March 9, 2025 07:19
Advertisement

-Advertisement-

ޢިބްރަތްތެރި ވާހަކަ: ރަނގަޅު ނުބައިގެ މައްޗަށް ގަދަވެއެވެ!

ޢަލީއަކީ ލ. ކުނަހަންދޫގައި ދިރިއުޅެމުންދިޔަ ވަރަށް ހީވާގި ދީންވެރި ޒުވާނެކެވެ. މި ޒުވާނާ ދިރިއުޅުމަށްޓަކައި ކުރި މަސައްކަތަކީ މަސްވެރިކަމެވެ. އަދި އެ ދުވަސްވަރަކީ 1970ގެ އަހަރުތައް ކަމުން ފަތުރުވެރިކަން ރާއްޖޭގައި ތައާރަފުވެ ކުރިއަރަންފެށީ ވެސް އެ ދުވަސްވަރުއެވެ. ފަތުރުވެރިކަން ތައާރަފުވުމާއި ގުޅިގެން، މަސްވެރިކަމުގައި އުޅެމުން އައި ބައެއް ޒުވާނުން ފަތުރުވެރިކަމުގެ ތެރެއަށް ވަންނަން ފެށިއެވެ.

ޢަލީއަކީ މަސްވެރި ޒުވާނެކެވެ. ނަމަވެސް އެ ދުވަސްވަރު ރަށުގެ މަސްވެރިކަން އުޅެނީ ވަރަށް ދަށްކޮށެވެ. އޭގެ ސަބަބުން ޢަލީގެ ދިރިއުޅުމުގެ ޙާލަތު ވެސް ދަށްވަމުންދިޔައެވެ. އެހެންކަމުން، ޢަލީ ވިސްނާ ފިކުރު ކުރުމަށްފަހު ނިންމީ މާލެއަށް ގޮސް ރަނގަޅު އާމްދަނީއެއް ލިބޭތޯ މަސައްކަތްކުރާށެވެ. އަދި ޢަލީއަށް ޚަބަރު ލިބެމުންދިޔަ ގޮތުގައި އެ ރަށުގެ ބައެއް ޒުވާނުން ފަހަކަށް އައިސް މާލެ ކައިރީ ރިސޯޓްތަކުގައި މަސައްކަތްކޮށްގެން ވަރަށް ރަނގަޅު އާމްދަނީ ހޯދަމުންދެއެވެ. އެހެންކަމުން ޢަލީ ވެސް އުންމީދަކީ މާލެގޮސް މާލެއާ ކައިރީ ރިސޯޓަކުން ވަޒީފާއެއް ހޯދުމެވެ.

ޢަލީގެ އަތުގައި އަގު ބޮޑު ރަން ފައްޓަރުބައެއް އޮވެއެވެ. އެއީ ޢަލީގެ މަންމަ މަރުވުމަށްފަހު ވާރުތައިން ޢަލީއަށް ލިބުނު ފައްޓަރުބައެކެވެ. އެ ފައްޓަރުބައި ޢަލީ ގެންގުޅެނީ އޭނާގެ ލޯބިވާ މަންމަގެ ހަނދާނެއްގެ ގޮތުގައި ވަރަށް ރައްކާތެރިކަމާއެކު ފޮރުވައިގެންނެވެ. އޭނާގެ ޢަޒުމަކީ އޭނާ މީހަކާ އިނދެފައި އެ ފައްޓަރުބައި އެ ކުއްޖަކަށް ހަދިޔާކުރުމެވެ. އެއީ އޭނާގެ މަންމަގެ ފަރާތުން ދެވޭ ހަދިޔާއެއްގެ ގޮތުގައެވެ. އެހެންކަމުން މާލެ ދާން ފުރަން އޮތް ރޭ ޢަލީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރި މޫސަގާތަށް ގޮސް ބުންޏެވެ. އަހަރެން މާލެއަށް ގޮސްފައި އެނބުރި އަންނަންދެން އަހަރެންގެ މި ރަން ފައްޓަރުބައި ވަރަށް ފަރުވާތެރިކަމާއެކު ފޮރުވާފައި ބާއްވައިލަދެވިދާނެ ހެއްޔެވެ؟ މީ އަހަރެންގެ ދެ ލޯ ފަދަ ލޯބިވާ އެއްޗެކެވެ. އަހަރެންގެ ލޯބިވާ މަންމަގެ ހަނދާނެކެވެ. އަހަރެންނަށް ވިސްނުނީ އަހަރެން އެނބުރި އަންނަންދެން، މި ފައްޓަރުބައި ފޮރުވާފައި ބާއްވަން އެންމެ ރަނގަޅުވާނީ ތިޔަ އެކުވެރިޔާއެވެ. ވަގުތުން މޫސަ ބުންޏެވެ. ތިޔަކަމާ ހާސްނުވާށެވެ! ތިޔަ އެކުވެރިޔާއަށްޓަކައި ތިޔަ ކަންތައް ވަރަށް ތެދުވެރިކަމާއެކު އަހަރެން ކޮށްދޭނަމެވެ. އަހަރެން ދިރިހުރިހާ ހިނދަކު ތިޔަ ފައްޓަރުބައި އޮންނާނީ އަހަރެންގެ ރައްކާތެރިކަމުގައެވެ.

Advertisement

ޖެހިގެން އައި ދުވަހު ޢަލީ މާލެއަށް ފުރައިގެން ހިނގައްޖެއެވެ. ޢަލީ މާލެގޮސް ވަޒީފާ ހޯދީ މާލެއާ ކައިރީ ރިސޯޓަކުންނެވެ. އެ ރިސޯޓްގައި ޢަލީ ރެއާ ދުވާލު ވަރަށް ހީވާގިކަމާއެކު ބުރަކޮށް މަސައްކަތްކުރަމުން ދިޔައެވެ. ޢަލީއަކީ ސިގިރޭޓް ބޯ މީހެއް ނޫނެވެ. އަދި ބޭކާރު ޚަރަދުތަކެއް ކުރާ މީހެއް ވެސް ނޫންމެއެވެ. އެހެންކަމުން އަހަރެއްހާ ދުވަހު ވަޒީފާ އަދާކުރިއިރު އަލީގެ އަތްމަތި ހުރީ ތަނަވަސްވެފައެވެ. އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް އަތުގައި ފައިސާ ޖަމާކުރެވިފައި ހުއްޓެވެ. ދެން ޗުއްޓީއެއް ނަގައިގެން ޢަލީ ރަށަށް އަތުވެއްޖެއެވެ.

ޢަލީ ރަށަށް ދިއުމާއެކު، އޭނާގެ ރަޙްމަތްތެރި މޫސައާ ބައްދަލުކުރަން އެގެއަށް ދިޔައެވެ.. މޫސައާ ބައްދަލުކޮށް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އެހާ ބޮޑު ދެ އެކުވެރިން ދުވަސްތަކަކަށް ފަހު ބައްދަލުވުމުން  ދައްކަން ބޭނުންވި ވަރަށް ގިނަ ވާހަކަތައް ދެ މީހުންގެ ވެސް ހުއްޓެވެ. ޢަލީ ދެއްކި ވާހަކަތަކުގެ ތެރޭގައި ޢަލީއަށް ލިބޭ ރަނގަޅު އާމްދަނީގެ ވާހަކަ ވެސް ދެކެވިއްޖެއެވެ. އެރޭ މި ދެ އެކުވެރިން ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ޢަލީ، މޫސަ އަތައް ފޮރުވަން ދިން ރަން ފައްޓަރުބައި ކޮބައިތޯ ސުވާލު ކޮށްފިއެވެ.

އެރޭ ޢަލީ ދެއްކި ވާހަކަތަކުން، އޭނާއަށް ލިބިފައި އެވާ ތަނަވަސްކަމާ މެދު މޫސަގެ ހިތުގައި އެ ވަގުތު ޢަލީއާ މެދު ޙަސަދަވެރިކަމާއި އަދި ދަހިވެތިކަން އުފެދިގެން ދިޔައެވެ. އެހެންކަމުން އެއްކަލަ ރަން ފައްޓަރުބައިގެ ވާހަކަ އަޑުއިވުމުން މޫސަ ކުއްލިއަކަށް ބުންޏެވެ. "އަސްތާ އައްޔާ! އަދި އަހަރެން މިހިރީ އެ ވާހަކަ ބުނަން ހަނދާން ވެސް ނެތިފައި. ކަލޭގެ ފައްޓަރުބައި އަހަރެން ފޮރުވަން ލީ މަގޭ ބޮޑުފޮށީގެ އެންމެ އަޑިއަށް. އެކަމަކު މަގޭ އެ ބޮޑު ފޮށި ދުވަސްކޮޅެއް ކުރިން ވަގަށް ގެންގޮސްފި. އެ ފޮށްޓާއެކު ފައްޓަރުބައި ވެސް ވަގު ގެންދިޔައީ. މިހާރު ވެސް މަ މިދަނީ އެ ފޮށި ފެނޭތޯ މަސައްކަތްކުރަމުން. އަދި މި އުޅެނީ ފޮށި ނުފެނިގެން. އަދި ފޮށިގެންދިޔަ މީހެއް ވެސް ނޭނގިގެން. ވަރަށް ބޮޑަށް މާފު ކުރޭ."

މޫސަ އެ ވާހަކަ ދެއްކިއިރު އެ އުޅުނު ގޮތުން މޫސަ އެ ހަދަނީ ދޮގެއްކަން އެ ވަގުތު ޢަލީއަށް ޔަޤީންވިއެވެ. އަދި  އޭނާ އެހާ އިތުބާރުކުރި އެކުވެރިޔާ އޭނާއަށް މަކަރު ހަދައި އޮޅުވައިލީތީ ޢަލީ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އެހެންނަމަވެސް ޢަލީ އެ ވަގުތު އެއްޗެއް ނުބުނެ ކެއްކުރިއެވެ. އެރޭ ޢަލީ ގެއަށް ދިޔައީ އޭނާގެ ލޯބިވާ މަންމަގެ ހަނދާނީ ނިޝާން ގެއްލުމުން އެކަމާ ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރަމުންނެވެ.

އޭގެ ހަފުތާއެއްގެ ފަހެވެ. އެއްކަލަ މޫސަގެ ގެއިން ވައްކަން ކޮށްފިއެވެ. އޭނާގެ އަގުހުރި މުދާތައް ރައްކާކޮށްފައި ހުރި ބޮޑު ފޮށި ވަގަކު ވަދެ ގެންގޮސްފިއެވެ. ދެން މޫސަ އެ ދުވަހު އިރުއެރުމުން ގޭ  ދޮރުމަތީގައި ހުރެގެން ރޮއިހޭރި ހަޅޭއްލަވަން ފެށިއެވެ. އެ ވަގުތު ރަށުގެ ރައްޔިތުން އެ ތަނަށް ޖަމާވެއްޖެއެވެ. މޫސަ ރޮމުންރޮމުން އޭނާގެ ބޮޑު ފޮށި ރޭގައި ވަގަށް ގެންގޮއްސި ވާހަކައާއި އެ ފޮށީގައި ހުރި އަގު ބޮޑު މުދާތަކުގެ ވާހަކަ ކިޔައިދިނެވެ. އެ ވަގުތު ރަށުގެ ރައްޔިތުން ވެސް މޫސައަށް ހަމްދަރުދީވެގެން ވަގު ހޯދުމުގެ މަސައްކަތް ވަގުތުން ފަށައިފިއެވެ.

ޢަލީއަށް މިހާރު މުޅިން ޔަޤީންވެއްޖެއެވެ. މޫސަ، އޭނާގެ ބޮޑުފޮށި ވަގަން ގެންދިޔަކަމަށް ބުނެ ކުރިން އެ ހެދީ ބޮޑު ބުހުތާން ދޮގެކެވެ. އެހެން ނަމަވެސް ޢަލީއަކީ އިންސާނިއްޔަތުކަން ހުރި ވަރަށް އަޚްލާޤު ރަނގަޅު ހެޔޮލަފާ މީހެކެވެ. އެހެންކަމުން މޫސަ އޭނާއަށް ދޮގުހަދައި އޮޅުވައިލި ނަމަވެސް މޫސައަށް އެ ލިބުނު ބޮޑު ހިތާމާގައި ޢަލީ ހަމްދަރުދީވެ، މޫސަގެ ގެއްލުނު ފޮށި ފެނޭތޯއާއި އަދި އެ ގެއިން ވައްކަން ކުރި ވަގު ކަލޭގެ ހޯދުމަށްޓަކައި ޢަލީ ވެސް މަސައްކަތް ފަށައިފިއެވެ.

ޢަލީ ރަށުތެރެ ހޯދަމުން ހޯދަމުން ގޮސް ދެން ވަނީ އެ ރަށުގެ ވަލުތެރެ ހޯދާށެވެ. ޢަލީ ވަލުތެރެ ހޯދަމުން ދިޔަ ދިޔުމުގެ ތެރޭގައި މާ ބޮޑަށް ވަރުބަލިވުމުން ގަހެއްގެ ބުޑުދަށުގައި ޖައްސައިލިއެވެ. އެ ވަގުތު އައި ވަރަށް ބާރު ވައިރޯޅިއަކާއެކު އެ ހިސާބުގައި ފުނިފުންޏަށް އެއްވެފައިހުރި ފަތްތައް ބުރަބުރައިގެން ހިނގައްޖެއެވެ. ދެން އެ ވަގުތު ކުއްލިއަކަށް ޢަލީގެ ލޮލުގައި އަޅައިގަތީ ފަތްތައް ވަޔާ ދިޔަ ހިސާބުން ވަޅުލެލާފައި ހުރި ފޮއްޓެކެވެ. ޢަލީ އަވަސްއަވަހަށް ގޮސް ބެލިއިރު އެ ފޮށި ހުރީ ވަޅުގަނޑެއް ކޮނެފައި، އެތަނަށް ފައްތާފައި އަދި އޭގެ މައްޗަށް ފަތްތައްއަޅައި ފޮރުވާފައެވެ. ޢަލީ ވަގުތުން ފޮށި ނެގިއެވެ. މިވާނީ މޫސަގެ ފޮށިކަމަށޭ އެ ވަގުތު ޢަލީގެ ހިތަށް އެރިއެވެ.

ޢަލީ ފޮށި ނަގައިގެން ހިނގައިގަތް ވަގުތަކީ، އެއްކަލަ ވަގުކަލޭގެ ވެސް ފޮށި ބަލާ އެ ހިސާބަށް އައި ވަގުތެވެ. ވަގު ކަލޭގެއަށް ކުއްލިއަކަށް އެ ތަނުން ޢަލީ ފެނުމުން ދުއްވައިގަތީ ދުރަށެވެ. އެ ވަގުތު ޢަލީއަށް އެއީ ވަގު ކަލޭގެކަން ޔަޤީންވިއެވެ. ދެން ޢަލީ ވަގު ކަލޭގެ ފަހަތުން ދުވެގޮސް ވަގުކަލޭގެ އަތުލައިގެންފިއެވެ. އެ ވަގުތު ފޮށި ހޯދަން ނިކުމެ އުޅުނު ބައެއް މީހުނަށް ވެސް އެ ތަނަށް އާދެވިއްޖެއެވެ. ދެން އެންމެންވެގެން ވަގު ކަލޭގެ ދަމައިކޫއްތައިފައި ގެންގޮސް މޫސަގޭ ކުރިމައްޗަށް ވައްޓައިލައިފިއެވެ. އަދި މީހުންތައް ރުޅިގަދަވެ ހަޅޭއްލަވަންފެށުމުން، ވަގު ކަލޭގެ ބިރުން ގޮސް، ރޭ އެ ގެއިން ފޮށި ވަގަން ނެގީ އޭނާ ކަމަށް އެއްބަސްވެއްޖެއެވެ.

ވަގު ކަލޭގެ ވަގަށް ގެންދިޔަ ބޮޑުފޮށި މޫސައަށް ލިބުނު އިރު އެއްކަލަ ފައްޓަރުބައި ވެސް އެ ފޮށީތެރޭ އޮތެވެ. އެ ވަގުތު ޢަލީއާ މެދު ކަންތައް ކުރެވުނު ގޮތުން މޫސަ ހުރީ ވަރަށް ލަދުވެތިވެ، ދެރަވެފައެވެ. އެކަމަކު މޫސައަށް ފޮށި ލިބުމާއެކު ވަގުތުން އެއްކަލަ ރަން ފައްޓަރުބައި ފޮށީތެރެއިން ނެގިއެވެ. އަދި އަލީއަށް ފައްޓަރުބައި ދިއްކޮށްލަމުން މޫސަ ބުންޏެވެ. "އަހަރެންނަށް މިހެން މިވީ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި، ހިތުގައި ދަހިވެތިކަން އުފެދުމުންނެވެ. ކުރިން ތިޔަ އެކުވެރިޔާއަށް އަހަރެން ހެދީ ދޮގެކެވެ. މީގެފަހުން ދެން ދުވަހަކު ވެސް އަހަރެން އެފަދަކަމެއް ނުކުރާނަމެވެ. އެކުވެރިޔާއެވެ. އަހަރެންނަށް މައާފުކުރާށެވެ! އެކުވެރިޔާގެ ފައްޓަރުބައި އެކުވެރިޔާއަށް ތިޔަ ލިބުނީ ތިޔަ ހުރި ހެޔޮލަފާ ސިފަތަކެއްގެ ސަބަބުންކަން ހަމަޔަޤީނެވެ. ހަމަ ޔަޤީނުން ވެސް، ރަނގަޅު ނުބައިގެ މައްޗަށް ގަދަވެއެވެ." 

ޢަލީ ހަމަ ވަގުތުން މޫސައަށް މާފުކުރިއެވެ. އެއަށްފަހު މި ދެ އެކުވެރިން ކުރިންވެސް އުޅެމުން ދިޔަ ފަދައިން އެކުވެރިކަންމަތީ އުފާވެރި ދިރިއުޅެމުން އުޅެމުން ދިޔައެވެ. އަދި ވަގު ކަލޭގެއަށް ޙައްޤު އަދަބު ދިނުމަށްޓަކައި ހަމަ އެ ދުވަހު އެ ރަށުގެ ރަށު އޮފީހާ ހަވާލުކުރެވުނެވެ.     

(ނިމުނީ)

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.                   

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް