July 6, 2024 18:56
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: ސާރިދޯޅާއި ދެ ރަޙްމަތްތެރިން މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް

މިއީ އަރާކުރި 18 ވަނަ އަދަދުގެ "މާމަގެ ޢިބްރަތްތެރި ވާހަކަތައް" މި ފޮތުގެ ވާހަކައެކެވެ. އުމުރުފުރާ އަކީ 9 އަހަރުން މަތި އެވެ. 

އިންޑިޔާގެ އަވަށެއްގައި ދެ ޒުވާނަކު ދިރިއުޅެމުން ދިޔައެވެ. މިއީ ދެ އަވައްޓެރިންވެސް މެއެވެ. މި ދެ ޒުވާނުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އަބަދުވެސް އުޅެނީ އެކުއެކީގައެވެ. އެއް ދުވަހަކު މި ދެ ޒުވާނުން އެ މީހުންގެ ކުޑައިރުގެ ރަޙްމަތެރިއަކާ ބައްދަލުކޮށްލުމަށްޓަކައި އެ މީހުންގެ އަވަށާ ޖެހިގެން އޮތް އަވަށަށް ދާން ނިކުމެއްޖެއެވެ. އެ ދެ އަވަށުގެ ދެމެދުގައި ބޮޑު ޖަންގައްޔެއް އޮވެއެވެ. އެ ޖަންގަލީގައި މި ދެ އެކުވެރިން ހިނގަމުން ދިޔައެވެ. އެ ވަގުތު އެހެން ދެތިން މީހަކު ވެސް އެ މަގުން ދަތުރުކުރަމުން ދިޔައެވެ.

މި ދެ އެކުވެރިން ހިނގަމުން ދަނިކޮށް ޖަންގަލީގެތެރެއިން ކުއްލިއަކަށް އެ މީހުންގެ ކުރިމައްޗަށް ނިކުތީ ބިޔަ ސާރިދޯޅެކެވެ. އެ އެތި ޖަންގަލީގެ ތެރެއިން ނިކުމެގެން އެ ދެ މީހުންނާ ދިމާއަށް އަންނަތަން ފެނުމުން ދެ މީހުން ވެސް ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ. އަދި އެ ތަނުން އެކަކު ބާރަށް ދުވެފައި ގޮސް އެތާ ހުރި ބިޔަ ގަހަކަށް އަރައިފިއެވެ.

Advertisement

 ދެވަނަ ރަޙްމަތްތެރިޔާއަކަށް އެހާ ބާރަކަށް ނުދުވެވުނެވެ. އެކަމަކު އޭނާއަށް ދުވެވުނު ވަރަކުން ދުވަމުން ދުވަމުން ގޮސް ގަހަށް އަރައި އޮތް ރަޙްމަތްތެރިޔާ ގާތުގައި އެހީވުމަށް އެދެމުން ދިޔައެވެ. އެކަމަކު އޭނާ ގަހުގައި އިން ގޮތަށް އިނީއެވެ. އެކުވެރިޔާއަކަށް މި ފަހަރު އެއްވެސް އެހީއެއް ނުވިއެވެ. ދެވަނަ ރަޙްމަތްތެރިޔާ ހަދާނެގޮތް ހުސްވެއްޖެއެވެ. ދެން ހަދާނެގޮތް ހުސްވެގެން ކުރިކަމަކީ އަމިއްލައަށް އެ ގަސްދަށަށް ވެއްޓި މަރުވީ ކަމަށް ހެދިގެން އޮތީއެވެ. އެ ވަގުތު އެ ތަނަށް އެއްކަލަ ސާރިދޯޅަށް އާދެވިއްޖެއެވެ. އަދި ވެއްޓިފައި އޮތް މީހާގެ ކައިރީގައި ބުރުޖަހަން ފަށައިފިއެވެ. އޭނާ ގައިގައި ވަސްގަންނަމުން ނޭފަތުގައި މޫނު ޖައްސަމުން އެތައް ފަހަރަކު ބުރު ޖެހުމަށް ފަހު މަޑުމަޑުން ގޮސް ޖަންގަލީތެރެއަށް ވަދެ ގެއްލިއްޖެއެވެ. މި މަންޒަރު ބަލަން ގަހުގައި އޮތް އެކުވެރިޔާ އޮތެވެ. ސާރިދޯޅު ގޮސް އޮބައިލުމުން ގަހުގައި އޮތް އެކުވެރިޔާ ގަހުން ފައިބައިގެން ވެއްޓިފައި އޮތް އެކުވެރިޔާ ގާތަށް އައިސް ބުންޏެވެ. އެ ސާރިދޯޅު ކަލޭ ކައިރިއަށް އައިސް ކަލޭގެ ކަންފަތްދަށުގައި އެކީ ކީކޭ ހެއްޔެވެ؟ ވެއްޓިފައި އޮތް އެކުވެރިޔާ ބުންޏެވެ. އެ ސާރިދޯޅު މަގޭ ގާތުގައި ސިއްރު ސިއްރުން އެ ބުނީ، ހާލުގައި ޖެހޭ ވަގުތު އެކަނި ކޮށްލާފައި ދާ މީހުންނާއެކު އިތުރަށް ރަޙްމަތްތެރިކަން ނުބާއްވާށެވެ.

މިހެން ބުނަމުން ތެދުވެގެން އޭނާ ބާރަށް ގޮސް އޮބައިލައިފިއެވެ. ގަހުން ފޭބި ރަޙްމަތްތެރިޔާ ގަތް ލަދުން މޫނުގައި ދެއަތް އަޅައިގެން ރަޙްމަތްތެރިޔާ ގޮސް އޮބައިލި ދިމާއަށް ބަލަން ހުއްޓެވެ.

***************

ވާހަކައާ ގުޅޭ ރަނގަޅު ޖަވާބުގައި ރަނގަޅު ނުބައި ޖަވާބުގައި ރަސްގެ ޖަހާށެވެ! 

(1) ވާހަކައިގައި އުޅޭ ދެ ޒުވާނުންނަކީ:

ހ. ދުޝްމިނުންނެވެ.      (  )

ށ. ރަޙްމަތްތެރިންނެވެ.     (  )

ނ. މޮޔައިންނެވެ.       (  )  

  (2) ދެ އަވަށް ދެމެދުގައި ބޮޑު:

ހ. ޖަންގައްޔެއް އޮވެއެވެ.    (  )

ށ. ކޯރެއް އޮވެއެވެ.       (  )

ނ. ފާލަމެއް އޮވެއެވެ.      (  )

(2) ޖަންގަލީގެ ތެރެއިން އެ މީހުންގެ ކުރިމައްޗަށް ކުއްލިއަކަށް ނިކުތީ:

ހ. ބިޔަ މިނިކާ ވަގެކެވެ.   (  )

ށ. ބިޔަ ސިންގާއެކެވެ.    (  )

ނ. ބިޔަ ސާރިދޯޅެކެވެ.    (  )

ވިސްނައިގެން ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

1- ދެ އެކުވެރިންގެ ތެރެއިން އެކަކު ބާރަށް ދުވެފައި ގޮސް ގަހަށް އެ އެރީ ކީއްވެހެއްޔެވެ؟

2. ދެވަނަ އެކުވެރިޔާ މަރުވާ ކަމަށް ހެދިގެން ބިންމަތީގައި އޮށޯތީ ކީއްވެގެން ހެއްޔެވެ؟

3. ވެއްޓިފައި އޮތް މީހާ ކައިރިއަށް ގޮސް ސާރިދޯޅު ކުރީ ކީއްހެއްޔެވެ؟

4. ގަހަށް އެރި ރަޙްމަތްތެރިޔާ ލަދުން މޫނުގައި ދެ އަތް އެޅީ ކީއްވެހެއްޔެވެ؟

5. މި ވާހަކައިން ލިބުނު ޢިބްރަތަކީ ކޮބައިހެއްޔެވެ؟

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
1
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް