November 21, 2024 14:28
Advertisement

-Advertisement-

 ކުދިން ޝައުގުވެރިވާނެ ގޮތަކަށް ކިޔެވުމަށް ސަމާލުކަން ދޭނެ ގޮތް ބުނެދޭނީ ކިހިނެއް؟

ސްކޫލުގެ ބަންދު ދުވަސްތަކަށްފަހު މިއަދު ކިޔެވުން އަލުން ފެށުނީއެވެ. ސްކޫލުގެ ފިލާވަޅުތަކަށް ކުދިންގެ ސަމާލުކަން ހޯދުން ވަރަށް މުހިންމެވެ. ދިރާސީ އަހަރުގެ ކަލަންޑަރަށް އައި ބަދަލާއެކު ގިނަ ފިލާވަޅުތަކެއް ކުރު މުއްދަތެއްގައި ދަރިވަރުން އުނގެނެން ޖެހެއެވެ. އެހެންވުމުން އެއްފަހަރާ ފިލާވަޅުތައް ދަސްކުރަން ޖެހުމުން "ފޫހި" ކަމަށް ބުނެ ޝަކުވާ ކުރާ ކުދިން އުޅެއެވެ. ޅަ ސިކުނޑިތަކަށް އެކުދިން ޝައުގުވެރިވާނެ ގޮތަކަށް އުނގަންނައިދޭން މަސައްކަތް ކުރަންޖެހެއެވެ. ތަޖުރިބާކާރު މުދައްރިސުން ފުރިހަމައަށް ޒިންމާ އަދާކުރިއަސް ގޭގައި ބެލެނިވެރިން އަދާކުރަންޖެހޭ ޒިންމާ ވަކި ކުޑައެއް ނޫނެވެ. ކުދިން ޝައުގުވެރިވާނެ ގޮތަކަށް ކިޔެވުމަށް ސަމާލުކަން ދޭނެ ގޮތް މި ލިޔުމުގައި ހިމަނާލާނަމެވެ.

  • ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ކިޔެވުމަށް ވަގުތު ހުސްކުރުން

ނިދުމުގެ ކުރިން މައިންބަފައިންނާއެކު ކިޔެވުމުގެ ފުރުސަތު ކުދިންނަށް ދެވިދާނެއެވެ. ހަމައެކަނި ކިޔަވާށޭ ބުނެ އެކުދިންނަށް ދޫކޮށްނުލައި މައިންބަފައިންގެ އެހީތެރިކަމާއެކު ފޮތްތައް ކިޔާލާ ފިލާވަޅުތައް ނިންމާލުމަށް މަސައްކަތްކުރުމުން ކުދިންގެ ފަރާތުން ޝައުގުވެރިކަން ފެނިގެންދާނެއެވެ. އަދި ކޮންމެ ރެއަކުވެސް އެގަޑިއަށް އިންތިޒާރު ކުރެވޭގޮތް ވާނެއެވެ. އެއީ މައިންބަފައިންނާއެކު ކުދިންނަށް ހޭދަކުރެވޭ މުހިންމު ވަގުތަކަށްވެސް ވާނެއެވެ.

  • ލައިބްރަރީ އަށް ގެންދިއުން ނުވަތަ ޔޫޓިއުބްގެ ވީޑިއޯ

ސްކޫލުގައި ކުދިންނަށް ނަގައިދޭ ފިލާވަޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ލައިބުރަރީއަށް ކުދިން ގޮވައިގެން ދެވިދާނެއެވެ. ލައިބްރަރީއިން އެމައުލޫމާތު ހިމެނޭ ފޮތްތައް ލިބެން ނެތްނަމަ އިންޓަނެޓުން އެމައުލޫމާތު ހޯދިދާނެއެވެ. މިސާލަކަށް ޑޮކިއުމެންޓްރީއެއްވެސް ބަލާލެވިދާނެއެވެ. އެކި އުމުރުފުރާތަކަށް ބޭނުންވާ މައުލޫމާތު ހިމެނޭ ޑޮކިއުމެންޓްރީތައް ހިލޭ ބަލާލެވެން ހުރެއެވެ. މިފަދަ ވަގުތުތަކުގައި އެ ފިލާވަޅަކާއި ގުޅޭގޮތުން ކުދިންނަށް އެނގޭ މިންވަރަކާއި ގުޅޭގޮތުން ސުވާލުކޮށް ނޭނގޭ މައުލޫމާތުތައް ބުނެދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. މިސާލަކަށް ނާސަރީ ކުއްޖަކު ދިރޭތަކެއްޗާއި ގުޅޭގޮތުން ނުވަތަ ޕްލެނެޓްއާއި ގުޅޭގޮތުން މައުލޫމާތު ހޯދާނަމަ "ޑރ. ބައިނޮކޮސް" ގެ ވީޑިއޯތައް ދެއްކިދާނެއެވެ. ކުދިންނަށް ފަހުމުވާގޮތަށް ކުރުކޮށް ފޮނިކޮށް ރަނގަޅު މައުލޫމާތުތަކެއް ހިމެނޭ ގިނަ ވީޑިއޯތައް ޔޫޓިއުބުގައި އެބަހުއްޓެވެ.

Advertisement
  • ދުރާލާ ފިލާވަޅު ދަސްކުރާނެ ގޮތް ބުނެދިނުން

ޓެސްޓް ދުވަސްވަރު ކައިރިވުމުން ހުރިހާ ފިލާވަޅެއް ދަސްކުރަން އުޅުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ސްކޫލުން ގެއަށް އައުމުން އެދުވަހުގެ ފިލާވަޅުތައް އެދުވަހު ކުދިންނަށް ދަސްކޮށްދިނުމަށް ވަކިގަޑިއެއް ޚާއްސަ ކުރެވިދާނެއެވެ. އެގޮތަށް ދަސްނުކުރެވޭ ފިލާވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ހަފްތާ ބަންދުގައި ދެވިދާނެއެވެ. އެއިރުން ކުއްލިއަކަށް ފިލާވަޅު ދަސްކުރަން އުޅުމުން ކުދިންގެ ސިކުނޑިއަށް އެބުރަވާ މިންވަރު ކުޑަވާނެއެވެ. ޚާއްސަ ޓައިމްޓޭބަލެއްގެ ދަށުން ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރަން ފެށުމުން ކުދިން އަމިއްލައަށް އެކަމަށް ހޭނުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަދި ގަވާއިދުން ފިލާވަޅު ދަސްކުރުމުން ކުދިން ހިތްހަމަޖެހޭ ފަދަ ގޮތަކަށް އެކަން ފާހަގަވެސް ކުރެވިދާނެއެވެ. ބޭނުންވާ ހަދިޔާއެއްވެސް ދެވިދާނެއެވެ. 

  • ނޭނގޭ ފިލާވަޅު މުދައްރިސް ކައިރީގައި އަހައި އޮޅުން ފިލުވުމަށް ބުނެދިނުން 

ސްކޫލުގެ ގަޑިތަކުގައި ގިނަ ފިލާވަޅުތަކެއް ނަގައިދޭއިރު އެންމެ ފުރިހަމައަށް ހުރިހާ ފިލާވަޅުތަކެއް ފަހުމުނުވާ ކުއްޖަކުވެސް ހުރެދާނެއެވެ. އެހެންކަމަށްވާނަމަ ނޭނގޭ ފިލާވަޅު މުދައްރިސު ކައިރީގައި އަހައި އޮޅުންފިލުވުމަށް ކުދިންނަށް ހިތްވަރުދޭށެވެ. ލަދުން ނުހުރެ މުދައްރިސާއި ސުވާލުކުރުމަށް ބާރުއެޅިދާނެއެވެ. ބައެއް ކުދިންނަކީ އެހެން ކުދިން ދެކޭގޮތް ތަފާތުވެދާނެކަމަށް ހީވެ ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ހުންނަ ކުދިންނެވެ. ގެއަށް ކުދިން އައުމުން ފޮތްތައް ބެލުމަށްފަހު ކުދިން ބޮޑަށް މަސައްކަތްކުރަން ޖެހޭ ފިލާވަޅުތަކަކީ ކޮބައިކަން ދަނެގަނެ ފަސޭހައިން އެފިލާވަޅު ދަސްކުރެވޭނެ ގޮތަކީ ކޮބައިކަން ކުދިންނަށް ކިޔައިދިނުމުން އެއީ އެކުދިންނަށް ފިލާވަޅު ދަސްކުރަން ލިބޭނެ އިތުރު ހިތްވަރަކަށް ވާނެއެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް