September 19, 2024 08:51
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: "ސިންގާއާއި ގެރި" މިވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

"ސިންގާއާއި ގެރި" މިއީ "މާމަގެ ޢިބްރަތްތެރި ވާހަކަތައް 1" މި ފޮތުގެ ވާހަކައެކެވެ.

އެއް ސަހަރެއްގައި ދަނޑުވެރިޔަކު އުޅުނެވެ. އޭނާ ވަރަށް ލޯބިން ގެންގުޅޭ ގެރިއެއް އޮވެއެވެ. ކޮންމެ ދުވަހަކު ވެސް އެ ދަނޑުވެރިޔާ އޭނާ ގެންގުޅޭ އެ ގެރި ހުއިހައްޕަން ޖަންގަލީ ތެރޭގައި އޮންނަ ވިނަގަނޑަކަށް ގެންދެއެވެ.

އެއް ދުވަހަކު ގެރި އޮތީ އޭތި އާދަކޮށް ވިނަކާން އޮންނަ ވިނަގަނޑުގައި ވިނަ ކާށެވެ. އެ ވަގުތު ދަނޑުވެރިޔާ ވެސް އެ ހިސާބުގައި އުޅެމުން ދިޔައެވެ. އެހެން އުޅެނިކޮށް ދަނޑުވެރިޔާއަށް ކުއްލިއަކަށް ފެނުނީ ސިންގާއެއް މާ ބާރަށް ހަޅޭއްލަވަމުން ގެރި ހުއިކާން އޮތް ދިމާއަށް އަންނަތަނެވެ. ސިންގާ އަންނަތަން ފެނުމުން ދަނޑުވެރިޔާ ގަތްބިރުން ގެރި ދޫކޮށްލާފައި ދުވެގޮސް ފިލައިފިއެވެ. ދެން ގެރި ވެސް ސިންގާ އަންނަތަން ފެނިގެން ޖަންގަލީ ތެރޭގައި ކޮޅުކޮޅަށް ދުވަން ފަށައިފިއެވެ. އަދި ގެރިއަށް އޭތީގެ ވެރިމީހާ ދިޔަ ދިމާއެއް ނޭނގި ގެއްލި، މުޅިން މަގު އޮޅިއްޖެއެވެ. ދެން ގެރިއަށް ދެވޭ ނުދެވޭ ދިމާއެއް ނޭނގި އުޅެނިކޮށް، އެއްކަލަ ހަޅޭއްލަވަމުން ދިޔަ ސިންގާއަށް ގެރި ފެނިއްޖެއެވެ.

Advertisement

ސިންގާއަށް ގެރި ފެނުމާއެކު ވަރަށް ބާރަށް ގޮސް ގެރީގެ ކުރިމައްޗަށް އަރައިފިއެވެ. ނަމަވެސް ސިންގާ އައިސް އެ ގެރި ކައިލާކަށް ނޫޅުނެވެ. އަދި ސިންގާ ބުންޏެވެ. މި ބޮޑު ޖަންގަލީގައި އަހަރެންގެ އެއްވެސް ރަޙްމަތްތެރިއަކު ނެތެވެ. އަހަރެން ފެނުމާއެކު ހުރިހާ އެއްޗެއް ވެސް ބިރުންގޮސް ފިލަނީއެވެ. އަހަރެން މި އުޅެނީ ރަޙްމަތްތެރިއަކު ބޭނުންވެގެންނެވެ. ވީމާ، ކަލޭ މަގޭ ރަޙްމަތްތެރިއަކަށް ވެވިދާނެ ހެއްޔެވެ؟ ސިންގާ މިހެން ބުނުމުން ގެރި ވަރަށް ޙައިރާންވެއްޖެއެވެ. އަދި ގެރިއަށް މި ސިންގާ ފެނުނީ ވެސް ވަރަށް އޯގާތެރި އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ސިންގާ އެދުނު ފަދައިން ގެރި ވެސް ސިންގާގެ ރަޙްމަތްތެރިއަކަށް ވެއްޖެއެވެ. ދެން މި ދެ ރަޙްމަތްތެރިން ވަރަށް އެކުވެރިކަމާއެކު އެ ޖަންގަލީގައި ދިރިއުޅެމުން ދެއެވެ. އަދި އޭގެ ފަހުން ގެރި އޭތީގެ ސާހިބު ދަނޑުވެރިޔާ ހޯދާކަށް ވެސް މަސައްކަތެއް ނުކުރިއެވެ. ސިންގާއާއި ގެރީގެ އުޅުމުގައި ހުންނަ ގާތްކަމާއި އެ އެކަތި އަނެކައްޗެއްގެ މައްޗަށް ހުންނަ އޯގާތެރިކަން ފެނިފައި އެ ޖަންގަލީގައި ދިރިއުޅޭ އެހެން ޖަނަވާރުތައް އެކަމާ ޙަސަދަވެރިވެ އަދި ޙައިރާންވެފައި ދުރުގައި ބަލަން ތިބެއެވެ.

އެއް ދުވަހަކު ޖަންގަލީގައި އުޅޭ ހިޔަޅަކަށް ގެރި އެކަނި އޮއްވާ ފެނިގެން އައިސް ގެރި ގާތުގައި ބުންޏެވެ. ކަލޭ އެ ސިންގާއާ އެކު ތިހާ ގާތްކޮށް ތިޔަ އުޅެނީ ކީއްވެ ހެއްޔެވެ؟ ކަލެއަށް އޭތީގެ މަކަރުވެރިކަމާ ރޭވުން ހަމަ ނޭނގޭ ހެއްޔެވެ؟ މި ޖަންގަލީގެ ތެރޭގައި އެ އުޅޭ ހުރިހާ ޖަނަވާރުން ވެސް ބުނާގޮތުގައި އެ ސިންގާ ވަރަށް އަވަހަށް ކަލޭގެ ދުވަސް ދުއްވައިލާނެއެވެ. މަ މި ބުނަނީ ކަލޭ ކައިލާނެ ވާހަކައެވެ. އެހެންވެ އަހަރެން މިއައީ އެ ވާހަކަ ކަލެއަށް އަންގައި ކަލެއަށް ވިސްނައި ދިނުމަށްޓަކައެވެ. ހިޔަޅުގެ މި ވާހަކަތައް ގެރި ގަބޫލެއް ނުކުރިއެވެ. އެކަމަކު ގެރީގެ ހިތަށް އެރިއެވެ. އެ ހިޔަޅު ބުނީ ތެދަކަށް ވެސް ފަހަރެއްގައި ވެދާނެއެވެ. އެހެން ވީމާ، ސިންގާއާއެކު އުޅޭއިރު ލަނޑެއް ދީފާނެކަމަށް ވާނީ ވިސްނައިގެން އުޅޭށެވެ.

ގެރި ގާތުގައި ހިޔަޅު، ސިންގާއާ ބެހޭގޮތުން އެ ގޮތަށް ވާހަކަ ދެއްކުމަށްފަހު، ތަންކޮޅަކަށް ދިޔަ ތަނާ މަގުމަތިން ސިންގާއާއި ވެސް ހިޔަޅު ބައްދަލުވެއްޖެއެވެ. ދެން ހިޔަޅު ސިންގާ ގާތު ބުނެފިއެވެ. ކަލޭގެ ރަޙުމަތްތެރި ގެރިއާއި ދާދި ދެންމެ އަހަރެންނާއި ބައްދަލުވިއެވެ. ގެރި ބުނީ އޭނާ މިހާރު ވިސްނަމުން ދަނީ، ކައިރީގައި އޮތް އަވަށަށް ގޮސް އޭނާގެ ރަޙްމަތްތެރިން ގޮވައިގެން އައިސް ކަލޭގެ ކިބައިން ސަލާމަތް ވާށެވެ. މަ މި ބުނަނީ، އޭނާ ބުނީ ކަލޭ މަރާލާނެ ވާހަކައެވެ. މި ވާހަކަ އަޑު އަހާފައި ސިންގާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން އެ ދޭތި އުޅޭ ހޮހޮޅައާ ދިމާއަށް ދުއްވައިގެންފިއެވެ.

ސިންގާ އައި ރުޅީގައި ބާރަށް ގޮސް ވަނީ، އެ ދޭތި ދިރި އުޅޭ ހޮހޮޅައިގެ ތެރެއަށެވެ. އެ ވަގުތު ގެރި ހޮހޮލައިގެ ތެރޭގައި އޮތެވެ. ސިންގާ ހޮހޮޅައިގެ ތެރެއަށް ވަނުމާއެކު އެއްވެސް ސުވާލެއް ކުރުމެއްނެތި ދިޔަގޮތަށް ގޮސް ވަގުތުން ގެރިއަށް ހަމަލާ ދީފިއެވެ. ގެރި ވެސް އޮތީ އެހެން ވެދާނެކަމަށް ކުރިންސުރެ ވިސްނައިގެންނެވެ. އެހެންކަމުން ގެރި ވެސް ސިންގާގެ ޙަމަލާއަށް ވަގުތުން ރައްދު ދީފިއެވެ. މި ދޭތި އެކަތި އަނެކައްޗާ ހަމަލާދެމުންގޮސް ދޭތި ޒަޚަމްވެ އެންމެ ފަހުން ސިންގާއާއި ގެރި މަރުވެގެން ވެއްޓިއްޖެއެވެ.

މި މަންޒަރު ބަލަން ދުރުގައި އެއްކަލަ ހިޔަޅު އޮތެވެ. ދޭތި މަރުވެގެން ވެއްޓުތަން ފެނުމުން ހިޔަޅު އުފަލުން އައިސް ސިންގާއާއި ގެރީގެ މަސްގަނޑު އޭތީގެ ކާނާއަކަށް ހަދައިލައިފިއެވެ.

ޢިބްރަތް: ކަމުގެ ދެކޮޅު ނުބަލައި ރުޅި އިސްކުރުމުން އަބަދުވެސް ލިބޭނީ ގެއްލުމެވެ.

ވާހަކައާ ގުޅޭ ރަނގަޅު ޖަވާބުގައި ރަނގަޅު þ ނުބައި ޖަވާބުގައި ރަސްގެ ý ޖަހާށެވެ! 

(1)  ހުއި ކާން އޮތް ގެރިއާ ދިމާއަށް އައީ ބިޔަ މިނިކާ ވަގެކެވެ.          (  )

 (2) ސިންގާ އަންނަތަން ފެނިފައި ދަނޑުވެރިޔާ ގަތް ބިރުން ދުވެ ފިލީއެވެ.    (  )          

 (3) ސިންގާއާއި ގެރިއަކީ މާ ކުރީގެ ވެސް ދެ ރަޙްމަތްތެރިންނެވެ.          (  )

 (4) ހިޔަޅު ދެއްކި ވާހަކައަށް ގެރި އަޅައެއްވެސް ނުލިއެވެ.               (  )

 (5) ހިޔަޅުގެ މަކަރުގައި ސިންގާއާއި ގެރި ރަނގަޅަށް ޖެހިއްޖެއެވެ.         (  )

  • ވިސްނައިގެން ވާހަކަ ކިޔުމަށް ފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

ހ- ދަނޑުވެރިޔާ ގެންގުޅޭ ގެރި ހުއި  ހައްޕަން ދަނީ ކޮން ތަނަކަށް ހެއްޔެވެ؟

ށ- ދަނޑުވެރިޔާ ގެރި ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟

 ނ- ސިންގާއާއި ގެރީގެ އެކުވެރިކަން ފެނިފައި އެހެން ޖަނަވާރުތަކަށްވީ ކީއް ހެއްޔެވެ؟

ހ- ސިންގާއާއި ގެރިއަށް އެ ދިމާވި ހިތާމަވެރި ގޮތް ދިމާވީ ކީއްވެ ހެއްޔެވެ؟

ށ- ތިޔަ ކުދިން ދެކޭގޮތުގައި ހިޔަޅު އެ ކުރީ ރަނގަޅު ކަމެއް ހެއްޔެވެ؟

ނ- މިވާހަކައަށް ނަމެއް ދޭން ތިޔަ ދަރިވަރަށް ޖެހިއްޖެނަމަ ދޭނީ ކޮންނަމެއް ހެއްޔެވެ؟

ނޯޓް  ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް