްޓަކައި ކެއްމަދުވެފައެވެ. އެއީ ކަޖޫބޭމެންގެ އާއިލާގެ 2 ކުއްޖަކު ވެސް އެ އިންތިޚާބުގެ ދެ ދާއިރާއަކަށް ކުރިމަތިލާފައިވާތީއެވެ. އެހެންކަމުން އެރޭގެ ކެއުމަށްފަހު ދެމަފިރިން ތިބީ ފޯނުން ޚަބަރުތައް ކިޔާށެވެ. ކަޖޫބޭގެ އާއިލާއިން މަޖިލީހަށް ކުރިމަތިލީ ދެ ކުދިން ވެސް ގޮނޑި ކާމިޔާބުކުރިކަން ޔަޤީންވުމުން ކަޖޫބޭގެ ދެމަފިރިން އެރޭ އުފާފާޅުކުރުމަށްޓަކައި އެކިއެކި މީހުނާ ގުޅައި ތަހުނިޔާ ކިޔުމުގައި ވަރަށް ލަސްވަންދެން ނުނިދާ ތިބުމަށްފަހު ނިދަން ދިޔައެވެ. އޭރު 12 ޖަހައި ބޮޑުވެއްޖެއެވެ.

ކަޖޫބޭ ނިދާ ހެދުން ނަގަންވެގެން ފޮށީގެ ތަޅުދަނޑު ނަގައިގެން ގޮސް ފޮށި ހުޅުވައިލުމަށްޓަކައި ތަޅުދަނޑި ޖަހައިފައި އަނބުރައިލިއެވެ. ފޮށީގެ ތަޅެއް ނުހުޅުވުނެވެ. ދެތިން ފަހަރަކު ފޮށި ހުޅުވޭތޯ ތަޅުދަނޑި ގޮތްގޮތަށް އަނބުރާ މަސައްކަތް ކުރުމުންވެސް ފޮށި ހުޅުވޭގޮތެއް ނުވިއެވެ. ދެން ކަޖޫބޭގެ ލޯ އަޅައިގަތީ އެ ފޮށީގައި ބޮޑުއަކުރުން ލިޔެފައިވާ ނަމަށެވެ. "ސުބުޙާނަﷲ. މީ މަގޭ ފޮށްޓެއް ނޫން." ކަޖޫބޭއަށް ބާރަށް ބުނެވުނެވެ. މަރިޔަނބު ނިކަން ބަލާބަލަ! ގެނެވިފައި މި އޮތީ އެހެން މީހެއްގެ ފޮށްޓެއް. ހަމަ އަހަރެންގެ ފޮށި ކަހަލަ ފޮށްޓެއް. އެއްވެސް ތަފާތެއް ނެތް. ފޮށީގެ ކުލަޔާ، ސައިޒުގަވެސް އެއްގޮތް. ހަމައެކަނި ތަފާތުވާ އެއްޗަކީ ފޮށީގައި ލިޔެފައި އޮތް ނަން." ކަޖޫބޭ ހަދާނެ ގޮތް ހުސްވެއްޖެއެވެ. ދެން ކުރާނީ ކީއްބާވައޭ އެ ވަގުތު ކަޖޫބޭގެ ހިތަށް އެރިއެވެ. މަރިޔަނބު ވެސް ފޫހިގޮތަކަށް އެކަމަކު ކަނބޮޑުވެފައި ކަޖޫބޭއާ ދިމާއަށް ބަލަން ހުއްޓެވެ. އެވަގުތު ކޮޓަރީ ދޮރުގައި މީހަކު ޓަކިޖެހި އަޑު އެ ދެމީހުނަށް އިވިއްޖެއެވެ.

ކަޖޫބޭ ވަރަށް ހާސްވެގެންހުރެ ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ އެ ހޮޓަލުގެ މެނޭޖަރެވެ. މެނޭޖަރު ބުންޏެވެ. "ވަރަށް އަވަހަށް ކަޖޫބޭ އެއާޕޯޓަށް ދިއުމަށް އެއާޕޯޓު ސެކިޔުރިޓީން އެބަ ބޭނުންވޭ. އެ މީހުން ބުނީ، ދިއްލީގައި  ކިޔަވަން ހުންނަ ދިވެހި ކުއްޖެއްގެ ފޮށި ކަޖޫބޭގެ އަތުގައި ވެއްޖެކަމަށް. އެ ކުއްޖާއަކީ، ބެންގަލޫރުގައި ޓްރާންސިޓުކުރި ކުއްޖެއް. އޭނާ ދިއްލީއަށް ދާ ފުލައިޓުން މިރޭ ފަތިހު 4 ޖަހާއިރު ބެންގަލޫރުން ނައްޓައިލަން ހަމަޖެހިފައި އޮތްއިރު އޭނާގެ ފޮށިވީ އަދި ކަޖޫބޭގެ އަތުގައިކަމަށް އޮފިސަރު ބުނި. އެ ފުލައިޓް ފުރާ ގަޑި ކުޑަތަންވަނީ. ވީމާ، ހަމަ މިހާރު ކަޖޫބޭ އެ ފޮށި އެއާޕޯޓަށް ގެންގޮސްދިނުމަށް ސެކިޔުރިޓީ އޮފިސަރުން އެބަ އަންގާ!  

މެނޭޖަރުގެ މި ވާހަކަތައް އަޑުއަހަން ކަޖޫބޭގެ އަންހެނުން މަރިޔަނބު ވަރަށް ބޮޑަށް ރުޅިއައިސްފައި އެތާ ހުއްޓެވެ. މެނޭޖަރު ދިއުމުން މަރިޔަނބު ކަޖޫބޭއާ ދިމާއަށް ލޯއަޅައިލަމުން ބުންޏެވެ. "ކޮބާ؟ ކިހިނެއް. ރީތިވެއްޖެއެއްނު؟  އެއީ އަބަދުވެސް މަ މި ބުނާ ވާހަކައަކީ ތިޔަ ކަންފަސޭހަގޮތް ދޫކޮށްލާށޭ! މިއަދު ތިޔަ ފޮށި ހިފައިގެން އެއާޕޯޓުން ނިކުތުމުގެ ކުރިން ތީގައި ލިޔެފައި އޮތް އެއްޗެއް ބަލައިލިނަމަ ހަމަ ޔަޤީނުން ވެސް މިރޭ މި ދިމާވި ލަދުވެތިކަމާ އަދި އުނދަގުލާ ކުރިމަތިލާކަށް ނުޖެހުނީހެއްނު. އަނެއްކާ މިއޮއް ދަންވަރު ދޮޅުގަޑިއިރު ދުއްވާފައި މިއޮއް ފިނީގައި ދާންވީ އެއާޕޯޓަށް.!" ކަޖޫބޭ ދެރަވެފައި ލަދުވެތިގޮތަކަށް ބޯޖަހައިލިއެވެ. ދެން ހަމަ ވަގުތުން ކަޖޫބޭގެ ދެމަފިރިން އެ ހޮޓަލުން ހަމަޖައްސައިދިން ކާރެއްގައި ފޮށި ހިފައިގެން އެއާޕޯޓަށް ދިއުމަށްޓަކައި ނައްޓައިލިއެވެ.

 އެ މީހުނަށް އެއާޕޯޓަށް ދެވުނުއިރު ދެއެއްޖަހައި ބޮޑުވެއްޖެއެވެ. އެއިރު ކަޖުބޭގެ އިންތިޒާރުގައި އެ ދިވެހި ކުއްޖާ ވެސް ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. އަދި ފޮށި އެއާޕޯޓު ސެކުއިރިޓީއާ ޙަވާލުކުރިއިރު އެ ތަނުގައި ކަޖޫބޭގެ ފޮށި ވެސް ހުއްޓެވެ. ކަޖޫބޭ ގެންދިޔަ ފޮށި އެތަނުގައި ބެހެއްޓުމުން އެ ފޮއްޓަށް ބަލައިލާފައި އެއާޕޯޓު ސެކިޔުރިޓީ އޮފިސަރު ބުންޏެވެ. "މީ ހާދަ އެއްވައްތަރުގެ ދެ ފޮއްޓޭ. ދެ ފޮށި އެއްގޮތްކަމުން ހަމަ ރަނގަޅަށް އޮޅިފައި ތި ހުރީ" ދެން ކަޖޫބޭ ގެނައި ފޮށްޓަށް ބަލައިލާފައި ބުންޏެވެ. އެކަމަކު ތިޔަ ފޮށީގައި މީހަކަށް އޮޅިގެން ނުގެންދެވޭ ވަރަށް ބޮޑުކޮށް ނަން ޖަހާފައި ވެސް އެބަހުރި ދޯ؟ ގެންދިއުމުގެ ކުރިން ކުޑަކޮށް ވެސް ސަމާލުކަމެއްދިން ނަމަ މި ގެންދެވެނީ ތިމާގެ ފޮށި ނޫންކަން އެނގުނީސް ދޯ." އެ ވަގުތު ކަޖޫބޭ މަރިޔަނބާ ދިމާއަށް ލަދުވެތި ނަޒަރަކުން ބަލައިލުމަށްފަހު އިސްޖަހައިލިއެވެ. އަދި މަރިޔަނބު ފޫހިގޮތަކަށް ލޯއަޅައިލުމަށްފަހު މޫނު އަނބުރައިލިއެވެ.

ދެން އެ ފޮށީގެ ވެރިޔާއާ އެއާޕޯޓު އޮފިސަރު ފޮށި ހަވާލުކުރުމުން އެ ކުއްޖާ އޭނާއަށް އެހީތެރިވެދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައި އަވަސްއަވަހަށް ޑިޕާޗާރ ހޯލްތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެއިރު ފުލައިޓު ނައްޓާލަން ގަޑިއަކަށް ވުރެ އޮތީ ކުޑަތަންވެފައެވެ.   (ނިމުނީ)

*******************                              

  • ފަރުވާތެރިކަމާއެކު ވާހަކަ ކިޔާފައި ސުވާލުތަކަށް ޖަވާބު ދޭށެވެ!
  1. ކަޖޫބޭއަކީ ކޮންކަހަލަ މީހެއް؟ ބައެއްފަހަރަށް އޭނާއަށް ދިމާވަނީ ކޮންމައްސަލައެއް؟
  2. މަރިޔަން އަބަދުވެސް ވިސްނައިދޭން ޖެހެނީ ކޮންކަމަކަށް ހެއްޔެވެ؟
  3. އެއާޕޯޓުގައި ކަޖޫބޭ ހިތްހަމަ ނުޖެހުނީ ކޮންކަމަކާ؟
  4. އޮފިސަރު ބޭނުންވި މައުލޫމާތު ލިބުނީ ކާކުގެއަތުން ހެއްޔެވެ؟
  5. ކަޖޫބޭގެ ދެމަފިރިން އެރޭ ހޮޓަލަށް އައިސްފައި ކުރި ދެ ކަމެއް ބުނެދޭށެވެ!
  6. ކަޖޫބޭއަށް ގެނެވުނީ އޭނާގެ ފޮށި ނޫންކަން އެނގުނީ ކޮންއިރަކު ހެއްޔެވެ؟
  7. ކޮޓަރީގެ ދޮރުގައި ޓަކިޖެހީ ކާކު؟ އަދި އޭނާ އައީ ކޮންކަމަކު ހެއްޔެވެ؟
  8. މެނޭޖަރުގެ ވާހަކަތައް އަޑުއަހަން ހުރި މަރިޔަނބަށް ވީ ކިހިނެއް ހެއްޔެވެ؟
  9. ކަޖޫބޭ ގެނައީ ކާކުގެ ފޮއްޓެއްތަ؟
  10. ކަޖޫބޭ ލަދުވެތިގޮތަކަށް ބޯޖަހައިލީ ކީއްވެ ހެއްޔެވެ؟
  11. ކަޖޫބޭ އެއާޕޯޓަށް ދިޔައިރު ކަންބޮޑުވެފައި އިންތިޒާރުގައި ހުރީ ކާކު ހެއްޔެވެ؟
  12. ކަޖުބޭއަށް އެ ލަނޑު ލިބެން މެދުވެރިވުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

 

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
0
+1
1
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ކުދިން ޖަވާބު ހަދާފައި ފޮނުވަންޖެހެނީ ކޮންތާކަށް. ލިބޭ އިނާމަކީ ކޮބާ؟

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް