މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފިއުލް ސަރވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ފަށައިފައެވެ.
އޭމްއޭސީއެލްއިން މައުލޫމާތު ދޭގޮތުގައި މި ތަމްރީންތަކަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރު އުނގަންނައިދިނުމަށް ރޭވިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. މިގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށެވެ. ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިޔަށް އޮތް ތަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެއްކަމަށާއި ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސަރވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއަރ މުވައްޒަފުންނެވެ.
އެމްއޭސީއެލްގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައިވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މިއާއިއެކު، އެމް.އޭ.ސީ.އެލްގެ ފިއުލް ސަރވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށްގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މި ތަމްރީން ޕްރޮގްރާމްތައް ފެށުމާއިއެކު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޖުތަބާ ލަޠީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކޮށް ތަމްރީންތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ޕްލޭނަރުންނަށް ހިތްވަރު ދެއްވާފައެވެ.
މިއީ އެމް.އޭ.ސީ.އެލްގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމެވެ. އެމް.އޭ.ސީ.އެލްއިން މަސައްކަތްކުރަމުން ދަނީ ވެލެނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރލައިންތަކާއި، ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.