March 4, 2025 15:36
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްޞަ "ބުއްދިވެރި ބަކަރި" މި ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

ހުދު ކުލައިގެ ކުޑަކުޑަ ބަކަރިއެއް އެއް ދުވަހަކު ހިނގަމުން ހިނގަމުން ދަނިކޮށް ކޯރެއް ފެނިއްޖެއެވެ. އެ ވަގުތު އެ ކޯރު ހުރަސްކޮށް އަނެއް ފަރާތަށް ދާހިތް ވެއްޖެއެވެ. ދެން އެ ބަކަރި ކޯރު ހުރަސް ކުރެވޭނެ ގޮތަކާމެދު ވިސްނައި ފިކުރުކުރަން އެތާ މަޑުކޮށްލިތަނާ ފެނުނީ އެ ދެމެދުގައި އަޅާފައި އޮތް ފާލަމެކެވެ. ވަގުތުން ބަކަރި ގޮސް ފާލަން މައްޗަށް އަރައި ފާލަން ހުރަސްކޮށް އަނެއް ފަރާތަށް ދިއުމަށް ޓަކައި ދަތުރު ފަށައިފިއެވެ.

ހުދު ބަކަރި ފާލަމުގެ ދެބައިކުޅަ އެއްބަޔަށް ދެވުނުތަނާ އެ އެއްޗަށް ފެނުނީ އަޅި ކުލައިގެ ބޮޑު ބަކަރިއެއް ފާލަމުގެ އަނެއްކޮޅުން އަންނަތަނެވެ. އިސާހިތަކު އަޅި ބަކަރި އައިސް ހުދު ބަކަރިއާ އަރާ ހަމަވެއްޖެއެވެ. އެއީ ވަރަށް ހަނި ފާލަމެކެވެ. އެ ފާލަންމަތިން އެއްފަހަރާ ދޭއްޗަށް ދެވޭނެ ޖާގައެއް ނެތެވެ. އެ ވަގުތު އަޅި ބަކަރި ބުންޏެވެ. މި ހިސާބަށް ކަލެއަށްވުރެ ކުރިން އައީ އަހަރެންނެވެ. ވީމާ، މި ފާލަމުން ފުރަތަމަ ހުރަސްކުރެވެން ޖެހޭނީ މަށަށެވެ.

ހުދު ބަކަރި ވަރަށް މަޑުމައިތިރިކަމާއެކު އަޅި ބަކަރިއަށް ބުންޏެވެ. އެކަމަކު އެކުވެރިޔާއެވެ. އަހަރެން މި އުޅެނީ ވަރަށް އަވަހަށް މި ފާލަން ހުރަސްކޮށް އަނެއްް ފަރާތަށް ދާންޖެހިގެންނެވެ. އެހެންކަމުން އަހަރެން އައި ކޮޅަށް ދެން އެނބުރި ނުދެވޭނެއެވެ. އަދި ކަލެއަކީ ގައިގާ ބާރުހުރި އެއްޗެއްގެ ގޮތުގައި އަހަރެން ޤަބޫލުކުރަމެވެ. އެހެންވީމާ ކަލޭ އައިކޮޅަށް އެނބުރި ގޮސް އެތާ މަޑުކޮށްލާފައި، އަހަރެން ހުރަސްކޮށްލަން ފުރަތަމަ ފުރުޞަތު ދޭންވީ ނޫން ހެއްޔެވެ؟

Advertisement

އަޅި ބަކަރި ވަރަށް ރުޅިއައިސްފައި ބުންޏެވެ. އަހަރެންނަށް އަމުރުކުރަނީ ހެއްޔެވެ؟ ކަލޭ ތިޔަ ބުނި ފަދައިން އަހަރެން ކަލެއަށްވުރެ މާ ބޮޑެވެ. އަދި މާ ވަރުގަދައެވެ. އެހެންވީމާ، އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރަން ޖެހޭނީ ކަލެއެވެ. އެ ވަގުތު ވިސްނުންތެރި ހުދު ބަކަރި ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ތިޔަ ބުނީ ރަނގަޅު ވާހަކައެކެވެ. އަހަރެން ކަލެއަށް ވުރެ ކުޑައެވެ. ނަމަވެސް ވިސްނާލަބަލާށެވެ! މިއީ ވަރަށް ހަނިހަނި ފާލަމެކެވެ. ކަލެއަށް ވެސް އެބަ ފެނޭ ނޫން ހެއްޔެވެ؟ މިތަނުގައި ތިބެ އަރައިރުން ވަނިކޮށް ކޯރު ތެރެއަށް ދޭތި ވެއްޓިވެސްދާނެ ނޫން ހެއްޔެވެ؟ އޭރުން އަހަރެމެން ދެމީހުންނަށް ވެސް ލިބޭނީ ގެއްލުމެވެ.

އެ ވަގުތު އަޅި ބަކަރި ވަރަށް ބޮޑަށް ރުޅިއައިސްފައި ބުންޏެވެ. އަދި މަށަށް ނަސޭޙަތްދޭން ތިޔައީ ކާކު ހެއްޔެވެ؟ އައިކޮޅަށް ފަހަތަށް އެނބުރި ދާންޖެހޭނީ ހަމަ ކަލެއެވެ. އަހަރެން އައިކޮޅަކަށް ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅާނަމެވެ.

އަޅި ބަކަރީގެ ކިބައިގާ ހުރި ގޮތްދޫނުކުރުމުގެ ސިފަ ފެނުމުން، ހުދު ބަކަރި ވަރަށް ވިސްނާލާފައި ބުންޏެވެ. އެހެންވީމާ، އަހަރެން މިތާ ފާލަންމަތީ އޮށޯވެލާނަމެވެ. ދެން ކަލޭ ވަރަށް ވިސްނައިގެން އަހަރެންގެ ގައިމަތިން ފުންމާލާފައި އަނެއް ފަރާތަށް ދާށެވެ. އޭރުން ދެ މީހުންނަށް ވެސް ބޭނުންވާ ކޮޅަކަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ. އޭރުން ދެ މީހުނަށް ވެސް އެއްފަހަރާ ފާލަން ހުރަސްކޮށް ދެވޭނެއެވެ.

ހުދު ބަކަރީގެ މި މޮޅު ޚިޔާލު، އަޅި ބަކަރިއަށް ވަރަށް ކަމު ހިނގައްޖެއެވެ. ދެން ހުދު ބަކަރި ފާލަންމަތީ ބަނޑުޖަހައިލުމުން އަޅި ބަކަރި ހުދު ބަކަރީގެ މަތިން ފުންމައިގެން އަނެއް ފަރާތަށް ގޮސްފިއެވެ. އަދި މި ދެ ބަކަރި ވެސް ވަރަށް އުފާ ކުރަމުން އެ އެއްޗެއް ދާން ބޭނުން ފަރާތަކަށް އެ އެއްޗެއް ގޮސް ނިވާވެއްޖެއެވެ.

ޢިބްރަތް: ކިތަންމެ ކުޑަ ނަމަވެސް ވިސްނުން ރަނގަޅުވެދާނެއެވެ.

1- ތަސްވީރު ދަސްކުރުން

ހ- ތަސްވީރުން ފެންނަ ދެ ޖަނަވާރުގެ ނަމަކީ ކޮބައި ހެއްޔެވެ؟

ށ- ކޯރުގައި ފާލަމެއް އަޅާފައި އޮތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

2- ކިޔުމުގެ ދޭހަ: "ބުއްދިވެރި ބަކަރި"

ހ- ހުދު ބަކަރި ފާލަމުގެ މެދަށް ދެވުނުތަނާ ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟

ށ- ދެ ބަކަރި ބައްދަލުވުމުން ދޭތި ވެސް ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟  

ނ- ޖެހުނު މައްސަލައަށް ޙައްލު ހޯދައިދިނީ ކޮން ބަކރިއެއް ހެއްޔެވެ؟   

3- އުފެއްދުންތެރި ވިސްނުން

ހ- ހުދު ބަކަރި ފާލަން މަތީ ބަނޑުޖެހީ ކީއްވެގެން ހެއްޔެވެ؟

ށ- އެ ފާލަމަކީ ހަނި ފާލަމެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

ނ- ކަންކަމުގައި އެކަކު އަނެކަކަށް ދޭ ރަނގަޅު ޚިޔާލަށް ޤަބޫލުކުރުމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟

ޢިބްރަތް: ބުއްދިވެރިންނަކީ އަބަދުވެސް ޙިކްމަތުގެ ބޭނުންހިފާ މީހުންނެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
1
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް